ރަށު ކައުންސިލްތަކަށް 7އާއި 5 އޯކޭތަ؟

DSCN9854.jpg

އަލަށް އެކުލަވާލެވޭ ރަށު ކައުންސިލްތައް ބަހާފައިވާ ގޮތުން 3000 އިން ދަށުގެ އާބާދީތަކަަށް 5 ކައުންސިލަރުން، 3000 އިން މަތީގެ އާބާދީތަކަށް 7 ކައުންސިލަރުން އިންތިޚާބު ކުރާގޮތަށް މިހާރުވަނީ ލޯކަލް ކައުންސިލްގެ ގާނޫނަށް އިސްލާހު ގެނެސްފައެވެ.

ހަމައެއާއެކު އަންހެނުންނަށް 33 އިން ސައްތަ ދޭން ޖެހޭކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ. އޭގެ މާނައަކީ 2020ގެ ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލްތަކުގައި ޖުމްލަ 372 ގޮނޑި އަންހެނުންނަށް ޚާއްސަ ވާނެ އެވެ. އަދި މުޅި ރާއްޖޭގައި 923 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ.

މި ބަދަލު ގެނެސްފައިވަނީ ރަށުކައުންސިލްތައް ނުހިނގައިގެން އުޅެނީ ކައުންސިލަރުންގެ އަދަދު މަދުވެފައި މާލީ ގޮތުން ކައުންސިލްތައް ކޮޅަށް ހުރެވޭވަރުގެ ހަކަތަ ނެތިގެން ކަމަށް ސަރުކާރުން ބުނެއެވެ. ކައުންސިލްތަކުގެ ދައުރު 3އަހަރުން 5 އަހަރަށް ދަންމާލައި ގާނޫނު އަސާސީން ކައުންސިލްތަކަށް ދީފައިވާ ބާރުތައް އަނބުރާ ދިނުމަށްފަހު މާލީ އިނާޔަތް އިތުރުކުރުމުން ރައްޔިތުންނަށް ދެން ފެންނާނީ ފާގަތި ދުވަސް ތަކެއްކަމަށް ސަރުކާރުން ބުނެއެވެ. އެކަމަކު މި ވާހަކަތަކާމެދު ވިސްނާ ދިރާސާ ކުރާ ރައްޔިތުން ތިބީ ދެ ފިކުރަކަށް ބެހިފަ އެވެ. ރަނގަޅާ ނުބައިގެ ދެފިކުރެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފުންނާބު އުސް ބޭފުޅަކު، ކައުންސިލްތަކުގެ އަދަދު އިތުރު ކުރުމާމެދު ވިދާޅުވަނީ މިއީ ރަށްރަށުގެ ތަރައްގީއަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމުގައެވެ.

“މިއިން ފެންނާނެ އެންމެ ބޮޑު ބަދަލަކީ ކޯރަމް ހަމަނުވެގެން ޖަލްސާ ނުބޭއްވުމުގެ މައްސަލަ ހައްލު ވެގެން ދިއުން. މިހާރު މި ވާގޮތަކީ ކިތަންމެ މުހިއްމު ކަމެއް ނިންމަން ޖެހިފައިވިޔަސް އެދެމަދަށް ކޯރަމްގެ މައްސަލަ ހުރަސްވަނީ. ވީމާ އެކަން ލަސްވެގެން ދިގު ދެމިގެން އެބަދޭ ދުވަސްތަކަކަށް. އެހެންނަމަވެސް މި ބަދަލާއެކު ކޯރަމްގެ މައްސަލަ ހައްލުވެގެން ދާނެ.” އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރަށް ކައުންސިލުގައި ގިނަމީހުން ތިބުމަކީ ރައްޔިތުންނަާ ސީދާ ގުޅުންހުރި ކަންކަން ކުރުމުގައި އިތުރު ގިޔަރެއް ކުރިއަށް ޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުން ގެނައި މިބަދަލަށް އޭނާ މަރުހަބާ ކިއުއްވަ އެވެ .

އޭދަފުށީގައި ހުންނަ ސަރުކާރުގެ އޮފީހެއްގެ ޒިންމާދާރު މަގާމެއްގައި ހުންނެވި ބޭފުޅަކު ނަން ހާމަކުރުމަށް އުޒުރުވެރިވަމުން ވިދާޅުވީ މި ބަދަލުން ސަރުކާރުގެ މަގުސަދު ހާސިލްވެގެން ހިނގައިދާނެކަމަށް ނުބެލެވޭ ކަމަށެވެ. އެއީ އޭދަފުށީ ކައުންސިލަށް އެކި ބޭނުންތަކުގައި ވޭތުވެ ދިޔައަހަރުތަކުގައި ގޮސްގެން ކުރެވުނު ތަޖްރިބާއެވެ. އޭނާ ވިދާޅުވީ ހަގީގީ މައްސަލައަކީ ކައުންސިލަރުންގެ އަދަދާއި ކައުންސިލަރުންގެ ދައުރާއި ގުޅުމެއް ހުރި ކަމެއް ނޫންކަމަށެވެ. މައްސަލައަކީ އިދާރީ އޮނިގަނޑު ހަރުދަނާ ނުވުމެވެ. ”ކައުންސިލުގެ އިދާރީ މުވައްޒަފުންނަކީ މުޅި ކައުންސިލުގެ ބެކްބޯން. އޭގެ މާނައަކީ ކޮލިޓީ މުވައްޒަފުން ތިބެގެން ކައުންސިލްތައް ރަނގަޅަށް މަސައްކަތް ކުރާނީ.” އޭނާ ވިދާޅުވީ އޭދަފުށީ ކައުންސިލްގެ އިދާރީ މުޅި ސްޓްރެކްޗަރ ބަދަލު ކުރަން ޖެހޭ ކަމަށެވެ. ގާބިލް ސިވިލްސާވަންޓުން ތިބެން ޖެހޭ ކަމަށެވެ.

“ފޯމެއް ފުރަން ދާ މީހެއްގެ ގާތުގައި ތިޔަ ފޯމު ފުރަން އެނގޭނީ މިވެނި މުވައްޒަފަކަށޭ، އޭނާ މިވަގުތު ހުރީ ޗުއްޓީގައޭ ބުނެވިގެން ނުވާނެ. އެއީ ބޮޑުވަރު. މަގުމަތީގައި ތަކެތި ބަހައްޓައިގެން އިމާރާތެއް ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމަށް ތިން ދުވަހުގެ ތެރޭގައި ޖަވާބު ލިބެން ޖެހޭއިރު މަހެއް ވެގެން ދާއިރު ޖަވާބު ނުލިބުމަކީ ކައުންސިލަރުން އިތުރުވެގެން ހައްލު ކުރެވޭނެ ކަމެއް ނޫން.”

މިއީ މިކަންކަން ހިނގާގޮތްކަމަށް ވާނަމަ ކައުންސިލަރުންގެ އިދާރީ އޮނިގަނޑު ހަރުދަނާ ނުކޮށް ކައުންސިލަރުން އިތުރު ކުރުމަކީ ބޭކާރު ކަމެއްކަމަށް އޭނާ ތަކުރާރު ކުރެއްވިއެވެ.

ކައުންސިލާ ޒިންމާދާރު ވެރިޔާ އާއި ދެމެދު ގާއިމްވެފައި އޮންނަންޖެހޭ ގުޅުން ނެތުމުގެ ސަބަބުން އެކަމުގެ ބުރަ ރައްޔިތުން އުފުލަންޖެހޭ ފަހަރުވެސް އެބަ ދިމާވެއެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ބައެއް ކަހަލަ ބޭނުންތަކުގައި ލާ ސިޓީއަށް ޖަވާބު ނުލިބި މާބޮޑަށް ލަސްވެގެން ދިއުމުގެ އަސްލު ސަބަބަކީ އެއީއެވެ. “ލަސްވަނީ ކީއްވެގެން އަހާލާއިރަށް މި ބުނަނީ ޒިންމާދާރުވެރިޔާ ގާތު ބުނެގެންނޭ މި އުޅެނީ އޭނާ އަދި ސިޓީގައި ސޮއި ނުކުރައްވާތީ ލަސްވަނީ.” ކަމުގައެވެ.

އެހެންވީމާ ކައުންސިލަރުން ކިތަންމެ ވަރަކަށް އިތުރު ކުރިއަސް ޚިދުމަތް ދިނުމުގައި އެތަނެއްގެ ޒިންމާދާރު ވެރިޔާގެ ޒިންމާ އަދާނުކުރެވުމާއި އޭނާގެ އިލްމީ ގާބިލް ކަންނެތުންވެސް މިކަމުގައި މުހިއްމު ބައެއް އެބަ އަދާކުރެއެވެ.

ހަމަ މިމޭރުމުން އެހެން ބޭފުޅަކުވެސް ޚިޔާލު ފާޅު ކުރެއްވިއެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ބޭފުޅެއްކަމުގައިވާ ރިފާއު ޔޫސުފް ވިދާޅުވީ ހަމައެކަނި ކައުންސިލްތަކުގެ އަދަދު އިތުރުވުމަކީ ރައްޔިތުންނަށް ދެމުން ގެންދާ ޚިދުމަތަށް ރަނގަޅުއަސަރެއް އަންނާނެ ކަމެއް ނޫން  ކަމުގައެވެ. އޭނާ ގަބޫލުކުރާ އުސޫލަކީ ރަށުކައުންސިލް އޮންނަން ޖެހޭނީ ޕޮލިސީ ރާވައި ކަންކަން މޮނީޓަރ ކުރާ ތަނެއްގެ ގޮތުގައެވެ. “އޭތި އިމްޕްލިމެންޓް ކުރަންޖެހޭނީ ކައުންސިލްގައި ތިބޭ ސިވިލް ސާވަންޓުން ރައްޔިތުންނާ ގުޅިގެން. އެހެންވީމާ އަސްލު ވާންވީ ގޮތަކީ ފެންވަރު ރަނގަޅު ސިވިލް ސާވަންޓުން އިތުރު ކޮށް އެމީހުންނަށް ރަނގަޅު މުސާރަ އެއް ދޭންވީ.” އޭނާގެ ޚިޔާލުގައި އޭރުން  ރައްޔިތުން ބޭނުންވާ ބާރުމިނުގައި ކައުންސިލްތައް ހިނގައިގަންނާނެއެވެ.

މި ޚިޔާލަށް އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލު އަބްދުއްރަހްމާންވެސް ތާއީދު ކުރައްވައެވެ. އޭނާ  ވިދާޅުވީ ހަތްކައުންސިލަރުން ތިބެގެން އިތުރަށް ކުރެވޭނެ ކަމެއް އޮންނާނެ ކަމަށް ނުދެކޭ ކަމުގައެވެ.  ފަސް ކައުންސިލަރުންވެސް ކަންކަން ނިންމާނީ މަޝްވަރާއާ އެއްގޮތަށް ކަމަށް ވާއިރު ހަތްކައުންސިލަރުން ތިބިނަމަވެސް އެކަން ބަދަލެއް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. “މީގައި މުހިއްމީ އިދާރީގޮތުން ކަންކަން ހިންގާ ތަރުތީބުކުރަން ތިބޭ މުވައްޒަފުން. އިދާރީ ޓީމް އިތުރަށް ވަރުގަދަ ކުރިނަމަ މާރަނގަޅުވާނެކަމަށް އަޅުގަނޑު ދެކެނީ. އެކަމަކު ކައުންސިލަރުންގެ ދައުރު 5 އަހަރަށް ބަދަލުކުރުމަކީ ހެޔޮބަދަލެއް. 3 އަހަރުން ހަގީގަތުގައި ކައުންސިލުން ކުރަން ބޭނުންވާ ކަންކަން ތަންފީޒުކުރުމުގައި ދަތިވޭ. ފަސްއަހަރުން ނަތީޖާ ނެރެވޭނެ” ތޮލާލު ވިދާޅުވިއެވެ.

އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ކައުންސިލްތަކުގެ އުމުރު ތިން އަހަރުން ފަސް އަހަރަށް ދިގު ކުރުމާއި ކައުންސިލަރުން އިތުރު ކުރުން ކައުންސިލްތައް އުފެއްދުމުގެ މައި މަގުސަދާއި ފުށު އަރައެވެ. ސަރުކާރު ގެ ބޭނުމަކީ ކައުންސިލުތައް ބާރުވެރި ކުރުން ކަމުގައި ވިޔަސް އެކަމާއި މުއްދަތާއި އެއްވެސް ގުޅުމެއް ނެތެވެ.

ކޮމިޓީތަކާއި ކައުންސިލްތަކަކީ ރަށްރަށަށް އާ ކަމެއް ނޫނެވެ. ހަނދާނާއި ތާރީޚުގެ ތެރެއަށް ޖެހިލާނަމަ މަރުހޫމު އަލްއަމީރު އިބްރާހިމް ނާސިރުގެ ވެރިކަމުގައި އަތޮޅު ކޮމިޓީތައް އުފައްދައިގެން އަތޮޅުތައް ހިންގުމުގައި ކާމިޔާބު ހޯދިއެވެ. މައުމޫން ސަރުކާރުގައި ރަށް ކުރިއަރުވާ ކޮމިޓީ އާއި އަތޮޅު ކުރިއަރުވާ ކޮމިޓީތައް އުފައްދައިގެން އަތޮޅު ތައް ހިނަގަމުން ގެންދިޔައެވެ. އަންހެނުން ކުރިއަރުވާ ކޮމިޓީއެއް ވެސް އުފެއްދި އެވެ. އަންހެނުން ކުރިއަރުވާ ކޮމިޓީގެ އެންމެ ބޮޑު މަސައްކަަތަކަށް ވެފައި އޮންނަނީ މާލެ އިން ޒިޔާރަތް ކުރާ ވަފްދުތަކުގެ ބޭފުޅުންނަށް ކެއިންބުއިމުގެ އިންތިޒާމް ވެރިކަމުގެ ފަރާތުން އެންގުމުން އެ މަސައްކަތް ހިލޭ ކޮށްދިނުމެވެ. ދެން އޮންނަނީ ރަށުތެރެ ސާފުކޮށް ބެލެހެއްޓުމެވެ. ހިލެ އެވެ. އަންހެނުންގެ ކުރިއެރުމާއި ތަރައްގީ އަށް ކަންތައްތަކެއް ނުކުރެއެވެ. މިހެން ދެންނެވިނަމަވެސް ބައެއް ރަށްރަށުގައި އަންހެނުން ކޮމެޓީގެ ފަރާތުން ހޮޓާ ހިންގުން ފަދަ ކަންތައްތަކެއް ނުހިންގައެއް ނޫނެވެ. އެހެންނަމަވެސް ސީދާ އަންހެނުންގެ ތަރައްގީއަށް ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރެވިފައެއް ނެތެވެ

އޭގެ ފަހުން އަހަރުތަކަކަށް ފަހު އަނެއްކާވެސް ކައުންސިލްތައް މިއައީއެވެ. އެކަމަކު ކައުންސިލްތައް އައިސްގެން ރަށްރަށުގެ ތަރައްގީއަށް އައި ކުރިއެރުން ތަކެއް ނެތްކަމީ ހިތާމަ އާއެކު ދައްކަމުން އަންނަ ވާހަކައެވެ. އެކަން އެވީ ގާނޫނު އަސާސީ އިން ކައުންސިލްތަކަށް ދީފައިވާ ބާރުތައް މައި ސަރުކާރުން ހިފަހައްޓާފައި އޮތުމުންނާއި މާލީ ގޮތުން ފުދުންތެރިކަން ނެތުން ކަމުގައި މި ސަރުކާރުން ބުނެއެވެ. އެހެންވީމާ ބާރާ ފައިސާގެ ދަތިކަން، ކައުންސިލްތަކުގެ ކުރިއެރުމަށް ހުރަސް އަޅާނަމަ އަންނަ އިންތިޚާބުން ފެށިގެން އެކަން ހައްލުވެގެންދާނެއެވެ. ސަރުކާރުން ވަނީ ކައުންސިލްތަކުގެ ފުދުންތެރިކަން އިތުރު ކުރުމަށް އަންނަ އަހަރުން ފެށިގެން ދައުލަތަށް ލިބޭ އާމްދަނީގެ މަދުވެގެން 5 އިންސައްތަ، ކައުންސިލްތަކަށް ދޭން ނިންމާފައެވެ. މިވަރުގެ އަދަދެއް ރާއްޖޭގެ 20 އަތޮޅަށް، އާބާދީއާއި ސައިޒުގެ ނިސްބަތުން ބަހާލައިފިނަމަ ބޮޑެތި އަތޮޅުތަކަށް ލިބިގެން އެދަނީ އަހަރަކަށް 80 ވަރަކަށް މިލިއަން ރުފިޔާ އެވެ. ކުދި އަތޮޅުތަކަށް ފަންސާހަކަށް މިލިއަން ރުފިޔާ އެވެ. ކައުންސިލްތަކުން ދޭ ޚިދުމަތްތަކުން ނަގާ ފީއާއި ކުއްޔާއި ބިމުކުލީގެ 100 އިންސައްތަ ފައިސާ ، ކައުންސިލަށް ލިބޭ އާމްދަނީއެއްގެ ގޮތުގައި ހަމަޖެއްސުމުގެ އިތުރުން ބިމާއި ރަށްރަށާއި ފަޅާއި ފަރުފަދަ ތަންތަނުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތައަށް ވާ ފައިސާއަކީވެސް ކައުންސިލްތަކަށް ސަރުކާރުން ދޭ ހިލޭ އެހީއެވެ.

ސުވާލަކީ މި ބިޔަ ބޮޑު ބަޖެޓާއެކު ރަށްރަށް ހިންގުމަށް ހަމައެކަނި ކައުންސިލަރުން އިތުރުކޮށް ކައުންސިލްގެ ދައުރު 5 އަހަރަށް ބަދަލު ކޮށްގެން އެކަނި ނިމޭނެ ހެއްޔެވެ.؟ ރައްޔިތުން އައްޔަން ކުރާ ކައުންސިލަރުންނަކީ ”ގާބިލް” ބަޔަކަށް ނުވެއްޖެނަމަ ދެންވާނީ ކިހިނެއް ހެއްޔެވެ؟ ކައުންސިލްތަކުގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކޮށް ކައުންސިލަރުން އިތުރުވި ރޭޝިއޯއިން އިލްމީގޮތުން ރަނގަޅު މުވައްޒަފުން އިތުރު ނުވެ 5 އާއި7 އޯކޭވާނެ ފޯމިއުލާއެއް ނިކަން ބުނެބަލާށެވެ!

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top