ލޯބި، އިންޑޮނޭޝިއާ އިން އޭދަފުއްޓަށް !

މިއާ-ކަވަރ-.jpg

(ގައްޔޫމް، ނަސީރު )

މިއީ މިގަރުނުގައި އޭދަފުށީގައި ހިނގާދިޔަ ލޯބީގެ އެންމެ ރީތި ވާހަކައެވެ. ދިވެހިރާއްޖޭގައި ލޯތްބަށްޓަކާ ގުރުބާން ވެދިޔަ ދޮންހިޔަލައާއި އަލިފުޅުގެ ވާހަކައިގެ ދެވަނަ ޗެޕްޓަރުކަމަށް ބަލަމާ ހިނގާށެވެ. ތަފާތަކީ އަލިފުޅާއި ހިޔަލައަކީ ލޯބީގެ މިސާލެއްކަމަށް ވިޔަސް ޚިޔާލީ ވާހަކައެކެވެ. އެކަމަކު މިއީ ހަގީގީ ހާދިސާއެކެވެ. ދައްތައަށްޓަކާ ކޮއްކޮއެއްގެ ދިރިއުޅުން ގުރުބާން ކޮށްލި އަސަރުގަދަ ލޯބީގެ ވާހަކައެވެ.

އެއީ 1995ވަނަ އަހަރެވެ. އިންޑޮނޭޝިއާގެ ބަނދަރުމަތީ ރަށެއްގެ ކުޑައަވަށެއްގައި ދިރިއުޅޭ ހަސްމިޔާ ނުވަތަ ”މިޔާ” ގެ ކުޑަކުޑަ ދުނިޔޭގައި މާގިނަ އެއްޗެއް ނެތެވެ. މާގިނަ ބޭނުން ތަކެއްވެސް ނެތެވެ. ކުރިމަގަށް ކުރެވޭ އުފާވެރި އުއްމީދުތަކެއްވެސް ނެތެވެ. އެއަށްވުރެ އެމީހުންގެ ދުނިޔެ މާކުޑައީއެވެ. އެކަމާ ޚިޔާލުކޮށްލެވޭ ވަރަށްވުރެ މާ ޅައީއެވެ. ގޭގެ ހަތަރުފާރުން ބޭރަށް ނުކުމެ އުޅެނީ ކައިރީގައިހުރި ސްކޫލަށް ދާށެވެ. ދެން ބައެއްފަހަރު ބައްޕަ މަސައްކަތް ކުރާ ނޫޑްލްސް ފެކްޓަރީއަށް ބައްޕައަށް އެހީތެރި ވުމަށެވެ. ދުވަހު ފުރާގު ނޫން އިތުރު ކަމެއް ބޭނުންނުވާ މިޔާގެ ކުޑަކުޑަ މިއާއިލާގައި ހިމެނެނީ ބައްޕައާއި މަންމަގެ އިތުރުން ދައްތަ އާއި ބޭބެއެވެ.

މިޔާ (ހަސްމިޔާ)އަށް، އޭދަފުށީ އިބޫ (އިބްރާހީމް ހަސަން) ފުރަތަމަ ފެނުނީ ދައްތަގެ އެކުވެރިއެއްގެ ގޮތުގައި އެ ގޭތެރެއިންނެވެ. ކުލައާއި އިސްކޮޅުގެގޮތުން އަދި ނަސްލީ ގޮތުންވެސް ތަފާތު މި ބީރައްޓެހި، ބޯޓު ދަތުރުކުރާ ޒުވާނާއާއި މިޔާގެ ޒުވާން ދައްތަގެ ގުޅުމަކީ އާދައިގެ ގުޅުމެއް ނޫންކަން ގޭ އެންމެންނަށް އެނގުނަސް މިޔާއަށް އެކަން ރޭކާލީ ދުވަސްތަކެއްގެ ފަހުންނެވެ. މުޅި އާއިލާ އިބޫއާ މެދު ބަހައްޓާ މެހްމާންދާރީއަކީ އާދައިގެ ގުޅުމަކަށްވުރެ ފުން އަދި މައުނަވީ ގުޅުމެއްކަން މިޔާ އަށް އެނގުނީ ދައްތައާއި އިބޫގެ ކައިވެނީގެ ވާހަކަ ގޭތެރޭގައި ދެކެވެމުންނެވެ. އެކަމަކު އޭރު ދައްތައާ އިބޫއާއެކު މަޖާކުރުމާ ސަކަރާތް ގަތުމުގައި މިޔާވެސް ބައިވެރިވެއުޅޭތީ އެދެމެދުގައި ބީރައްޓެހިކަމެއް ނެތެވެ.

ކައިވެނީގެ ފަހުން ލީނާ، އޭނާގެ ބިދޭސީ ފިރިމީހާއާއެކު އެހެން ރާއްޖެއަކަށް ދިއުމަކީ މިޔާއަށް ފުން އަަސަރެއް ކުރުވި ކަމެކެވެ. ވާހަކަވެސް ނާހާ ރާއްޖެއަކަށް، ފަސޭހައިން ނުދެވޭހައި ދުރަށް، އޭނާގެ ހުރި ހަމައެކަނި ދައްތަ ދިއުމަކީ ހިތި އަސަރެއް ކުރުވި ކަމެކެވެ. ނަމަވެސް މަންމަގެ ބަސްތަކުން އޭނާއަށް ހަގީގަތާ ހަމައަށް އާދެވުނެވެ. މަންމަ ބުނަނީ މިހެންނެވެ. އަންހެނުންގެ ދެވަނަ ނަމަކީ މަޖްބޫރީއެވެ. އަންހެން ކުދިންނަކީ އަމިއްލަ ގެ ދޫކޮށްލާފައި ކޮންމެވެސް ދުވަހަކުން ފިރިމީހާގެ ގެއަށް ދާންޖެހޭނެ ބައެކެވެ. އެގޮތުން މިއާވެސް އެއް ދުވަހަކުން މި ގެއާ މަންމައާއި ބައްޕަ ދޫކޮށް ދާން ޖެހޭނެކަން މަންމަ ވިސްނައިދިނެވެ.

ދައްތަ (ލީނާ) ހިނގައްޖެ އެވެ. ފިރިމީހާއާއެކު އޭނާގެ ރަށް، އޭދަފުއްޓަށެވެ. އޭރަކީ މިހާރުހެން ފަސޭހައިން މުވާސަލާތީ ގުޅުން ގާއިމްވެފައި އޮތް ދުވަސްވަރަކަށް ނުވާތީ ދައްތައާއި ގުޅުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. އަގު ބޮޑު ކަމެކެވެ. އެހެންނަމަވެސް މަދުމަދުން ގުޅައިގެން ހާލު ބަލައެވެ. ދައްތަ އުޅެނީ އުފަލުގައެވެ.

ކައިވެންޏަށް ފަހުވެސް އިބޫ ޅިޔަންބެ އުޅުނީ ބޯޓު ދަތުރު ކުރާށެވެ. ބޯޓު އިންޑޮނޭޝިއާއަށް އަންނަ ކޮންމެ ފަހަރަކު އިބޫ ގެ ގެއަކީ އެއީއެވެ. ދިރިއުޅުމުގެ ގާފިލާ ދަތުރުކުރަމުން އައީ މިގޮތަށެވެ.

ތިން އަހަރު ފަހުން ލީނާ، މައިންބަފައިންނާ ބައްދަލު ކޮށްލަން އިންޑޮނޭޝިއާއަށް ދިޔައީ އެއީ އެމީހުންގެ ފަހު ދަތުރުކަން އެނގިގެން ނޫނެވެ. އެމީހުންގެ ދެއަހަރުގެ އަންހެން ދަރިފުޅު ނުހާ ވެސް ގޮވައިގެން އާއިލާ އާއެކު ދުވަސް ކޮޅެއް ހޭދަކޮށްލުމަށް ފަހު އެނބުރި އަންނާށެވެ. އެކަމަކު ތަގްދީރުގެ ނިންމުން އޮތީ އެހެން ގޮތަކަށެވެ. އެދަތުރު ވެގެން ދިޔައީ ލީނާ އާއި އިބޫގެ އުފާވެރި ދިރިއުޅުމުގެ ނިމުމަށެވެ.

”އެތަނުގައިވެސް ބޮޑުއީދު ދުވަހު ރާއްޖެއެކޭ އެއްގޮތަށް ވަރަށް ގަދައަށް ކައްކާނެ. އެދުވަހު  މެންދުރު ކައިގެން އަންހެނުންނަށް ހޮޑުލެވި އުނދަގޫ ތަކެއް ވާން ފެށީ. މިޚަބަރު އަހަންނަށް ލިބުނީ ސައުތު އެމެރިކާގައި ހުއްޓާ. އޭގެ ތިން ދުވަސް ފަހުން އަންހެނުންގެ ގާތަށް އައިއިރުވެސް ވާނުވާ ނޭނގޭ ހާލުގައި އޮތީ. ޑޮކްޓަރުންގެ ފަރުވާއަށް ލުޔެއް ނުލިބި އޭނާ ދިޔައީ ވޭން އުފުލަމުން.” އިބޫ ބުންޏެވެ.

އިބޫގެ ޗުއްޓީ ހަމަވެގެން ވަޒީފާއަށް އެނބުރި ފުރައިގެން ދިޔައިރުވެސް ލީނާ އުޅުނީ ބަލިވެއެވެ. ތިން މަސްފަހުން އެބަލީގައި ދުނިޔެ ދޫކުރީއެވެ.

ކައިވެނީގެ މީރުކަން މުޅިން ނުކެނޑި އޮއްވާ އަނބިމީހާ ދުނިޔެ ދޫކުރުމުން އިބޫގެ ޒުވާން ހޔާތަށް ކުއްލި އަނދިރި ކަމެއް މެދުވެރިވެގެން ދިޔައެވެ. އެދެމަފިރިންގެ ލޯބީގެ ނިޝާން ކުޑަކުޑަ ނުހާއަށް ެން ވާނެ ގޮތަކާމެދު ފުންކޮށް ވިސްނަން ޖެހުނެވެ.

ނުހާ އާމެދު އިބޫއަށް ވުރެ ބޮޑަށް ވިސްނީ އަންހެނުންގެ އާއިލާއިންނެވެ. އެ އާއިލާ ބޭނުންވީ ނުހާ އެމީހުންގެ ބެލުމުގެ ދަށުގައި އިންޑޮނޭސިޔާ ގައި ބަހައްޓާށެވެ.

އިބޫއަށް އެގޮތް ގަބޫލު ކުރެވިދާނެ ހެއްޔެވެ؟ އެމީހުންގެ ކައިވެނީގެ ނިޝާން، ދޫކޮށްލާފައި ހުސްއަތާ އެނބުރި ރާއްޖެއަށް ދެވިދާނެ ހެއްޔެވެ؟

މިޚިޔާލުގައި ދެކަފިވެ އިބޫއަށް ދާނެ ދިމާއެއް ނޭނގިހުއްޓާ މިކަން ހައްލު ކޮށްދިނީ މިޔާގެ އާއިލާއިންނެވެ. އެމީހުންގެ އާދަކާދައާ އެއްގޮތަށް މަރުހޫމް ދައްޔތަގެ އެއްބަނޑު އެއްބަފާ ކޮއްކޮ، މިޔާ، އިބޫއާއި ކައިވެނި ކުރުވީއެވެ. އެގޮތް އިބޫ ގަބޫލުކުރީ އޭނާގެ ދަރިފުޅަށް މައެއްގެ ލޯބި ދީގެން ބޮޑުކުރެވޭނެ އެންމެ މޮޅު ގޮތަކީ އެދަރިފުޅުގެ ބޮޑުދައިތަ މިޔާ ކަމަށް ވާތީއެވެ.

މިޔާ، އިބޫ އާއި ކައިވެނި ކުރީ މިޔާގެ އުމުރުން 18 އަހަރުގައެވެ. ޅިޔަނާ ކައިވެނިކުރަން މިއާ ގަބޫލުވީ މަޖުބޫރަކުން ނޫނެވެ. އުފަލަކުންވެސް ނޫނެވެ. އެނޫން ގޮތެއް ނެތީއެވެ. މައިންބަފައިންގެ ނިންމުމެވެ. އޭނާގެ ލޮލުން އެންމެ ކަރުނަ ތިއްކަކަށްވެސް އޮހުމުގެ ހުއްދައެއް ނުދީ އޭނާގެ މުސްތަގްބަލް މަރުހޫމް ދައްތައަށް ޓަކައި ގުރުބާން ކުރީއެވެ. ކުޑައިރުގެ އެކުވެރިންނާ އޭނާގެ ފަހަތުން ފާރަލަމުން އައި ޒުވާން ކުދިންގެ އާދޭސްތަކާއި އެދުންތަކުގެ ކުރިމަތީގައި ފިސާރި ކެރިގެން ނޫނެކޭ ބުނެފަ އެވެ.

އޭނާގެ ހުރިހާ ކަމެއް ވާނެގޮތެއް ވާން ތަގުދީރާ ހަވާލުކޮށްފައި އިބޫއާ އިނދެގެން އައީ އޭދަފުއްޓަށެވެ. ބީރައްޓެހި ދުނިޔެއެކެވެ. އާދަކާދައާއި ކެއުމާއި އުޅުމާއި ގުޅުންތައް އުޑާ ބިމާހައި ތަފާތު ވެއްޓެކެވެ.

އުނދަގޫވި ކަމަކީ އެއީއެވެ. ދިރިއުޅުމުގައި ފުރަތަމަ ފަހަރަށް މައިން ބަފައިންނާއި އެކުވެރިންގެ މަތިން ހަނދާންވެ ދަތްދޮޅިގައި އަތް ވިދި އެކަނިވެރިކަމުގެ އިހުސާސްތަކުން ލޮލުގައި ހިފެހެއްޓި ކަރުނަތަކަށްވެސް އޮބި އޮންނަ ވަރެއް ނުވިއެވެ.

”އެންމެ އަޖައިބުވީ ރަށުގެ ހިމޭންކަމާ މީސްކޮޅު މަދުކަން. އިންޑޮނޭޝިއާގައި ކައިބޮއި އުޅުނު އެއްޗެތި ނުލިބުމަކީވެސް ލިބުނު ހިތާމައެއް. އެކަހަލަ ކެއުމެއް ތައްޔާރު ކުރަން ބޭނުންވާ އެއްޗެއް ފިހާރަތަކުގައި ވިއްކަން ވެސް ނުހުރޭ. އެހެންވީމާ ކައި އުޅުނީ މުޅިންވެސް ނޫޑުލްސް. ދެން ތަރުކާރީއާ ބިސްގަނޑު. ދެން ރަތްމަސް ލޮނު އަޅާފަ އަވީގައި ބެހެއްޓުމަށް ފަހު ރަނގަޅަށް ސީރާ ވުމުން ތެއްލައިގެން ސަންބޯލް ހަދައިގެން.“ ފުރަތަމަ ދުވަސްކޮޅު އުޅެން ޖެހުނު ގޮތުގެ ހަނދާންތައް އާކުރަމުން މިޔާ ކިޔައިދިނެވެ.

ފަހުން ބަނބުކޭލު ތޮއްޓާއި ތޮޅި އާއި ބައެއް ވައްތަރުގެ ފަތްޕިލާވެލިން ސޫޕް ހަދައިގެން ވެސް އިރުކޮއްތު ހަމަޖެއްސި އެވެ.

އަނެއް އުނދަގުލަކަށް ދިމާވީ ވާހަކަ ދެއްކުމެވެ. ދިވެހިބަހާ އިނގިރޭސި ބަސް ނޭނގުމުން ދެން ޖެހުނީ އިޝާރާތުން ވާހަކަ ދައްކާށެވެ. މިގޮތުން ދައްކާ ވާހަކަ ދޭހަ ކޮށްދެވެނީ ވެސް ގިނަ ފަހަރު ވަރަށް އުނދަގުލުންނެވެ.

މިޔާގެ މި ނުކުޅެދުންތެރިކަމަށް އެހީވާން ގޭމީހުންނާ އަވައްޓެރިން ނުކުތެވެ. ބައިވަރު ވައްތަރުގެ ކާއެއްޗެތި ގެނެސްދިނެވެ. ދިވެހިބަހުން ވާހަކަ ދައްކަން ދަސްކޮށް ދެވޭތޯ މަސައްކަތް ފެށިއެވެ. އެހެންވިޔަސް މިޔާ އަށް މި ބީރައްޓެހި ދިރިއުޅުމާމެދު ގަޔާވާގޮތެއް ނުވެވުނެވެ. ކަނތައް މިހެން ދިމާވުމުން މާބޮޑަށް މަންމައާއި އަމިއްލަ ގައުމު މިސް ވަނީއެވެ. ބޭނުންވީ އެނބުރި އިންޑޮނޭޝިއާއަށް ދާށެވެ. އިބޫއާ ނުހާ ގޮވައިގެން އެތަނުގައި ދިރިއުޅޭށެވެ.

“އެކަމަކު އެއީ ޚަރަދުބޮޑު ކަމަކަށް ވެފައި އިބޫ ގަބޫލުނުވީމާ ކޮންމެ ހާލެއްގައި އުޅެން ޖެހުނަސް އޭދަފުށީގައި ދިރިއުޅެން ނިންމީ.“ރީތި ދިވެހި ބަހުން މިޔާ ބުންޏެވެ.

ކުޑަ ދުވަސްކޮޅެއް ފަހުން އޭނާއާއި އިބޫގެ ފުރަތަމަ ދަރިފުޅުވެސް އުފަންވީއެވެ.

މިޔާ، މަޑުމަޑުން ދިވެހި އާދަތަކަށް ހޭލެވެން ފެށިއެވެ. އަވައްޓެރިން ގެންނަ ފާޑުފާޑުގެ ދިވެހި ކެއުންތައް ކަމުދާން ފެށިއެވެ. އޭގެ ތެރެއިންވެސް ލޮނުމިރުސް ވެގެން ދިޔައީ މިޔާއަށް މާމީރު އެއްޗަކަށެވެ.

“އެހުރިހާ އެއްޗަކަށްވުރެ އަދިވެސް ދިވެހި ކެއުންތަކުގެ ތެރެއިން އެންމެ މީރީ މާމަ (މައިދައިތަ) ފުނޑައިގެން ކައްކާ މަސް ރިހަ.“ މިޔާ ބުންޏެވެ.

މާމަ މީރުކޮށް ކައްކާ ފުނޑިރިހަ އާއި ބަތާ ފިހުނުމަހާ މިހެންގޮސް ސެޓް ހަމަކޮށް އިބޫމެންގެ އާއިލާ އެއްކޮށް އެއްތަށި މަތީގައ ނިކަން މީރުކޮށް ކާތަން ބަލަން މިޔާއަށް ހުރެވެއެވެ. ކެއުމުގެ ސުފުރާ އަކީވެސް އާއިލީ ގުޅުން ބަދަހިކުރުމަށް ހާދަހާ ފައްކާ ތަނެކޭ ހިތަށް އަރައެވެ. މިއާގެެ މަންމަމެން ތައްޔާރުކޮށް އުޅުނު އިންޑޮނޭޝިޔާގެ ތަފާތު މީރު ކެއުންގަނޑުތައް ތައްޔާރުކޮށް މިސުފުރާއަށް ގެނެސް އިބޫމެން ދަހިކޮށްލަން ބޭނުންވީ މި މަންޒަރު ބަލަން ހުރެފައެވެ.

އެކަމަށް ބޭނުންވާ އިންގްރީޑިއަންޓްސް ރަށުން ލިބެން ނެތުމުން މާލެ ގޮސް ސުޕަމާކެޓް ތަކުން އެއްޗެތި ހޯދިއެވެ. މަންމައަށް ފޯނުކޮށްގެން އިތުރު މައުލޫމާތު ހޯދައިގެން އިންޑޮނޭޝިއާގެ މަޝްހޫރު ނާސިގޮރޭން އާއި ބާމިގޮރޭންއާއި ފާޑުފާޑުގެ ބަތް ގަނޑާ އިންޑޮނޭޝިއަން ސްޓައިލް ބިރިޔާނީ އޭދަފުއްޓަށް ތައާރަފު ކުރިއެވެ. ފުރަތަމަ ގޭމީހުންގެ ސުފުރާއަށެވެ. އެމީހުންނަށް މީރުވެގެން ވިޔަފާރީގެ ގޮތުގައި ވިއްކަންވެސް ފެށީއެވެ.

އެމަސައްކަތުން ފުދޭ ވަރެއްގެ އާމްދަނީއެއް ހޯދިއެވެ. އަހަރަކު އެއްފަހަރު މަންމަމެންނާ ބައްދަލުކުރަން އިންޑޮނޭޝިއާއަށް ދާއިރު އޭނާ ކުރާ މަސައްކަތުން ލިބޭ ފައިސާ އަކީވެސް އިބޫގެ އަތުން ކުރަންޖެހޭ ޚަރަދަށް ލިބޭ ލުޔެކެވެ.

އެހެންނަމަވެސް ދެވަނަ ދަރިފުޅު ލިބުމާ ދައްތަގެ ދަރިފުޅާއެކު ތިން ދަރިން ބަލަން ޖެހުމުން އެކަން ހުއްޓާލަން ޖެހުނީއެވެ. އެކަމަކު އޭގެ މާނައަކީ ދަރިން ބެލުމަށް މިޔާ ގޭގައި އިންނަނީއެއް ނޫނެވެ. އޭނާ ގަބޫލުކުރާ އުސޫލަކީ ދިރިއުޅުމުގެ މާނައަކީ ހުރިހާ ކަމެއްގައިވެސް ދެމަފިރިން އެއްވަރަށް ހިއްސާ ވުމެވެ. އެހެންވެ އާމްދަނީ ހޯދަން ހަމައެކަނި ފިރިމީހާގެ ބޮލަށް ކަނޑާލުމަކީ އިންސާފެއް ނޫނެވެ. ދެމީހުންވެސް މަސައްކަތް ކުރަން ޖެހޭނެއެވެ. ދިރިއުޅުމަކީ އެއީއެވެ. އޭދަފުށީގެ އަންހެނުންނަށް އޭނާ ދައްކައިދިނީ އެނަމޫނާއެވެ. އޭދަފުށީގެ ވައިފެނަށް ދިރުނު ހިސާބުން ފެށިގެން އިންޖީނެއްގެ ސޯބެއް އެނބުރޭހެން އޭނާއައީ މަސައްކަތުގައި އެނބުރެމުންނެވެ. އޭގެ އިތުރުން ރަށުގެ އިޖުތިމާއީ ހަރަކާތް ތަކުގައިވެސް މިއާ އަކީ ފާހަގަ ކުރެވޭ ނަމެކެވެ.

މިއާ އޭދަފުއްޓަށް ހިޖުރަކުރިތާ މިހާރު 21 އަހަރު ވީއެވެ. ދައްތަގެ ދަރިފުޅު ނުހާ ބޮޑުވެ މާލޭގައި ވަޒީފާ އަދާކުރަނީއެވެ. މިޔާ އަށް ތިން ދަރިން ލިބި އެކުދިންވެސް ބޮޑެތި ވެއްޖެއެވެ. ދޮށީ އަންހެން ދަރިފުޅުގެ އުމުރުން 19 އަހަރެވެ. ދެވަނައަށް ލިބުނު ފިރިހެން ދަރިފުޅުގެ އުމުރުން 16 އަހަރުގައި އޯލެވެލް ނިންމައި އޭލެވެލް އަށް ތައްޔާރު ވަނީއެވެ.ދެން ހުރި 11 އަހަރުގެ ދަރިފުޅު ގްރޭޑް 6 ގައި ކިޔަވަނީއެވެ.

އޭދަފުށީގެ އާބާދީ ކުޑަވެ ދިވެހިންގެ ކެއުން ކަމުނުގޮސް އެކަމާ ހިތްދަތިވެގެން އެނބުރި އިންޑޮނޭޝިއާއަށް ދިރިއުޅުން ބަދަލުކުރަން އުޅުނު މިޔާގެ މިހާރުގެ ޚިޔާލު ހުރީ ކިހިނެއް ހެއްޔެވެ. ފިރިމީހާ ހުރީ ރަނގަޅު ވަޒީފާ އެއްގައެވެ. ދިރިއުޅުން އުފާވެރިއެވެ. މިއާ ބުނަނީ ކީކޭ ހެއްޔެވެ؟

މިޔާ ،ގަސްކާނާ ފިހާރައިގާ، މަސައްކަތުގައި

”އޭދަފުށިގެ މި ދިރިއުޅުން ދޫކޮށްލާފައި އެނބުރި ގައުމަށް ދާހިތެއް މިހާރަކު ނެތް. މިތަނުން އަހަރެންގެ ދުނިޔެ ފެނުނީ. މިތަނުގައި އޮތީ އަހަރެންގެ އާއިލާ އާއި އަވައްޓެރިން. އަހަންނަށް ދިރިއުޅުމާ ލޯބި ދަސްވީ މިރަށުން. އިބޫ އަހަންނަށް ދުނިޔެ ދައްކައިދީފި.” 41 އަހަރުގެ މިއާ ބުނީ މިހެންނެވެ.

މިޔާ ބުނީ ދަރިން ބޮޑެތިވިޔަސް ހުރިހާ ކުދިންގެ ކިޔެވުން އަދި މުޅިން ނުނިމޭތީވެ ދިރިއުޅުމަށް އަދިވެސް ބުރަކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެހެންވެ އޭނާ އާމްދަނީ ހޯދަން ކުރާ މަސައްކަތަށް އެންމެ ފަހުން އިތުރުވީ އެގޭ ކައިރީގައި ގްރީން ސްޕޮޓް ނަމުގައި ހިންގަމުންއައި ގަސްކާނާ ފިހާރަ ހިންގުމެވެ. އެތަނުގެ ވެރިމީހާ ހުންނަނީ މާލޭގައެވެ. އޭނާގެ ހިއްސާއަކީ މާލެއިން ތަނަށް ބޭނުންވާ މުދާ ފޮނުވުމެވެ. މިއާގެ ހިއްސާއަކީ ފިހާރަ ހިންގުމެވެ. އީވީގެ ޓީމް މިއާ އާއި ބައްދަލު ކުރަން ދިޔައިރު އޭރުވެސް މިޔާއިނީ ބުރަކޮށް މަސައްކަތުގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top