ވެކްސިން ނުޖަހާ މީހުން ސްކޫލްތަކަށް ވަނުން މަނާވާނެ

DSCN9865.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު..އީވީ ފައިލް

އަންނަ ސެޕްޓެމްބަރު މަހުގެއެއްވަނަ ދުވަހުން ފެށިގެން ކޮވިޑް-19 ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ސްކޫލްތަކަށް ވަނުން މަނާވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މި ފިޔަވަޅަކީ ސްކޫލްތަކުގެ ކިޔެވުން ހުއްޓުމެއްނެތި ކުރިޔަށް ގެންދިޔުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށެވެ. އެގޮތުން ސްކޫލްތަކަށް ވަނުމުގެ ހުއްދަ ސެޕްޓަމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދޭނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް އެކަނިކަމަށެވެ.

މީގެ ކުރީން އެމިނިސްޓްރީން ސްކޫލްތަކަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އޮގަސްޓް މަހު 2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު ހުރިހާ މުވައްޒިފުންވެސް ވެކްސިން ފުރިހަަމަ ކޮށްގެން ތިބުމަށެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ މީހުންނާއި ދެވަނަ ޑޯޒް ޖުހަތާ ތިބި މުވައްޒިފުންނަށް ފަސޭހަ އިންތިޒާމެއްގެ ތެރެއިން ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަަމަށްވެސް ބުނެފައިވެއެވެ. އަދި އެ މަޝްވަރާތައް އެޗްޕީއޭއާއެކު ކޮށްފައިވާ ކަމަށް އެޑިއުކޭޝަން ވަނީ ބުނެފައެވެ.

މިނިސްޓްރީއިން ބުނި ގޮތުގައި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތަށް ސްކޫލުތަކަށް ވަނުން މަނާކުރާނީ ވެކްސިން ޖެހޭ އުމުރު ފުރައިގެ ވެކްސިން ފުރިހަމަނުކޮށް ތިބި ފަރާތްތައް އެކަނިކަމަށެވެ. ވެކްސިން ޖެހޭ އުމުރުފުރައަކީ 18 އަހަރުން މައްޗެވެ.

މި ކަމުން އިސްތިސްނާ ވާނީ ދަރިވަރުން އެކަނި ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ވެކްސިން ނުޖެހޭ މުވައްޒަފުން އެކަން ސަބަބާއެކު ބަޔާންކޮށް އެޑިއުކޭޝަނަށް ހުށައެޅުމަށް ވަނީ އަންގާފައެވެ. އެކަމަކު ވެކްސިން ނުޖެހޭ ސަބަބު ބަޔާންކުރާ އެޗްޕީއޭގެ ލިޔުމެއް ހުށައަޅަން ޖެހެއެވެ. މާބަނޑު މީހުންނާއި ބައެއް އެެހެން ސަބަބުތަކާއި ގުޅިގެންވެސް ވެކްސިން ޖެހުން ފަސް ކުރަން ޖެހެއެވެ. ނަމަވެސް ފައިޒާ ވެކްސިން މާބަނޑު މީހުންނަށް ދެއެވެ. އެ ބްރޭންޑްގެ ރާއްޖޭގައި ހުރީ މަދު އަދަދެއްގެ ވެކްސިނެވެ.

ސަރުކާރުން ދަނީ މި މަހުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަކުރުމަށް އަމާޒުކޮށް ވަރުގަދަ ކެމްޕޭނެއް ފައްޓައިގެން ހިންގަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top