އީދުވިލޭރޭ މާޅޮހުގެ އެއްވެސް ދެމަފިރިއަކު ނުނިދާނެ. –ގާދިރު

DSCN0351.jpg

ބ.މާޅޮހު "ގަލްފް "އަބްދުލް ގާދިރު --ފޮޓޯ :އީވީ

މީގެ ސާޅީހަކަށް އަހަރު ކުރީގައި އީދުވިލޭރޭ ބ.މާޅޮހުގެ އެއްވެސް ދެމަފިރިއަކު ނުނިދާނެއެވެ.

އެއީ ކީއްވެގެން ހެއްޔެވެ؟

“ގެއާ ގޯތިތެރެ އޮންނާނީ ވަރަށް ރީތިކޮށް ނަލަ ހައްދާލާފައި. މުޅި ގެއަށް ކަށިވެލި ލައި މަލުން ޖަރީ ކޮށްލާފައި އޮންނާނީ. އެހެންވެ އީދު ނަމާދުގެ ކުރިން ގޭގެ ނަލަކަމަށް ގެއްލުމެއް ލިބިދާނެކަމަށްޓަކައި ގެ ބަލަހައްޓަން  ދެމަފިރިން ހޭލާ ތިބޭނީ. “މާޅޮހު ސްކޫލްގައި 30 އަހަރު ޓީޗަރެއްގެ މަގާމު އަދާކުރުމަށް ފަހު މިހާރު ރިޓަޔަރ ވެފައިވާ 55 އަހަރުގެ އަބްދުލްގާދިރު ބުންޏެވެ.

ގާދިރު ބުނަނީ އެންމެ އިހުގައި މާޅޮހުގައި އީދު ފާހަގަ ކުރާ ގޮތާ މިހާރު ފާހަގަ ކުރާ ގޮތްތަކުގައި ބޮޑެތި ތަފާތު ތަކެއް އެބަހުއްޓެވެ. ޒަމާނުގެ މާއްދީ އޮއިވަރާއެކު ދީނާ ނުގުޅޭ އާ ކަންތައްތަކެއް މިއަދު ދަނީ ތައާރަފް ކުރަމުންނެވެ. އިހު އެވޭލާ ޒަމާނުއްސުރެ ކުޅެމުން އައި ރީތި ކުޅިވަރުތައް ބަދަލު ކޮށް މައްސުނި ގަނޑަކަށް ހަދައިފިއެވެ. ބައެއް ކުޅިވަރުތައް މުޅިން އުވިގެން ހިނގައްޖެއެވެ.

ގާދިރު ގަބޫލު ކުރަނީ މާޅޮހަކީ މިހާރު އީދު ކުޅިވަރު ފާހަގަ ނުކުރާ ރަށެއްގެ ގޮތުގައެވެ.

“އެހެންވީމާ އީދު ކުޅިވަރު ބެލުމަށޭ ކިޔާފަ މާޅޮހަށް އައުމަކީ ބޭކާރު ކަމެއް. އެހެނެއް ނޫން. ރީތި ބީޗެއް ބަލާލުމަށް ނުވަތަ ގެސްޓް ހައުސްތަކެއް ބަލާލަން ނޫނީ ރަށަށް އައިސްފަ އޮތް ތަރައްގީ ވަޒަންކޮށްލުމުގެ ބޭނުމުގައި ނުނީ ރަށުގަ ހައްދާފަ ހުރި ކިއުކަންބާއާއި މެލަން ދަނޑުތައް ބަލާލަން ރަނގަޅު މާޅޮހަށް ޖައްސާލަން. އެހެންނޫނީ އެހެން ރަށްރަށުގައި ނުކުރާ ކަހަލަ އާ ކަމެއް ތަޖްރިބާކޮށްލުމުގެ ގޮތުން މިސާލަކަށް ކުނި މެނޭޖްކުރާ ގޮތް ބަލާލަން އަންނަންވީ.”

ގާދިރު ބުނަނީ “އީދު އައީ ހިންތުން ވަމުން މާމަލުގައި ކުލަޖައްސަމުން” ކަމަށް ވިޔަސް އީދު ކުޅިވަރު ފާހަގަ ކުރާށޭ ކިޔާފަ މިހާރު ދަނީ ރަށުން ބޭރުން އަރާ ސަފަރުވެރިންނާއެކު ޕިކްނިކަށެވެ. ރަށުގެ އެއް އަރިމަތީ އަތިރިމަތީގައި ހޭޅިފަށަށް ގޮސް ކައްކާ ކާލައި ހަދާލައިގެން އައުމުން އެހެރީ އީދު ކުޅިވަރު ކުޅެވިފައެވެ.

އެކަމަކު ގާދިރުމެންގެ ކުޑައިރު މާޅޮހަކީ ވަރަށް ފޯރިއާއެކު އީދު ކުޅިވަރު ކުޅެމުން އައި ރަށެކެވެ. ގާދިރުގެ އެރަން ޒަމާނަށް އަހަރެމެން ގޮވައިގެން ގޮސް އޭނާގެ ރަސްމީ ހިނިގަނޑު ޖަހާލުމަށް ފަހު މާޅޮހުގައި އީދު ފާހަގަ ކުރާ ގޮތް ކިޔައިދޭން ފެށިއެވެ.

އީދަށް ހަނދުބލާއިރަށް ރަށުގެ އެންމެން ބައިވެރިވެގެން މުޅި ރަށް އޮންނާނީ ގްރޫޕްތަކަކަށް ބަހާލާފައެވެ. މާލި ހެދުމަށް ދެލި ފުނޑުން ހުރިހާ ގެއަކަށް ބަހާލެވިފައިވާއިރު ދިގު ދަނޑިއާ ކުރުދަނޑީގައި މާ ލުމަށްވެސް އޮންނާނީ އެކި ގްރޫޕްތަކަށް ހަވާލު ކޮށްފައެވެ. މާނައަކީ އީދު ފާހަގަ ކުރާނީ ރައްޔިތުން ގުޅިގެން އެކުގައި އެންމެން ގަބޫލު ކުރާ ގޮތަށް އެންމެންނަށް ފެންނަ ގޮތަކަށެވެ.

“އެކަމަކު މިހާރު ބަދަލު ވެއްޖެ. އެ ކުޅިވަރުތައް ކުޅުމަކީ މުހިއްމު ކަމަކަށް މިހާރަކު ނުވޭ. ޒަމާނާއެކު އީދުގައި ކުޅުނު ބައެއް ކުޅިވަރުތައް މޮޑުފައިކޮށް ބައެއް އިހުގެ މުސްކުޅި ކުޅިވަރުތައް ދޫކޮށްލައިފި.” އޭގެ މިސާލަކަށް ގާދިރު ނެގީ އީދަށް މޫދަށް ލުމެވެ.

“އެކަންވެސް އޮންނަނީ އެދަނީ މޫދަށޭ ބުނާ ކަހަލަ ގޮތަކަށް. ގްރޫޕް ހަދާފަ މޫދަށް އެރެލާފަ އަންނަނީ .”

އެކަމަކު އެޒަމާނުގައި އެކަން އޮންނަނީ އެހެންނެއް ނޫނެވެ. ފިރިހެނުން މޫދަށް އެރޭ ދުވަހު އެދުވަހު ހަވީރު އަންހެން ވެރިން ދާނީ އެމީހުން މޫދުން އެރުވަން ފަނި ގިރައިގެން ނަށާ ބެރު ޖަހާ ލަވަ ކިޔާފައެވެ. މިކަމުގައި ފައިހިގާ ފުރައިގެ ހުރިހާ އަންހެނުން ބައިވެރިވާނެއެވެ. ހަމަ އެގޮތަށް އަންހެނުން މޫދަށް ލާ ދުވަހު ފިރިހެން ވެރިން ވެސް އަންހެންވެރިން މޫދުން އެރުވަން އެދުވަހު ހަވީރު ދާނީ ނިކަން ފޯރީގައި ބެރުޖަހަމުން ނަށަމުން ލަވަކިޔަމުންނެވެ.

އީދަށް މަރުހަބާ ކިއުމަށް ރަށުގެ ރައްޔިތުން ނުކުމެ ހުރިހާ މަގަކަށް ކަށިވެލި ލުމާއެކު އީދު ތެރޭގައި ކުޅޭ ކުޅިވަރުތަކަށް ބޭނުންވާ ހުރިހާ ކަމެއް އީދު އައުމުގެ ކުރިން ހުންނާނި ފުރިހަމަވެ ނިމިފައެވެ. ގޭތެރެއަށް ބަލާއިރު ހުރިހާ ގެއަކަށް ވެސް ކަށިވެލިލާނެ އެވެ. އަދި އެއެއް ނޫނެވެ. ބޮޑު އީދަކީ ގޭތެރެއާއި ބަދިގޭގައި ހިފާގެންގުޅޭ ހުރިހާ އެއްޗެއް ވެސް ސާފު ކޮށް ދޮވުމުގެ މޫސުމެވެ. އެއީ މާޅޮހުގައި ވަރަށް ފަހަކާ ހަމައަށް ދަންދެންވެސް ގެންގުޅުނު ރީތި އާދައެކެވެ. އޭރު އެއޮތް ކަހަލަ އަމިއްލަ އެދުމެއްނެތް ސާފު އިޖްތިމާއީ ރޫހެއް މިހާރު އެއްވެސް ރަށަކުން ނުފެނުމަކީ އެންމެ ދެރަވާ އެއް ކަންތައް ކަމުގައި ގާދިރު ބުންޏެވެ.

މީހުންގެ އެކުވެރިކަމާ އުޚުއްވަތްތެރިކަން ގާއިމު ކުރުމުގެ ގޮތުންވެސް އީދަކީ މިސާލެކެވެ. އޭރު މާޅޮހުގައި އީދުދުވަހުގެ އީދު ސަލަވާތަށް ފަހު އޮންނާނީ އެއްގޭގަ ތައްޔާރު ކުރާ އެއްޗެތި އަނެއް ގެއަށް ގެންދިއުމުގެ ކަންތަކެވެ. “އެންމެ ޚާއްސަ ކަމަކީ، ބޮޑުދައިތަ ބޮޑުބޭބެ ކުޑަބޭބެ، ދޮންދައްތަ، ކުޑަދައްތަ މިހެންގޮސް އާއިލާ ދިލަކޮޅަށް ދާންދެން އެންމެން އެއްތަންވެ އެކުގައި އެއް ޖަމާއަތުގައި ކައިބޮއި ހަދާ ދުވަސް އެއީ. ”

މިހާރު އެހުރިހާ ކަމެއް ބަދަލު ވެއްޖެއެވެ. މިހާރަކު އީދު ވިލޭރޭ ދެމަފިރިން ގެ ބަލަހައްޓަން ހޭލާ ތިބޭކަށް ނުޖެހޭނެއެވެ. ގޭތެރެ ޚާއްސަކޮށް އީދަށް ތައްޔާރު ކުރުމެއް ވެސް ނެތެވެ. ރަށުގެ މަގުތަކުގައި އީދުގެ ހަނދުވަރީ ރޭރޭ، މުތީތަކެއް ފަދައިން ވިދަވިދާ ހުންނަ ކަށިވެލިތަކުގެ ވެސް އޮތީ ހަމައެކަނި ހަނދާނެކެވެ.

“ކުރު ކޮށް ބުނާނަމަ ޒަމާނާ ނުގުޅޭ ބީރައްޓެހި އާދަތައް އައިސް އަހަރެމެންގެ އެރީތި ހުރިހާ އާދަތަކާލާމެހި މުޅި ސިސްޓަމް އެއްކޮށް ފެއިލްވެއްޖެ.” ގާދިރު ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top