ޝައިޚް މަޖީދުގެ ދަރެސް : ފިރިހެނުން, ހިލޭއަންހެނުންނާ އެކަހެރިކޮށް ބައްދަލު ވުމަކީ ޙަރާމް ކަމެއް

215_romantickerala.jpg

ދީނީގޮތުން ބަލާއިރު، ހިލޭއަންހެނުންނަކީ މަޙްރަމުން ނޫން މީހުންނެވެ. އެމީހަކާ ކައިވެނިކުރުން ހުއްދަ މީހުންނެވެ. އެފަދަ މީހަކާ އެކަހެރި ޙާލަތުގައި ބައްދަލުވެ ނޫޅުމަށް އިސްލާމްދީން ގޮވާލައެވެ. މިކަމަކީ އެއްވެސް މުސްލިމަކަށް ނޭގި އޮވެގެންވާނޭ ކަމެއްނޫނެވެ. ކަން އޮތީ މިހެންކަން އެނގި ތިބެ، ހިލޭދެމީހުން އެކުގައި ސައިކަލު ބުރު ޖަހަން ނުވަތަ ކާރު ބުރުޖަހަން ދިއުމަކީ، އިސްލާމީ ބައެއް ޤައުމުތަކުގައި ފާޅުކަން ބޮޑުގޮތެއްގައި ކޮށްއުޅޭ ވަރަށް ޢާންމުކަމެކެވެ. އަދި ހަމަ އެހެންމެ ހިލޭދެމީހުން އެކުގައި ރަށުންބޭރަށް ފުރައިގެން ދިއުމަކީވެސް، އިސްލާމީ ބައެއް މުޖުތަމަޢުތަކުގައި ވަރަށް ޢާންމުކަމެކެވެ. މިފަދަ ނޭދެވޭ ޢަމަލުތައް ގިނަ މުޖުތަމަޢުތަކުގައި ޢާއިލާތައް ރޫޅި، ދަރިން ނިކަމެތިވަމުން ދާކަމީ ފެންނަން ހުރި ޙަޤީޤަތެކެވެ.

ނަމަވެސް އަނެއްބައި ޢަރަބި އިސްލާމީޤައުމުތަކުގައި އެބައިމީހުންގެ އާދަކާދައާއި ޘަޤާފަތާ ޚިލާފުކަމަކަށްވާތީ، ހިލޭދެމީހުން އެކަހެރިވެ ތިބުމާއި މަޙްރަމަކާނުލައި ރަށުންބޭރަށް ދިއުމަކީ، ލަދުވެތިކަމެއްގެ ގޮތުގައި ވަނީ ވެފައެވެ. ޙަޤީޤަތުގައި މިއީ ވަރަށް ލަތުވެތިވާން ޖެހޭނެ ކަމެކެވެ. ހިލޭ ދެމީހުން އެކަހެރިވެ ތިބުމަކީ، ކަނޑައެޅިގެން ޙަރާމްކަމެއްކަމަށް ފިޤުހު ޢިލްމުވެރިން އިއްތިފާޤުވެ ވަޑައިގަންނަވައެވެ.

މާތްﷲ އެބޭކަލަކަށް ރުއްސުންލެއްވި ޢުޤުބަތުބްނުޢާމިރުގެ ކިބައިން ރިވާވެގެންވެއެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) ހަމަކަށަވަރުން ރަސޫލުﷲޞައްލަﷲޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން ހިލޭއަންހެނުންގެ ކައިރިއަށް ދިއުމުން ދުރުހެލިވާށެވެ! (އެބަހީ: ހިލޭއަންހެނުންނާ އެކަހެރިކޮށް ބައްދަލުކޮށްނުހަދާށެވެ!) ފަހެ، އަންޞާރުންކުރެ ބޭކަލަކު ދެންނެވިއެވެ. ފިރިމީހާގެ ގާތްތިމާގެ ފިރިހެނުން، (އެ ފިރިމީހާގެ) އަނބިމީހާ އާ ބައްދަލުވެއުޅުން ކިހިނެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. “ޅިޔަނުންނަކީ މަރުފަދަ ބައެކެވެ.” (އެބަހީ : އެފަދަ ނުރައްކާތެރި ބައެކެވެ.)

އިސްވެދިޔަ ބަސްފުޅުން ދޭހަވަނީ ފިރިހެނަކު ހިލޭއަންހެނަކާއެކު އެކަހެރި ޙާލަތުގައި ބައްދަލުވެ އުޅުމަކީ، މުސްލިމަކު ކޮށްގެންވާނޭކަމެއްނޫންކަމެވެ. އެއީ އެކަމުގެ ނުރައްކާތެރިކަމުގެ ސަބަބުންނެވެ. ޝައިޠާނާގެ ވަސްވާހުގައިޖެހި ބަދުއަޚްލާޤީ ޢަމަލެއްކުރެވިދާނެކަމުގެ ބިރަށްޓަކައެވެ. އަދި ޒިނޭކުރެވިދާނެކަމުގެ ބިރަށްޓަކައެވެ.

އެކަހެރިގޮތަކަށް ބައްދަލުވެއުޅެގެންނުވާނެކަން ބަޔާންކުރައްވައި، ކީރިތިރަސޫލާޞައްލަﷲޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވާ އެހެން ބަސްފުޅެއްގެ މާނައިގައިވަނީ “ތިޔަބައިމީހުންކުރެ މީހަކު ހިލޭއަންހެނަކާ، އެކަނބުލޭގެ މަޙްރަމަކާނުލައި އެކަހެރިކޮށް ބައްދަލު ނުކުރާހުށިކަމެވެ.” (ރިވާކުރެއްވީ އަލްއިމާމުލްބުޚާރީއާއި އިމާމު މުސްލިމް)

އިސްވެދިޔަ ބަސްފުޅުން ދޭހަވާ ގޮތުގައި ފިރިހެނަކު ހިލޭ އަންހެނަކާ ބައްދަލުވާންވާނީ، އެ އަންހެނާގެ ފިރިމިހާ ނުވަތަ ބައްޕައާއި ކާފައާއި ބޭބެ ނުވަތަ ބޮޑުބޭބެއެއްފަދަ މީހެއްގެ ހާޒިރުގައެވެ. މިފަދަ ކަންކަން ޝަރްޢުގައި ލައްވާފައިވަނީ، ދަރިފަސްކޮޅާއި ޢަބުރު ރައްކާތެރިކުރުމަށްޓަކައެވެ. ޢާއިލާތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. މުޅި އިސްލާމީ މުޖުތަމައު އަމާން މުޖުތަމައެއްކަމުގައި ލެއްވުމަށްޓަކައެވެ.

އަޅުގަނޑުމެންނީ، ކީރިތި މާތްނަބިއްޔާގެ މިފަދަ އިރުޝާދުތައް ކިޔައި އެއާމެދު ވިސްނާ ފިކުރުކޮށް ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފައި، ހަރުދަނާ ބިންގަލެއްގެ މަތީގައި ސާބިތުވެތިބޭ އަމިއްލަ ނަފްސަށް އިޙްތިރާމްކުރާ ބަޔަކުކަމުގައި ލައްވާށީ! އާމީން.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top