ސަރުކާރުން ދޭ ތެލުގެ ސަބްސިޑީ، އެންމެ ބޭނުން ޖެހިފައިވާ ރައްޔިތުންނަށް ލިބޭނެގޮތް ހެދުން ކަމަށާއި އެގޮތަށް ސަބްސިޑީގެ ސިޔާސަތު ބަދަލުކުރުން މުހިއްމު ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް މިއަދު ގައުމާއި މުޚާތަބުކުރައްވައި ދެއްވި ޚިތާބުގައި ވިދާޅުވީ ރަޝިއާ- ޔޫކްރޭން ހަނގުރާމައާ ގުޅިގެން، މުޅި ދުނިޔޭގެ އިގްތިސާދަށް ލޮޅުން އަރާފައިވާ ކަމަށެވެ. އެހެންވެ އެ ހަނގުރާމައިގެ ސަބަބުން ހުރިހާ ގައުމަކަށް އޮތް ގޮންޖެހުންތައް، ރާއްޖެއަށްވެސް ކުރިމަތިވެއްޖެ ކަމަށް ރައީސް ވިދާޅުވި އެވެ.
“ނަމަވެސް، އޭގެ އަސަރު އެހެން ބައެއް ގައުމުތަކުގެ ރައްޔިތުންނަށް ކުރަމުން އަންނަ ވަރާ ގާތަށްވެސް އަދި ދިވެހިންނަކަށް ނުކުރޭ. ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ބޮޑުވިވަރާ ކައިރިއަށްވެސް، ރާއްޖޭގައި ތެލުގެ އަގަށް ބަދަލެއް ނުގެންނަން. ސަބަބަކީ ، އޭގެ ހަގީގީ ބުރަ ސަރުކާރުން އުފުލަމުންދާތީ،” ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސާދުގެ ހަމަ ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުން ކޮންމެހެން މުހިންމު ކަމަށް ރައީސް ކަމަށާއި ރައްޔިތުންނަށް ލިބިދެވޭ ޚިދުމަތްތަކަށް އަރާ ބުރުލާއި އަންނަ ގުޑުން ކުޑަކުރުމަށް މަސައްކަތް ކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށްވިދާޅުވެ އެކަމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެގޮތުން ސަރުކާރުގެ ޚަރަދުކުޑަކުރުމަށް ކުރަން ޖެހޭ މަަސައްކަތްކޮށް އަދި ސަރުކާރުގެ އާމްދަނީ އިތުރުކުރުމަށް ސިޔާސަތުތަކަށް ބަދަލު އެބަ ގެންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިގުލަމުންދާ ރަޝީޔާ-ޔޫކްރެއިން ހަނގުރާމައިން އަތުވެދާނެ ހުރިހާ ހާލަތަކަށް ވިސްނާ ތިބުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި މިއީ އެ ހާލަތާ ގުޅޭގޮތަށް އިގްތިސާދީ ސިޔާސަތަށް ބަދަލު ގެންނަން ޖެހޭ ވަގުތު ކަމަށެވެ.
ސަރުކާރުން ދޭ ތެލުގެ ސަބްސިޑީ، އެންމެ ބޭނުން ޖެހިފައިވާ ރައްޔިތުންނަށް ލިބޭނެގޮތަށް ސަބްސިޑީގެ ސިޔާސަތު ބަދަލުކުރުން މުހިއްމު ކަމުގައި ދެކިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އެންމެ ބޮޑު ޒިންމާއަކީ އެހިނދަކު ދުނިޔެއަށް ކުރިމަތިވާ ކޮންމެ ކޮޅިގަނޑަކުން ސަލާމަތްވެ، ރައްޔިތުންނައިގެން އަމާން ބަނދަރަކަށް ވަދެވޭނެ މިސްރާބަށް ދީލައިލުން ކަމަށް ރައީސް ވިދާޅުވިއެވެ.