މިއަހަރުގެ ބޮޑުއީދު ދުވަހުގެ ރޭ އޭދަފުށީގައި ހަވާ އަރުވަން ނިންމާފައިވާކަމަށް އޭދަފުށީ ކައުންސިލިުން ބުނެފި އެވެ.
ރަށު ކައުންސިލުން ބުނީ އީދަށް ޚާއްސަކޮށް އޭދަފުށީ އިރުމަތީ ފަރާތު ހިއްކި ބިމުގައި މާދަމާރޭ ހަވާ އަރުވާނެ ކަމަށާއި މިއުފާވެރި ޚަބަރު ރައްޔިތުންނާއި ހިއްސާކުރާ ކަމަށެވެ.
ހަވާއަރުވާނީ މާދަމާރޭ 20:45 ގައެވެ. އެހެންނަމަވެސް ހަވާއެރުވުން ކުރައިއަށް ގެންދަނީ ކިތައް މިނިޓް އިރު ވަންދެން ކަމެއް ކައުންސިލުން ހާމައެއް ނުކުރެ އެވެ.
އޭދަފުށީގައި އީދު އުފާ 1444 ގެ ނަމުގައި ކްލަބް ޖަމިއްޔާތަކާ ކައުންސިލް ގުޅިގެން ތަފާތު ކުޅިވަރުތައް ބާއްވަމުން ދާއިރު ކްލަބް ކޮމްބިނޭޝަން (ސީސީ) އިން އިންތިޒާމުކޮށްގެން އަންހެނުންގެ ހޭންޑްބޯލް މުބާރާތަކާއި މަސްރޭހެއްގެ އިތުރުން ކުޑަކުދިންގެ ހަވީރަކާއި ކުޑަކުދިންނަށް ހާއްސަކޮށް ކަލާ ފެސްޓިވަލެއް ވެސް ބާއްވަން ވަނީ ނިންމައިފަ އެވެ.
ވެލާ ސްޕޯޓްސް ކްލަބުން “ވެލާ އީދު ފޯރި” ނަމުގައި ބާއްވާ ކުޅިވަރުތައް ފެށުމުގެ ގޮތުން އީދުވިލޭރޭ ”އީދު ބަޑި ޖެހުން“ މިރޭ 21:15 ގައި އޮންނާނެ އެވެ. އަދި ވާދެމުމުގެ މުބާރާތަކާއި ތިންމުގޯލި މުބާރާތެއްގެ އިތުރުން ޓްރެޝަރ ހަންޓް އަދި އީދު މާލި ވެސް އެ ކްލަބުން ބާއްވާ އީދު ކުޅިވަރު ތަކުގެ ތެރޭގައި ހިމެނެއެވެ.
އޭދަފުށީގެ އިތުރުން ބ.އަތޮޅުގެ ހުރިހާ ރަށެއްގައިވެސް މިއަހަރުގެ އީދު ކުޅިވަރުތައް ބޮޑުކޮށް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. ޚާއްސަކޮށް ދަރަވަންދުއާއި ކަމަދޫގައި ކުޅޭ ކުޅިވަރުތައް މުޅިރާއްޖެއަށް ވަގުތުން ދުރަށް ދެއްކުމަށްވަނީ ނިންމާފަ އެވެ. ލައިވް ކޮށް ދުރަށް ދެއްކުމަށް ދަރަވަންދޫގައި، ހަރަކާތްތެރިވަނީ އެސްއެސްޓީވީ އެވެ. ކަމަދޫގައި ކުޅިވަރުތައް ލައިވް ކުރަނީ ޓީވީ އެމް އިންނެވެ.