މިނިވަން ޗެންޕިއަންޝިޕަށް އޭދަފުށި ކައުންސިލުން 74000ރ ގެ ބަޖެޓެއް ފާސްކޮށްފި

19748479_1525855294156147_712520271987085862_n-800x452-800x452.jpg

އޭދަފުށި ފުޓްބޯޅަ ޓީމްގެ އޮފިޝަލުންނާ، ބައެއް ކުޅުންތެރިން މިދިޔަ އަހަރު ކުޅުނު މެޗެއްގެ ކުރިން ގައުމީ ސަލާމް ކިޔަނީ / ފައިލް ފޮޓޯ

މާދަމާ އޭދަފުށީގައި ފެށުމަށް ހަމަޖެހިފައިވާ މިނިވަން ޗެންޕިއަންޝިޕް 2018 މުބާރާތުގައި ބައިވެރިވާ އޭދަފުށީ ޓީމްގެ ހަރަދުތަކަށް އޭދަފުށި ކައުންސިލްގެ އާމްދަނީ އެކައުންޓުން ހަތްދިހަ ހަތަރުހާހަށްވުރެ ގިނަ ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ.

އޭދަފުށީ ކައުންސިލުން މިބަޖެޓް ފާސްކުރީ އެކައުންސިލުން މިދިޔަ ހަފްތާގެ ބުދަދުވަހު ބޭއްވި ކައުންސިލްގެ އާންމު ބައްދަލުވުމުގައެވެ. އެބައްދަލުވުމުގައި ފުޓްބޯޅަ ޓީމްގެ ހަރަދުތަކަށް އެސްޓިމޭޓްކޮށް ފަސްކުރި އަދަދަކީ 74670ރުފިޔާއެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން ވިދާޅުވީ ފުޓްބޯޅަ ޓީމްގެ ހަރަދުތައް ކުރުމަށް ބޮޑު ބަޖެޓެއް ފާސްކުރި ނަމަވެސް ސްޕޮންސާގެ ގޮތުގައި ލިބޭނެކަމަށް ބެލެވޭ އެހީއާއެކު ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރެވޭނެކަމަށެވެ. އޭނާ ވިދާޅުވީ ސްޕޮންސާގެ ގޮތުގައި މިހާތަނަށް ފަނަރަވަރަކަށް ހާސްރުފިޔާގެ އެހީ ލިބިފައިވާކަމަށެވެ.

“ދޮންފަނު އިންވިޓޭޝަން ކަޕްގެ ހަރަދުތަކަށްވެސް ފާސްކުރީ ވިހިހާސް ރުފިޔާގެ ބަޖެޓެއް. އެކަމަކު ކައުންސިލުން ހަރަދުވީ އެހާރަހާސްރުފިޔާ. މިނިވަން ޗެންޕިއަންޝިޕަށް މިވަގުތުވެސް ފަނަރަހާސް ރުފިޔާގެ އެހީ ލިބިފަ އޮތީ. ތަކެތީގެ އެހީގެ ގޮތުގައި އަދިވެސް އެހީ ލިބޭނެކަމަށް ލަފާކުރެވޭ. އެހެންވީމާ ފާސްކުރާ ބަޖެޓަށްވުރެ ހަރަދުތައް ކުޑަވާނެ އިރާދަކުރެއްވިއްޔާ” ތޮލާލް ވިދާޅުވިއެވެ.

ތޮލާލް ވިދާޅުވީ ހަތްދިހަ ހަތަރުހާސް ރުފިޔާގެ ބަޖެޓަކީ އަތޮޅު މުބާރާތާއި، ޒޯން މުބާރާތުގެ ހަރަދުތައް އެކަނި ކަމަށާ، ފައިނަލް ރައުންޑަށް ޓީމް ހޮވިއްޖެނަމަ، އިތުރު ބަޖެޓެއް ފާސްކުރަން ޖެހިދާނެކަމަށެވެ.

“އުއްމީދަކީ ފައިނަލް ރައުންޑަށް ގޮސް ރަނގަޅު ނަތީޖާއެއް ހޯދުން. އެހެންނަމަވެސް ބަޖެޓް މިވަގުތު މިފަސްކުރީ ޒޯން މުބާރާތުގެ ނިޔަލަށް ހިނގާނެ ހަރަދުތަކުގެ ލަފާކުރެވޭ ވަރެއް”

ފާއިތުވި ދެތިން އަހަރު އޭދަފުށީގެ ފުޓްބޯޅަ ޓީމްގެ ހަރަދުތަކަށްވެސް އޭދަފުށީ ރައްޔިތުންގެ މާލިއްޔާއިން ބޮޑެތި ހަރަދުތަކެއް ކޮށްފައިވެއެވެ. އެގޮތުން 2015، 2016، އަދި 2017 ވަނަ އަހަރު މިނިވަން ޗެންޕިއަންޝިޕްގައި ވާދަކުރުމަށް ޖުމްލަ ތިންލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކުރުމަށް އޭރު ކައުންސިލުން ފާސްކޮށްފައިވެއެވެ.

މިނިވަން ޗެންޕިއަންޝިޕްގައި ބ. އަތޮޅުން މިއަހަރު ވާދަކުރަނީ އޭދަފުއްޓާއި، ފެހެންދޫއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top