އިތުރުކޮށްލުމެއް: އަލްފާތިޙާ ސޫރަތާއި ގުޅޭ ބައެއް އިތުރު މައްސަލަތައް

Al-Fatihah.jpg

އަބްދުލް ޣަފޫރު އަބްދުއްރަހީމް ގ.މަންޒިލް

އެންމެފަހުން ނިމިދިޔަ ބައިގައި، ދެން ގެނެސް ދެވޭނީ އަލްބަޤަރާ ސޫރަތުގެ ތަރުޖަމާ އާއި ތަފްސީރު ކަމުގައި ވާނީ ދެންނެވިފައެވެ. ނަމަވެސް، އެކަން ކުޑަކޮށް ފަސްކޮށްލާފައި، ބައެއް ކިއުންތެރިން އެދިލެއްވުމުގެ މަތިން، އަލްފާތިޙާ ސޫރަތާ ގުޅޭ ދެތިން މައްސަލައެއް މިބައިގައި ހުށަހަޅާލަން ގަސްދުކުރަމެވެ. އަލްފާތިޙާ ސޫރަތުގެ އިސްވެދިޔަ ވާހަކަތަކަށް އިތުރުކޮށްލެވޭ އިސްތިދްރާކެއް ނުވަތަ ސަޕްލިމެންޓެއްގެ ގޮތުގައެވެ. މިގޮތުން ބަލާލަން ގަސްދު ކުރަނީ އަޢޫޛުއާއި ބިސްމިއާއި އާމީން މިތިން ކަމާއި ގުޅޭ ބައެއްކަންކަމުގެ މައްޗަށެވެ.

ތަޢައްވުޛު (އަޢޫޛު) އާއި ގުޅޭ ބައެއް މައްސަލަތަކުގެ މައްޗަށް ބަލައިލުން  

‘އަޢޫޛު’ މިލަފްޒަކީ އަރަބި ބަހުގެ ‘ތަޢައްވުޛު’ގެ ދިވެހި ތަރުޖަމާއެވެ. އެއިން ގަސްދުކުރެވެނީ أعوذ بالله من الشيطان الرجيم މިހެންކިޔައި މާތްﷲގެ ހަޟްރަތަށް ވެވޭ އިލްތިޖާއެވެ. ޝައިތާނީ ވަސްވާސްތަކުން ރައްކާތެރިކޮށްދެއްވައި، އެކަމުން ސަލާމަތްކަން އެދި މާތްﷲ ހަޟްރަތުގައި ދެންނެވޭ ދެންނެވުމެވެ. އަލްފާތިޙާ ސޫރަތުގެ ތަފްސީރު ލިޔުއްވުމުގައި، އަޢޫޛާއި ބެހޭ ގޮތުން މުފައްސިރުން ވާހަކަ ދައްކަވައެވެ. އަޢޫޛުގެ މާނައާއި އަދި ނަމާދުގައި އަލްފާތިޙާ ކިޔެވުމުގެ ކުރިން، އަޢޫޛު ކިޔެވުމުގެ ޙުކުމާއި ބެހޭގޮތުންނެވެ.

މަތީގައިވާ އަޢޫޛުގެ ޞީޣާއަށް، (އަޢޫޛު ކިޔަން އޮންނަ ގޮތަށް،) އިބާރަތްކުރެވި ލިޔެވިފައިވާ ގޮތަށް ބަލާލާއިރު، އެންމެ ފުރަތަމަ އޮތީ أعوذ بالله، (މާތް)ﷲގެ ރައްކާތެރިކަން އަހުރެން ހޯދަމުއެވެ’ މިހެންނެވެ. ބައެއް ފަހަރު މިބަޔަށް السميع العليم، އައްސަވާ ވޮޑިގެންވާ، (އަދި) ދެނެވޮޑިގެންވާ، މިދެސިފަފުޅު އިތުރު ކުރެވިފައިވެއެވެ. އަނެއްބައިގައި އޮތީ من الشيطان الرجيم، ‘(މާތްﷲގެ ރަހުމަތުން) ބޭރުކުރެވިފައިވާ ޝައިތާނާގެ (ވަސްވާސް) ތަކުން (ސަލާމަތްވުން އެދި)އެވެ’ މިފަދައިންނެވެ. މާތްﷲގެ ރައްކާތެރިކަން ހޯދުމަކީ އެކަލާނގެ ކިބަފުޅަށް ރުޖޫއަވެ، ލިބިދާނެ ދެރައަކުން ނޫނީ ގެއްލުމަކުން، އެކަލާނގެ ހަޟްރަތުން އިސްމަތްތެރިކަން، ސަލާމަތްކަން، ހޯދުމެވެ. ޝައިތާނާގެ ވަސްވާސްތަކަކީ ތިމާ ގަސްދުކުރާ ކަމަކަމާއި މެދު ތިމާގެ ވިސްނުމާއި ސަމާލުކަން ގެއްލުވާލައި، އެކަމުން ތިމާ ދުރުހެލިކުރުވާ ފިކުރުތަކާއި ޚިޔާލުތަކެވެ.

ކީރިތި ޤުރްއާން ކިޔެވަން ފެށުމުގެ ކުރިން އަޢޫޛު ކިޔުމަށް، ކީރިތި ޤުރްއާނުގައި، އިރުޝާދުދެވިފައިވެއެވެ. އައްނަޙްލު ސޫރަތުގެ 98 ވަނަ އާޔަތުގައެވެ. فإذا قرأت القرآن فاستعذ بالله من الشيطان الرجيم، (ފަހެ، ކަލޭގެފާނު (ކީރިތި) ޤުރްއާން ކިޔަވާވިދާޅުވާ ހިނދު (އެބަހީ، ކިޔަވާ ވިދާޅުވާން ގަސްދުކުރައްވައިފި ހިނދު، ކިޔަވާވިދާޅުވާން ފެއްޓެވުމުގެ ކުރިން) ޝައިތާނާ(ގެ ވަސްވާސްތަކުން ސަލާމަތް ވުމަށްޓަކައި) (މާތް)ﷲގެ ރައްކާތެރިކަން ކަލޭގެފާނު ހޯއްދަވާށެވެ). އެހެންވެ، ނަމާދުގައި އަލްފާތިޙާ ސޫރަތް ކިޔަވާއިރު، ބިސްމި ކިޔުމުގެ ކުރިން، އަޢޫޛު ކިޔުން އޮވެއެވެ. އަދި މިއީ ކީރިތި ރަސޫލާގެ ސުންނަތުން ވެސް ސާބިތުވާ ކަމެކެވެ. ސަލާމާތް ސަލަވާތް ލެއްވި ނަބިއްޔާ (އަލްފާތިހާ ސޫރަތް) ކިޔަވާ ވިދާޅުވުމުގެ ކުރިން أعوذ بالله من الشيطان الرجيم ވިދާޅުވިކަމަށް ހަދީސްގައި ރިވާވެގެން ވެއެވެ.

ފިޤުހު ވެރިން ދެކިލައްވާގޮތުގައި ނަމާދުގައި އަލްފާތިޙާ ސޫރަތް ކިޔަވަން ފެށުމުގެ ކުރިން އަޢޫޛު ކިޔުމަކީ އެދެވިގެންވާ ކަމެކެވެ. އައްޝަޥްކާނީ އޭނާގެ ‘ނައިލު އަލްއަޥްޠާރު’ގައި ވިދާޅުވެފައިގޮތުގައި ފުރަތަމަ ރަކުޢަތުގައި އަލްފާތިޙާ ސޫރަތް ކިޔެވުމުގެ ކުރިން އަޢޫޛު ކިޔުމުން ފުދެއެވެ. އެހެން ރަކުޢަތްތަކުގައި އަޢޫޛު ކިޔުމެއް ނެތެވެ. އަދި އަޢޫޛު ކިޔާނީ ސިއްރުންކަންވެސް ފިގުހުވެރިން ވިދާޅުވެއެވެ. އިބްދު ޤުދާމާގެ އަލްމުޣްނީގައި ނަމާދުގައި އައޫޛު ސިއްރުން ކިޔެވުމާ މެދު އިލްމުވެރިންގެ ޚިޔާލު ތަފާތުވުމެއް ނެތްކަމަށް އިޝާރާތް ކުރައްވާފައިވެއެވެ. ނަމަވެސް، އައްޝާފީ މިކަން، އަޢޫޛު އަޑު ހަރުކޮށް ކިޔުމާއި ސިއްރުން ކިޔުން، ދޫކޮށްލައްވަނީ އިމާމާގެ އިޚްތިޔާރުގެ މައްޗަށެވެ. އިމާމު އައްޝާފިޢި ދެކިލައްވާ ގޮތުގައި، އަލްފާތިޙާ ސޫރަތް، އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި، އިމާމާ އަޢޫޛު އަޑު ހަރުކޮށް ކިޔަން އެދޭނަމަ، އެގޮތް އެންމެ ރަގަޅެވެ.

ނަމާދުގައި ވިޔަސް އަދި ނަމާދުން ބޭރުގައި ވިޔަސް ކީރިތި ޤުރްއާން ކިޔެވުމުގެ ކުރިން އައޫޛު ކިޔުމުގެ ބޭނުމަކީ، ކީރިތި ޤުރްއާނުން ކިޔަވާ އެއްޗެއްގެ މައްޗަށް، އަޅުވެރިޔާގެ ހިތުގެ ސަމާލުކަން މުޅިން ދިނުމަށް މަސައްކަތްކުރުމެވެ. ކީރިތި ޤުރްއާނުން، އޭނާ ކިޔަވާ އެއްޗެއްގެ މައްޗަށް، އޭނާގެ ވިސްނުމާއި ފިކުރު މުޅިން ހުއްޓުވާލަން މަސައްކަތް ކުރުމެވެ. އޭނާ ކިޔަވާ އެއްޗެއްގެ މާނަ ފަހުމްކޮށް ދެނެގަނެ އޭގެ މައްޗަށް ތަދައްބުރުކޮށް ފުންކޮށް ވިސްނުމަށްޓަކައެވެ. އަދި ނަމާދުގައި އަޢޫޛު ކިޔަވާނަމަ، ނަމާދުގެ އަޅުކަމުގައި މަޝްޣޫލުވެގެން ހުންނައިރު، ހިތުތެރެއަށް ވެރިވެދާނެ އެހެން ފިކުރުތަކާއި ޚިޔާލުތަކާއި ދުރުވެ، އޭނާގެ މުޅި ވިސްނުމާއި ފިކުރު މާތްﷲ ހަނދުމަކުރުމުގެ މައްޗަށް ހުއްޓުވާލުމަށްޓަކައެވެ.

ބަސްމަލާ (ބިސްމި) އާއި ބެހޭ ބައެއް މައްސަލަތަކުގެ އިތުރު ތަފްސީލު

ދެވަނައަށް މިތާގައި ބަލާލަން ގަސްދުކުރަނީ ބިސްމީގެ މައްޗަށެވެ. ބިސްމީގެ މައްޗަށް ކުރިން ހުށަހަޅާލެވުނު ޚުލާސާ، ކޮންމެވެސް ވަރަކަށް ނަމަވެސް، އިތުރަށް ތަފްސީލުކޮށްލަ ދިނުމުގެ ގޮތުންނެވެ. އެގޮތުން ބަލާލާނީ އަލްފާތިހާ ސޫރަތުގައި ބިސްމި ހިމެނޭތޯއާއި އަދި ނަމާދުގައި އެސޫރަތް ކިޔަވާއިރު، ބިސްމި ކިޔަން ޖެހޭތޯއާއި އަދި ކިޔަން ޖެހެނީ ކިހިނެއްކަމުގެ މައްޗަށެވެ. އެންމެ ފުރަތަމަ މިވާހަކަތައް ގެނެސްދެވިފައިވާ ބައެއް މަސާދިރުތަކުގެ ވާހަކަ ލިޔެލާނަމެވެ. ދެން އިމާމުވެރި ބޭކަލުންގެ ރައުޔު ހުށަހަޅާލައި، އެބޭކަލުންގެ ރައުޔު ތަފާތުވުމުގެ ސަބަބު ބަޔާންކޮށްދެވޭތޯ ބަލާނަމެވެ. މިވާހަކަތައް ހުށަހަޅާލުމުގެ ބޭނުމަކީ މިމައްސަލަ ރަގަޅަށް ފަހުމްކޮށް ދެނެގަތުމެވެ. އަދި، އެއަށްފަހު، އަމިއްލަ ވިސްނުން ބޭނުންކޮށްގެން، އެންމެ ބަރުދަން ބޮޑުގޮތަކީ ކޮބައިތޯ ހޯދަން މަސައްކަތް ކުރުމެވެ. ތިމާ ދެކޭ ގޮތް ނޫން އެހެން ރައުޔުތަކަށް ވެސް އިހުތިރާމުކުރުމާއި އެކުގައެވެ.

މިމައްސަލައި ބެހޭ ވާހަކަތައް، ތަފްސީރު ފޮތްތަކާއި ހަދީސް ފޮތްތަކާއި އަދި ފިގުހު ފޮތްތަކުގައިވެސް ލިޔެވިފައި ވެއެވެ. އިހުގެ ލިޔުންތަކަށް ބަލާލާއިރު، މިމައްސަލަ އާއި ބެހޭގޮތުން އެންމެ ތަފްސީލުކޮށް ލިޔުއްވާފައި އެއްބޭފުޅަކީ އިމާމު އައްރާޒީ، އޭނާގެ ތަފްސީރުގައެވެ. އޭނާގެ ތަފްސީރުގައި، މިމައްސަލައާ ބެހޭގޮތުން، ގާތްގަނޑަކަށް، ވިއްސަކަށް ސަފުހާ  ލިޔުއްވާފައި ވެއެވެ. އިމާމު އައްރާޒީގެ ވާހަކަތަކަށް ރައްދު ދެއްވައި އަލޫސީ އޭނާގެ ރޫހު އަލްމަޢާނީ، މިތަފްސީރުފޮތުގައި ވެސް ބިސްމި އާއި ބެހޭ ވާހަކަތައް ބަޔާންކުރައްވާފައި ވެއެވެ. މިޒަމާނުގެ ތަފްސީރު ފޮތްތަކަށް ބަލާލާއިރު، ކޮންމެވެސް ވަރަކަށް ތަފްސީލު ކުރައްވައި، މިމައްސަލަ، ޝައިޚް އަބްދުހޫގެ ތަފްސީރު އަލްމަނާރުގައި ބަޔާންކޮށް ސާފުކޮށްދެއްވާފައި ވެއެވެ. ފިގުހީ ފޮތްތަކަށް ބަލާލާއިރު، އިބްނު ރުޝްދު، އޭނާގެ ބިދާޔަތު އަލްމުޖްތަހިދުގައި، މިމައްސަލަ ވަރަށް ސާފުކޮށް، ޚުލާސާކޮށް ހުށަހަޅުއްވައިފައި ވެއެވެ. އަދި ހަމަ އެހެންމެ އަލްއުސްތާޛު ސައްދިޔު ސާބިޤު އޭނާގެ ‘ފިޤުހު އައްސުއްނަތު’ މިފޮތުގައި ވަރަށް ސާފުކޮށް ޚުލާސާކޮށް ދެއްވާފައިވެއެވެ. އައްޝަޥްކާނީ އޭނާގެ ނައިލު އަލްއަޥްޠާރުގައި މިމައްސަލައާއި ގުޅޭ ހަދީސްތަކުގެ މައްޗަށް ތަންގީދީ (ފާޑުކިޔމުގެ) ނަޒަރަކުން ބައްލަވާލައްވައިފައި ވެއެވެ. ތިރީގައިވާ، ބިސްމިއާއި ބެހޭ، އަޅުގަނޑުގެ ވާހަކަ ކޮޅު، މައިގަނޑު ގޮތެއްގައި، ބިނާކުރެވިފައި ވަނީ މިދެންނެވި މަސާދިރުތަކުގެ މައްޗަށެވެ.

ބިސްމިއާއި ބެހޭގޮތުން އިމާމުވެރި ބޭކަލުންގެ ރައުޔުތަކަށް ބަލައިލަމާތޯއެވެ. މިމައްސައިގައި މާލިކު ދެކެވަޑައިގަންވާ ގޮތުއި ފަރްޟު ފަސްނަމާދުގައި ސިއްރުން ވިޔަސް، ނޫނީ އަޑުހަރުކޮށް ވިޔަސް، އަލްފާތިޙާ ސޫރަތާއި އަދި އެހެނިހެން ސޫރަތް ކިޔެވުމުގައި ވެސް ބިސްމި ކިޔުމެއް ނެތެވެ. އަދި މާލިކު ދެކެވަޑައިގަންނަވާ ގޮތުގައި ސުންނަތް ނަމާދުގައި ބިސްމި ކިޔަސް އެންމެ ރަނގަޅެވެ. އިމާމު އަބޫ ޙަނީފާ އާއި އިމާމު އައްޘަވްރީ އަދި އިމާމު އަޙްމަދު ދެކެވަޑައިގަންނަވާ ގޮތުގައި ނަމާދުގައި ކޮންމެ ރަކުޢަތެއްގައިމެ އަލްފާތިޙާ ސޫރަތް ކިޔަވާއިރު ބިސްމި ކިޔަން ޖެހޭނެއެވެ. އަދި، މިބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި ބިސްމި ކިޔަން ޖެހޭނީ ސިއްރުންނެވެ. އިމާމު އައްޝާފިޢީ ދެކެވަޑައިގަންނަވާ ގޮތުގައި އަލްފާތިޙާ ކިޔެވުމުގައި ބިސްމި ކިޔަން ޖެހޭނެއެވެ. އަދި ބިސްމި ކިޔަން ޖެހޭނީ، އަލްފާތިހާ އަޑު ހަރުކޮށް ކިޔާވާ ނަމާދުތަކުގައި އަޑު ހަރުކޮށެވެ. އަލްފާތިޙާ ސިއްރުން ކިޔަވާ ނަމާދުތަކުގައި ސިއްރުންނެވެ.

ބިސްމި ކިޔުމުގެ މައްސަލައިގައި، އިލްމުވެރިންގެ ރައުޔު ތަފާތުވުން، ބިނާވެފައި އޮތީ ދެކަމެއްގެ މައްޗަށެވެ. އެންމެ ފުރަތަމަ، ބިސްމިއަކީ އަލްފާތިހާ ސޫރަތާއި އަދި، އަލްބަރާއަތު ސޫރަތް ފިޔަވައި، އެހެން ސޫރަތްތައް ވެސް ފެށުމުގައި އޮންނަ، އެސޫރަތްތަކުގައި ހިމަނައި ގުނާލެވޭ އާޔަތެއްތޯ ނުވަތަ ނޫންތޯ، މިކަމުގެ މައްޗަށެވެ. ދެވަނަ ސަބަބަކީ މިމައްސަލައާ ބެހޭ ގޮތުން ވާރިދުވެފައިވާ ހަދީސްތަކާއި އަޘަރުތައް (އަސްޙާބު ބޭކަލުންގެ ފަރާތުން އައިސްފައިވާ ވާހަކަތައް) ތަފާތުވުމެވެ.

އެންމެ ފުރަތަމަ މިމައްސަލައާ ބެހޭ ގޮތުން ވާރިދުވެފައިވާ ބައެއް ހަދީސްތަކާއި އަޘަރުތަކުގެ މައްޗަށް ބަލާލާމާތޯއެވެ. މިގޮތުން ވާހަކަ ދައްކާއިރު ހަދީސް އިލްމުގައި ބޭނުން ކުރެވޭ ބައެއް ޚާއްސަ އިސްޠިލާޙީ (ޓެކްނިކަލް) ލަފްޒު ބޭނުން ކުރަން ޖެހެއެވެ. އެހެންވެ، އެންމެ ފުރަތަމަ އޭގެތެރެއިން އާއްމު ބައެއް ލަފުޒުތަކާއި އޭގެ މާނަ ލިޔެލާނަމެވެ. ބިސްމިއާއި ބެހޭ ހަދީސްތައް ވިސްނި ފަހުމްވެދިޔުމަށްޓަކައެވެ.

ހަދީސްގެ ސޫރައަށް ބަލާލާއިރު ދެބައެއް އޮވެއެވެ. އެންމެ ފުރަތަމަ ހަދީސްގެ ރާވީންނެވެ. އާދެ، ހަދީސް ރިވާ ކުރެއްވި ބޭކަލުންނެވެ. ހަދީސެއް ރިވާކުރެއްވި ބޭކަލުންގެ ސިލްސިލާއަށް ކިޔޭނަމަކީ ‘ސަނަދެވެ’. ހަދީސްގެ ދެވަނަ ބަޔަކީ ހަދީސް ގެ ‘ނައްޞު’ (ނުވަތަ ޓެކްސްޓު) އެވެ. މިބަޔަށް ކިޔެނީ ‘މަތުނު’ އެވެ. އާދެ، ހަދީސްގެ ސޫރަ ބިނާވެފައި އޮންނަނީ ސަނަދަކާއި މަތުނެއްގެ މައްޗަށެވެ. ‘ގިނަ’ ސަނަދު ތަކެއް އެކުލެވިގެން، އެއްހަދީސެއް ރިވާކުރެވިފައިވާ ނަމަ އެހަދީސަކީ ‘މުތަވާތިރު’ (އެތައް ބަޔަކު ރިވާކޮށްފައިވާ) ހަދީސެއްކަމުގައި ބެލެވެއެވެ. ހަދީސެއް މުތަވާތިރުވެއްޖެ ނަމަ އޭގެ ސައްހަ ކަމާމެދު ޚިލާފުވުމެއް ނެތެވެ. މަދުބަޔަކު ރިވާކޮށްފައިވުމުން، މުތަވާތިރުގެ ދަރަޖައަށް ނުފޯރާ ހަދީސަކީ ‘އާޙާދު’ ހަދީސެވެ. އެކަކު ނުވަތަ ދެމީހަކު ރިވާ ކޮށްފައިވާ ‘އެކަހެރި’ ހަދީސްއެވެ. ބިސްމި އާ ބެހޭ ގޮތުން އައިސްފައިވާ ހަދީސަކީ އާހާދު ހަދީސެވެ. އަދި މީގެ ތެރެއިން ބައެއް ހަދީސްތަކުގެ ސަނަދު ގައި މައްސަލަތައް ހުރިކަން ހަދީސް އިލްމުވެރިން ފާހަގަ ކުރައްވައެވެ.

ދެން ބިސްމިއާއި ބެހޭގޮތުން އައިސްފައިވާ ހަދީސް ތަކުގެ މައްޗަށް ބަލައިލަމާތޯއެވެ. އެންމެ ފުރަތަމަ، ބިސްމި ނުކިޔުމަށް ހެކި ލިބޭ ހަދީސްތަކުގެ މައްޗަށެވެ. އިބްނު މުޣައްފަލު އޭ ކިޔުނު ބޭކަލަކު ރިވާ ކުރެއްވި ހަދީސެއްގައި ވެއެވެ. “ތިމަންނާ (ނަމާދުގައި އަލްފާތިޙާ ކިޔެވުމުގެ ކުރިން) ބިސްމި ކިޔަވަނިކޮށް ތިމަންގެ ބައްޕަ އަޑުއެއްސެވިއެވެ. ދެން ބައްޕަ ވިދާޅުވިއެވެ. ‘ދަރިފުޅާއެވެ! (ދީނުގައި) އާ ކަންތައްތައް ކުރުމުން ދުރުހެލިވާށެވެ! ފަހެ، ބައްޕަ ސަލާމާއި ޞަލަވާތް ލެއްވި މާތްﷲގެ ރަސޫލާ އަރިހުގައްޔާއި އަދި އަދި އަބޫބަކުރުގެފާނާއި ޢުމަރުގެފާނު އަރިހުގައިވެސް ނަމާދު ކުރެއްވީމުއެވެ. މިއިން އެއްވެސް ބޭފުޅަކު ބިސްމި ކިޔަވަނިކޮށް ތިމަންނާ އަޑެއް ނާއްސަވަމުއެވެ.'” ހަދީސް ޢިލްމުވެރިޔަކު ކަމުގައިވާ އަބޫ ޢުމަރު ބިން ޢަބްދު އަލްބައްރު، މިހަދީސް އާއި ބެހޭ ގޮތުން. ވިދާޅުވެފައިވެއެވެ. “އިބްނު މުޣައްފަލު އަކީ ކާކު ކަމެއް ނޭނގެއެވެ.” އާދެ، މިހަދީސް ގެ ސަނަދުގައި ހިމެނޭ އެއްރާވީ އަކީ ކާކުކަން ނޭންގޭ މަޖްހޫލު މީހެކެވެ. އެހެންވެ، މިހަދީސް އަކީ އެއިން ހެކި ލިބިގަނެވޭ ވަރަށްވުރެ ‘ޟަޢީފު’، ‘ބަލިކަށި’، ހަދީސް އެކެވެ. އާދެ، ސައްހަ ނޫން ހަދީސެކެވެ.

ބިސްމި ނުކިޔުމަށް، ހުއްޖަތެއްގެ ގޮތުން ދެއްކޭ އަނެއް ހަދީސަކީ އިމާމު މާލިކު ރިވާކުރެއްވި، ކީރިތި ރަސޫލާގެ ޚާދިމު އަނަސްގެފާނުގެ ހަދީސެކެވެ. އެހަދީސްގައި އަނަސްގެފާނު ވިދާޅުވިކަމަށް ރިވާވެގެންވެއެވެ. “ތިމަންކަލޭގެފާނު މާތްﷲ ރުއްސުންލެއްވި އަބޫބަކުރުގެފާނާއި ޢުމަރުގެފާނާއި ޢުޘްމާނުގެފާނު ފަހަތްޕުޅުގައި (ނަމާދަށް) ތެދުވެ ހުންނެވީމުއެވެ. އަދި މިހުރިހާ ބޭފުޅުންވެސް ނަމާދުގައި (އަލްފާތިޙާ ކިޔަވަން) ފައްޓަވާއިރު ބިސްމި ކިޔަވާ ވިދާޅެއް ނުވެއެވެ.” އަބޫ ޢުމަރު ވިދާޅުވިއެވެ. “އެހެން ބައެއް ރިވާޔަތް ތަކުގައި މިފަދައިން އަނަސްގެފާނު ވިދާޅުވިކަމަށް ވެއެވެ. ‘ސަލާމާއި ސަލަވާތް ލެއްވި ނަބިއްޔާގެ ފަހަތްޕުޅުގައި (ނަމާދު ކުރެއްވީމު)އެވެ. އަދި އެކަލޭގެފާނު ބިސްމި ކިޔަވާ ވިދާޅެއް ނުވެއެވެ.'” މިޙަދީސާއި ބެހޭގޮތުން އަބޫ ޢުމަރު ވިދާޅުވެފައިވެއެވެ. ‘ހަދީސް އަހުލުވެރިން އަނަސްގެފާނުގެ ހަދީސަކީ، ހުއްޖަތެއްގެ ގޮތުގައި ބޭނުންނުކުރެވޭ ދަރަޖައަށް، ‘އިޟްޠިރާބު’ ވެފައިވާ (‘ލޮޅުން’ އަރައިފައިވާ) ހަދީސެއްކަމަށް ވިދާޅުވެއެވެ. ”އިޟްޠިރާބު’ (‘ލޮޅުން އެރުން’) މިލަފްޒުން ދޭހަކޮށްދެނީ އެހަދީސް ރިވާކުރުމުގައި، އެ ހަދީސްގެ މާނައަށް ލޮޅުން އަރާވަރަށް، އެ ހަދީސްގެ ލަފްޒުތައް ތަފާތުވެފައި ވުމެވެ.

މިކަން އިތުރަށް ސާފުވެދިޔުމަށްޓަކައި، ދެންމެ މިނަންގަތް އަނަސްގެފާނުގެ ހަދީސް ‘އިޟްޠިރާބު’ވަނީ ކިހިނެއްކަން ބަލައިލަމާ ތޯއެވެ. މިހަދީސްގެ ސަނަދު ބައެއް ފަހަރު ކީރިތި ރަސޫލާއާ ހަމައަށް ފޯރައެވެ. އަދި އެސިލްސިލާ ކީރިތި ރަސޫލާއާ ހަމައަށް ފޯރާފައިވުމުން އެ ހަދީސް އަކީ ‘މަރްފޫޢު’ ހަދީސް  އެކެވެ. އަނެއްބައި ފަހަރު މިހަދީސް މަރްފޫޢު ހަދީސްއަކަށް ނުވެއެވެ. ހަދީސްގެ ސަނަދު ކީރިތި ރަސޫލާއާ ހަމައަކަށް ނުފޯރައެވެ. އަދި ބައެއް ރިވާޔަތްތަކުގައި ޢުޘްމާނުގެ ފާނުގެ ނަންފުޅު ނަންގަނެވިފައި ވެއެވެ. އަނެއްބައި ރިވާޔަތްތަކުގައި އެކަލޭގެފާނުގެ ނަންފުޅު ނަންގަނެވިފައެއް ނުވެއެވެ. އަދި ބައެއް ރިވާޔަތް ތަކުގައި ‘އެބޭކަލުން ބިސްމި ކިޔަވާ ވިދާޅުވާ ކަމަށް އައިސްފައިވެއެވެ.’ އަދި އަނެއްބައި ރިވާޔަތްތަކުގައި ‘އެބޭކަލުން ބިސްމި ކިޔަވާ ވިދާޅު ނުވާކަމަށް އައިސްފައިވެއެވެ.’ އަދި ބައެއް ރިވާޔަތްތަކުގައި އެބޭކަލުން ބިސްމި އަޑުހަރުކޮށް ވިދާޅު ނުވާކަމަށް އައިސްފައި ވެއެވެ. އާދެ، އަނަސްގެފާނުގެ މިހަދީސްގެ ސަނަދާއި އަދި މަތްނުވެސް މިދަރަޖައަށް ‘އިޟްޠިރާބު’ވެފައި، ތަފާތުވެ ލޮޅުން އަރައިފައި، އޮތުމުން، ހަދީސް އިލްމުވެރިންގެ ގާތުގައި މިއީ ހުއްޖަތެއްގެ ގޮތުގައި ބޭނުން ކުރެވޭނޭ ހަދީސެއް ނޫނެވެ. (ނުނިމޭ )

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top