މި ރަމަޟާންމަހު އޭދަފުށީ ހުކުރު މިސްކިތުގައި ތަރާވީހް ނަމާދު ކުރަމުން އަންނަ އުމުރުން 11 އަހަރުގެ މުހައްމަދު މުސްތަފާ، މައިކޮލެޖް އޭދަފުށީ ކެންޕަހުގެ ދަރިވަރުންނަށް ޤުރުއާން ކިޔަވައިދޭން ފަށައިފިއެވެ.
އެގޮތުން މުސްފަތާގެ ފުރަތަމަ ކްލާސް މިއަދު މެންދުރުފަހު މައިކޮލެޖް އޭދަފުށީ ކެންޕަހުގައި ވަނީ ކުރިޔަށް ގެންގޮސްފައެވެ. މައި ކޮލެޖުން ބުނީ މުސްތަފާގެ ކްލާސްތަކެއް އެކޮލެޖްގެ ކުދިންނަށް ކުރިޔަށް ގެންދަން ނިންމީ، އެކޮލެޖުން މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތަކަށް ކުދިން ތައްޔާރުކުރުމުގެ ގޮތުން ކަމަށެވެ.

ހާފިޒު މުސްތަފާ މިއަދު މައިކޮލެޖްގެ ދަރިވަރުންތަކަކަށް ޤުރުއާން ކިވައިދެނީ. ދެހަފްތާގެ މުއްދަތަށް މުސްތަފާ މިކޮލެޖްގައި ކިޔަވައިދޭނެކަމަށްވޭ / ފޮޓޯ: އޭދަފުށި ވޮއިސް
މައިކޮލެޖް އޭދަފުށީ ކެންޕަހުގެ މެނޭޖަރ އިފާޝާ އަބްދުއްރަހީމް ވިދާޅުވީ މުސްތަފާގެ އެހީ ކޮލެޖަށް ހޯދީ އޭނާގެ ސެޓްފިކެޓްތަކާއި، ތަޖުރިބާއަށް ބަލައި، އާންމުންގެ ތަރުހީބުވެސް އޭނާއަށް ލިބޭނެކަމުގެ ޔަޤީންކަން އޮތުމުން ކަމަށެވެ. އަދި އަންނަ ހަފްތާގެ ނިޔަލަށް ކޮލެޖްގައި މުސްތަފާ ކިޔަވާދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
“ކިޔަވައިމިދެނީ ގްރޭޑް 1-3 ގެ ދަރިވަރުންނަށް. ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބޭނެކަން ޔަގީންވާތީ ކްލާސްތައް ފެށީ. ބެލެނިވެރިން އެދެންޏާ ދެން އަންނަ ހަފްތާވެސް ކުރިޔަށް ގެންދާނަން”
ހާފިޒު މުސްތަފާ އީވީއަށް ބުނީ “މިކަހަލަ ފުރުސަތެއް ލިބުމުން ވަރަށް އުފާވާ ކަމަށާ، ކުދިންނަށް ކިޔަވައިދޭން ވަރަށް ބޭނުން” ވާކަމަށެވެ.