ކޮލަމް ސާންޑް: ސިދުގީގެ އާދަޔާހިލާފު އިންޖެކްޝަން ޖެހުން

DSCN7907.jpg

ސިދުގީ ،ހާދިސާ ހިނގި ގޮތް އިވީއަށް ކިޔައިދެނީ --އިވީ ފޮޓޯ

އެއީ މީގެ 20 އަހަރު ކުރިއެވެ. މިހާރު ބ. އަތޮޅު ހޮސްޕިޓަލްގެ ކޮމިއުނިޓީ ހެލްތު އޮފިސަރކަމުގެ މަގާމުގައި ހުންނެވި ސިދްގީ އަބްދުﷲ އޭރު ހުންނެވީ ބ.އަތޮޅު ސިއްހީ މަރުކަޒުގެ ހެލްތު ވޯކަރުގެ މަގާމުގައެވެ.

އޭރުވެސް އަތޮޅުތެރޭގެ ސިއްހީ ހާލަތު ބެލުމަށާ ވެކްސިން ދިނުމަށް “އަތޮޅު ބުރު” ޖަހަން ޖެހެއެވެ. ތިން މަހުން އެއްމަހު މިގޮތަށް ކުރާ ދަތުރުތަކުގައި ބޭނުންކުރަނީ ބ.އަތޮޅުވެރިޔާ ދަތުރު ކުރެއްވުމަށް ގެންގުޅޭ އަތޮޅު ލޯންޗުގެ ނަމުން މަޝްހޫރު ވެފައިވާ ” މާވަރު” ޔޮޓް ދޯންޏެވެ. ފަނަރަވަރަކަށް ރިޔަނުގެ އެދޯންޏަކީ އޭރަށް ބަލާއިރު ދުވެލި ބާރު ދޯންޏެކެވެ.

އަތޮޅުބުރު ޖަހަން ފުރަތަމަ ފަށަނީ އުތުރުގެ ރަށްތަކުންނެވެ. ކުޑަރިކިލުން ފަށައިގެންނެވެ.

“އެފަހަރު ކުޑަރިކިލާއި ކަމަދޫ ނިންމާފައި ކިހާދޫއަށް ދަތުރުކުރަނިކޮށް އަތޮޅުވެރިޔާ ކާސިންކަލޭފާނު ގުޅުއްވާފައި ވިދާޅުވަނީ ޔުނިވަރސަލްގެ ފަރާތުން ބ. މިލައިދޫގައި ބައިތިއްބާފައި ތިބި ބިދޭސިންގެ ތެރެއިން އެކެއްގެ އަތް ކަފައިގެން ގޮސްގެން އަތޮޅު އޮފީހަށް ރިޕޯޓް ކޮށްފައިވާތީ އޭނާއަށް ޓެޓްނަސް އިންޖެކްޝަން ޖެހުމަށް މިލައިދޫއަށް ދިއުމަށް.” ސިދުގީ ވިދާޅުވިއެވެ.

އަތޮޅުވެރިން އެންގެވުމާއެކު ދަތުރުގެ މިސްރާބު މިލައިދޫއަށް ބަދަލު ކޮށްލަން ޖެހުނީއެވެ. މޫސުން ގޯހެއް ނޫނެވެ. އެކަމަކު އެރަށަށް އަރާ ފޭބުމަކީ ފަސޭހަ ކަމަކަށް ނުވާތީ އެއީ ދިމާވި އެންމެ އުނދަގޫ ކަންތަކެވެ.

އެހެންވެ ސިދުގީ ވިސްނީ ރަށަށް ނުފައިބާ އިންޖެކްޝަން ޖެހޭނެ ގޮތަކާ މެދުގައެވެ. އިރުކޮޅެއްގެ ފަހުން އޭނާގެ މި މޮޅު ވިސްނުން ވޯކީޓޯކީ ސެޓް މެދުވެރިކޮށް އަތޮޅުވެރިޔާ އަށް ހުށަހެޅިއެވެ.

“އަހަރެން އަތޮޅުވެރިންނަށް ދެންނެވީ އޭނާއަށް އަންގާށޭ އަވަހަށް ތައްޔާރުވާށޭ .ޓަޓްނަސް ޖަހަން މިދަނީއޭ. އެހެންވީމާ މޫދަށް އެރި ހުންނާށޭ.”

އަތޮޅުވެރިން ބޭނުންވީ ކޮންމެ ގޮތަކުން ވިޔަސް އެމީހާއަށް ޓަޓްނަސް އިންޖެކްޝަން ޖެހުމެވެ. އަތޮޅުވެރިޔާ އެންގެވީވެސް އެގޮތަށެވެ.

ސިދުގީމެންނަށް ސީދާ މިލައިދޫއާ ގުޅޭނެ ގޮތެއް ނޯވެއެވެ. ބަލިމީހާ މިހުރީ މިލައިދޫގައެވެ. އެހެންވެ ސިދުގީ ދައްކަން ބޭނުންވާ ވާހަކައެއް ބަލިމީހާ އާ ދައްކަން ޖެހެނީ އަތޮޅު ވެރިޔާ މެދުވެރިކޮށް ވޯކީޓޯކީ ސެޓުންނެވެ.

މިލައިދޫއަށް ނުފައިބާ އިންޖެކްޝަން ޖެހޭނެ މޮޅު ގޮތެއްކަމަށް ސިދުގީއަށް ފެނުނީ މާވަރު ލޯންޗު ފަޅަށް ވަންނަ އިރަށް ބަލިމީހާ މޫދަށް އެރިގެން ދޯނި ކައިރިއަށް އައުމެވެ.

މިލައިދޫ ފަޅަށް ލޯންޗު ވަންއިރު ބަލިމީހާ މިހިރީ ސިދުގީ ބޭނުންވާ ގޮތަށް ފަޅުތެރޭގައި ކަރުތާފެނަށް މޫދަށް އެރިގެންނެވެ. އެހިސާބުން ދެން އިތުރަށް ބަލިމީހާ ކޮޅުކޮޅަށް ނުދުއްވާ ސިދުގީއާއި ލޯންޗު ކައްޕީގެ ދައުރަށް ފެށުނީއެވެ.

ސިދުގީ މިއޮތީ ދިރުނބާކޮޅު ފައްގަނޑުމަތީގައި ބަންޑުން ސިފައިންގެ މީހަކު ހަތިޔާރާ އެކު ބަޑި ދިއްކޮށްގެން އޮންނަ ގޮތަށް ސިރިންޖަށް ލޯޑުކޮށްގެން ކަނާތް ލޯންޗުން ބޭރަށް ލައިގެންނެވެ. ވާތް ބޭނުން ކުރަމުން ގެންދިޔައީ ދޯނި ދާންވީ މިސްރާބު ކައްޕިއަށް އަންގައިދިނުމަށެވެ. ކައްޕިވެސް މޮޅުވީމާތާއެވެ. ދޯނި ކައިރިކުރީ ސިދުގީ ބޭނުންވި ހިސާބަށް ބަލި މީހާގެ ކައިރިއަށެވެ. އެ ދިމާލަށް ދޯނި ކައިރިކުރުމާއެކު އަމާޒަށް ދިޔަ މިސައިލެއްހެން އިންޖެކްޝަން ޖެހިގެން ދިޔައީ ހަމަސީދާ ޕޮޒިޝަނަށެވެ. އެއީ ހަމަ ސިކުންތު ކޮޅެކެވެ. އެކަން ނިމުމާއެކު އަނެއްކާވެސް އަތުގެ އިޝާރާތުން އަވަހަށް ލޯންޗު ފަހަތަށް ޖެހުމަށް ސިދުގީގެ އޯޑަރު އައުމުން ދޯނި ފަހަތަށް ޖަހާލުމުގައިވެސް ކައްޕީގެ މޮޅުކަން ސިދުގީ ފާހަގަ ކުރިއެވެ. ސިދުގީގެ މި ކުޅަދާނަކަމާއި މޮޅުކަން ފެނިފައި ލޯންޗުގެ އެއްބަޔަކު ތިބީ ބަސްހުއްޓިފައެވެ. އަނެއްބަޔަކު ހީނހީނފައި ބިނދެނީއެވެ.

“އަސްލު އެއީ އޭރު ލޯންޗު ދުއްވަން ހުރި ކައްޕި، މަރުހޫމް ބޮޑޭގެ ކުޅަދާނަ ކަން. އޭނާ ލޯންޗު ކައިރި ކުރިގޮތާ ފަހަތަށް ޖެހިގޮތްވެސް ހަމަ މޮޅީ.” ސިދުގީ ބުންޏެވެ.

މުޅި ދުނިޔޭގައިވެސް މިހާ މޮޅަށް އިންޖެކްޝަން ޖެހި މީހަކު ހުރެދާނެ ބާއެވެ. އަހަރެމެން އަހަނީ ނަރސް ، ބަލިމީހާ ގާތަށް އައިސް އިންޖެކްޝަން ޖަހާވާހަކައެވެ. އިންޖެކްޝަން އައިސް ބަލިމީހާގެ ގަޔަށް އިންޖެކްޝަން ޖެހި ވާހަކައެއް މީގެ ކުރިއަކުން ނާހަމެވެ. މިއީ އެކަމުގެ ރިކޯޑުކަން ނޭނގެއެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top