ބ.އަތޮޅުގައި ހިންގަމުން އަންނަ އަމިއްލަފުށި ރިސޯޓާއި ބ.އަތޮޅުގެ ފަޅުރަށެއްކަމުގައިވާ ފަސްދޭތެރެ ފުނަދޫ ވިއްކާލަން އިއުލާނު ކޮށްފިއެވެ.
މި ދެ ރަށް ވިއްކާލަން އިއުލާނު ކޮށްފައިވަނީ ކޯސްޓްލައިން ގުރޫޕް އޮފް ކޮމްޕެނީސްގެ ރިސޯޓު މެނޭޖްމެންޓް ޕާޓުނަރ، ދަ ސްމޯލް މޯލްޑިވްސް އައިލެންޑް ކޯ (ޓީއެސްއެމްއައިސީ) އިން ނެވެ.
ޓީއެސްއެމްއައިސީ އިން ކޮށްފައިވާ އިއުލާނުގައި މިދެ ރަށުގެ އިތުރުން ރ.އަތޮޅުގައި ޑޮމެސްޓިކް އެއަޕޯޓެއް ހިންގަމުން އަންނަ އިފުރު ރިސޯޓުވެސް ހިމެނެއެވެ.
ސީޕްލޭންގައި މާލެއިން ފުރައިގެން 25-35 މިނެޓުން ދެވޭ ބ. ފުނަދޫ ވިއްކާލުމަށް ދަ ސްމޯލް މޯލްޑިވްސް އައިލެންޑް ކޯ އިން އިއުލާނު ކޮށްފައިވާ އިރު 11.69 ހެކްޓަރުގެ ފުނަދޫ އަކީ 90 ވިލާގެ ރިސޯޓެއް ތަރައްގީ ކުރުމަށް އެކުންފުނިން ނިންމާފައިވާ ރަށެކެވެ. މިރަށް ވިއްކާލުމަށް ނިންމާފައިވަނީ އެކުންފުނީގެ ރިސޯޓު ހެދުމުގެ ކޮންސެޕްޓާއިވެސް އެކުގައިކަމަށް އެކުންފުނިން ބުނެއެވެ.

އަމިއްލަފުށި ރިސޯޓުވެސް ވަނީ ވިއްކާލުމަށް އިޢުލާން ކޮށްފައެވެ.
މި ރަށްތައް ވިއްކާލަނީ 50 އަހަަރަށެވެ.
ކޯސްޓްލައިން އިން ބ.އަތޮޅުގައި ވަނީ ފިނޮޅު މޯލްޑިވްސް (ސީސައިޑް ފިނޮޅު) މުއްދޫ އައިލެންޑް ރިސޯޓް (ދުސިޓް ތާނީ މޯލްޑްވިސް) ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރުމަށް ފަހު އެތަންތަން ހިންގުމަށް އެހެން ކުންފުނިތަކަށް ވިއްކާލާފައެވެ.
އިފުރު ރިސޯޓު ވިއްކާލަނީ މިހާރު އައިލެންޑް އޭވިއޭޝަން ސާވިސަސް އިން އޮޕަރޭޓު ކުރަމުންދާ އިފުރު ޑޮމެސްޓިކް އެއާޕޯޓާއިވެސް އެކުގައެވެ. 2015 އަހަރުން ފެށިގެން އެއާޕޯޓު އޮޕަރޭޓު ކުރަމުންދަނީ އައިލެންޑް އޭވިއޭޝަން ސާވިސަސް އިންނެވެ.