އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްގެ ސައިފް ސްޕޯޓްސް ކްލަބް އަތުން މޮޅުވުމަށް ދިވެހި ސަޕޯޓަރުންގެ އެހީބޭނުންކަމަށް އޭދަފުއްޓަށް އުފަން ޓީސީ ސްޕޯޓްސް ކްލަބްގެ ފޯވާޑް އިޝާން އިބްރާހީމް ބުނެފިއެވެ.
އިޝާން މިހެންބުނީ ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަދައްކަމުންނެވެ.
އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގް މެޗުގައި މިދިޔަ ހޯމަ ދުވަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ކުޅުނު މެޗްގައި ޓީސީ މޮޅުވީ 1-0ގެ ނަތިޖާއަކުންނެވެ. އެމެޗްގައި ޓީސީ ޖެހި ލަނޑުގައި ބޮޑު ހިއްސާއެއް އަދާކުރި ސައްޓު ބުނީ ފުރަތަމަ މެޗުން މޮޅުވެފައި އޮތަސް މިމެޗް ކާމިޔާބުކުރުމަށް ސަޕޯޓަރުންގެ އެހީތެރިކަން ބޭނުންވާނެކަމަށެވެ. އަދި ދިވެހި ފުޓްބޯޅަ އަށް ސަޕޯޓްކުރާ ވީހާ ގިނަ އަދަދެއްގެ ބަޔަކު ދަނޑަށް ގޮސް ޓީސީއަށް ސަޕޯޓްކުރުމަށް އޭނާ އެދުނެވެ.
“ފުރަތަމަ މެޗުން އަޅުގަނޑުމެން މިވަނީ މޮޅުވެފައި. ޓީސީ ދެންއޮތް ބުރަށް ގެންދިއުމަށްޓަކައި ދިވެހި ސަޕޯޓަރުންގެ ސަޕޯޓް ވަރަށް މުހިއްމު. ހުސްއެކަނި ޓީސީ ސަޕޯޓަރުންނެއްނޫން. ދިވެހި ފުޓްބޯޅައަށް ލޯބިކުރާ ހުރިހާ ބޭފުޅުން ގަލޮޅު ދަނޑަށްވަދެ، އަޅުގަނޑުމެންނަށް ސަޕޯޓް ކޮށްދިނުމަކީ އަޅުގަނޑު ވަރަށް އެދޭކަމެއް” ސައްޓު ބުންޏެވެ.
ސައްޓުއަކީ މިދިޔަ އަހަރު ދިވެހި ޕްރިމިއަރލީގުގައި މިލަންދޫ ފުޓްބޯޅަ ޓީމަށް ކުޅެ ގައުމީ ލެވެލްގައި ވިދާލުމާ ގުޅިގެން މިއަހަރު ޓީސީން ބޮޑުއަގުގައި ގަތް ކުޅުންތެރިއެކެވެ. މިމެޗްގެ ކުރިން ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ވަނީ ސައްޓުއަށް ތައުރީފްކޮށް ވާހަކަ ދައްކާފައެވެ. އޭނާބުނީ ސައްޓު ޓީމަށް ހޭނެމުންދާކަމަށާ، އޭނާއަކީ ފޯކަސްކުރާ ކުޅުންތެރިއެއްކަމަށެވެ.
“ޓީމާ އަލަށް ގުޅުމަށްފަހު ޓީމުގެ ސްޓައިލަށް ހޭނުމަކީ އެއްވެސް ކުޅުންތެރިޔަކަށް މާ ފަސޭހަ ކަމެއް ނޫން، ނަމަވެސް ހީކުރި ވަރަށް ވުރެ އަވަހަށް ސައްޓު ދަނީ ޓީސީގެ ޓީމަށް ހޭނެމުން،” ހިތްހަމަ ޖެހުމާއެކު ނިޒާމް ބުންޏެވެ. “އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ސައްޓުއަކީ ވަރަށް ޑިސިޕްލިން ކުޅުންތެރިއެއް. ޕްރެކްޓިހުގައިވެސް ވަރަށް ފޯކަސް ކުރާ ކުޅުންތެރިއެއް”
އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްގެ ސައިފް ސްޕޯޓްސް ކްލަބާއި، ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗް އޮންނާނީ މިރޭ ގަލޮޅު ދަނޑުގައެވެ. މިމެޗު އެއްވަރުކޮށްލައިގެން ވެސް އެ ޓީމަށް ޕްލޭއޮފް ބުރުގެ ޖާގައެއް ހޯދޭނެ އެވެ. ޕްލޭއޮފް ބުރުގެ ޖާގައެއް ޓީސީ އަށް ލިބިއްޖެ ނަމަ އެ ޓީމު ކުޅޭނީ ބޫޓާނުގެ ޓްރާންސްޕޯޓް ޔުނައިޓެޑާއި އިންޑިއާގެ ބެންގަލޫރާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.