ހަކުރަކީ ހަށިގަނޑަށް ބޭނުން ތެރި މާއްދާއެކެވެ. އެކަން އެންމެންނަށްވެސް އެނގެއެވެ. އެއީ ބޭނުން ކުރަން ޖެހޭވެސް އެއްޗެކެވެ. އެކަމަކު ކޮންމެ ކަމެއްގައިވެސް މިންވަރެއް މިންގަނޑެއް އޮންނަ ފަދައިން މިކަމުގައިވެސް މިންވަރެއް ކަނޑައެޅިފައި އޮވެއެވެ. އެމިންގަނޑު ފަހަނަޅައި ދިއުމުން އެ ހިސާބުން އެ ގޯސްވީއެވެ. ހަށިގަނޑުގެ ދިފާއީ ނިޒާމް ހަލާކުވާން ފަށަނީއެވެ. ނަތީޖާއަކަށްވަނީ ލޭމައްޗަށް ދިއުމާ ހަކުރުބަލި ޖެހުމާ ބަރުދަން އިތުރުވުމާ ހިތުގެ މައްސަލަތަކުގެ އިތުރުން ވެސް އެހެން ބަލިތައްޖެހުމެވެ. މިއީ އާއްމު ވާހަކަ ތަކެކެވެ. އެކަމަކު ހަށިގަނޑަށް ބޭނުންވާވަރަށް ވުރެ ހަކުރު އިތުރުވާނަމަ ޑިޕްރެޝަނަށް ދާ ވާހަކަ އަކީއާއްމު ނޫން އާ ވާހަކަ އަކަށް ވެދާނެއެވެ.
“ހެލްތު ލައިން” ގައިވާ ގޮތުން ހަށިގަނޑަށް ދުވާލަކު ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ހަކުރު ބޭނުން ކުރުމުން ޑިޕްރެޝަނަށް ދެއެވެ. ޚާއްސަކޮށް ފިރިހެނުންނެވެ.
ޑިޕްރެޝަނަށް ދިއުމުގެ އިތުރުން ވިސްނުމުގެ ބާރާއި ސިކުނޑި ބަލިކަށިވުމާއި ފިރިހެނުންގެ ޖިންސީ ދުޅަހެޔޮކަން ދަށްވެގެންދާ ކަމަށްވެސް ބުނެފައިވެއެވެ.
ލަންޑަން ޔުނިވަރ ސިޓީއިން 5000 ފިރިހެނުންނާ 2000 އަންހެނުން ބޭނުންކޮށްގެން ދިގު މުއްދަތެއް ވަންދެން (2005 އިން 2014 އާހަމައަށް ) ހެދި މި ދިރާސާއަށް ފަހު ރިޕޯޓު ކޮށްފައިވާ ގޮތުގައި ދުވާލަކު 60 ގްރާމް ނުވަތަ އެއަށް ވުރެ އިތުރަށް ހަކުރު ބޭނުން ކުރި 23 އިންސައްތަ މީހުންގެ ސިކުނޑީގެ ބަލިތައް އެހެން މީހުންނަށްވުރެ އިތުރުވެގެން ދިޔައެވެ.
އެހެންވީމާ ހަކުރު ބޭނުން ކުރަން ޖެހެނީ ދުވާލަކު ކިހާވަރަކަށް ހެއްޔެވެ؟
އެމެރިކަން ހާޓް އެސޯސިއޭޝަނުން ބުނަނީ ފިރިހެނުން ދުވާލަކު ބޭނުން ކުރަންވާނީ 150 ކެލޮރީގެ ހަކުރު ކަމުގައެވެ. އެއީ 37.5 ގްރާމް ނުވަތަ 9 ސައި ސަމުސާ އެވެ. އަންހެނުން ދުވާލަކު ބޭނުންކުރަން ވާނީ 25 ކެލޮރީސްގެ ހަކުރެވެ. އެއީ 25 ގްރާމް ނުވަތަ 6 ސައިސަމުސާއެވެ.
އެހެންނަމަވެސް ރަނގަޅު ސިއްހަތުގައި ގަވާއިދުން ހެލިފެލިވެ ކަސްރަތު ކުރާ މީހެއްނަމަ އެމީހަކު ކެލޮރީ އަންދާ ވަރެއްގެ ނިސްބަތުން ހަކުރު ބޭނުން ކުރުން އިތުރު ކުރެވިދާނެކަމަށް ބުނެފައިވެއެވެ..