އޭދަފުށީގެ ބިންހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފައްޓަވައިދެއްވުމަށް ރައީސް ޔާމީން މާދަމާ އޭދަފުއްޓަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސްގެ މިދަތުރުފުޅުގައި ހައުސިން މިނިސްޓަރ މުއިއްޒުގެ އިތުރުން އޭދަފުށީ ދާއިރާގެ މެމްބަރ އަހްމަދު ސަލީމްއާއި، ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވޭނެކަމަށް އޭދަފުށީ ކައުންސިލުން ބުނެއެވެ. ކައުންސިލް އިދާރާއިން ބުނީ މާދަމާ އޮންނަ މިރަސްމިއްޔާތު އޮންނާނީ ހެނދުނު 8:45 ގައި އޭދަފުށީ މެޓްރޯވިލާގެއާދިމާ އަތިރިމަތީގައި ކަމަށެވެ.
ބިންހިއްކުން ފެށުމުގެ ރަސްމިއްޔާތައް މިދިޔަ ހަފްތާއިން ފެށިގެން ރަށުގެ އާންމުންނާ، ކައުންސިލުން ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. މިރަސްމިއްޔާތު ބާއްވާނީ އެކަމަށްޓަކައި ރައްޔިތުން އަޅާފައިވާ ވަގުތީ ދަރުބާރުގޭގައެވެ. ރަސްމިއްޔާތައް ދަރުބާރުގެއެއް އާޅާފައިވާއިރު ރަށުގެ ބޮޑެތި ބައެއް މަގުތަކުގައި ދިދަދަމާ ޒީނަތްތެރިކޮށްފައިވެއެވެ.

ރަސްމިއްޔާތައް ރައްޔިތުން ތައްޔާރުކުރާ ދަރުބާރުގެ މަސައްކަތުގައި ބަޔަކު ހަރަކާތްތެރިވަނީ / ފޮޓޯ:އީޓީ
ބޮސްކާލިސް އިންޓަނޭޝަނަލް އާ ހަވާލުކޮށްގެން ކުރިޔަށްގެންދާ އޭދަފުށީ ބިންހިއްކުމުގެ މަޝްރޫއު ފެށުނީ އިއްޔެ ހެނދުނުއެވެ. އިއްޔެގެ ނިޔަލަށް ފުޓްބޯޅަދަނޑެއްގެ ސަރަހައްދަށްވުރެ ބޮޑު ބައެއް ވަނީ ހިއްކާފައެވެ. މިމަޝްރޫއުގެ ދަށުން އޭދަފުށިން 25.9 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވެއެވެ.