ހަސަންބެ އަށް ގަނެވުނު ލޮނު ކަރާ

Water-melons-1.jpg

ލިއުއްވީ:އަލްއުސްތާޛް ސައުދު ޢަބްދުލްކަރީމް އއ.ފެރިދޫ

ވަރަށް ހޫނުގަދަ ދުވަހެކެވެ. ހަސަންބެ އާދައިގެމަތިން ބާޒާރުމަތީ އުޅެ ވަރުބަލިވެ ފެންބޮވައިގެންހުރެ ކަރާ މާރުކޭޓަށް ދިޔައެވެ. އޭރު އެތާނގައި ވަރުވަރުގެ ކަރާ ހުއްޓެވެ. ކިރައިގެން ވިއްކާ ކަރައާއި ފަޅާ ފޮތިފޮތިކޮށްގެން ފޮތިފޮތި ކިރައިގެން ވިއަކާ ކަރާވެސް ހުއްޓެވެ. ބޭނުން ކަރައެއް ނަގާފައި ކިރާލަންވީއެވެ. ކިލޯއެއް އެންމެ ދިހަ ރުފިޔާއެވެ.

ހަސަންބެ ވަރަށް ރަނގަޅަށް ހޯދާލުމަށްފަހު ބޮޑު ކަރައެއް ނަގާ ދޮންވާނެތޯ އާއޮ ފޮނިވާނެތޯ އާއި ކަރާގެ ކޮލިޓީއާއިމެދު ސުވާލުކޮއްލިއެވެ. ވިއްކަން އިން މިހާގެ ޖަވާބު ވަރަށް ކުރެވެ. ތިޔައީ ހުރިހާގޮތަކުންވެސް ބަރާބަރު ކަރައެއް. އެއްވެސް މައްސަލައެއް އޮތްނަމަ ހިފައިގެން އާދޭ. ލާރި ދޭނަން ނުވަތަ އެއާ އެއްވަރުގެ ކަރައެއް ދޭނަން. ހަސަންބެ އެންމެ ރަނގަޅޭބުނެ ކަރާ ކިރާލިއެވެ.

އައްކިލޯ ފަސްސަތޭކަ ގުރާމު ހުރި ކަރައެއް އަށްޑިހަ ފަސް ރުފިޔާ ދިނުމަށްފަހު ކަރާ ހިފައިގެން ގެއަށް އައިސް އަންހެނުން ގާތުގައި ވަރަށް ރަނގަޅަށް ކަރާފަނު ގިރަން ބުންޏެވެ. ހަސަންބޭގެ އަންހެނުން އޭރު ހުރީ ހަވާދުގެ ވައްތަރުތަކެއް އެއްކުރާށެވެ. އޭގެ ތެރޭގައި މުގުރި ލޮނުދަޅު ވެސް ހުއްޓެވެ. ހަމައެތާނގައި ހަކުރުދަޅުވެސް ހުއްޓެވެ. ހަސަންބޭގެ އަންހެނުން ކަރާ ކޮށާލުމަށްފަހު މާބޮޑު ވިސްނުމަކާއިނުލައި ގާތަށް ހުރި ހަކުރު ދަޅުން ހަކުރު އަޅައިގެން ވަރަށް ފޮނިގަދަކޮށް ކަމަށް ހީކޮށް ކަރާފަނި ގިރާލިއެވެ. އަދި އައިސް އަލަމާރިއަށް ލިއެވެ.

ހަމަ މަޣްރިބު ނަމާދު ބަންގީގެ އަޑާއިއެކު ހަސަންބެ ނަގާއި ކަރާފަނިތަށީގައި ތުންޖެއްސެވެ. އެތެރެއަށް ދެކޯވަރު ދަމާލުމާއިއެކު ހޫރާލި ތަށިގޮސް ފާރުގައިޖެހި ފުނޑު ފުނޑުވިއެވެ. ވީކީއްތޯ ހަސަންބެގެ އަންހެނުން ސުއާލުކުރުމުން ހަސަންބެ ބުނީ ވީގޮތް އެނގޭނީ މަށަށް ދިން ފަނިތައްޓަށް ކަލޭ އަޅާފައިހުރި އެއްޗަކުންނެވެ. ހަމަ އެވަގުތު ހަސަންބޭގެ އަންހެނުންނާއި ދެދަރިން ނެގި ކަރާފަނިތަށިތަކަށްވެސް ވީއެވަރެވެ.

ކޮންމެ ނީހަކުވެސް ކޯވަރެއް ދަމާލާފައި ކަރުބެދިގެން ބަހައްޓަނީއެވެ. ކަމަކުދާކަށް ނެތެވެ. ކަރާފަނިން ދެނީ ހަމަ ބަހުރު ލޮނުރަހައެވެ. އެއްގޮތަކަށްވެސް އެތެރެއަށްދާގޮތެއް ނުވިއެވެ. ހަސަންބެ ވިސްނާލާފައި ބުންޏެވެ. ކަރާވިއްކާމީހާ މަށަށް ކެހިދިނީއެވެ. އޭނާ ފޮނިކަރާއެކޭ ކިޔާފައި މަށަށް އެވިއްކީ ލޮނުކަރައެކެވެ. މައްސަލައެއް އޮތިއްޔާ ހިފައިގެން އަންނާށޭ ފައިސާ ނުވަތަ ކަރައެއް ދޭނަމޭވެސް ބުންޏެވެ.

މިކަހަލަ ކެހި މީހުންނަށް ދޭމީހުންނަށް ޖެހޭނީ ހިތުންނުފިލާ ވަރުގެ ބޮނޑިއެއް ދޭށެވެ.

ފައިސާވެސް އަތުލާނަން ކަރާވެސް އަތުލާނަން! މިހެން ބުނެފައި ގިރި ހުރިހާ ކަރާފަނި ބޮޑު ބާލިދީއަކަށް އަޅައިގެން ކޮނޑަށް ލައިގެން އިތިކޮށް ދުއްވައިގަތެވެ. ދުވަމުން ދިޔައިރު އެބާލިދީއިން ފޭބި ކަރާފަނިތަކުން މުޅި ހަސަންބެ ވަނީ ފެންވެރިފައެވެ. ދުވަމުންގޮސް ހަސަންބެ ކަރާމާރުކޭޓަށް ދިޔައިރު ބާޒާރުމަތީގައި އުޅޭ އެންމެން ތިބީ އަޖައިބު ވެފައެވެ. ހަސަންބެ ގޮސް ކަރާ ވިއްކިމީހާގެ ގާތު ކަރާ ފަނި ބާލިދީ ބަހައްޓާފައި ބުންޏެވެ. ކަލޭ މަށަށް ހެދި ދޮގާއި މަކަރު މިއޮތީ ބޭޒާރުވެފައެވެ.

ކަލޭ ކަރާ ފޮނިވާނެއޭ ކިޔާ ދޮގު ހަދާފައި ފޮނަކަރައެއްގެ ނަމުގައި މަށަށް ވިއްކީ ލޮނުކަރައެކެވެ. އެހެންވީމާ ފައިސާވެސް ދޭށެވެ. އަދި އިތުރު ކަރައެއްވެސް ދޭށެވެ. މިހެން ކިޔައި ހަޅޭއްލަވަން ފެށުމުން ބާޒާރުމަތި އުޅޭ މީހުންތަކާއި އޮޑިފަހަރުތަކުގައި އުޅޭ މީހުން އިސާހިތަކު އެއްވެއްޖެއެވެ.

ކަރާ ވިއްކާ މީހާ ބުންޏެވެ. ލޮނުކަރައަކީ އަދި ދުވަހަކުވެސް އަހަރެމެން ރަށުގައި ހެއްދި އެއްޗެއް ނުނެވެ. އެހެންވީމާ ލޮނު ކަރައެއް ކަލެއަށް ވިއްކާނީ ކޮންގޮތަކުންހޭ، ލާރިއެއްވެސް ނުލިބޭނޭ ކަރައެއްވެސް ނުލިބޭނޭ ކަލޭ ގެނައި ކަރާފަނި ބާލިދީ ހިފައިގެން ހަމަ މިހާރު ދާށެވެ. ހަސަންބެ ބުންޏެވެ. ކަލޭ ވިއްކީ ފޮނި ކަރައެއްތޯ ނުވަތަ ލޮނުކަރައެއްތޯ ބަލަން ނިކަން މިކަރާ އެތިން ރަހަ ބަލާލާށެވެ.

މިހެން ބުނެ ކަރާފަނި އެއްޗަށް ތުޅާ ޖަހައި ފަނިނަގާ ކަރާވިއްކާ މީހާގެ އަނގައިގައި ކަރާފަނި ތުޅާ ޖެއްސިއެވެ. އޭނާ ފަނިކޯވަރެއް ބޯލިއެވެ. ތެދެކެވެ. ހަމަ ލޮނުކަރައެކެވެ. ކަރައިގެ ފަނިން އެހެންމީހުންނަށްވެސް ރަހަ ދައްކައިފިއެވެ. އެންމެންނަށްވެސް އެއީ ލޮނިކަރައެއްކަން ގަބުލުކުރެވިއްޖެއެވެ.

އެންމެ ފަހުން ހަސަންބެއަށް އެވަރުގެ ކަރައެއް ދިނެވެ. ހަސަންބެ އެކަރާ ހިފައިގެން ގެއަށް އައެވެ. އޭރުވެސް ހަސަންބެ ހުރީ ރޯދަ ވީއްލިގޮތަށް އެއްވެސް އެއްޗެއް ނުކައި ނުބޮއެވެ. ހަސަންބެ ގެއަށް ވަނުމާއެކު ހަސަންބޭގެ އަންހެނުން ދެރަވެލާފައި ބުންޏެވެ. ދޮން ހަސަނާއެވެ. މަށަށް މާފު ކުރާށެވެ.

މަށަށް ރޯދައަށް ހުރެ އޮޅިގެން ކަރާފަނި ގިރުނީ މުގުރި ލޮނު ދަޅުން ލޮނު އަޅައިގެންނެވެ. ހަސަންބެ އައި ރުޅި އެއަށްވުރެ ގަދަވިއެވެ. ހަސަންބެ ބުންޏެވެ. އެހެންވިއްޔާ އަނެއްކާ މަޖެހޭނީ ކަރާ ވިއްކާ މީހާއަށް އަނބުރާ ދޭން ދާކަށްނޫން ހެއްޔެވެ. ދެން މިކަހަލަ ކަމެއް ކޮއްފިއްޔާ ވަރި ކޮއްލާނަމެވެ. މިހެންބުނެ ހަޅެއްލަވަމުން އަނެއްކާ ކަރާ ކޮނޑަށް ލައިގެންގޮސް ކަރާ ވިއްކި މީހާއާއި ބައްދަލުކޮށް ވިގޮތް ކިޔައިދީ މަޢާފަށް އެދި އޭނާއަށް ކަރާ ހަވާލުކުރިއެވެ.

އެވަގުތު ކަރާ ވިއްކިމީހާ ޝުކުރު އަދާކުރިއެވެ. އަދި ބުންޏެވެ. މަށަށް އޭރުވެސް ހީވީ އެކަރާއިން ދެނީ ފުރެއްދެ ލޮނރަހަހެން. މިކަމުގައި އޮޅުނީ ހަސަންބޭގެ އަންހެނުންނަށް އެކަންޏެއް ނޫނެވެ. ހަސަންބެއަށްވެސް އޮޅުނީއެވެ. އަދި މަށަށްވެސް އޮޅުނީއެވެ. މިހިރީ ރަނގަޅަށް ނުބެލޭތީ ވާގޮތެވެ.

(ނޯޓް. މިއީ ފެންވަރު.ކޮމް ގައި އއ.ފެރިދޫ އަލްއުސްތާޒް ސައުދު އަބްދުލް ކަރީމް ލިއުއްވާފައިވާ ލިއުއްވުމެކެވެ. )

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top