ފުރަބަންދުގެ މުއްދަތު އިތުރުކޮށްފި

big_wTeYW6XMNXDEO4ETpJxwbnJyD.jpg

މާލެ --ފޮޓޯ :އަވަސް .އެމްވީ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަހައްދުގެ ފުރަބަންދުގެ މުއްދަތު 14 ދުވަހަށް އިތުރުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީގެ އިރުކޮޅެއް ކުރިން ނެރުނު އެންގުމެއްގައި ވަނީ މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް އެންގި އެންގުމުގެ މުއްދަތު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މި މުއްދަތު އިތުުރު ކުުރުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށް އެ އެންގުމުގައި ވެއެވެ.

މާލެއިން ކޮވިޑް ޖެހިފައި ހުރި މީހަކު ފެނުމުން މާލެ، ވިލިމާލެ އަދި ހުޅުމާލެ ފުރަތަމަ ލޮކްޑައުން ކުރީ މިމަހުގެ 15 ވަނަ ދުވަހު 24 ގަޑިއިރަށެވެ. ނަމަވެސް އެ މުއްދަތު އިތުރު 24 ގަޑިއިރަށް ދަންމާލުމަށްފަހު މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ލޮކްޑައުން އިތުރުކުރި އެވެ.

އެ މުއްދަތު މާދަމާގެ މެންދުރަށް ހަމަވާއިރު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އިއުލާނެއްގައި ބުނީ، މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މަގުމައްޗަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް އެންގި އެންގުމުގެ މުއްދަތު 14 ދުވަހަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 14 ދުވަހުއެވެ.

ލޮކްޑައުންގެ މުއްދަތުގައި މާލެ ސަރަހައްދުގައި ޕަބްލިކް ޓްރާންސްޕޯޓް (ބަހާއި ފެރީ)ގެ ހިދުމަތް ދިނުމާއި މާލެ، ހުޅުމާލެ، ވިލިމާލޭގެ އިތުރުން ތިލަފުއްޓާއި ގުޅީފަޅަށް މީހުން އަރައި ފޭބުން މަނާވާނެ އެވެ.

ނަމަވެސް ސިފައިންނާއި ފުލުހުން، ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު، އެމްބިއުލާންސް، ނޭޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ފާސް ލިބިފައިވާ ފަރާތްތަކާއި މީޑިއާތަކުގެ އިތުރުން ފުލުހުން ހުއްދަދޭ ފަރާތްތައް މިފިޔަވަޅުތަކުން އިސްތިސްނާވާނެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top