ރަށު ކައުންސިލަރުންނަށް ޚުތުބާ ކިޔުމުގެ ހުއްދަ ދޭން ކޯހެއް ފަށަނީ

x19QXK1ZR7KVus2MfINPARdwFFN5b093d6ljYoBC.webp

ރަށު ކައުންސިލަރުންނަށް އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ދިނުމުގެ ގޮތުން ، ޚާއްސަ ކޯހެއް ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު މިއަދު ވިދާޅުވީ މިއީ އަތޮޅުތަކުގައި ޚުޠުބާ ކިއުމަށް ހުރި ދަތިތައް ފުޅާ ދާއިރާއެއްގައި ޙައްލު ކުރުމުގެ މަގުސަދުގައި ފަށާ ކަމެއް ކަމަށެވެ.

އެގޮތުން ރަށު ކައުންސިލަރުންނަށް ޚުޠުބާ ކިއުމުގެ ހުއްދަ ދިނުމަށް، ކައުންސިލަރުންގެ ތެރޭގައި އެކަމަށް ޝައުޤުހުރި ފަރާތްތަކަށް، ޚަޠީބުކަމުގެ 3 މަސް ދުވަހުގެ ކޯހެއް ޤުރުއާނާ ބެހޭ މަރުކަޒު މެދުވެރިކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކައުންސިލަރުންނަށް ހާއްސަކުރާ ޚަތީބުކަމުގެ ޕްރޮގްރާމްގެ ތެރެއިން ކޮންމެ ބުރެއްގައި 50 ކައުންސިލަރުންނަށް ބައިވެރިވެވޭނެ ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ، މި ކޯހުގައި ޚަޠީބު ކަމަށް ބޭނުންވާ ފިޤުހު، ޤުރުއާން، ޢަޤީދާ ހަދީސް ކިޔަވައިދޭނެ ކަމަށެވެ.

”ޤުރްއާން ފިޔަވައި އެހެން މާއްދާތައް އޮންލައިންކޮށް ގެންދެވޭނެ. ޤުރްއާން ކިޔަވައިދޭނީ ކައުންސިލަރުން މާލެެ އައިސްގެން، ނުވަތަ އަތޮޅުތަކުގައި ޤުރުއާން މަރުކަޒުގެ ގޮފިތައް މެދުވެރިކޮށް.“ ޑރ. ޝަހީމް ވިދާޅުވިއެވެ.

ޕްރޮގްރާމުގައި ކިޔަވައި ދެއްވާނީ ފުންނާބު އުސް އިލްމުވެރިންނެވެ.

އަންނަ މަހުގެ 1 ގައި ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވައިލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކައުންސިލަރުންނަށް ހާއްސަކޮށްގެން ޚަތީބުކަމުގެ ކޯސް ފަށަން ނިންމި އިރު، އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރުން ފެށިގެން އަންނަނީ ޒުވާން ޚަބީތުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ވެސް ހިންގަމުންނެވެ. މީގެ ތިން ވަނަ ބުރު ފެށުމުގެ ތައްޔާރީތައް މިހާރު އަންނަނީވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top