ކޮވިޑް -19: މޮނިޓަރިން ހާލަތުގައި ނެތް ރަށްރަށަށް އިތުރު ލުއިތަކެއް.

DSCN2027.jpg

ކޮވިޑް-19 އާގުޅިގެން މޮނިޓަރިންގ ހާލަތުގައި ނެތް ރަށްރަށަށް އިތުރު ލުއި ތަކެއް ދޭން ނިންމައިފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މާލެ، ވިލިމާލެ އަދި ހުޅުމާލެ ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވަކި ގޮތެއް އަންގަންދެން ތިން ފިޔަވަޅެއް އެޅުމަށް ވަނީ ނިންމައިފައެވެ.

މިގޮތުން އެޅި އެންމެ މުހިއްމު ފިޔަވަޅަކީ މޮނިޓަރިން ހާލަތަށް ގެނެވޭ ރަށްތަކާއި މޮނިޓަރިންގެ ހާލަތު ނިމުމަށް ގެނެވިފައިވާތާ 14 ދުވަސްނުވާ ރަށްރަށް ފިޔަވައި އެހެން ރަށްރަށުގައި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކާ އެކު އާންމު ހިދުމަތްތައް ދިނުމުގެ ހުއްދަ ދިނުމެވެ. މި ހުއްދައާއެކު އިޖުތިމާއީ ހަރަކާތްތަކާއި އިގްތިސާދީ ހަރަކާތްތައް ހިންގުމާއި ދިރިއުޅޭ ރަށުގެ އެއް ތަނުން އަނެއް ތަނަށް ދެވޭނެ އެވެ.

ނަމަވެސް ޒަރޫރީ ބޭނުންތަކަށާއި ސިއްހީ ފަރުވާ ހޯދުމަށްޓަކައި މެނުވީ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން ހުއްޓާލަން އެޗްޕީއޭ އިން ވަނީ އަންގައިފައެވެ.

މި ހާއްސަ ހާލަތުގައި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެ ނޫން ވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން ވިލަރެސް ކުރަން ވާނެ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ކޮވިޑަށް ރާއްޖެ އިން މިހާތަނަށް 1513 މީހަކު ޕޮޒިޓިވްވެފައިވާއިރު 242 މީހަކު ވަނީ އެ ބަލިން ފަސޭހަވެފަ އެވެ. އަދި ކޮވިޑް ޖެހިފައިވާ ފަސް މީހަކު ވަނީ މަރު ވެސް ވެފަ އެވެ.

ކޮވިޑް ބަލީގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުނަށާއި ބޮޑެތި ބަލިތަކަށް ބޭސް ކުރާ މީހުނަށެވެ. އެގޮތުން އެ ބަލީގައި މަރުވި ފަސް މީހުންގެ ތެރޭގައި ހިމެނޭ ދެ ދިވެހިންނަކީ ވެސް އުމުރުން ދުވަސް ވެފައިވާ ދެމަފިރިންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top