ކުރިއަށް އޮތް ހަތަރު ދުވަހު ސިއްހަތަށް ނުރައްކާ މިންވަރަށް ދުންފުހުގެ އަސަރު ކުރާނެތީ ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން މިއަދު އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން މިއަދު ބުނީ އުތުރާއި މެދުތެރޭގެ ސަރަހައްދުތަކުގައި ދުންފުހުގެ އަސަރު، ސިއްހަތަށް ނުރައްކާތެރި މިންވަރަކަށް ހުރިކަމަށެވެ. އަދި ކުރިއަށް އޮތް ހަތަރު ދުވަހު އެ ހާލަތު ދެމި އޮންނާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެފައިވެއެވެ.
އެހެންވެ މެޓް އޮފީހުން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކާއި، ބޭރުގައި ގިނަ ވަގުތު ހޭދަކުރާ ފަރާތްތަކުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން މިއަދު ވަނީ ވިލިމާލޭގެ ވައި ނުސާފުވުމުގެ ސަބަބުން ރެޑް އެލާޓު ނެރެފައެވެ. އަދި ވިލިމާލޭގައި ވައިނުސާފު މިންވަރު ހުރީ 163 ގައި ކަމަށާއި، އެހެންވެ މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ރެޑް އެލާޓު ނެރުމަށްފަހު އެ އެޖެންސީން ބުނީ ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާ ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރިހާ މީހުންނަށްވެސް މިދުވަސްވަރު ބޮޑު ކަމަށެވެ.
މާލެއަށް އޮރެންޖު އެލާޓް ނެރެފައިވާ އިރު، އެ އެލާޓުގައި ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަ ދިމާވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އެޕީއޭ އިން ބުންޏެވެ.
އެހެންކަމުން ނާޒުކު ހާލަތުގައިވާ މީހުން ބޭރަށް ނުކުތުމުގެ ކުރިން މާސްކު އެޅުމަށާއި ނުސާފު ވައި ވަނަ ނުދިނުމަށްޓަކައި ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި ނާޒުކު ހާލަތުގައިވާ ފަރާތްތައް ކުޅިވަރުކުޅުމާއި ކަސްރަތުކުރުން މަޑުޖައްސާލަން ސިއްހީ މާހިރުން އިލްތިމާސްކުރެއެވެ.






