އަތޮޅުގެތަކުގައި ކައުންސިލަރުން ތިއްބަވަނީ އުސޫލާ ޚިލާފަށް. އެތަނުން ނުކުންނަވަން އަންގަވައފިި

atholuge-2.jpg

ބ.އަތޮޅުގެ

އަތޮޅުގެތަކާއި މަރިޔާދުގެތަކަކީ ދައުލަތުގެ ނުވަތަ ސަރުކާރުގެ ބޭނުންތަކުގައި އަތޮޅުތަކަށް ވަޑައިގަންނަވާ ބޭފުޅުން ތިއްބެވުމަށް ޚާއްސަކޮށްފައިވާ ތަންތަންކަމަށް ވެފައި އެތަންތަން ބޭނުންކުރެވޭނީ ސަރުކާރާއި ދައުލަތުގެ ބޭނުންތަކަށް އެކަނި ކަމަށާއި އެތަންތަނުގައި ވަގުތީގޮތުންވެސް އަދި ދާއިމީ ގޮތުންވެސް އެއްވެސް ބަޔަކު ދިރި ނޫޅެވޭނެކަމަށް މިނިސްޓްރީ އޮފް ފިނޭންސުން ވަނީ ވިދާޅު ވެފައެވެ.

17ސެޕްޓެމްބަރ 2015 ގެ ސަރުކާރުގެ ގެޒެޓް ގައި ޝާއިއުކޮށްފައިވާ ” އަތޮޅޮތައް ހިންގުމުގެ ބޭނުމަށް ގާއިމްކޮށްފައިވާ އިމާރާތްތަކާ ވަސީލަތްތައް ބޭނުންކުރުމުގެ އުސޫލު”ގައި ވަރަށް ސާފުކޮށް މިކަން ބަޔާންކޮށްފައިވެއެވެ.

އެހެންނަމަވެސް އެއުސޫލުތަކާ ޚިލާފަށް އެތަންތަނުގައި ބައެއް އަތޮޅު ކައުންސިލަރުން ދިރި އުޅެމުން ގެންދާތީ އެތަންތަނުން އަންނަ ޖޫންމަހުގެ 10ވަނަ ދުވަހުގެ ކުރިން ނުކުތުމަށް  ހޯމް މިނިސްޓރީން އަންގަވައިފިއެވެ.

ހޯމް މިނިސްޓްރީން އިއްޔެ ނެރެފައިވާ ސަކިއުލަރއެއްގައި ބުނެފައިވަނީ ” އަތޮޅުގެއިން ނުކުންނެވުމަށް އެފަރާތްތަކަށް އެންގެވުމަށްފަހު އެކަން 31 މޭ2016 ވާ އަންގާރަ ދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިން މިނިސްޓްރީއަށް އަންގަވައިދެއްވުން އެދެމެވެ. ” މިފަދައިންނެވެ.

ސަރކިއުލަރގައި އިތުރަށް ބުނެފައިވަނީ އަތޮޅުގެ އާއި މަރިޔާދުގެ ފަދަތަންތަން ބޭނުންކުރެވޭ އުސޫލެއް ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާއިރު އެއުސޫލާ އެއްގޮތްވާގޮތުގެ މަތިން އެތަންތަން ބޭނުން ކުރަމުން ގެންދިއުމަށެވެ.

ހޯމް މިނިސްޓްރީން މިއެންގުން އަނެއްކާވެސް އަންގަވާފައިވާއިރު އޭދަފުށީގައި ހުންނަ ބ. އަތޮޅުގޭގައި އަދިވެސް ބ.އަތޮޅު ކައުންސިލްގެ ބައެއް މެންބަރުން ދިރިއުޅުއްވައެވެ.

ބ.އަތޮޅު ކައުންސިލް މެންބަރަކު ވިދާޅުވީ އެބޭފުޅުން ދިރިއުޅުއްވަމުން ގެންދަވަނީ މަހަކު 600ރ. ގެ ކުޑަ ކުއްޔެއްގައި ކަމަށާ އެވަރުން އެތަނުގެ ކަރަންޓްބިލް ދެއްކޭވަރުވެސް ނުވާކަމުގައެވެ. އަދި މިހާ ކުޑަކުއްޔެއްގައި އެބޭފުޅުންގެ މުޅި ދައުރު ފުރިހަމަކޮށް ނިމޭއިރު އެ600 ރ.ގެ މަހު ކުލި ނުދައްކަވާ ކަމަށާއި އެފައިސާ ދެއްކުމަށް އެތައް ފަހަރަކު އަތޮޅުކައުންސިލުން އަންގާފައިވާނޭ ކަމަށްވެސް އެކައުންސިލަރު މައުލޫމާތު ދެއްވިއެވެ.

” ހަތަރު ކައުންސިލަރުން އެތަނުގައި ދިރި އުޅެމުން ގެންދަވާ. އެކަމަކު ރައީސް ފިޔަވައި އެހެން ބޭފުޅަކު އެފައިސާއެއް ނުދައްކަވާ.  އެބޭފުޅުން އެފައިސާ އެއްގޮތަކަށްވެސް ނުދައްކަވާތީ  އެތަނުގައި ދިރިއުޅުއްވަމުން ގެންދަވާ ކޮންމެ ބޭފުޅަކުވެސް އެންމެ މަދުވެގެން ހަމަގައިމުވެސް 15000ރ. ދައްކަން ޖެހޭނެ ކަމަސް ލަފާކުރެވޭ. ”  އޭނާ ވިދާޅުވިއެވެ.

މިކަމާ ބެހޭ ގޮތުން ބ. އަތޮޅު ކައުންސިލް އޮފީހުގެ އިންފޮމޭޝަން އޮފިސަރއާ ގުޅާލުމުން ވިދާޅުވީ ފައިސާއާ ބެހޭ ކަންކަމަކީ އޭނާއަށް މައުލޫމާތު ދެވޭނެކަމެއް ނޫންކަމަށާއި ތިޔަ މައުލޫމާތު ދެވޭނީ ބަޖެޓަށް ކަމުގައެވެ. އަދި މީޑިއާއަށް މައުލޫމާތު ދެވޭނީ އޭނާއަށް  މައުލޫމާތު ދިނުމަށް ކައުންސިލުން އަންގަވާފައިވާ ގޮތަށް ކައުންސިލުން ދެއްވި މައުލޫމާތެއްކަމަށާއި ކައުންސިލުން މައުލޫމާތު ދެއްވި މިންވަރަކަށް ކަމުގައެވެ.

އަތޮޅު ކައުންސިލަރުންނަކީ އަތޮޅުގައި ގާނޫނު ތަންފީޒު ކުރުމާ ރައްޔިތުންނަށް ނަމޫނާ ދެއްކުމަށް އެންމެ ކުރީގައި ތިއްބެވި ބޭފުޅުން ކަމަށްވާއިރު އަތޮޅު ކައުންސިލަރުންގެ ފެންވަރު މިހާ ދަށު ދަރަޖައަކަށް ވެއްޓިގެން ދިއުމަކީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނޭ ކަމެއް ނޫންކަމުގައި ބ. އަތޮޅުގެ  މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނަމުން ދެއެވެ.  އަދި މިއީ ޒުވާނުންނާއި ކުޑަކުދިންނަށް ނަގައިދެމުން އަންނަ ނުބައި ފިލާވަޅެއްކަމާއި މިކަމުގެ ނޭދެވޭ އަސަރު ކުރާނީ ހަމައެކަނި އަތޮޅަށް ނޫންކަމަށާއި އަތޮޅުގެ އިތުރުން މުޅި ގައުމުގެ ކުރިމަގަށް ވެސް މި ކަމުގެ ނޭދެވޭ އަސަރުކުރާނޭ ކަމެއް މެއެވެ.

ބ. އަތޮޅު ކައުންސިލަކީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top