އިމްތިހާން ފެށުމުގެ މާކުރިން އިމްތިހާނަށް ތައްޔާރުވާންވާނެ: އިޒުހަތު

DSCN0580.jpg

އިމްތިހާނަށް ތައްޔާރުވާން ޖެހޭނީ އިމްތިހާނު ފެށެން ކުޑަތަންވީމަ ނޫންކަމާއި ސްކޫލްގައި ހޭދަކުރާ ކޮންމެ ދުވަހަކީވެސް އިމްތިހާނެއްކަމުގައި ދެކޭނަމަ އަޅުގަނޑަށް ލިބުނު ފަދަ ކާމިޔާބީއެއް ކޮންމެ ކުއްޖަކަށްވެސް ލިބޭނެކަމަށް  ޖީސީއީ އޭ ލެވެލްއިން ހުރިހާ މާއްދާއަކުން އޭފާސް ހޯދައިގެން ބ.އަަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ ބެސްޓް އޯލްރައުންޑަކަށް ހޮވުނު އިޒުހަތު ޝަމީމު ބުނެފިއެވެ.

އޭދަފުށި ވޮއިސްއަށް ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައި އިޒުހަތުގެ މަދަރުސީ ދައުރުހޭދަކުރި ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބުނީ ކިޔެވުމުގެ ދުވަސްވަަރަކީ ހަޔާތުގައި އަންނާނެ އެންމެ އުފާވެރި ދުވަސްތަކަށް ވީފަދައިން އެންމެ އަގުބޮޑު ވަގުތުތައްވެސް ހިމެނޭ ދުވަސްތައް ކަމުގައެވެ. އިންސާނެއްގެ މުޅި ދިރިއުޅުން ބިނާވެފައިއޮންނާނީ މި ދުވަސްވަރުގައި ވަގުތުގެ ބޭނުން ކުރި ގޮތުގެ މައްޗަށެވެ. އުމުރުގެ ކުރީ ކޮޅުގައި ލިބޭ މި ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފައިފިނަމަ އެކަމުގެ ހިތާމަ މުޅި އުމުރުގައި ކުރަން ޖެހޭނެއެވެ.

 

ބ.އޭދަފުށީ އިރުދޭމާގޭ މުހައްމަދު ޝަމީމުއާއި އައިޝަތު އިބްރާހީމްގެ 19 އަހަރުގެ ދަރިފުޅު އިޒުހަތު ޝަމީމުގެ ތައުލީމީ ހަޔާތަކީ އެހެން ކުދިން ރޯޑްމެޕެއްގެ ގޮތުގައިވެސް ބަލައިގަންނަން ރަނގަޅު ނަމޫނާއެކެވެ. އޭނާގެ އިބްތިދާއީ ތައުލީމުން ފެށިގެން ސާނަވީ ތައުލީމު ނިންމުމާހަމައަށް  ހޯދާފައިވާ ކާމިޔާބުތައް ރަމްޒުކޮށްދޭ  އެވޯޑްތައް ކޮޓަރީގައި ހުރި ރެކްގައި ރީތިކޮށް އަތުރާލާފައި އެބަހުއްޓެވެ. އޭނާ ހޯދާފައިވާ ކާމިޔާބުތައް  ބޮޑު ލިސްޓަކަށް ފުދޭ ވަރުގެ ގިނަ ސެޓްފިކެޓްތަކަކާ ހަނދާނީ ފިލާތަކެއްވެސް އޭނާގެ އަލަމާރީގައި ރައްކާ ކުރެވިފައި އެބަހުއްޓެވެ. އެ އެވޯޑްތަކާއި އެ ސެޓްފިކެޓްތަކަށް ފުންކޮށް ވިސްނާލައިފިނަމަ ކިޔައިދޭ ވާހަކައަކީ މި ހުރިހާ ސެޓްފިކެޓްތަކަކާއި އެވޯޑެއް އިޒުހަތުއަށް ލިބިފައިވަނީ ހަމައެންމެ ސަބަބަކާ ހުރެ ކަމުގައެވެ. އެއީ ވަގުތުގެ ފައިދާއާއި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމުގައި އިޒުހަތަކީ ހަގީގަތުގައިވެސް ނަމޫނާ ދަރިވަރެއްކަމުގައިވުމެވެ.

dsc_2739-1

އެހެންނުވާންވީ ސަބަބެއް ނެތެވެ.  އޭނާބުނިގޮތުގައި ގްރޭޑް އެކަކުން ފެށިގެންވެސް އޭނާާއާ އޭ ރިޕޯޓަކީ ވަކި ނުކުރެވޭ ވަރަށް ގުޅި ލާމެހިފައިވާ އެންމެ ގާތް އެކުވެރިޔާ ކަމުގައެވެ.

އެގޮތުން އޭ ރިޕޯޓް ހޯދާފައިވަނީ ސްކޫލްގެ އެހެނިހެން ހަރަކާތްތަކުގައިވެސް ބައިވެރިވެ އެހަރަކާތް ތަކުގައިވެސް އިސް ދައުރެއް އަދާކުރަމުންނެވެ. ފާހަގަކުރެވޭ ހަރަކާތްތަކުގެ ތެރޭގައި އަދަބީ ޖަމިއްޔާއާއި ތިމާވެށި ކްލަބް އަދި ގާލްގައިޑް ގައާއި އިންގްލިޝް ކްލަބްގައިވެސް މުހިއްމު އަދި ޒިންމާދާރު ދައުރެއް އަދާކުރެވިފައިވާނެއެވެ.iozu

އޭނާގެ އުމުރުން 16 އަހަރުގައި އޯލެވެލްއާ ކުރިމަތިލައިގެންވެސް ވަނީ މީހުން ހައިރާން ކޮށްލުވާފައެވެ. އެއީ 8 މާއްދާއިން އޭފާސް ހޯދައިގެންނެވެ. އެއަށްފަހު އަމިއްލަރަށުގައި އޭލެވެލްގެ ކިޔެވުން ފުރިހަމަކޮށްފައިވާ އިރު އޭނާ ވަނީ ކްލާސް ޕްރައިޒް ، ސަބްޖެކްޓް ޕްރައިޒް އިން ބައިލޮޖީ ، އޮނަލިސްޓެޑް އެވޯޑްސް ، ޕާސްޑް އިން އޯލް ކަރިކިޔުލަމް ސަބްޖެކްޓްސް އެޓް އެޑެކްސެލް ޖީސީއީ އޭލެވެލް އެންޑް އެޗްއެސްސީ އެގްޒަމިނޭޝަންސް 2016 ، ޑިސްޓިންކްޝަންސް އިން އިސްލާމް / ދިވެހި / މެތަމެޓިކްސް / ބަޔޮލޮޖީ / ކެމިސްޓްރީ / ފިޒިކިސް އެޓް އެޑެކްސެލް ޖީސީއީ އޭލެވެލް އެންޑް އެޗްއެސްސީ އެގްޒަމިނޭޝަންސް 2016 ، ބެސްޓް ޓެން ރިޒަލްޓްސް އިން ސްކޫލް ލެވެލެ އެޓް އެޗްއެސްސީ އެންޑް އިންޓަރނޭޝަނަލް އެޑްވާންސް ލެވެލް އެގްޒަމިނޭޝަންސް 2016 ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ.

dscn0586

އިޒުހަތުގެ ކާމިޔާބު ތައުލީމީ ހަޔާތް މިހާ ހިސާބަށް އައިގޮތް ވަރަށް ކުރުކޮށް އެކަމަކު ވަރަށް ފޮނިކޮށް އޭދަފުށީ ވޮއިސްއަށް ކިޔައި ދިނެވެ.

މިއީ އެ ބަސްދީގަތުމުގެ އެންމެ އުސްއަލިތަކެވެ.

އީވީ : ކޮންކަހަލަ އިހްސާސްތަކެއް ކުރެވުނީ ތިޔަ މަގާމާ ހަމައަށް އާދެވުމުން ؟

ވަރަށް އުފާވި އަސްލު އެހާބުރަމަސައްކަތެއް ކޮށްގެން އެމަސައްކަތުގެ ރަނގަޅު ނަތީޖާއެއް ލިބުމުން.

އީވީ : އޯލެވެލްގެ ނަތީޖާ އަކީ ؟

އޯލެވެލް އިން ވެސް މުޅި ރާއްޖެއިން 1ވަނަ، ބެސްޓް އޯލްރައުންޑް ސްޓޫޑެންޓްގެ މަގާމު ލިބުނު.

އީވީ: ކުރިމަގު ބިނާކުރަން ގަސްދުކުރަނީ ؟

އުއްމީދު ކުރަނީ ޑޮކްޓަރަކަށް ވާން.

އީވީ :އޭލެވެލްއަށް ތައްޔާރުވާން މަސައްކަތްކުރި ގޮތް ކުރުގޮތަކަށް ކިޔާލަދީފާނަން ؟

އޭލެވެލްއަށް ތައްޔާރުވުމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ކުރިޔާ ލައި ކިޔަވަން ފެށުން. އެއީ އޭލެވެލް ވީމާ އެހާ ގިނަ ވަގުތެއް ނޯވޭ. ޖެނުއަރީގަ ޓެސްޓް އޮވެފަ އަނެއްކާ ޖޫންގަ އިމްތިހާނު އޮންނާތީ. އެހެންވީމާ ކުރިއާލައި ބަހާލައިގެން ދަށްވެފައިހުރި މާއްދާތަކަށް ތަންކޮޅެއް ގިނަ ވަގުތު ދެމުން ދުވާލު ހަމަ އެއްކޮށް ކިޔެވުމަށް ހޭދަކުރީ.

އީވީ: މިކަހަލަ ނަތީޖާއަކަށް އިންތިޒާރު ކުރިން؟

މިކަހަލަ ނަތީޖާއަކަށް އިންތިޒާރުކުރަން އަޅުގަނޑަށް ހިތްވަރުލިބުނީ އޯލެވެލްގެ ނަތީޖާއިން . މާނައަކީ މަސައްކަތްކޮށްފިނަމަ މިހާ ހިސާބަށް އާދެވޭނެކަމުގެ ޔަގީންކަން އެ ހިސާބުން އަޅުގަނޑަށް ލިބުނު.

އީވީ : މިކަހަލަ ނަތީޖާއެއް ހޯދަން ބޭނުންވާނެ ކުދިންތައް ބައިވަރު އުޅޭނެ. އެކުދިންނަށް ދޭން އޮތް ނަސޭހަތަކީ ؟

އެންމެ ފުރަތަމަ ކަމަކަށް ބުނާނީ އަޅުކަންތަކަށް ވަރަށް ބޮޑަށް ފަރުވާތެރިވާށޭ ކިޔަވަމުން ދާއިރުވެސް . ދެން ދުރާލާ ޕްލޭންކޮށްގެން ކިޔަވާށޭ.  ވަގުތު އައިސްޖެހުމުން ކިޔެވުމުގެ ބަދަލުގައި އަބަދުވެސް ފިލާވަޅުތައް ރިވައިސްކޮށް ޕާސްޕޭޕަރުތައް ހަދާ އަވަހަށް ކިޔަވަން ފަށާށޭ.

އީވީ : ދެން ތިހިސާބަށް އާދެވުމުން ޝުކުރު އަދާކުރަން ބޭނުންވާ ފަރާތްތަކެއްވެސް ހުންނާނެ. ކޮބާ އެފަރާތްތަކަކީ؟

އެންމެ ފުރަތަމަވެސް ﷲގެކިބަފުޅަށް ޝުކުރުއަދާކުރަން އަޅުގަނޑަށް މި މަގާމާ ހަމައަށް އާދެވުނީތީ. އެއަށް ފަހު އަޅުގަނޑުގެ މައިންބަފައިންގެ ފަރާތުން ލިބުނު މިނެއްނެތް ހައްދެއް ނެތް އެއްބާރުލުމަށް.  ސްކޫލްގެ ޓީޗަރުންނަށާ މެނޭޖްމަންޓަށް. އެކިގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށާ މާލެއިން ވެސް ބޭފުޅުން ވަޑަައިގެން ކިޔަވައި ދެއްވުން އެއީވެސް ލިބުނު ވަރަށް ބޮޑު އެހީތެރިކަމަކަށް ވެގެން ދިޔަ ކަމަކަށްވާތީ އެފަރާތްތަކަށްވެސް ޝުކުރުއަދާކުރުމަކީ އަޅުގަނޑު އަދާކުރަންޖެހޭ އުފާވެރި ވާޖިބެއް.

dscn0493-1

އީވީ : ކޮބާ ލިބުނު ކާމިޔާބުތަކަކީ ކުރުގޮތަކަށް ބުނާނަމަ.

ސްކޫލުން ބޭއްވި ގިނަ މުބާރާތްތަކުގާވެސް ބައިވެރިވެ ވަނަތައް ވެސް ހޯދާފައި ހުންނާނެ. މިސާލަކަށް ދިވެހި ދުވަސް.  އިނގިރޭސި ދުވަސް. މީގެ އިތުރުން އެންވަޔަރންމަންޓް ކްލަބްގެ ޕްރެޒިޑެންޓްކަންވެސްކޮށްފަ ހުންނާނެ. އެދުވަސްކޮޅު ވަރަށް ގިނަ  ބޭނުންތެރި ފުރުސަތު ތަކެއް ލިބިގެންދިޔަ.އެގޮތުން ރިސޯޓްތަކަށް ގޮސް އެކިއެކި ތަޖްރިބާ ހޯދުން ފަދަކަންކަން.  މިގޮތުން ބަނޑޮހުގައި ބޭއްވި ވޯކްޝޮޕެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެން ދިޔަ. މިއަހަރު މާލޭގަ އޮތް އެންވަޔަރންމަންޓް ސިންޕޯޒިއަމް އެއްގައި ބައިވެރިވީ  ސްކޫލް ކެޕްޓަނެއްގެ ގޮތުން . ދެން ނެޝަނަލް ލެވެލްގައި ހިއުމަންރައިޓް ކޮމިޝަންގެ ފަރާތުން ބޭއްވި ގައުމީ މަޒްމޫނު ލިއުމުގެ މުބާރާތުން މުޅި ރާއްޖެއިން ދެވަނަ ލިބުނު. dscn0579

އިޒުހަތުގެ ކުރިމަގު އޮތީ އޭނާ ހިތްއެދޭ ކޮންމެ ދާއިރާއަކުންވެސް ކުރިއަށް ދިއުމަށް ހުޅުވާލެވިފައެވެ. އެކަމަކު އޭނާ ކުލަޖައްސަމުން ގެންދަނީ އެންމެ ކުޑައިރުއްސުރެ ދެކެމުން އަންނަ ހުވަފެންތަކުގައެވެ. އިންތިޒާރު ކުރަމުން އަންނަނީ މޮޅު ޑޮކްޓަރަކަށް ވެގެން ގައުމަށް ޚިދުމަތް ކުރެވޭނެދުވަހަކަށެވެ.  މި ހުވަފެންތައް ހަގީގަތަކަށްވާން ދެން މާގިނަ ދުވަހެއް ނެތެވެ. އެހެނީ އޭ ލެވެލްއިން އެންމެ މޮޅު ދަރިވަރަކަށް ހޮވުމުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޯލަރްޝިޕް އާއެކު އޭނާ އުދުހިގަންނަން މިހާރު ތައްޔާރުވަމުން އެދަނީ އެމްބީބީއެސް ހެދުމަށް ރާއްޖެއިން ބޭރަށެވެ. މައިންބަފައިންނަށް ރަށަށް ގައުމަށް އޭނާގެ ފަރާތުން ކޮށްދެވޭ އަގުބޮޑު ޚިދުމަތެއްގެ ގޮތުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top