ހަޤީޤީ ހާދިސާ: “ދޯނިދަށުވިކަން އެނގުނު، ދެންވީގޮތެއް ބުނާކަށް ނޭނގޭ”

DSCN5871-1024x768-1.jpg

ޝަފީޤް، މީގެ 34 އަހަރުކުރިން ހިނގާދިޔަ ހަގީގީ ހާދިސާ އޭދަފުށި ވޮއިސްއަށް ކިޔައިދެނީ. އޭނާ ވަނީ އަމިއްލަ މަސައްކަތުން ދިރިއުޅުން ކޮޅަށްޖަހައި ކާމިޔާބުހޯދާފައި / ފޮޓޯ: އޭދަފުށީ ވޮއިސް

ދިރިއުޅުމަށް ހީވީ ތޫފާނެއް އައިހެންނެވެ. އެއްވެސް އިންޒާރެއްނެތި އެ ތޫފާނުގައި ހުރިހާ އެއްޗެއް ގެއްލިގެން ދިޔައީ ބަސްބުނާހައި ކުޑަހިނދުކޮޅެއްގެ ތެރޭގައި ހަމަ ކުއްލިއަކަށެވެ. ގުދުރަތުގެ މި ނިންމެވުމާމެދު ހީލާނެ ނުވަތަ ރޯލާނެ ވަގުތުކޮޅެއްވެސް ނުދީއެވެ. ހާދިސާ ހިނގާ ނިމުނުއިރު އުމުރުން އެންމެ 25 އަހަރުގެ ޒުވާނެއްގެ ދިރިއުޅުންއޮތީ 20 ރިޔަނުގެ މަސްދޯންޏެއްގެ ބަނޑުފިލާ ދަށުގައި ތާށިވެ ދިރިހުރުމާ މަރާދެމެދު ޝަހާދަތް ކިޔާލަކިޔާލައެވެ. އެ ޒުވާނާއަކީ އޭދަފުށީ ނޫވިލާގޭ އަހްމަދު ޝަފީގުއެވެ.

1978 ވަނަ އަހަރުގެ ފަހުކޮޅު އުމުރުން ވިހި އަހަރުގައި ކުރެވުނު ކައިވެންޏާއެކު އޭނާހުރީ އުފަލުންނެވެ. ރަށުގެ ގަދަރުވެރި މުއްސަނދި އާއިލާއެއްގެ ދަނބި ދަރިއަކަށް ވުމުގެ އިތުރުން ލޯބިވާ އަނތްބަކު ލިބުމުން ދެން އެވަރުން ފުދޭ ނޫން ހެއްޔެވެ. އޭނާއަކީވެސް ދެމަފިރިއަކަށް ލިބިފައި ހުރި ހަމައެކަނި ފިރިހެން ދަރިފުޅުކަމަށް ވީތީ އެމީހުން އޭނާ އުމުރުގެ މިހާހިސާބަށް ގެނައީ  “ރަންއިލޮށިން ކަދުރު ކާންދީގެން” ނެވެ. އޭނާގެ ކޮންމެ އެދުމެއް އޮތީ މައިންބަފައިން ކޮންމެ އަގެއް ދީގެން ނަމަވެސް ފުއްދައިދީފައެވެ.

ކައިވެނީގެ ފަހުން އަންހެނުންގެ ކާރޫބާރޫ ބޮޑު އާއިލާއާއި ވަކިން އޭނާ ދިރިއުޅުނީ އަމިއްލަ ގޭގައެވެ. ކައިވެންޏަށް ދެތިންއަހަރެއްވީތަނާ ފުރަތަމަ ދަރިފުޅު ލިބިއްޖެއެވެ. އެއާއެކު އަމިއްލަ ދިރިއުޅުމެއްފަށަން ޖެހުމުގެ ވަގުތު އައިސް މި ޖެހުނީ ކަން އެނގުމާއެކު އޭނާ ގަސްދުކުރީ ވަޒީފާއަކަށް ދިއުމަށެވެ. ރިސޯޓް ދިރިއުޅުމަކީ ޑޮލަރު ލިބުމުގެ އިތުރުން އާމްދަނީގެ ގޮތުން ބަލާއިރުވެސް ރަނގަޅު އެއްޗެއް ލިބޭ ކަމަކަށް ވާތީ ޚިޔާރުކުރީ ރިސޯޓެވެ.

ފުރަނަފުށީގައި ލޯންޗް ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާތާ ދެއަހަރުވީފަހުން ޝަފީގު ރަށަށް އައީ ލިބުނު ފުރަތަމަ ޗުއްޓީގައެވެ. ދެވަނަ ދަރިފުޅަށް އަންހެނުން ބަލިވެއިނުމާއެކު އެއުފާ އަންހެނުންނާ ހިއްސާކޮށްލުމުގެ ނިޔަތާވެސް އެކުގައެވެ.

އެދުވަހު އޭނާ ދާން އުޅުނީ ބަފައިބޭ އަށް ވަރުވާ އަށް ލިޔެދީފައި އޮންނަ ހޮރުބަދޫ (ރޯޔަލް އައިލެންޑް ރިސޯޓް) އަށެވެ. އެހެންނަމަވެސް އެއަށްވުރެ ކުރިން ދާންޖެހުނީ ދިރިއުޅުން ބަދަލުކޮށްލި ހާދިސާއާ ދިމާއަށެވެ. އޭނާގެ ބައްޕަ ވަރަށް ހެނދުނު ހެނދުނާ އުޅުނީ ބަފައިބޭގެ 20 ރިޔަނު އިންޖީނުއެޅި ރިނދަލި މަސްދޯނި އެހެލަން ވެގެންނެވެ. ބައްޕައަކީ އެދޯނީގެ ކެޔޮޅެވެ. ގޭތެރޭގައި މިވާހަކަ ދެކެވެމުން ދިޔަނަމަވެސް އެކަމާ މާބޮޑު ސަމާލުކަމެއްދޭ ހިތްނުވިީ ކީއްވެގެންކަން ބުނަން ނޭގުނަސް ތަގްދީރު އޭނާ ގޮވައިގެން ދިޔައީ ބައްޕަގެ އެދުމާވެސް އެކު އެދޯނި އެހެލުމުގައި ބައިވެރިވާށެވެ. އޭނާގެ ފިޔަވަޅުގެ ނިޝާން އޭދަފުށީގެ ބިމުން ފޮލެވޭނެ ދުވަހަކީ މިއީކަން ނޭގިހުރެއެވެ.

ދުރުގައި ހުރެގެން މަންޒަރު ބަލައިލިއިރު އޭނާއަށް ފެނުނީ ދިޔަވަރު ވަރަށް ހިކި ދުވަހެއްކަމުން ބައްޕަމެން ނަށް އެދޯނި ފެނުން މައްޗަށް ނާރައިގެން އުޅެ ތަނެވެ. ދޯނީގެ އެއްކޮޅު އޮތީ މޫދުގައެވެ.

އެދުވަސްވަރު މިކަހަލަ ބޮޑެތިދޯނި ފަހަރު އެހެލާގޮތަކީ ދޯނީގެ ދެފަރާތުގައި ޖަހާފައިވާ ވަލުގައި ހިފައިގެން އެއްގަމަށް ދެމުމެވެ. ދެން އޮންނަނީ ދޯނީގެ ބެލެންސް ހިފެހެއްޓުމަށްޓަކައި ދޯނި ހުރަހަށް ވާގޮތަށް ދިގު ކުނބެއް ބަނދެ އޭގައި މީހުން ހިފާ ގޮތަށެވެ. ދެން ތިބޭނީ ބަނޑުފިލާގައި ބުރަކަށި ޖައްސާލައިގެން ތިބޭ ބައެކެވެ. ޝަފީގު ދިޔައީ ބަނޑުފިލާ ދޮށަށެވެ.

“ފުރަތަމަ ހުރީ ދޯނީގެ ބަނޑުފިލާގައި ބުރަކަށި ޖައްސައިގެން. އަނެއް ހަތަރު މީހުން ތިބީ ކުނބުގަ. ތޮށިޖަހަންވެގެން އަހަރެން އޮތް ފަރާތަށް ދޯނި އަރިކޮށްލި. ދެން ނަގަން އުޅެނިކޮށް ދޯނި އެމީހުންގެ އަތުން ދޫވީ .ވެދާނެ އެމީހުންނަށް މާ ބޮޑަށް ބަރުބޮޑުވެގެން ނުހިފެއްޓުނީކަމަށް.”

ކުއްލިއަކަށް ވީއެއްނުވީއެއް ނޭނގުނެވެ. ދޯނި އޮތީ ޝަފީގު ބުރަކަށި ޖައްސާލައިގެން ހުރިގޮތަށް އޭނާގެ ގައިމަތީގައެވެ.

ހާދިސާ ހިނގާކަށް މާގިނަ ވަގުތުތަކެއް ނުނަގައެވެ. ވަގުތުނެގީ އެހާދިސާއިން ޝަފީގު ސަލާމަތް ކުރުމަށެވެ. އެކަމަކު އޭރު އޮތީ ވާނެ އެއްޗެއް ވެ ނިމިފައެވެ.

ޝަފީގު ބުނީ ހޭވެރިކަން ވީ ގެއަށް ގެނެސް މޭޒެއްގެ މަތީގައި ބޭއްވިތަނާއެވެ. އެވަގުތު އަގައިން ބަހެއް ބުނުމުގެ ބާރެއް ނެތެވެ. ވާއެއްނުވާއެއް ނުވަތަ މިވީ ކިހިނެއްކަންވެސް ރަނގަޅަކަށް ވިސްނައިގަންނާކަށް ނޭގުނެވެ. އެެހެންނަމަވެސް ހަށިގަނޑު އެއްކޮށް އޮތީ އައްސިވެފައިކަމުން އެއްވެސް ތަނަކު ނުރިއްސައެވެ. އެހެންނަމަވެސް އެހިސާބުން އެނގުނު އެއްކަމަކީ ކަކުލުން ތިރީގަ ދިރުމެއް ނެތްކަމެވެ.

ޝަފީޤް ދޯނި ދަށުވެ ކަންހިނގާދިޔަ ގޮތުގެ ވާހަކަ އީވީއަށް ކިޔައިދެނީ. މިވާހަކަ ކުރިޔަށް ނުގެންދެވިގެން އިންޓަވިއުނަގާފައިވަނީ ދެދުވަހެއްގެ މަތިން / ފޮޓޯ: އޭދަފުށި ވޮއިސް

ވަގުތު ފާއިތުވަމުން ދިޔަވަރަކަށް އޭނާގެ ހަށިގަނޑުގައި މިއެކްސިޑެންޓްގެ ސަބަބުން އަޅަމުން އައި ވޭން ގަދަވާން ފަށައިފިއެވެ. އެންމެ ފުރަތަމަ ދިމާވީ ކުޑަކަމު ނުދެވުމުގެ މައްސަލައެވެ.

“އޭރު ހެލްތް ވޯކަރުންގެ ޓީމެއް އަތޮޅު ތެރޭގައި އުޅުނު. އެޓީމްގެ ބޮޑުންނަކީ  ހަސަން ސާމިރުއާއި ކޮލަމާފުށީ ސަލީމް. މި މީހުން އައިސް ހޮޅިއެއް ލެއްވުމުން ކުޑަކަމު ދިއުން ވަގުތީގޮތުން ހައްލު ކޮށްދީފި. އެކަމަކު އެމީހުން ލަފާ ދީފި އަވަހަށް މާލެ ދިއުމަށް.” 34 އަހަރުގެ ކުރީގެ މިވާހަކަތައް އީވީއާ ހިއްސާކުރަމުން ޝަފީގު ބުންޏެވެ.

އެކަމަކު އާއިލާ މީހުން ބޮޑަށް ބުރަވީ ރުއްގަލު ބޭސް ކުރުމަށް ކަމަށް ވާތީ އެމީހުން ބޭނުންވީ ދަރަވަންދޫ ބޭސް އަބްދުﷲ ކިޔާ މަޝްހޫރު މީހަކު ލައްވާ ރުއްގަލުބޭސް ކުރުވާށެވެ. އޭނާ އޭދަފުށްޓަށް ގެނެވުނު އިރު ވަރަށް ހަވީރުވެއްޖެއެވެ. ބޭސްނަގައިގެން ބޭސް ފުނޑާ ނިމުނުއިރު އިޝާނަމާދަށް ގޮވަނީއެވެ.

“ބޭސް އަޅަންވެގެން ގެންގޮސް ބޭއްވީ މޭޒެއްގެ މަތީގައި ބަންޑުން. ބަންޑުން ބާއްވާފަ އަހަރެންގެ ބުރަކަށި މައްޗަށް ކޮއްޅުން އެރީއޯ. އަހަންނަކަށް ނޭގެނެތާ! އެކަމަކު ފުރަތަމަ އޭނާ ފުންނާބުން ބުރަކަށި މައްޗަށް އެރިކަން އެނގުނު. އެހިސާބުން ހޭނެތުނީ.” ޝަފީގުގެ ވާހަކަ މެދުކަނޑާލިއެވެ. ހީވަނީ އެހާދިސާގެ ހަނދާންތައް އާކުރަން ބޭނުން ނުވަނީހެންނެވެ

އާ ދުވަހަކަށް އަލިވިލުމާއެކު ހޭނެތިފައިއޮތް ޝަފީގުއަށްވެސް ލޯހުޅުވައިލެވުނެވެ. އޭރު މުޅި ހަށިގަނޑުގައިވެސް ވަރަށް ގަދައަށް ވޭން އަޅަމުން ދަނީއެވެ. ބޮޑުކަމު ނުދެވުމާ ކުޑަކަމުނުދެވުމުގެ ސަބަބުން އެއަޅާވޭންވެސް ބަޔާންކޮށްދޭނެ ގޮތެއްވެސް ނޭގޭކަމަށް ޝަފީގު ބުންޏެވެ. މިހާރަށްވުރެ މާދަށުދަރަޖައިގާ ސިއްހީ ޚިދުމަތް އަތޮޅު ތެރޭގައި އޮތް ދުވަސްވަރަކަށް ވާތީ ދެން މަޖްބޫރުވީ މާލެ ދާށެވެ.

ދަތުރުގެކަންތައް ވަރަށް ފަހިވެގެންއައީ އޭރު އަތޮޅު ރައްޔިތުންގެ މަޖްލީހުގެ މެންބަރަކީ އޮނަރަބްލް އަންބަރީކަމަށް ވެފައި އޭގެ އިތުރުން އަންބަރީގެ އަބިކަނބަލުންނަކީ ޝަފީގުގެ އަންހެނުންނާ ދެބެއިންގެ ދެދަރި މީހަކަށް ވުން ކަމަށް ވެދާނެކަމަށް ޝަފީގު ބުންޏެވެ.

“ކްއީން އޮފް ދަ ނައިޓާ ދިމާލަށް ކައިރި ކުރިއިރު ސިފައިންގެ ބޮޑުވޭނެއް އޮތް. ސިފައިންގެ ބަހުގަ ހޮސްޕިޓަލަށް ގެންދިޔައީ. ޑޮކްޓަރަށް ދެއްކުމާއެކު އަވަހަށް ރާއްޖެއިން ބޭރަށް ދިއުމަށް ލަފާދެއްވި. ހަމަވަގުތުން ހުރިހާ ޚަރަދެއް ތީމުގެއިން ކުރާ ގޮތަށް ހަމަޖެހި ވަގުތުން ފުރުވާލި.”

ލަންކާގެ ސެންޓްރަލް ހޮސްޕިޓަލަށް ދެއްކުމާއެކު އޭގެ އަނެއް ދުވަހު ކާމިޔާބު އޮޕްރޭޝަނެއް ކޮށް ނިންމާލިއެވެ. ފައިގެ އިނގިލިތައް ހަރަކާތް ކުރުވިއެވެ. އުނަގަނޑުންތިރިއަށް ދިރުން ލިބުނެވެ. ޑޮކްޓަރުގެ ހަމައެކަނި އިލްތިމާސަކީ 21 ދުވަސްވަންދެން ހަށިގަޑަށް ބޮޑު ގުޑުމެއް ނާރުވާ އުއްޑުން އޮތުމަށެވެ. އެހެންނަމަވެސް މިއުފާވެރި ޚަބަރު ދެމިއޮތީ އެންމެ ގަޑިއެއްހައި އިރަށެވެ. މަންޒަރު އަނެއްކާވެސް ބަދަލުވީ އެވެ.

ލަންކާ ސިންގަޅަ-ތަމަޅު ހަނގުރާމަ އިއުލާނުކޮށް މުޅި ލަންކާ އެލާޓަށް އައީއެވެ. އެވަރުން ނިމުނީއެއް ނޫނެވެ. ހޮސްޕިޓަލަށް ހަމަލާ ދިނީއެވެ. ހޮސްޕިޓަލްގެ ބައެއްގާ ރޯވެސް ކުރީއެވެ.

“ދިވެހި 18 މީހުން ތިބި ހޮސްޕިޓަލްގެ އައިސީޔޫގަ. އޭރު ޑިޕްލޮމެޓިކް ވެހިކަލްއަކަށް  އެމްބަސީގައި އޮންނަނީ އެންމެ ވޭނަކާއި އެމްބެސެޑަރުގެ ކާރުކޮޅު. ފުރާނަ ސަލާމަތް ކުރުމުގެ ގޮތުން އެތަނުން ނުކުތުމަށް އޯޑަރު އައުމުން އެމްބަސީގެ ކުޑަކުޑަ ބަހަށް 18 މީހުން އެރުވީ. އަހަރެމެން އެރުވީ އެމްބެސެޑަރގެކާރަށް.” ކުޑަހިދުކޮޅަކަށް ޝަފީގުގެ ވާހަކަ އަނެއްކާވެސް ހުއްޓާލިއެވެ.

ހަޑިގަނޑު ގުޑުވާނުލާ 21 ދުވަސް ވަންދެން އޮންނާށޭ ބުނިނަމަވެސް އެކަމަށް އަމަލުކުރެވުނީ މަދު ވަގުތު ކޮޅަކުއެވެ. އެހެންކަމުން އޮޕަރޭޝަން ފެއިލްވީއެވެ.

ޝަފީޤް އީވީއަށް އިންޓަވިއުދެނީ / ފޮޓޯ: އޭދަފުށި ވޮއިސް

ދެން ޝަފީގު ބަދަލު ކުރީ ލަންކާގެ ސުލޭމާން ހޮސްޕިޓަލަށެވެ. އެކަމަކު އެކަންވެސްވީ އިތުރު ވޭނަކަށެވެ. އެތަނަކު ޑޮކްޓަރެއްނެތެވެ. ކާއެއްޗެއް ބޯއެއްޗެއް ނުލިބެއެވެ. ބައެއްފަހަރު އެމްބަސީން ޖޫސްފަދަ ތަކެތި ލިބުނުކަމަށް ވިޔަސް އާއްމު ގޮތެއްގައި ބަނޑުފުރާނަ މުއްތި ކުރީ ކިރުފެލިހުންޏާ ހިކިމިރުސް އެއްކޮށް މޮޑެގެން ކައިގެންނެވެ. 21 ދުވަސްވަންދެން އެހޮސްޕިޓަލްގައި ޑޮކްޓަރެއްގެ ފަރުވާ ނުލިބި އޮންނަން ޖެހުމުން ދެންވާނެގޮތް ވިސްނާލުމަށް ޝަފީގު އެދުނެވެ.

ދެމަހާ ހަތްދުވަސްވަންދެން ފަރުވާއެއް ނުލިބި އެހެން އޮތުމަށް ފަހު ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރގެ ވާހަކަތަކުން ބަލި ރަނގަޅުވާނެކަމަށް ކުރި ހުރިހާ އުއްމީދެއް ގެއްލިއްޖެއެވެ. ޑޮކްޓަރ ވަރަށް ސާފުކޮށް ތަފްސީލުކޮށް ދެއްވަމުން ވިދާޅުވީ ދެން ކުރެވޭނެ އެއްވެސް ކަމެއް ނެތްކަމަށާއި ފިޒިއޮތެރަޕީއިންވެސް ދެން ރިކަވަރ ނުވާނެކަމުގައެވެ.

ޝަފީގު އޮޕަރޭޝަން ކުރި ޑޮކްޓަރ ކޮބައިތޯ އެމްބަސީ މެދުވެރިވެގެން ބެލިއިރު މައުލޫމާތު ލިބުނީ ކޮންމެެވެސް ތަނަކު އޭނާ ބަންދުކޮށް ފައި އިން ޚަބަރެވެ. އެހެންވެ އޭނާއާ ހަމައަށް ވެސް ދެވޭ ގޮތް ނުވީއެވެ.

ދެންކުރާނީ ކީއްހެއްޔެވެ؟ ހެދޭނެ ބޭހަކީ ވެސް ކޮބައި ހެއްޔެވެ. އަހަންނަށް އަހަރެންގެ މައިބަދަ އަށް ވެފައިހުރި ގޮތާ އަހަރެންގެ އުނަގަނޑުގެ ތިރިއާ ދެން ނުގުޅޭނެކަން ޑޮކްޓަރުގެ ވާހަކަތަކުން އެނގުނު ކަމުގައި ވިޔަސް ބައްޕަމެން ތިބީ %100 އެވާހަކަތައް ގަބޫލުކުރާ ގޮތަކަށް ނޫނެވެ. އެހެންވީމާ އެނބުރި ރާއްޖެއައިސް އަނެއްކާވެސް ދިމާކުރީ ރުއްގަލުބޭސްކުރުމަށެވެ. އެގޮތުން ކުޑަރިކިލުންނާއި ކެންދޫންނާއި ދަރަވަންދޫ، އަދި ގޮއިދޫގެ އިތުރުން މަޝްހޫރު ދިވެހި ބޭސްވެރިޔާ ތޮޅެންދޫ ހަސަންގާސިމް ލައްވާވެސް ފަރުވާ ކުރިއެވެ.

“ގާއުޑޫދޫ މީހަކާ ލ.ހިރިލަންދޫ މީހެއްގެ އިތުރުން ކިނޮޅޮހުގަ ހަމަސްވަންދެން އޮތިން. ރާއްޖެއިން ބޭރަށް އަހަރަކު ތިން ހަތަރުފަހަރު ދިޔައިން.  މިކަމަށް އިތުރު ފަރުވާއެއް ނޯންނާނެކަން އެނގޭއިރުވެސް މީހުންގެ އެދުމަށް ނޫނެކޭ ނުބުނަންވެގެން އެކަން ކުރީ.”

އޭގެ ދޮޅުއަހަރެއްހައި ދުވަސް ފަހުން ބޭސް ފަރުވާ ނިމުމުން ގެއަށް ވަދެ އޭނާއަށް ޚާއްސަ ފުރޮޅުލީ ގޮޑީގައި އިށީނުމާއެކު ޚިޔާލުތައް އައިސް ވަށާލިއެވެ.  އޭނާގެ ދުނިޔެވަރަށް ކުޑަވެއްޖެކަމާއި އޮތްހާވެސް އެއްޗަކީ މިފުރޮޅުލީ ގޮޑިކަން އެނގުމާއެކު ދިރިއުޅުން މިދިން އަނިޔާއަށް ރޮއިގަންނަން އުޅެއުޅެ އެކަމެއްވެސް ނުވިއެވެ.

ގެއްލުނުއިރު ގެއްލުނީ ހުރިހާ އެއްޗެއް އެކުގައެވެ. އަނބިމީހާއެވެ. އުފަންވީއްސުރެ އޯގާތެރިކަމާއެކު ހޭހަން ކޮށްދޭންހުރި މަންމައެވެ. ދުވަސްކޮޅަކުން ބައްޕައެވެ. އެކަމަކު އީމާންކަން ކުރިއަށް ނެރެ ގުދުރަތުގެ މިއިމްތިހާނުން ފެއިލްވާކަށް ބޭނުމެއް ނުވިއެވެ. ދިރިއުޅުމަށް މަސައްކަތެއް ކުރަންޖެހޭނެއެވެ. ދެދަރިންނަށް ކިޔަވައިދިނުމަކީ އެހެންމީހަކު ކުރާނެކަމަށް ބަލައިގެން ހުންނަންވާނެ ކަމެއް ނޫނެވެ.

އޭނާއަށް މިކަމުގައި އެހީވެދިނީ ފިނިހިޔާގޭ މަރްހޫމް އަބްދުލްމާޖިދުއެވެ.

“މާޖިދުބުނެފި ހިނގާށޭ ބުޅި ޖަހަން ދަސްކުރަން. އެދުވަސްވަރަކީ އޭދަފުށީގައި މަސްވެރިކަން ކުރާ ވިއްސަކަށް ދޯނި ހުރި ދުވަސްވަރަކަށް ވުމުން މިކަން ވައިގާ ހިފައިފިނަމަ އެއޮތީ މަގު އަލިވެފައިތާއޭ ހިތަށް އެރި .އެހެންވެ ފުރަތަމަ، ބައިސްކަލް ހައެއްކަ ނަރު ހޯދައިގެން ބުޅިޖަހަން ދަސްކުރަންފެށީ. މިކަމަށް ވަރަށް ގިނަ ކެޔޮޅުން ހިތްވަރުދިން.”

މިމަސައްކަތް ވައިގާ ހިފީ ހީވެސް ނުކުރާހާ އަވަހަށެވެ.

“ދުވާލަކު ދިހަބުޅި ފުރަތަމަ ހެދީ. ބުޅިއެއްގެ އަގަކީ 10 ރުފިޔާ. އެގޮތުން ފެށިމަސައްކަތުގެ ޑިމާންޑް ބޮޑުވެ ބައިސްކަލް ނަރު ބަދަލުވެއްޖެ ރޯލުނަރަށް. މަސައްކަތް ހަލުވިކުރުމުގެ ގޮތުން ގަނެފިން އަތުން އަބުރާ ހަނެއް. އެއްއަތުން އަނބުރައިގެން އަނެއް އަތުން ތޫނުކުރަނީ.”

ޝަފީގުގެ އުފެއްދުން ވީ މަސްވެރިންގެ ވަރަށް މަގްބޫލު ބުޅިއަކަށެވެ. ބުޅީގެ ޑިމާންޓް ބޮޑުވެގެންގޮސް ހއ.ދިއްދޫ އަށާއި ގދ. ތިނަދޫއަށްވެސް ބުޅި ސަޕްލައި ކުރަންޖެހުންކަމަށް ޝަފީގު ބުންޏެވެ.

އާމްދަނީއަށް ބަލާއިރު 2000ރުފިޔާ ލިބޭދުވަސް ވެސް އައިކަމަށާއި ހަފްތާއެއްގެ މައްޗަށް 1200،1500 ރުފިޔާވަރު އާއްމުކޮށް ލިބޭކަމަށް ވެއެވެ.

އެހެންނަމަވެސް ބުޅިޖެހުމުގެ މޫސުން މަޑުމަޑުން ނިމިގެން ދިއައީ މަސްވެރިކަންކުރާ އުޅަނދުފަހަރުވެސް ރަށުން މަދުވުމާ ގުޅިގެންނެވެ. ދެންވެސް ރަނގަޅު ޚިޔާލެއް ދެއްވީ މަރްހޫމް ކުޑަރިކިލު ތުއްތު މަނިކުއެވެ. އޭނާ އެދިލެއްވީ ކުޑަކުދިންނަށް ވޮށުފިލާ އަޅައިދީ ޤުރުއާން ކިޔަވައިދިނުމަށެވެ. ދެދުނިޔޭގައިވެސް ފައިދާ ލިބެނިވި ކަމެއްކަމުގައި ބުނުއްވަމުންނެވެ.

އޭގެ ފަހުން 35 އަހަރުވީއެވެ. ދިރިއުޅުމާމެދު މިހާރު އެއްގޮތަކަށްވެސް ޝަކުވާއެއް ނެތެވެ. އެފުރޮޅުލީ ގޮޑީގައި އިދެގެން އޭނާވަނީ ދުނިޔޭގައި އޭނާކުރަންޖެހޭ ހުރިހާ ކަމެއް ކޮށް ނިންމާފައެވެ. ދެކޮޓަރީގެ ރީތިގެއެއް އިމާރާތް ކޮށްފިއެވެ. އޭނާ އެންމެ ކަންބޮޑުވިކަންތަކަކީ ދަރިންނަށް ރަނގަޅު ތައުލީމަކާ ތަރުބިއްޔަތެއް ނުދެވިދާނޭތީ ކަމަށް ވީއިރު  މިއަދު އޭނާގެ ދެދަރިންނަކީ  ޑިގްރީފެންވަރަށް ގްރެޖްއޭޓް ވެފައިތިބި ސަރުކާރުގެ ޒިންމާދާރު މަގާމުގައި މަސައްކަތްކުރާ އަޚްލާގު ރަނގަޅު ދެދަރިންނެވެ.

މީގެ އިތުރުން އޭނާއަކީ އޭދަފުށީގައި އަލަށް ހުޅުވި ސަލްސާ ރީޓްރީޓްގެ މެނޭޖަރއެވެ. ފުދޭވަރަށްވުރެވެސް ބޮޑު މުސާރާއާއެކު ދިރިއުޅުން މިހާރު އޮތީ ހިތާމައިގެ ހިޔަނި ނޭޅޭހާ ދުރުގައެވެ.

އެހެންނަމަވެސް އެކަނިވެރި ބަައެއްރޭރޭ މާޒީގެ ފޮނި ހަނދާންތައް ހިތުގެ ކުޑަދޮރުން ވަދެ އުނދަގޫކުރެއެވެ. އެހެންނަމަވެސް އެ ހަނދާންތައް މިހާރު އޭނާއަށް ވެފައިވަނީ މާކުރިން ފެނިފައިވާ ކަޅާހުދުގެ ހުވަފެނަކަށެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top