ފަންސަހައްޓި ޕްލަސް : އުމުރަކީ ދެއަތް އުރާލައިގެން ހުންނަން ޖަހާ ރަނގަބީލެއް ނޫން- ޒާހިދާ

DSCN9753.jpg

މީހެއްގެ އުމުރުން 65 އަހަރު ވުމުން މުސްކުޅިވީ ހެއްޔެވެ؟ ދެއަތް އުރާލައިގެން ގޭގައި އިނުމުގެ އުމުރަށް ފެށުނީ ކަމަށް ގަބޫލުކުރަންވީ ހެއްޔެވެ؟ 65 އަހަރުވުމާއެކު ސަރުކާރުން ދޭ 5000 ރުފިޔާގެ މާލީ އިނާޔަތަކީ ގައިބާރު ދެރަވެ އެހެން މީހުންގެ އެހީތެރިކަމަށް ބޭނުން ވާތީ އެކަމަށް ކަރަދު ކުރަން ދޭ ފައިސާއެއް ހެއްޔެވެ؟

ނޫނެކެވެ. 65 އަހަރުވުމަކީ ދިރިއުޅުމަށް ކުރަމުން އައި މަސައްކަތް ހުއްޓާލާއި ގޭގައި އިންނަންޖެހޭ ސަބަބެއްނޫނެވެ. އެކަން ގަބޫލު ނުކުރާ މީހުން ހަމަގައިމުވެސް އޭދަފުށީގައި ގިނައެވެ. ހަށިގަނޑު ވަރުބަލިވެލާފައި ތަންކޮޅެއް ގިނައިން ނުރަޖަހައި އުމުރުގެ ރޫތަކުން އުމުރު އަންގަމުން ދާއިރުވެސް އުމުރާމެދު އަޅާލުމެއް ނެތި މަސައްކަތުގައި އެމީހުން ދެމި އެތިބީ އެކަން ގަބޫލު ނުކުރާ މީހުންނެވެ. އޭދަފުށީ ލައިނޫފަރުމާގޭ ޒާހިދާ ދާވޫދަކީ އަހަރެމެން އެންމެ ކުރިން ދުށްއިރުވެސް މިހާރުވެސް އޭނާގެ އުޅުމަށް ބަދަލެއް ނައިސް މަސައްކަތުގައި އަދިވެސް ދެމި ހުރި ފަންސަހައްޓި ޕްލަސްގެ އެކެކެވެ.  އޭނާ ގަބޫލު ކުރާ ހަމައަކީ އުމުރުން ވަކި ހިސާބަށް އައުމަކީ ނުވަތަ 65 އަހަރުވުމަކީ ތިމާ ކުރަމުން އައި މަސައްކަތުން ރިޓަޔަރ ވާން ޖަހާ ރަނގަބީލެއް ނޫންކަމަށެވެ. ތިމާ ދިރިހުރިހައި ހިނދަކު ސިއްހަތު ތަންދޭ މިންވަރަކުން މަސައްކަތުގައި އުޅުމަކީ ކޮންމެ އަންހެނަކަށްވެސް ޒާހިދާ ދޭން ބޭނުންވާ ނަސޭހަތެކެވެ. އޭނާ އެއުޅެނީ އެގޮތަށެވެ. މަސައްކަތުގައެވެ. ‘ގަޔަށް ވައްޓާލި ލިބާހާއެކު’ މަސައްކަތަށް ނުކުތްގޮތަށް އަދިވެސް ހަމައެގޮތުގައި ކުރިއަށެވެ. އިރާދަކުރެއްވިއްޔާ މަރުވުމާ ހަމައަށްވެސް އެގޮތުގައެވެ. އެކަމަކު އޭގެ މާނައަކީ އޭނާ ބަލި ނޫން ވާހަކައެއް ނޫނެވެ. އުމުރުން ދުވަސް ވާވަރަކަށް ހަށިގަނޑުވެސް ނިކަމެތިވެގެން ދާވަރަކަށް ބަލިތައްވެސް އިތުރު ވަމުން ދާނެ ކަން ގަބޫލު ކުރުމުން އެ ނިމުނީއެވެ.

ފާއިތުވި އެޕްރީލް މަހު 22 ގައި 70އަހަރު ފުރުނު ޒާހިދާ އަހަރެމެންނަށް ތައާރަފްވީ ފިރިމީހާގެ ވިޔަފާރި، އޭދަފުށީގެ މަޝްހޫރު ”ފުއްކަފަ އިސްޓޯރު” ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވެ އުޅެނި ކޮށެވެ. އޭދަފުށީ ވޮއިސް ގެ ފަރާތުން ޒާހިދާއާ ބައްދަލު ކޮށްލީ އެހަނދާންތަކާއެކު މިހާރުވެސް މަސައްކަތުގައި ރޭދުވާ އެއްކޮށްލައިގެން އުޅޭ އަންހެނަކަށް ވާތީއެވެ. ޒާހިދާގެ މަސައްކަތުގެ އަތް އެންމެ ޒުވާން އިރެކޭ އެއްފަދައިން މިހާރުވެސް ހުއްޓުމެއްނެތި ހަރަކާތްތެރިކަމާއެކު މެޝިނެއްހެން އެނބުރޭތީއެވެ.

ޒާހިދާއާ ބައްދަލު ކޮށްލަން ފުއްކަފަ އިސްޓޯރަށް ދިޔައިރުވެސް އޭނާ އިނީ އެތައް އަހަރަކުން ފެށިގެން ކުރަމުން އަންނަ ފޯއްކޮށުމުގެ މަސައްކަތުގައި ފޯއްވަޅި އަނބުރާލަ އަނބުރާލައެވެ. އެއީ އެފިހާރައިގާ ވިއްކަން އޭނާ ކުރާ ޒަމާންވީ މަސައްކަތެވެ. މަޖާ ދުފުން ގަނޑަކުން އަނގަވެސް ‘ވަރު’ ކޮށްލައިގެންނެވެ.

ޒާހިދާ މަޝްހޫރުވެފައިވަނީ އޭދަފުށީ މަދަރުސަރުލް ބަހިއްޔާ ފަޚުރުވެރިވާ މޮޅު ދަރިވަރެއްގެ އިތުރުން އަރަބި ތާނަ، ރީތިކޮށް ލިއުއްވާ ކަނބަލެއްގެ ގޮތުގައެވެ. މުރާލި އަދި ހިންގުންތެރި ލީޑަރެއްގެ ސިފައަކީ އޭނާގެ ޝަޚްސިއްޔަތަށް އިތުރު ކުރެވޭ ޕްލަސް ޕޮއިންޓެކެވެ. މަދަރުސާއިން ނިމުނު ތަނާހެން ލީޑަރ ޝިޕް ދައްކަން ފެށީ އޭރުގެ އަތޮޅުވެރިޔާ މަރުހޫމް ޔޫސުފް ކަލޭފާނުގެ އިރުޝާދުގެ ދަށުން އޭދަފުށި އިރުމަތީ އަވަށު އަންހެނުންގެ ހިންގުންތެރިޔާގެ ގޮތުގައެވެ. މޮޅަށް ކިޔަވައިގެން އިނުމުމުގެ އިތުރުން ޔޫސުފް ކަލޭފާނު އެންޑޯޒް ކޮށްފައި އިންނެވި ކަނބަލަކަށް ވާތީ އިރުމަތީ އަވަށުގެ އަންހެނުންގެ ވެރިއެއްގެ ގޮތުގައި އޭނާ އެއަވަށުގެ އެންމެން ބަލައިގަތީ ލީޑަރެއްގެ ގޮތުގައެވެ. އަވަށުގެ ފަރާތުން އަންހެނުން ބާރުވެރިކުުރުވުމުގެ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ރާވައި ހިންގަނީ އޭނާއެވެ.

“ކޮންކަމެއް ނުކުރަނީ. ؟ ޒާހިދާ ފެށިއެވެ. “ކަލޭމެން ހަނދާންވެސް ނުހުންނާނެ. ހާދަހާ މަސައްކަތެއް ކުރީމޭ…. މިއަވަށުގަ އެހެލާހައި ދޯޏްޏެއް އެހެލަނީ އަންހެނުން ނެރެގެން. މަގުތަކާ އަތިރިމަތި ކުނިކަހަނީ ހަމަ އެއްކަލަ އަންހެނުން. މިހާރަކު މީހަކު އެކަހަލަ މަސައްކަތެއް ކުރޭތަ.؟ ރައްޔިތުން ކުރި ހުރިހާ މަސައްކަތެއްގަ ރެއާދުވާލު އިސްކޮށް އުޅުނިން. އަނެއްކާ އަންހެނުންގެ މިސްކިތްވެސް ބަލަހައްޓަމުން” ޒާހިދާ އަމުނާލިއެވެ.

ޒާހިދާގެ ބައްޕައަކީ އޭދަފުށީގެ ހަނދާނާއި ތާރީޚު އެންމެ ބޮޑަށް ގުޅިފައިވާ ފޭލި ވިއުމުގެ ސިނާއަތް ދިރުވޭތޯ މަސައްކަތް ކުރި ފަހު މީހާއެވެ. ދާއޫދު އަލީ (ކުޑަހޮއްކޮ) އެވެ. ޒާހިދާވެސް ފުރަތަމަ އުޅުނީ ބައްޕަގެ މި މަސައްކަތުގައި އެހީތެރި ވުމަށެވެ. ފޭލި ވިޔަން ތައްޔާރު ކުރުމަށް އުއިގަނޑު ވެށުމާ އުއިގަނޑު ފުރުން ފަދަ ކަންކަމުގައި ބައްޕަގެ އެންމެ ގާތުގައި ހުރީ އޭނާއެވެ.

އެހެންނަމަވެސް 16 އަހަރުގައި ކުރި ކައިވެންޏާއެކު ބައްޕަގެ މަސައްކަތުން އެއްފަރާތް ވާން ޖެހުނީ ފިރިމީހާގެ ފުއްކަފަ އިސްޓޯރު އުފެދުމުންނެވެ. ދެން ޖެހުނީ އެ ވިޔަފާރީގައި އުޅޭށެވެ. ފުއްކަފަގޭގެ ކުޑަކުޑަ ފެންޑާގައި އެންމެ އަލަމާރިއަކާއެކު ފެށި ވިޔަފާރިއަށް އަންނަ ޖޫން މަހު 50 އަހަރު ފުރޭއިރު މިއަދު ފުއްކަފައިސްޓޯރަކީ މާލޭގައިނަމަ ލަގްޒަރީ ޝޮޕިންގ ސެންޓަރާ ފަތަހަ ސުންބުލި އެއްކޮށްލައިގެން އުފެދިފައިވާ ފިހާރައެކޭ ބުނެވިދާނެއެވެ. މާނައަކީ ގެއާއި ބަދިގެ އަށް ބޭނުންވާ އެންމެ އާދައިގެ ސާމާނުން ފެށިގެން އެންމެ އަގުބޮޑެތި ތަކެއްޗަށް ދާންދެން އޭދަފުށީގައި ލިބެން ހުރި ހަމައެކަނި ތަނަކީ ފުއްކަފަ ސްޓޯރެވެ.

ފުއްކަފަގޭ ފެންޑާގައި ހުރި ކުޑައަލަމާރިއަކަށް މުދާ ކޮޅެއް ލައިގެން ފެށި ކުޑަކުޑަ ވިޔަފާރި ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކާމިޔާބާއެކު ކުރިއަށް އަޅަމުން 50 އަހަރާ އަރާ ހަމަކުރި އިރު ފުއްކަފަ ސްޓޯރަށް މި ހިސާބަށް އާދެވުމުގެ އެންމެ ބޮޑު ސަބަބަކީ ޒާހިދާގެ ހިތްވަރެވެ. އެހެން ނޫންނަމަ އޭދަފުށީގައި 50 އަހަރުވީ އެހެން ފިހާރައެއް ހުންނަން ޖެހޭނެއެވެ.

ޒާހިދާ،ފުއްކަފަ ސްޓޯރުގައި –އީވީ ފޮޓޯ

“ގަބޫލު ކުރަނީ ފުއްކަފަ އިސްޓޯރަށް މިހާ ހިސާބަށް އާދެވުމުގައި އަހަރެންގެ ބައިވެރިވުންވެސް އޮންނާނެ ކަމަށް. އެކަމަކު އިދްރީސް (ފިރިމީހާ )ގެ ހިތްވަރާއެކު ދެމީހުންވެސް މަސައްކަތުގައި ކުރިއަށް ދިއުމަށް ހިތްވަރު ކުރުމުގެ ނަތީޖާކަމަށް މި ދެކެނީ.”

މަސައްކަތްތެރިކަމުގެ ގޮތުން ޒާހިދާ ރަންޔޫބީލް އާ އަރާ ހަމަކުރިޔަސް އޭނާގެ ދިރިއުޅުމުގެ މައިގަނޑު ކޮންޕާޓްމެންޓް، އަދިވެސް އޮތީ ހުހަށެވެ. އެކަމާ އޭނާ ހިތާމަ ކުރެއެވެ. އެއީ ދަރިއަކު ނުލިބުމެވެ.

“އެހިތާމަ ކުރަން. ދަރިއަކު ނެތުމަކީ ހިތާމަކުރާ ކަމެއް. އެކަމުގައިވެސް ހިކުމަތްތަކެއް ވާނެކަން ކަށަވަރު. އެހުސްކަން ދިރިއުޅުމުގައި އަބަދުވެސް ދެމަފިރިންނަށް އިހުސާސް ކުރެވޭ. މޮޅަށް ދެންވޮޑިގަންނަވާނީ ﷲ.” ޒާހިދާ އިސްޖަހައިގެން އިދެ ބުނެލި އެވެ.

ހަމައެއާއެކު އޭނާގެ ލޮލަށް ފެންނަމުންދާ މަންޒަރެއްވެސް ހާމަކުރިއެވެ. ދަރިން، މައިން ބަފައިންނާ އަލާނުލާކަމުގެ ޝަކުވާ އެވެ. މައިންބަފައިން މުސްކުޅިވާ ދުވަހު ދަރިން އަލާނުލާ ކަމުގެ ޝަކުވާ ކުރާ މީހުން ގިނަވާކަން ފާހަގަކޮށް އޭނާ ކަން ބޮޑުވުން ފާޅު ކުރިއެވެ.

އެކަން އެހެން ވެދާނެކަމަށް ދުރާލައި ވިސްނައި ކޮންމެ އަންހެނަކުވެސް އަމިއްލަ މަސައްކަތުން ދުނިޔެ އާރާސްތު ކުރުމަށް އޭނާ ހިތްވަރު ދިނެވެ. އަދި ދަރިން ހެޔޮޮގޮތުގައި ތަރުބިއްޔަތު ކުރުމަކީވެސް މިކަމުގެ ހައްލެއްކަމަށް އޭނާ ދެކެއެވެ.

“ބަލިވާނެ. އުމުރުން ދުވަސްވުމަކީ ގައިބާރު ދެރަވެ މުސްކުޅިކަމުގެ އިހުސާސްކުރެވޭނެ ކަމެއް. އަހަރެންވެސް ބަލި. އެހެންނޭ ކިޔާފައި ގޭގައި އަރާ އޮށޯވެ އޮތުމަކީ އަހަރެން ގަބޫލު ކުރާ ފަލްސަފާއެއް ނޫން. ތަންމަތީގައި އޮތުމަކީ އެންމެ ފަހު ކަންތައް ކަމުގައި ކޮންމެ އަންހެނަކުވެސް ބަލަން ޖެހޭނީ.” އޭނާގެ އުމުރުގެ މީހުންނަށް ދޭން ބޭނުންވާ މެސެޖަކީ މިއެވެ.

ޒާހިދާ ގަބޫލު ކުރާ ފަލްސަފާއަކީ ސިއްހަތު ތަންދޭހައި ހިނދަކު ދެއަތް އުރާލައިގެން ނުވާނެ އެވެ. އަތްފައި ހަރަކާތް ކުރާހައި ހިނދަކު އުމުރާގުޅޭ މަސައްކަތެއްގައި އުޅުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، މުސްކުޅި އުމުރަށް އެޅޭއިރު ހުޅުވޭނެ ދޮރެއްކަމަށް އޭނާ ބުނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top