ދުވަސްވީ މީހުންނާއި ފުލުހުންނާއި ސިފައިންނަށްދޭ އަސާސީ ޕެންޝަން ނޫން ހުރިހާ ޕެންޝަނެއް ހުއްޓާލަނީ

b_HhmmV33ZKgTvYmvAQRGZ6USEs.jpeg

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --ފޮޓޯ :މަޖިލިސް އިދާރާ

އުމުރުން 65 އަހަރަށް ވުރެ ދޮށީ އުމުރުގެ ރަށްވެހިންނަށާއި ފުލުހުންނާއި ސިފައިންނަށް ދޭ އަސާސީ ޕެންޝަން ފިޔަވައި، ދައުލަތުގެ އެހެނިހެން ގާނޫނުތަކުން ދެމުން އަންނަ ޕެންޝަންތައް ދިނުން ހުއްޓާލަން ޖެހޭ ގޮތަށް ޕެންޝަން ގާނޫނަށް އިސްލާހު ގެންނަ ބިލެއް ހުށަހަޅައިފިއެވެ.

ސަރުކާރުން ހުށަހެޅުއްވި މި ބިލުގެ ބޭނުމަކީ ދައުލަތުގެ ފައިސާ ހަރަދު ކުރުމުގައި ޒިންމާދާރު ގޮތެއްގައި ދައުލަތާއި މުޖުތަމައަށް އެންމެ ފައިދާހުރި ގޮތަކަށް ހަރަދު ކުރުމުގެ އިންތިޒާމު ހަމަޖެއްސުންކަމަށް ބިލުގައި ބުނެފައިވެއެވެ.

ދައުލަތުގެ ވަޒީފާއިން ރިޓަޔާ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ އެހެނިހެން ޕެންޝަން ލިބެމުން އަންނަ މީހަކު ދައުލަތުގެ މަގާމަކަށް އިންތިހާބު ވެއްޖެނަމަ ނުވަތަ ދައުލަތުގެ ވަޒީފާއަކަށް އައްޔަންކޮށްފި ނަމަ، އެ މަގާމުގެ ނުވަތަ ވަޒީފާގެ މުއްދަތު ނިމުމަކަށް އަންނަން ދެން އެ މީހަކަށް ލިބެމުންދިޔަ ދައުލަތުގެ އެހެނިހެން ޕެންޝަން ލިބުން މެދުކެނޑިގެންދާނެ ކަމަށް ވެސް ބިލުގައިވެއެވެ.

ބިލުގައިވާ ގޮތުން މިހާރު ޕެންޝަން ލިބެމުން އަންނަ ފަރާތްތަކުގެ ތެރެއިން ދައުލަތަށް 20 އަހަރު ދުވަހު ޚިދުމަތް ކުރި ފަރާތްތަކާއި، 40 އަހަރު ދުވަހު ޚިދުމަތް ކުރުމުން ދެވޭ ޕެންޝަން ދައުލަތުގެ އިދާރާތައް މެދުވެރިކޮށް ދިނުން ހުއްޓުމަކަށް އަންނާނެއެވެ.

އެކަމަކު ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޝަރަފުވެރިކަމާއެކު ވަކިވާ ފަރާތްތަކަށް ދެވޭނެ ކަމަށް އެ ގާނޫނުގައި ކަނޑައަޅާފައިވާ މާލީ އިނާޔަތް މި މާއްދާއިން އިސްތިސްނާ ވާނެ ކަމަށް ބިލުގައިވެއެވެ.

ފިނޭންސް މިނިސްޓްރީ އާއި ޕެންޝަން އޮފީހާ ދެމެދު އެއްބަސްވާ ގޮތެއްގެ މަތިން، ކޮންމެ މަހަކު ދައުލަތުގެ އެހެނިހެން ޕެންޝަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ޕެންޝަން އޮފީހަށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސަން ވާނެ ކަމަށް ބިލުގައިވެއެވެ.

ގާނޫނުން އިސްތިސްނާ ކޮށްފައިވާ ގާނޫނުތައް ފިޔަވައި، އެހެން ގާނޫނެއްގެ ދަށުން ވަޒީފާއިން ވަކިވާ، ނުވަތަ ވަކި ކުރެވޭ ފަރާތްތަކަށް މި ގާނޫނަށް އަމަލުކުރަން ފެށުމަށް ފަހު ދައުލަތުގެ އެހެނިހެން ޕެންޝަން ނުވަތަ އިނާޔަތްތައް ދެވޭނެ ގޮތާއި މިންވަރުތައް ކަނޑައަޅާނީ ނެޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކަށް ބިނާކޮށް ފިނޭންސް މިނިސްޓްރީން ކަމަށް އެ ބިލުގައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top