މިނިވަން ޗެންޕިއަންޝިޕްގައި އޭދަފުށި ބައިވެރިވެއްޖެ. އެކަމަކު”ޝަރުތަކާ”އެކު

128801_3_66300dec7f3b09d540d836f9043d46adf2da8823_medium-1.jpg

2015 ވަނައަހަރުން ފެށިގެން މުޅިރާއްޖެއަށް ހުޅުވާލައިގެން އެފްއޭއެމުން ބާއްވަމުން އަންނަ މިނިވަން ޗެންޕިއަންޝިޕް މިއަހަރުގެ މުބާރާތުގައި އޭދަފުށީ ފުޓްބޯޅަ ޓީމް ބައިވެރިވެއްޖެއެވެ.

މިދިޔަ އަހަރުގެ ޗެންޕިއަން އޭދަފުށީ ފުޓްބޯޅަ ޓީމް މުބާރާތުގައި ވާދަކުރަން ނިންމައި ކައުންސިލުން އެފްއޭއެމަށް ސިޓީ ފޮނުވީ އިއްޔެ ސުންގަޑި ހަމަވުމާ ވަރަށް ގާތްވެފައިވަނިކޮށެވެ. ނަމަވެސް މިއަހަރުގެ މުބާރާތުގައި ކުރިޔަށްދާން ނިންމީ އެފްއޭއެމަށް އިތުރު ޝަރުތެެއް ކުރިމަތިކޮށްފައިކަމަށް ކައުންސިލް މެމްބަރ މުހައްމަދު ރިޒާ އީވީއަށް ވިދާޅުވިއެވެ.

ރިޒާ ވިދާޅުވީ މިއަހަރުގެ މުބާރާތުގައި ކުރިޔަށްދެވޭނީ މިނިވަން ޗެންޕިއަންޝިޕްގައި މިދިޔަ 2 އަހަރު އޭދަފުށީ ޓީމް ހޯދި ކާމިޔާބަށް އެފްއޭއެމުން ދޭންޖެހޭ ފައިސާ ލިބިގެންކަމަށާ، ނޫންނަމަ ވަކިހިސާބަކުން މުބާރާތާ ވަކިވުން ގާތްކަމަށެވެ.

“2015ގައި ޒޯން ޗެންޕިއަންކަން ހޯދުމާ ގުޅިގެން އެފްއޭއެމުން 1 ލައްކަ ރުފިޔާ މިޓީމަށް ދޭންޖެހޭ. އަދި ނުލިބި އޮތީ. ދެން މިދިޔަ އަހަރު މުބާރާތުގެ ޗެންޕިއަންކަން ހޯދީމަވެސް ދޭންޖެހޭ ފައިސާ އަދި ނުލިބެ. ކްރެޑިޓަކަށް މިފަހަރު ކުރިޔަކަށް ނުދެވޭނެ. ކައުންސިލުންވެސް އަބަދު ކުރެޑިޓަކަށް މިމަސައްކަތެއް ނުކުރާނެ” ރިޒާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިފައިސާ ހޯދުމުގެ މަސައްކަތް އެފްއޭއެމާއި ގުޅިގެން ވަރަށް ބާރަށް ކުރިޔަށް ގެންދާ ކަމަށާ، ނަތީޖާ ރަނގަޅުވާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ރިޒާ ވިދާޅުވީ ފުޓްބޯޅައަށް ރައްޔިތުންގެ މާލިއްޔާއިން ހަރަދުކުރެވެން ނެތްކަމަށާ، އެކަމަށް ކައުންސިލް މެމްބަރުންވެސް ނުރުހޭކަމަށެވެ.

މިއަހަރުގެ މިނިވަން ޗެންޕިއަންޝިޕް މުބާރާތުގައި އޭދަފުށިން ބައިވެރިވެފައިމިވަނީ، ފައިސާގެ ދަތިކަމާހުރެ މުބާރާތުގައި ބައިވެރިވުމާމެދު ސުވާލު އުފެދިފައިވަނިކޮށެވެ. ފައިސާގެ ދަތިކަމާހުރެ މިދިޔަ އަހަރު މުބާރާތުގައިވެސް އޭދަފުށީ ޓީމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވިއެވެ.

މިއަހަރުގެ މިނިވަން ޗެންޕިއަންޝިޕް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މާޗްމަހުގެ ތެރޭގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top