އަބުލްބަޤާއު އައްރުންދީގެ އަންދަލުސް (މުސްލިމު އިސްޕޭނު) ގެއްލުމުގެ ހިތާމައިގެ ރުއިން

maxresdefault.jpg

އަންދަލުސް،ސްޕޭން--ފޮޓޯ :ގޫގުލް

ޢަބްދުލް ޣަފޫރު ޢަބްދުއްރަހީމް ގ.މަންޒިލް

ޅެންވެރިޔާއާއި ޅެން

‘ރަޘާއު އަލްއަންދަލުސް’ –އަންދަލުސް ގެއްލުމުގެ ހިތާމައިގެ ރުއިމުގެ އަޑު – މިޅެން ލިޔުއްވީ އަބޫ އަލްބަޤާއި އައްރުންދީ އޭ ކިޔުނު އަންދަލުސްގެ – މުސްލިމު އިސްޕޭނުގެ – ޝާއިރެކެވެ. އޭނާއާއި ބެހޭގޮތުން ތާރީޚުން އެނގެން އޮތީ މަދު މައުލޫމާތު ކޮޅެކެވެ. އޭނާގެ ނަމަކީ ސާލިޙު ބިން ޒައިދު ކަމާއި އަދި އުފަންވެ ވަޑައިގަތީ 1204މ. ގައިކަމާއި އަވަހާރަވީ 1285 ގައިކަމެވެ. އޭނާގެ ހަޔާތުގެ ބޮޑުބައި ހޭދަކުރެއްވީ ޤަރްނާޠާ (ގްރެނާޑާ) ގައި ރުންދާއޭ ކިޔުނު ރަށެއްގައި ކަމެވެ. އަދި އޭނާއަކީ ކުޅަދާނަ އަދީބެއްކަމާއި ޅެމާއި ނަޘްރުގެ ލިޔުންތައް ލިޔުއްވި ކަމެވެ. ނަމަވެސް، އޭނާގެ ލިޔުންތަކުގެ ތެރެއިން މަޝްހޫރުވެ، ފެންނަން އޮތީ، މިއަދު، އެޅެމެއްގެ ތަރުޖަމާ ހުށަހަޅާލަން ގަސްދުކުރާ ‘އަންދަލުސް ގެއްލުމުގެ ހިތާމައިގެ ރުއިމުގެ އަޑު’، މިޅެމެވެ. މިޅެމުގެ މާނަ ފަހުމްކޮށް ގަތުމަށް އެހީވެ ދިނުމުގެ ގޮތުން އަންދަލުސް އާއި ބެހޭ މައުލޫމާތު ކޮޅެއް ހުށަހަޅާލަން ގަސްދު ކުރަމެވެ.

އަންދަލުސް، މިނަން، ގިނަ މުއައްރިޚުންނާއި އަދި ބަހުގެ އަސްލު ދިރާސާ ކުރައްވާ އިލްމުވެރިން ދެކިލައްވާ ގޮތުގައި، ނެގިފައިވަނީ ‘ވަންޑަލްސް’ މި ލަފްޒުންނެވެ. މިއީ އުތުރު ޔޫރަޕްގެ ޖަރްމަނީ ގަބީލާއަކަށް ދެވިފައިވާ ނަމެކެވެ. މިގަބީލާގެ މީހުން އެއްދުވަސް ވަރެއްގައި ‘ހިސްޕޭނިޔާ’ – ލެޓިން ބަހުން އެއްދުވަސް ވަރެއް ގައި، އައިބީރިއާގެ ޖަޒީރާއަށް ކިޔުނުނަށް، މިތަނުގައި، އާދެ، މިހާރުގެ އިސްޕޭން އާއި ޕޯރޗުގަލް ހިމެނޭ ބައްރު ގައި- ވެރިކަން ކުރިއެވެ. އަދި، މީލާދީން އަށްވަނަ ގަރުނުގެ ކުރީކޮޅު އައިބީރީޔާގެ ޖަޒީރާ މުސްލިމުން ފަތަހަ ކުރުމަށްފަހު، އެ ގަބީލާގެ ނަމުން އަންދަލުސް ނަގައި، އައިބީރިޔާގެ ޖަޒީރާއަށް އަންދަލުސް އޭ ކިޔައި މުސްލިމުން ނަންދިނެވެ.

މުސްލިމުންގެ ވެރިކަން އަންދަލުސްގައި، ގާތްގަނޑަކަށް، 800 އަހަރު ވަންދެން ދެމިއޮތެވެ. މިލާދީ ސަނަތުން 711 އިން ފެށިގެން 1492ވަނަ އަހަރާއި ހަމައަށެވެ. މިވެރިކަން ކުރި ސަރަހައްދާއި އަދި ވެރިކަމުގެ ބާރު އޮތީ އެއް ސިފައަކަށް ނޫނެވެ. ޅެން ވެރިޔާގެ ޅެމުގައި އިޝާރަތް ކުރައްވައިފައިވާ ފަދައިން، އެކަން އެއްދުވަސްވަރެއްގައި އޮތީ ‘ވަރަށް ފުރިހަމަ ސިފައެއްގަ’ އެވެ. މުޅި އައިބީރީއާގެ ޖަޒީރާގައޭ ބުނެވޭ ކަހަލަ ސިފައެއްގަ އެވެ. އެޖަޒީރާގެ އުތުރުގެ ކުޑަ ސަރަހައްދެއް ފިޔަވައި މުޅި ޖަޒީރާގައެވެ. އަދި އެދުވަސް ވަރުގެ ބޮޑު ބާރެއްގެ ގޮތުގައިވެސްމެއެވެ. އެވެރިކަމާއި ތޮޅެ ވައްޓާ ނުލެވޭ ފަދަ ބާރުވެރި ސިފައެއްގައެވެ. މިސިފައިގައި ގާތްގަނޑަކަށް 300 އަހަރު ދެމި އޮތެވެ. ދެން، އަންދަލުސްގެ އުތުރުން ފެށިގެން، އެކި ހިސާބު ހިސާބު، މުސްލިމުންގެ އަތުން ބީވެ ގެއްލެމުން ދިޔައެވެ. އަދި، އަންދަލުސްގެ މުސްލިމުން ބައިބައިވެ، އެމީހުން، އަންދަލުސްގައި ތަފާތު ކުދި ދައުލަތްތައް އުފެއްދިއެވެ. މުރާބިތުންގެ ދައުލާތާއި މުވައްހިދުންގެ ދައުލަތެވެ. އަދި އަންދަލުސްގެ މުސްލިމުން އެއްކޮށް ބައިބައިވެ ކޮންމެ ބަޔަކުމެ ވަކި ދައުލަތެއް އުފައްދައި، އަންދަލުސްގައި ‘މުސްލިމުންގެ ‘ކުދި ކުދި ދައުލަތްތައް’ އޮތް ދުވަސްވަރެއްވެސް ދިޔައެވެ. އެންމެ ފަހުން މި ކުދި ކުދި ދައުލަތްތައް ވެސް އުވި ނެތެމުން ގޮސް، މީލާދީ ސަނަތުން 13ވަނަ ގަރުނުގެ ފެށޭ ހިސާބަށް އައިއިރު، އަންދަލުސްގައި އޮތީ މުސްލިމުންގެ އެއްމެ ދައުލަތެކެވެ. އައިބީރިޔާގެ ޖަޒީރާގެ ދެކުނު އައްސޭރީގައި އޮތް ކުޑަ ކުޑަ ޣަރްނާޠާއެވެ. މި ދައުލަތް ގާއިމު ކުރެވުނީ 1238ގައެވެ. މިދައުލަތަކީ ފުރިހަމަ މިނިވަން ކަން ލިބިގެން އޮތް ދައުލަތެއް ނޫނެވެ. މިދައުލަތް ގާއިމުވީ އައިބީރިޔާގެ ނަސާރާއިންގެ އެހީގައި ވާދަވެރި މުސްލިމު އެހެން ވެރިޔަކު ބަލި ކުރުމަށްފަހުއެވެ. އެހެންވެ، ޣަރްނާޠާ ވީ ނަސާރާއިންނަށް ޖިޒީ ދީގެން އެމީހުންގެ ބާރުގެ ދަށުގައި އޮތް ދައުލަތަކަށެވެ. މިފަދަ ނިކަމެތި ސިފައެއްގައި، ޣަރްނާޠާ، އާދެ، މުސްލިމު އިސްޕޭނުގެ އެންމެ ފަހު ދައުލަތް އިތުރު 250 ވަރަކަށް އަހަރު ދެމިއޮތެވެ. މިދައުލަތްވެސް، ވެރިކަމާ ހެދި މުސްލިމުންގެ އެއްބަޔަކު އަނެއްބަޔަކާއި އަރާރުންވެ ތަޅާފޮޅުމުގެ ސަބަބުން، އެންމެ ފަހުން، 1492ގައި ވެއްޓުނެވެ. އަދި، މުޅި އައިބީރިޔާ، ނަސާރާއިންގެ ބާރުގެ ދަށަށް ދިޔައެވެ.

މިޅެމުގައި، އަބޫ އަލްބަޤާއި ސިފަ ކުރައްވަނީ މުސްލިމުން ބަލިވެ، މުސްލިމުންގެ ދައުލަތް ވެއްޓިގެން ނެތިގެންދާ ތަނެވެ. ޣަރްނާޠާގެ ބައެއް އަމީރުން، މުސްލިމުންގެ ބައެއް ކިއްލާތަކާއި ރަށްތައް، އިސްޕޭނުގެ ރަސްރަސްކަލުންގެ ބާރުގެ ދަށަށް ދޫކޮށް ލެއްވުމުންނެވެ.  އެރަސްރަސްކަލުންގެ ރުހުން ހޯދުމާއި އަދި އެރަސްރަސްކަލުން، މުސްލިމު އަމީރުންގެ ވެރިކަން ދެމި އޮތަ ދޭނެކަމުގެ އުއްމީދުގައެވެ. މިއީ އަންދަލުސް މުސްލިމުންގެ އަތުން ގެއްލިދިއުމުގެ އިންޒާރެއް ކަމަށް އަބޫ އަލްބަޤާއި ދެކިވަޑައިގަތެވެ. މުސްލިމު ވެރިންގެ މެދުގައި އޮތް ސިޔާސީ ކޯޅުމާއި ތަޅާފޮޅުމާއި އަދި މުސްލިމުންގެ އަމީރުން، އެބޭފުޅުންގެ ވާދަވެރިން ބަލިކުރުމަށްޓަކައި އެބޭފުޅުންގެ ދުޝްމުނުންގެ އެހީއަށް އެދެމުން ދާތީއެވެ. އަދި، އެދުވަސްވަރު އުތުރު އެފްރިކާގައި އޮތް މުސްލިމު ދައުލަތެއް ކަމުގައިވާ ބަނޫ މަރީންގެ ވެރިންގެ ކިބައިން އަންދަލުސްގެ މުސްލިމުންނަށް އެހީގެ އަތެއް ފޯރުކޮށްދީ، އަންދަލުސް، މުސްލިމުންގެ އަތުން ގެއްލުނަނުދީ ބޭއްވުމަށް އެމީހުންގެ ކިބައިން އެދިފައިވެއެވެ.

ދެން ޅެމަށް ކަޅިއެއް އެއްލަމާތޯއެވެ. ޅެން ބިނާކުރެވިފައިވާ ގޮތް ބަލާލައި ޅެމުގެ ޖުމްލަ މާނަ ދެނެގަތުމަށްޓަކައެވެ.

ރަޘާއު އަލްއަންދަލުސް، މިޅެމުގައި 42 ބައިތު ހިމެނެ އެވެ. ޅެން ފެށިފައިވަނީ ފުރަތަމަ ހަ ބައިތުގައި ހިމެނޭ ހިކުމަތުގެ ބަސްކޮޅަކުންނެވެ. ދުނިޔޭގައި އެއްވެސް ކަމަކީ އެއްހާލެއްގައި ދެމި އޮންނާނޭ ކަމެއް ނޫންކަމާއި ކޮންމެ ކަމެއްވެސް ފުރިހމަ ވުމަށް ފަހު ދެން އެކަމަކަށް އުނިކަން އަންނާނޭކަމީ ތަބީއަތުގެ އާދަކަމާއި ދުނިޔޭގެ ގާނޫނުކަން، ބަޔާންކޮށް ދެމުންނެވެ.

މިއަށް ފަހު، ހަތްވަނަ ބައިތުން ފެށިގެން ބާރަވަނަ ބައިތުގެ ނިޔަލަށް، ފުރަތަމައަށް ބަޔާން ކުރެވުނު ހިކުމަތުގެ ބަސްކޮޅުގެ ހެކި ތާރީޚުގެ އަލީގައި ދައްކާފައި ވެއެވެ. ތާރީޚުގައި ނަން މަޝްހޫރު ވި ބައެއް ރަސްރަސްކަލުންނާއި އެރަސްރަސްކަލުންގެ ވެރިކަމަށް އިޝާރަތް ކުރަމުން ނެވެ. އެހުރިހާ ރަސްރަސްކަލުންގެ ވެރިކަންވެސް، ފުރިހަމަވެފައި ނެތި ދިޔަކަން ފާހަގަ ކޮށްދެމުންނެވެ.

ދެން، ތޭރަވަނަ ބައިތުން ފެށިގެން ހަތާވީސްވަނަ ބައިތުގެ ނިޔަލަށް، ޅެމުގެ މައިގަނޑު ވާހަކަ ހުށަހަޅާ ލެވިފައި ވެއެވެ. އަންދަލުސް ގެއްލެމުންދާ ވާހަކައެވެ. ރަށަކަށްފަހު ރަށެއް މުސްލިމުންގެ އަތުން ބީވެގެން ނެތިގެންދާ ވާހަކައެވެ. އަދި މިޔާއެކު އިސްލާމް ދީންވެސް އަންދަލުސް އިން ފޮހެވިގެންދާ ވާހަކައެވެ. އާދެ، މިސްކިތްތައް ފައްޅިތަކަށް ބަދަލުވެ، އެތަންތަނުގައި އީސާއީ ދީނުގެ ރަމްޒުތައްކަމުގައިވާ ރަނގަބީލުތަކާއި ސަލީބުތައް ފެންނަންހުރި ކަމެވެ. އަދި މިކަމުގެ ހިތާމައިގައި މިސްކިތްތަކުގެ މިހުރާބުތަކާއި މިމްބަރުތައް، އެއީ އިހުސާސެއް ނެތް ޖާމިދު އެއްޗެތި ކަމުގައިވިޔަސް، ގިސްލާ ރޯ ވާހަކައެވެ. އާދެ، މިކަމާއި ދެރަވެ، މުސްލިމުންގެ ހިތްތަކުގައި އަންދަލުސް ސަލާމަތް ކުރުމުގެ އިހުސާސް ވުމެއް އުފެއްދުމުގެ ބޭނުމުގައެވެ.

ދެން އަށާވީސްވަނަ ބައިތުން ފެށިގެން ޅެން ނިމެން ދެން ވަނީ ބަނޫ މަރީންގެ ވެރިންނާ މުޚާތަބުކޮށް އަންދަލުސް ސަލާމަތް ކޮށް ދިނުމަށް އެދި ގޮވާލާފައެވެ. އަދި، އެމީހުންގެ ހިތްތައް މަޑުމޮޅިކޮށް، އެހިތްތަކުގައި ދީނީ ޣީރަތް ތެރިކަމެއްގެ ހިލުމެއް ހިލުވާލެވޭތޯ މަސައްކަތް ކުރެވިފައިވެއެވެ. އިސްޕޭނުގެ ނަސާރާއިންގެ އަތްދަށަށް ދިޔުމުން، މުސްލިމުންގެ މީސްތަކުންނަށް ކަންތައްތައްވާ ގޮތް މިބައިގައި ސިފަކޮށްދެވިފައި ވެއެވެ. އެއްބަޔަކު އަޅުންގެ ގޮތުގައި ވިއްކާލެވޭ ވާހަކައެވެ. މަންމައާއި ދަރިފުޅުވެސް ވަކިކޮށްފައެވެ. އަދި، މީގެ އިތުރުން، އަންހެނުންގެ އިއްފަތް ފޭރިގަނެވޭ ވާހަކައެވެ. އަދި ޅެން ނިންމާލެވިފައި ވަނީ މި ކަމަށް އިޝާރަތްކޮށް، އެހީތެރި ކަމުގެ އަތެއް ފޯރުކޮށް ދިނުމަށް އެދިފައެވެ. މިފަދަ މަންޒަރުތައް  ފެނުމުން ކުޑަ ޒައްރެއްގެ މިންވަރުގެ އީމާންކަމާއި އިސްލާންކަން ހުރި މީހެއްގެ ހިތްވެސް، ހިތާމައިން ވިރިގެން ދާނެ ކަމުގައި ބުނަމުން ނެވެ. އާދެ، ދެން ރަޘާއު އަލް އަންދަލުސް، މިޅެން އޭގެ ދިވެހި ތަރުޖަމާއަކާއިއެކު ހުށަހަޅާލަމެވެ.

1   لـكل شـيءٍ إذا مـا تـم نقصانُ      فـلا يُـغرُّ بـطيب العيش إنسانُ

1   ކޮންމެ އެއްޗެއްވެސް ފުރިހަމަވުމަށްފަހު، ދެން އެއަށް އުނިކަން އާދެއެވެ. އެހެންވެ، ރަނގަޅު، ތަނަވެސް، ދިރިއުޅުމެއް ލިބިފައިއޮތުމުން، (އެކަން ދެމިއޮވެދާނެކަމަށް ހީކޮށް) އިންސާނާއަށް، މިކަން އޮޅުނަ ދީގެންނުވާނެއެވެ.

2   هـي الأمـورُ كـما شاهدتها دُولٌ      مَـن  سَـرَّهُ زَمـنٌ ساءَتهُ أزمانُ

2   ކަލެއަށް ފެނި ފާހަގަ ކުރެވިފައިވާ ފަދައިން، އުފަލާއި ހިތާމައަކީ އެނބުރެމުން ދައުރުވަމުން ދާ ކަންކަމެކެވެ. އިންސާނާ އުފާކޮށްދޭ ދުވަސްކޮޅެއް އަތުވެއްޖެނަމަ، (އެއަށްފަހު) އޭނާ ހިތާމައިގައި ޖައްސާ އެތައް ދުވަސްތަކެއް އާދެއެވެ.

3   وهـذه الـدار لا تُـبقي على أحد      ولا  يـدوم عـلى حـالٍ لها شان

3   މި(ދުނިޔެވީ) ގޮވައްޗަކީ އެކަކުގެ މައްޗަށް ވެސް (އަބަދު) އޯގާތެރިވެ ރަހުމުކުރާ ތަނެއް ނޫނެވެ. (މި ދުނިޔަވީ ގޮވައްޗަކު) އެއްވެސް (މީހެއްގެ، ނުވަތަ ބައެއްގެ) ހާލަތު، (ބަދަލުނުވެ،) އެއްގޮތެއްގައި ދެމިއެއް ނޯވެއެވެ.

4   يُـمزق  الـدهر حـتمًا كل سابغةٍ      إذا نـبت مـشْرفيّاتٌ وخُـرصانُ

4   މަޝްރަފިއްޔަ ކަނޑި*ތަކާއި ލޮންސިތަކުން ދަހަނާއަކަށް** ގެއްލުމެއް ނުދެވުނަސް، ޒަމާން ކޮންމެ ދަހަނާއެއްމެ އެއްކޮށްވީދައި ކުދިކުދިކޮށްލައެވެ.

* މަޝްރަފިއްޔަ ކަނޑިއަކީ ފަންވަރު ރަގަޅު، އެދުވަސްވަރު، އެންމެ މޮޅު ކަނޑި ކަމުގައި ހިމެނުނު ކަނޑިއެވެ.

** ސާބިޣާ މިތަނުގައި އިޝާރާތް ކުރަނީ ދަނގަޑުން ވިޔެ ތައްޔާރު ކުރެވިފައިވާ ހެދުމަކަށެވެ. އެއީ ހަނގުރާމަމަތީގައި ހަނގުރާމަވެރިޔާގެ ގައި ފޮރުވާން، އޭނާގެ ގަޔަށް މަހައިލާ ހެދުމެކެވެ. ކަނޑިއާއި ލޮންސިއާއި ތީރުގެ ހަމަލާތަކުން ދިފާއުވުމަށްޓަކައެވެ.

5   ويـنتضي  كـلّ سيف للفناء ولوْ      كـان  ابنَ ذي يزَن والغمدَ غُمدان

5   ކޮންމެ ކަނޑިއެއްމެ އޭގެ އުރައިން ނެގި (ބޭނުންކުރެވި، ދެން) ހަލާކުވެދެއެވެ. އެކަނޑީގެ ވެރިއަކީ ޔަޒިންގެ ފުތް ސައިފު (ސައިފު ރަސްގެފާނު) ކަމަށްވެފައި އަދި އެކަނޑީގެ އުރައަކީ ޣުމްދާނު (ސައިފު ރަސްގެފާނުގެ ގަނޑުވަރުކޮޅު) ވިޔަސް ވެހެވެ.

6   أيـن الملوك ذَوو التيجان من يمنٍ      وأيـن مـنهم أكـاليلٌ وتيجانُ؟

6   ޔަމަނުކަރައިގެ ރަސްކަންކުރެއްވި ތާޖުތަކުގެވެރި (ނަންހުރި) ރަސްރަސްކަލުން (މިއަދު) ކޮބާހެއްޔެވެ؟ އެރަސްރަސްކަލުންގެ އިސްތަށިފުޅުގައި އެޅުވުނު ތާޖުތަކާއި އިކުލީލުތައް* (މިއަދު) ކޮބާހެއްޔެވެ؟

*އިކުލީލަކީ، މީހަކަށް އިއްޒަތާއި ޝަރަފު ދިނުމުގެ ގޮތުން، ތާޖެއްގެ ސިފައިގައި މަލުން ނުވަތަ ފަތުން ގަތާލައި އޭނާގެ ބޮލުގައި އެޅުވޭ އެއްޗެކެވެ.

7   وأيـن مـا شـاده شـدَّادُ في إرمٍ      وأين ما ساسه في الفرس ساسانُ؟

7   އިރަމު ގައި ޝައްދާދު ބިނާކުރެއްވި އިމާރާތްތައް (މިއަދު) ކޮބާ ހެއްޔެވެ؟ ފާރިސްކަރައިގައި ރަސްކަން ކުރެއްވި ސާސާނު ދަރިކޮޅުގެ ރަސްކަން މިއަދު ކޮބާ ހެއްޔެވެ؟

8   وأيـن مـا حازه قارون من ذهب      وأيـن عـادٌ وشـدادٌ وقحطانُ؟

8   ގާރޫނު އެއްކުރިހާ ރަންތައް މިއަދު ކޮބާ ހެއްޔެވެ؟ އަދި އާދު އާއި ޝައްދާދު އަދި ގަޙްޠާނު(ގެ ބާރާއި މުއްސަނދިކަން މިއަދު) ކޮބާ ހެއްޔެވެ؟

9   أتـى عـلى الـكُل أمر لا مَرد له      حـتى قَـضَوا فكأن القوم ما كانوا

9   މިއެންމެންގެ މައްޗަށްވެސް އެއަށް ފުރަގަސްނުދެވޭނެ ތަގުދީރުގެ ނިޔާ އައީވެ. ދެން މިއެންމެން ވެސް ނެތިގެން ދިޔައީއެވެ. އަދި ކިއެއްތޯއެވެ! މި މީސްމީހުން ދުވަހަކު ދުނިޔޭގައި އުޅުނުހެން ވެސް (މިހާރަކު) ހިޔެއްނުވެއެވެ!

10  وصـار ما كان من مُلك ومن مَلِك         كما حكى عن خيال الطّيف وسْنانُ

10  އަދި (އިހުގައި) އޮތް މިފަދަ ރަސްރަސްކަލުންގެ ރަސްކަން ނިދިނުނިދި އޮންނަ މީހާގެ ހިތަށް ފެންނަ ކަހަލަ ހުވަފެނީ، ޚިޔާލީ، ފެނުމަކަށް ވެގެން ދިޔައީއެވެ.(ނުނިމޭ)

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top