މަޑިފިނޮޅު ރޯދަވީއްލުން – ހީކުރިވަރަށްވުރެ މާސަޅި

DSCN8135.jpg

މަޑިފިނޮޅު ރޯދަވީއްލުމަކަށް ބަޔަކު އިންސާފުކުރަން ތައްޔާރުވެގެނެ / އީވީ ފޮޓޯ

ކުރިމަތިންނާއި އަރިމަތިން ކޮޅާ ކޮޅު ނުފެންނަ ވަރަށް ފެތުރިފައި އޮތީ ބޯކިރުކޮޅެއްކަހަލަ ދޮންވެލީގެ އަތިރިމައްޗެވެ. ކޮޅުކޮޅަށް ބައިބަޔަށް އިރުއޮއްސޭ ދަޅައަށް ދަތުރުކުރަމުންދާ ދޫނިތަކާއެކު ޒުވާން އަންހެން ކުދިންވެސް ރޯދަ ކުރު ކުރުމުގެ ގޮތުން ނުވަތަ ހަވީރުގެ ފިނިން ތާޒާވެލުމަށް ދޮންވެލިމަތީގައި ހިނގަމުން ދެއެވެ. ހޭޅިފަށުގައި ހެދިފައިވާ ހިޔާ ބޮޑު ހިރުނދުގަސްތަކާއި ދިއްގާ ގަސްތަކުގެ ހިޔަލުގައި ތިބެގެން ތާސްކުޅޭ މީހުން ތާސްކުޅެނީއެވެ. ވާހަކަ މަޖަލުގައި ތިބި މީހުން ޖަހާލާ ހިނގަނޑުން މުޅި މާހައުލުގައި އޮތީ އުފާވެރިކަމެވެ. ކުރިމަތީގައި ނަގާ ބޮޑުކޮށް ފެންނަން އޮތީ ދިވެހިތާރީޚުގެ އެންމެ ފަހުގެ ސަފްހާތަކުގައި ހަތިޔާރު ހުރެގެން ދިވެހި ރައްޔިތުން ބިރުގަންނުވާލި މަޝްހޫރު ހިބަޅިދޫއެވެ.

މިއީ ބ.މާޅޮހުގެ އަތިރިމަތި މިއަދު ސިފަކުރެވޭ ގޮތެވެ. މިމަންޒަރު އިތުރަށް ފުރިހަމަކޮށްދީފައިވަނީ މާޅޮހުގެ މަޝްހޫރު މަޑިފިނޮޅު ގެސްޓު ހައުސްގެ ފަރާތުން އަތިރިމަތީގައި ތައްޔާރުކޮށް ދީފައިއޮތް އިފްތާރު މޭޒުތަކުންނެވެ. އެކަން އިންތިޒާމު ކުރުމުގައި ދެތިން ބަންގާޅީންނަށް އަމުރު މައުރޫފް ހިންގަމުން ގެންދަނީ ގެސްޓުންގެ ނަމުން ބުނާނަމަ މިސްޓަރ މާޓިންނެވެ. އަހަރެމެންގެ އެކުވެރި މަތީނު އެވެ.

މަޑިފިނޮޅު ގެސްޓްހައުސްގެ ފަރާތުން މާޅޮހުގެ މިކަހަލަ ހިތްގައިމު މާހައުލެއްގައި ރޯދަ ވީއްލުމުގެ ޚިޔާލު އައި ގޮތް މަތީން ކިޔައިދިނެވެ. “ބޭނުންވީ ތަފާތު ކޮށްލަން. މިކަހަލަ މާހައުލެއްގައި އަލަށް ކަން ނޭގެ އަދި ރޯދަ ވީއްލުމެއް ތައާރަފް ވެގެން މި ދިޔައީ.”

މަތީނު ބުނަނީ ގެސްޓުން ނޫނަސް އަހަރެމެންނަކީވެސް މިކަހަލަ އޯޕަން ޖައްވެއްގައި މިނިވަން ކަމާއެކު އުދުހި އުޅޭ ދޫނި ސޫފާސޫފިތަކާ އިރު އޮއްސޭ މަންޒަރާއެކު ދުނިޔެއަށް އެއަންނަ ހިތްގައިމުބަދަލުތައް ދެކެން ބޭނުންވާނެ ބައެއްކަމުން އެފުރުސަތު މިހޯދައިދިނީ ރޯދަވީއްލުމަކާ އެކުގައި ކަމަށެވެ.

މަޑިފިނޮޅުން އިންތިޒާމުކޮށްދޭ ރޯދަވީއްލުމަށް ގިނައިން އަންނަނީ ރަށުން ބޭރު މީހުންކަމަށް ފާހަގަ ކުރަމުން އެކި އެކި ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިންވެސް މިތަނަށް ރޯދަ ވީއްލަން އަންނަކަމަށް މަތީނު ބުންޏެވެ. “އަސްލު މިތަނަށް އައުމުގެ ދެބޭނުން އޮންނާނެ. އެއްބޭނުމަކީ ގުދުރަތީ ރީތިކަން ބަލައިލުން. ދެވަނަ ބޭނަކަށް އޮންނާނީ ކާއެއްޗެތީގެ މީރުކަން ތަޖްރިބާ ކޮށްލުން. މި ދެގޮތަށްވެސް ވިސްނައިގެން ކުރިއަށް މި ގެންދަނީ.”

ރޯދަ ވީއްލުމަށް މަޑި ފިނޮޅުން ތައްޔާރު ކޮށްދޭ މެނޫ އަށް ބަލާއިރު، ކުރުނބާފަނި، އަނބުފަނި، ކަރާ ފަނި، ފޭރުފަނި، ރޮށި، ފަރާޓާ، ޗިލީ ޗިކަން، ޗިލީ ބީފް، މަސްކުރޮޅި، ފަތު ސަޓަނި، ފިހުނު މަސް (ބާބެކިއު) އަދިވެސް ތަފާތު ހެދިކާއާއި، ޑެޒާޓްތައް ހިމެނެއެވެ. މަތީން ބުނީ ކަސްޓަމަރުންގެ އޯޑަރުތަކަށް ބަަލައިގެން ހާއްސަ މެނޫއަކަށްވެސް ތަކެތި ތައްޔާރުކުރެވިދާނެކަމަށެވެ.

މަޑިފިނޮޅުގެ އެމްޑީ މަތީން އީވީއަށް އިންޓަވއު ދެނީ / ފޮޓޯ އީވީ

މަޑިފިނޮޅަކީ މީގެ އަހަރުތަކެއް ކުރިން ފެށިގެން މާޅޮހުގައި ފުޅާދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ކުރަމުންއަންނަ ގެސްޓް ހައުސްއެކެވެ. 10 ކޮޓަރިއާއެކު މިވަގުތު އޮޕަރޭޓް ކުރަމުންއަންނަ މަޑިފޮނޮޅަށް ގެސްޓުންގެ ތަރުހީބު ބޮޑުކަމަށްވެސް މަތީން ބުންޏެވެ. އޭނާ ބުނީ ގެސްޓުންގެ އިތުރުން ދިވެހިންނަށްވެސް އެގެސްޓްހައުސްއިން ހާއްސަ ހެޔޮ އަގުތަކެއްގައި ރޫމް ވިއްކާނެކަމަށެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު