ހައްޖު ޚުތުބާގައި ގޮވާލީ މުސްލިމުން އެއްބައި ވުމަށް

Screenshot-2023-06-27-164524.png

މިއަހަރުގެ ހައްޖު ޚުތުބާގައި ހުރިހާ މުސްލިމުން އެއްބައިވަންތަ ވުމަށް ގޮވާލައްވައިފި އެވެ.

އެއްބައިވަންތަކަމުގެ މައްޗަށް އަލިއަޅުވާލައްވައި މިއަދު ދެއްވި ހައްޖު ޚުތުބާ އަޑު އެހުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން މުސްލިމުންނެއް މައްކާގައި ހުންނަ މަސްޖިދު އަލް ނަމީރާ އަށް ދިޔައެވެ. 2.5 މިލިއަނަށް ވުރެ ގިނަ މީހުން ހައްޖުގެ އަޅުކަން އަދާކުރަން ސައުދީ އަށް ދިޔައެވެ.

ހައްޖު ޚުތުބާގައި ޝައިޚް ޑރ. ޔޫސުފް ބިން މުހައްމަދު ބިން ސައީދު، ވިދާޅުވީ މުސްލިމް އުއްމަތަކީ އެއް ހަށިގަނޑެއް ފަދަ ބައެއް ކަމަށާއި ހަށިގަނޑުގެ ބައެއްގައި ރިއްސާނަމަ އޭގެ އަސަރު މުޅި ހަށިގަނޑަށް ކުރާނެ ކަމަށެވެ. މުސްލިމުން ވާންޖެހޭނީ އެއްބައިވަންތަކަން އިސްކޮށް، ހެޔޮ އަމަލުތަކަށް ބާރުއަޅާ ބައެއްގެ ގޮތުގައި ކަމަށެވެ. ދެބަސްވުން އުފެދޭ ކަންކަމުން މުސްލިމުން ދުރުހެލިވާންޖެހޭ ކަމަށް ޝައިހް ވިދާޅުވި އެވެ.

“ހައްޖުގެ މި މަތިވެރި މާތް ދުވަހުގައި، އަހަރުމެން އެއް ހެދުމުގައި މިތިބީ އެއްބައިވަންތަ ވެގެން. އެކަކު އަނެކެއްގެ ދުޝްމަނުންނަށް އަހަރެމެން ނުވަމާ،” ޝައިޚް ވިދާޅުވި އެވެ.

މުސްލިމުން އެކަކު އަނެކެއްގެ މެދުގައި ފަތުރަންވީ ލޯބި ކަމަށާއި އިސްލާމީ ޝަރީއަތް ވެސް ބާރުއަޅަނީ އެކަމަށް ކަމަށް ޝައިހް ވިދާޅުވި އެވެ. އަދި މައިންބަފައިންނާއި މެދު ހެޔޮކޮށް ހިތުމަށާއި އަނބިދަރިންގެ ހައްގުތަކަށް އިހުތިރާމްކޮށް އެމީހުންގެ ބޭނުންތައް ފުއްދައިދިނުމަށް ހައްޖު ހުތުބާގައި ގޮވާލެއްވި އެވެ.

ކޮންމެ މީހަކުވެސް މާތް ރަސްކަލާންގެ ހަޒުރަތަށް ދާންޖެހޭކަން ގަބޫލުކޮށް ނަމާދު ގާއިމު ކުރުމާއި ރޯދަ ހިފުމާއި ޒަކާތް ދިނުމާއި ކުޅަދާނަ ކަން ލިބިފައިވާ މީހާ ހައްޖުގެ އަޅުކަން އަދާ ކުރުމާއި އިސްލާމީ އެންމެހާ ރުކުންތަކަށް ތަބާވާން އިސްކަން ދިނުމަކީ އެމީހެއްގެ ދެދުނިޔޭގެ ބާއްޖަވެރިކަމަށްޓަކައި ކުރަން މުހިންމު ކަންތައްތަކެއް ކަމުގައި ޚުތުބާގައި ބުންޏެވެ.

މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް 2.5 މިލިއަން މުސްލިމުން ދުނިޔޭގެ އެކި ކަންކޮޅުތަކުންމައްކާއަށް ދަތުރުކޮށްފައިވެއެވެ. މިއީ މުޅި ދުނިޔޭގައިވެސް ދީނީ އަޅުކަމެއް އަދާކުރުމަށް ދުނިޔޭގެ އެކި ހިސާބުތަކުން އެންމެ ގިނަ މީހުން އެއްތަންވާ ޖަމާޢަތެވެ.

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއަށް ލިބުނު 1000 މީހުންގެ ކޯޓާގެ ދަށުން ޙައްޖު ކޯރޕަރޭޝަނާއި، އަމިއްލަ 3 ގްރޫޕެއްގެ ހަވާލުގައި މިއަހަރު ދިވެހި ހައްޖުވެރިން ވަނީ ގޮސްފައެވެ. ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ މީހުން މިހާރު ތިބީ އަރަފާތުގައި ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top