އީދު ފާހަގަކުރަންވާނީ އެހެން މީހުން އީދު ފާހަގަކުރާގޮތް ކޮޕީ ކޮށްގެން ނޫން: ޚުތުބާ

356656088_577943457855472_4303008384477791562_n.jpg

އޭދަފުށީގައި މިއަދު ބޮޑު ޖަމާއަތުގައި ކުރެވުނު އީދު ނަމާދު

މުސްލިމުން އީދު ފާހަގަކުރަންވާނީ އެހެން މީހުން އީދު ފާހަގަކުރާގޮތް ކޮޕީ ކޮށްގެން ނޫން ކަމަށް މިއަދުގެ އީދު ޚުތުބާގައި ބަޔާންކޮށްދީފި އެވެ.

އީދު ޚުތުބާގައި ބުނެފައިވަނީ އިސްލާމް ދީނުގައި އީދަކީ ޝަހުވަތްތަކުގެ ފަހަތުން ދުވުން ނޫން ކަމަށާއި، އީދަކީ މާތް ﷲ ގެ ހައްދުތަކާއި ހުރުމަތްތައް ގިރާކުރުމަށް ހުޅުވޭ ދޮރެއް ނޫން ކަމަށެވެ. އިސްލާމްދީނުގައި އީދުތަކަކީ މާތްﷲ ގެ އަމުރުފުޅުތަކަށް ފުރިހަމަގޮތުގައި ކިޔަމަންގަތުމާއި ވިދިގެން އަންނަ ދުވަސްތަކެއް ކަމަށް ހުތުބާގައި ބުނެފައިވެއެެވެ.

އީދު ޚުތުބާގައި ބުނެފައިވަނީ އިސްލާމީ އީދަކީ އެކަނިވެރިޔާ އޭނާގެ އާއިލާގެ މަތިން، ފަގީރު މީހާ އޭނާގެ މުހުތާދުތަކުގެ މަތިން، ބީރައްޓެހިމީހާ އޭނާގެ ރައްޓެހިންގެ މަތިން އަދި ބިދޭސީ މީހާ އޭނާގެ ގައުމުގެ މަތިން ހަނދާން ކޮށްދޭ ދުވަހެއް ކަމަށެވެ. އަދި މިއަދަކީ އެންމެނަށް މާތް ﷲ ހަނދުމަވާންވީ ދުވަސް ކަމަށެވެ.

“އިސްލާމްދީނުގައި އީދު ފާހަގަކުރުމަކީ، ޝަހުވަތްތަކުގެ ފަހަތުން ދިއުމެއް ނޫނެވެ. އެއީ ﷲ ގެ ޙައްދުތަކާއި، ހުރުމަތްތައް ގިރާކުރުމަށް ހުޅުވައިލެވޭ ދޮރެއް ނޫނެވެ.” ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނެފައިވަނީ އިސްލާމް ދީނުގައި އީދުތަކަކީ ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމާ ވިދިގެން އަންނަ ދުވަސްތަކެއް ކަމަށެވެ.

މީގެއިތުރުން ޚުތުބާގައި ބުނެފައިވަނީ އީދު ދުވަހަކީ އުފާ ފާޅުކުރުމުގެ ދުވަހެއް ކަމަށާއި އެހެންނަމަވެސް މި އުފާ ފާޅުކުރަންވާނީ ﷲ ކަނޑައަޅުއްވާފައިވާ އިމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން ކުޅިވަރު ކުޅުމާއި، އުފާކުރުމާއި، ކެއިންބުއިމަކީ އީދުގެ އުފަލުގެ ބައެއް ކަމަށް ބުނެފައިވެއެވެ. އަދި އަހަރެމެން އީދު ފާހަގަކުރަންވާނީ އެހެން މީހުން އީދު ފާހަގަކުރާ ގޮތް ކޮޕީކޮށްގެން ނޫން ކަމަށްވެސް ބުނެފައިވެއެވެ.

މިއަދުގެ ޚުޡުބާގައި އިތުރަށް ބުނީ، އިސްލާމީ އުއްމަތް ކުރިއަރާނީ ކިޔަމަންތެރިކަން އިސްކޮށްގެން ކަމަށާއި، ކީރިތި ރަސޫލާގެ ސަހާބީންގެ ކުރިފުޅުމަތީގައި ދުނިޔެ ތިރިވެ، ކުޑަކަކޫ ޖަހައިލީ އެ ބޭކަލުންގެ ގައިކޮޅުގައި މި ސިފަތައް ހުންނެވުމުން ކަމަށެވެ.

” ރަސޫލާގެ ސަހާބީންގެ ކުރިފުޅުމަތީގައި ދުނިޔެ ތިރިވެ، ކުޑަކަކޫ ޖަހައިލީ އެ ބޭކަލުންގެ މުއްސަނދިކަމަކުން ނޫން. އެ ބޭކަލުންގެ ހަށިކޮޅުތައް ބިޔަވެފައި ވަރުގަދަ ކަމަކުންވެސް ނޫން. އެހެނަސް އެބޭކަލުން މާތް ﷲ އަށް ކިޔަމަންގަނެ އިޚްލާސް ތެރިވުމުގެ ސަބަބުން. އެބޭކަލުން އިޚްލާޞްތެރިކަމާއިއެކު އުއްމަތުގެ ކުރިއެރުމަށް މަސައްކަތް ކުރެއްވުމުން” އީދު ޚުތުބާގައި ބުންޏެވެ.

އަޟްހާ ޢީދަކީ ހައްޖުގެ މަތިވެރި އަޅުކަމާއި ގުޅިގެން އަންނަ އީދެކެވެ. މިއަހަރުގެ އަޟްހާ އީދު ނަމާދު، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޮށްފައިވާއިރު، މިފަހަރުގެ އަޟްހާ އީދު ޚުޡުބާ ޚާއްސަ ކޮށްފައިވަނީ، ކިޔަމަންތެރިކަން އަދާކުރުމުގެ މަތިވެރިކަމުގެ މައްޗަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top