ޑައުންޓައުން އަންހެން ފުޓްސަލް މުބާރާތް މިފަހަރު މުޅިއަތޮޅަށް ހުޅުވާލައިފި

DSC_3001-1-800x531-800x531.jpg

ޑައުންޓައުން އަންހެން ފުޓްސަލް މުބާރާތުގެ ތެރެއިން / އީވީ ފައިލްފޮޓޯ

އޭދަފުށީ އަމިއްލަ ޖަމްއިއްޔާއެއްކަމުގައިވާ ކްލަބް ޑައުންޓައުން އިން ކޮންމެ އަހަރަކުވެސް އަޟްހާ އީދާ ދިމާކޮށް އޭދަފުށީގައި ބާއްވާ އަންހެން ފުޓްސަލް މުބާރާތް މިއަހަރު މުޅިއަތޮޅަށް ހުޅުވާލައިފިއެވެ.

2016 ވަނައަހަރުން ފެށިގެން އޭދަފުށީގައި ބާއްވަމުން އަންނަ މިމުބާރާތް މިދިޔަ ތިން އަހަރު ބޭއްވީ އޭދަފުށީގެ ޓީމްތަކަށް ހުޅުވާލައިގެންނެވެ.

ގިނަބަޔަކު އިންތިޒާރު ކުރަމުންއަންނަ ފޯރިގަދަ މިމުބާރާތް އިންތިޒާމްކުރާ ޑައުންޓައުންގެ ރައީސް އަލީ އަޝްރަގް (އަޖޭ) ބުނީ މިފަހަރުގެ މުބާރާތް އަތޮޅަށް ހުޅުވާލަން ނިންމީ ރަށްރަށުން ވަރަށް ބޮޑަށް އެދެމުން އަންނާތީކަމަށެވެ.

“މިދިޔަ އަހަރުވެސް ރިކުއެސްޓް އައި ބައެއް ރަށްރަށުން ފެހެންދޫ، ގޮއިދޫ، މާޅޮސް އަދި ދަރަވަންދޫ ކަހަލަ ރަށްރަށުން. އެހެންވީމާ މެނޭޖްމަންޓުން ނިންމީ މިފަހަރު އަތޮޅުގެ ރަށްރަށަށް ފުރުސަތު ހުޅުވާލަން” އަޖޭ ބުންޏެވެ.

އަޖޭ ބުނީ މިފަހަރުގެ މުބާރާތުގެ ގަވާއިދަށް ބޮޑު ބަދަލެއް ގެނެސް ބިދޭސީ ކުޅުންތެރިންނަށް ފުރުސަތު ނުދޭން ނިންމާފައިވާކަމަށާ، އެހެންހެދީ ދިވެހި ކުޅުންތެރިންނަށް އިތުރު ފުރުސަތުތައް ހޯދާދީ، ހުނަރު ތަރައްޤީކުރަން ފުރުސަތު ދިނުމުގެ ގޮތުންކަމަށެވެ.

“ޓީމްތަކުންވެސް ބޭނުންވަނީ ބިދޭސީ ކުޅުންތެރިން ނުހިމެނޭގޮތަށް ގަވާއިދު ބަދަލުގެންނަން. މިހެން ހެދީމަ ބައިވެރިވާ ޓީމްތަކުގެ އަދަދުވެސް އެބަގިނަވޭ. ފުރުސަތުވެސް ލިބޭލެއް އިތުރުވޭ”

ޑައުންޓައުން އިން ބުނީ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން އޮގަސްޓްމަހުގެ އެއްވަނަ ދުވަހުގެ ކުރިން އެޖަމްއިއްޔާއަށް ހުށައަޅަންޖެހޭނެކަމަށެވެ. މުބާރާތާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އެޖަމްއިއްޔާގެ މެމްބަރ ހަސީބް (9922040) އަދި ތަސްނީފް (9944776) އަށް ގުޅުމަށް ޑައުންޓައުން އިން އެދެއެވެ.

ޗެމްޕިއަން ޓީމަށް -/10000 ރުފިޔާ ރަނަރަޕް ޓީމަށް -/5000 ރުފިޔާ ކަނޑައަޅާފައިވާ މިމުބާރާތުގެ އެންމެ ފަހުގެ ޗެންޕިއަންއަކީ އިރުމަތީ ލަވާސްއެވެ. 2016 އަދި 2017 ވަނަ އަހަރުގެ ޗެންޕިއަން މަގޫ ސްޓާ މިއަހަރުގެ މުބާރާތުގައި ވާދަނުކުރާނެކަން މާކުރިންވަނީ އިޢްލާންކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top