ޒުވާނުންގެ ޒުވާން މަސައްކަތްތެރިޔާ

DSCN3788.jpg

އޭނާގެ ވާހަކަ ފެއްޓީ ޒުވާނުންނަށް ދޭން ބޭނުންވާ މެސެޖަކާ އެކުގައެވެ. “އެއްވެސް ކުއްޖަކީ މަސައްކަތެެއް ނުކޮށް ދެއަތް އުރާލައިގެން މައިންބަފައިންގެ އެހީތެރިކަމާއެކު އުޅޭ ކުއްޖަކަށް ނުވުމަށާއި ކޮންމެ ކުއްޖަކީވެސް ދިރިއުޅުމަށް މަސައްކަތް ކުރާ ކުއްޖެއް ކަމުގައިވުމަށެވެ.” ސަޅިއެއް ނޫންހެއްޔެވެ؟

މިއީ އޭދަފުށީގައި ވަޑާމާއި އެލްމެނިއަމް މަސައްކަތް ހިންގުމުގައި މުޅި ރާއްޖޭގެ އިތުބާރު ހޯދާފައިވާ ސަމޫމް ވުޑްވާކްސް އެންޑް ޑިޒައިންގެ މެނޭޖިންގ ޑިރެކްޓަރ އަފްލަހު ޒުވާނުންނަށް ކުރި އިލްތިމާސެވެ. އޭނާގެ އިޚްލާސް ތެރި އެދުމެވެ. މިފަދަ އިލްތިމާސެއްް އޭނާ ޒުވާނުންނަށް ކުރަން ބޭނުންވީ ކީއްވެގެން ހެއްޔެވެ؟ އޭނާއަކީ ޒުވާނުންނަށް މިކަހަލަ އިލްތިމާސެއް ކުރެވޭ ފެންވަރުގައި ހުރި މީހެއް ހެއްޔެވެ؟

ޖަވާބުގައި ބުނަން ޖެހެނީ އާއެކެވެ. ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އެންމެ ކުރުކޮށް ބުނާނަމަ ޒުވާނެއްގެ ގޮތުގައި ހުރެ ޒުވާނުންނަށް ނަމޫނާ ދައްކަމުންދާތީއެވެ. އުމުރުން 32 އަހަރުގައި ރަށުގައި ހުރި އެންމެ ޒުވާން އެންމެ އިތުބާރު ހުރި އަދި އެމީހެއްގެ މަސައްކަތާމެދު މުޅި އޭދަފުށީ ފަޚްރުވެރިވާ މަގާމަކަށް އޭނާގެ އުފެއްދުންތައް މަޝްހޫރު ވެފައިވާތީއެވެ.

އޭނާއަކީ އުމުރުން ދިހަވަރަކަށް އަހަރުން ފެށިގެން ސްކޫލްގައި އުޅެމުން މަސައްކަތުގެ ދާއިރާއަށް ބައްޕައަށް ވަގަށް ވަޑާންގެއަށް ވަދެ އެމަސައްކަތް ދަސްކުރަން ފަށައިގެން މިއަދު އެރޮނގުގައި އޭދަފުށީގައި އެންމެ ކުރީގައި އުޅޭ އެކެކެވެ. ޒުވާނުން އޭނާ ބަލައިގަންނަން ޖެހެނީ އެހެންވީމައެވެ.  ބައްޕަ މޫސާ މުހައްމަދުގެ ކުޑަކުޑަ ވަޑާންގެއަށް ދިރުންގެނަސް ސަމޫމް ވުޑް ވޯކްސް އެންޑް ޑިޒައިން ވައިގާ ހިފުމުގެ އަސްލު ސަބަބަކީ އަފްލަހުއެވެ. ވަޑާންގެ ބޮޑުވެ ފުޅާވަމުންއައިސް ވަޑާންގޭގެ ނަމަށް ވުރެ ކުރާ ކަންކަން އިތުރުވުމުން ތަނުގެ ނަން ސަމޫމް ވުޑްވޯކްސް އެންޑް ޑިޒައިން އަށް ބަދަލުވާންޖެހުނީ އަފްލަހުގެ ހީވާގި މަސައްކަތާއެކުގައެވެ.

އަފްލަހް ވަޑާމުގެ މަސައްކަތުގައި. އޭނާއަކީ ޒުވާނުންނަށް ނަމޫނާ ދައްކަމުން އަންނަ ފަރާތެއް / ފޮޓޯ: އީވީ

މިއަދުގެ ހަގީގަތަށް ބަލާއިރު  ތަރައްގީގެ ފަހަތުން ފައި ހަމަކުރަމުން ސަމޫމްވެސް އަންނަނީ އެތަރައްގީއާ އެއްވަރަށް އެމީހުންގެ އާ ޑިޒައިންތަކާ މަސައްކަތުގެ ފެންވަރާ ފަހުގެ މެޝިންތަކާއެކު މަސައްކަތުގެ ވައްޓަފާޅިއަށްވެސް އިންގިލާބީ ބަދަލު ތަކެއް ގެންނަމުންނެވެ. މިއަދު އެކުންފުންޏަކީ އިމްޕޯޓްކޮށްގެން ގެންނަ ފަރނީޗަރއާ އެއް ފެންވަރަކަށް އެ ފިނިޝިންގ އަށްވުރެ މާ ފުރިހަމަކޮށް ކޮންމެ އެއްޗެއްވެސް ހަދާލެވޭ ފެންވަރުގެ ތަނެކެވެ. އުފާވެރި ޚަބަރަކީ އިމްޕޯޓް ކޮށްގެން ގެންނަ ފަރނީޗަރަށް ވުރެ ހުރިހާ ގޮތަކުން ބެލި ނަމަވެސް ރަނގަޅުވާނެކަމެވެ. އެއީ އެލްމެނިއަމް ދޮރާ ދޮރުފަތް ނަމަވެސް ނުވަތަ ބެޑްރޫމް ސެޓެއް ކަމަށްވިޔަސް މެއެވެ.

ސަމޫމު ވުޑް ވާކްސް އެންޑް ޑިޒައިން ވަޑާންގޭގައި މަސައްކަތް ކުރިޔަށްދަނީ. ސަމޫމު ވަނީ އިތުބާރުހުރި ކުންފުންޏަކަށް ވެފައި / ފޮޓޯ: އީވީ

ކުންފުނީގެ ދުވެލި ބާރު ސްޕީޑް ގައި ކުރިއަރަމުންއައިސް  މިހާރު ކުންފުނީގެ ޝައުގުވެރިކަން ހުރީ އިތުރު ވިޔަފާރިތަކަށް އިންވެސްޓް ކުރުމަށެވެ. މިހާރުވެސް އެ ކުންފުނީގެ ފިޔަގަނޑު ރަށުގެ އެއްގަމުން ފެށިގެން ކަނޑާހަމައަށް ދަމާލާފައިވާއިރު ކަނޑު އުޅަނދުތަކުގެ ތެރެއިން މަސްވެރިކަންކުރާ ދޯންޏާއި މުދާ އުފުލާ ދޯނިފަހަރުފަދަ ޑިމާންޑްހުރި ވިޔަފާރީގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ޕްލޭން ކުރެވެމުން ދަނީ އެ ދާއިރާތައްވެސް ފުޅާކޮށް މިހާރަށްވުރެ ގިނަ ތަފާތު ވިޔަފާރިތަކަށް ކުންފުނި ހުޅުވާލުމަށެވެ.

ކުންފުންޏަށް އާމްދަނީ ލިބޭ ދޮރުތައް ތަނަވަސްވެފައިވަނީ މި ޒުވާން ގްރޫޕްގެ ރީތިމަސައްކަތާ އެއްވަރަށް އިތުބާރާއި ކޮލިޓީގެ ރަނގަޅުކަމުންނެވެ. ޒުވާން ގްރޫޕޭ މިދެންނެވީ މަސައްކަތުގެ އިދާރީއަދި އަމަލީ ބައި ހިންގުމުގެ ހުރިހާކަމެއްވެސް ހިންގަމުންދަނީ އަފްލަހުގެ ބެލުމުގެ ދަށުން އޭނާގެ ދެކޮއްކޮގެ އެހީތެރިކަންވެސް ލިބެމުންދާތީއެވެ.  އެހެންނަމަވެސް އަފްލަހުއާއި އަނެއް ދެޕާޓްނަރުންގެ ތަފާތަކީ އަފްލަހަކީ ފުލްޓައިމް މީހަކަށް ވެފައި އަނެއް ދެބެއިންނަކީ ޕާޓްޓައިމް މީހުންކަމަށްވުމެވެ.

ސަމޫމު އެލްމެނިއަމް ކާރުހާނާގައި އަފްލަހް މަސައްކަތް ކުރަމުންދާއިރު، ކުންފުނީގެ އެއް ޑައިރެކްޓަރު އިސްމާއީލް ހަސީބު ކަސްޓަމަރަކާ ވާހަކަ ދައްކަނީ. ކުންފުނި ހިންގުމުގައި އާއިލާގެ ގުޅުންބޮޑު / ފޮޓޯ އީވީ

ސަމޫމްވުޑްސް އެންޑްޑިޒައިން އެއީ މަޝްހޫރު ބްރޭންޑެއްގެ ގޮތުގައި ތައާރަފްވެ އެތަނުގެ އިތުބާރާއި ޔަގީންކަން ބޮޑުވެގެން ދިޔައީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އަފްލަހުގެ ސަބަބުންނެވެ. އޭނާއަކީ  3000 މީހުންނަށް ވުރެ ބޮޑު އާބާދީއެއް އޮތް އޭދަފުށީގައި ހުރި އެންމެ ކުޅަދާނަ އެންމެ ރީތިކޮށްއަދި އެންމެ ހިތްހެޔޮކަމާއެކު ޚިދުމަތް ފޯރުކޮށްދޭ ސަމޫމް ވުޑްސްގެ އެއް ތަނބެވެ. އޭނާގެ ބެލުމުގެ ދަށުން ހިންގާ ވަޑާންގެއާއި އެލްމެނިއަމް މަސައްކަތް ކުރާ ކާރުޚާނާގެ އުފެއްދުންތައް އެއީ ސަމޫމް ބްރޭންޑަށް އައިއެސްއޯ ސެޓްފިކެޓް ލިބޭ ފެންވަރުގެ ތަނެއް ކަމުގައި ވެފައިވަނީ އެ ދެ ޑިޕާޓްމަންޓްގެ އެމްޑީގެ އިތުރުން ކޮލިޓީ ކޮންޓްރޯލް ކުރާ މީހަކީ އޭނާ ކަމަށް ވާތީއެވެ.ހަމައެއާއެކު އޭނާއަށް ނުކުރެވޭ މިންވަރަށް މަސައްކަތް ލިބުމަކީ އޭނާގެ އުފެއްދުންތައް ރައްޔިތުން ބަލައިގެންފައިވާލެއް ފުރިހަމަ ކަމުގެ ހެއްކެކެވެ.

މިކާމިޔާބާއެކު އޭނާގެ އަމާޒުހުރީ މަސައްކަތް ފުޅާކޮށް މަސައްކަތުގައި ބޭނުންކުރާ ތަކެއްޗަކީވެސް ފަހުގެ އުފެއްދުންތައް ކަމުގައި ހެދުމަށެވެ. އެހެންނަމަވެސް މިކަން އޭނާބޭނުން ފެންވަރަކަށް ނުގެންދެވިގެން މިއުޅެނީ ފައިސާ ގެ މައްސަލަ އަކުން ނޫނެވެ. މަސައްކަތްކުރާނެ މުރާލި ދިވެހި ޒުވާނުން ނުލިބޭތީއެވެ. ކުންފުނީގައި އެންމެ ދިވެއްސެއް ފިޔަވައި  ދެން ގެންގުޅެނީ ބިދޭސީން ކަމުގައި ވިޔަސް މިއީ އެއްގޮތަކަށްވެސް ހިތްހަމަޖެހިގެންކުރާ ކަމެއް ނޫނެވެ. އޭނާބޭނުންވަނީ 100އިންސައްތަ  ދިވެހިން މަސައްކަތް ކުރާ ތަނެއްގެ ގޮތުގައި ކުންފުނި ހެދުމަށެވެ.  އަފްލަހު ބުނީ ވަޒީފާ ބޭނުން ކޮންމެ ޒުވާނަކަށްވެސް އޭނާގެ ކުންފުނިން މަރުހަބާ ކިޔަން ތައްޔާރުކަމުގައެވެ.

ސަމޫމު އެލްމެނިއަމް ކާރުހާނާގައި ބިދޭސީ މަސައްކަތްތެރިއަކު މަސައްކަތްކުރަނީ / ފޮޓޯ އީވީ

“ބޭނުންވަނީ ދިވެހިން. ރަނގަޅު މުސާރަ ހުށަހެޅި ނަމަވެސް ޒުވާންކުދިން ނުލިބޭތީވެ ބޭރުން މީހުން ގެންނަން ޖެހެނީ. ” ބިދޭސީން މަސައްކަތުގައި ގެންގުޅޭ ސަބަބު އަފްލަހު އޮޅުން ފިލުވައިދިނެވެ.

އެހެނޭކިޔާފައި އޭނާ ހުރީ މަސައްކަތް މިހާ ހިސާބުން ބްރެކް ޖައްސާ ގޮތަކަށް ނޫނެވެ. ލިބުނު ބަޔަކާއެކު މަސައްކަތުގެ ގިޔަރު މަތި ކުރަމުން ދިއުމަކީ ދިރުންހުރި ކޮންމެ ކުންފުންޏެއްގެވެސް ހިންގަންވީ ގޮތުގެ މައިގަނޑު އަސާސްކަމުގައި އަފްލަހު ދެކެއެވެ. އެހެންކަމުން އޭނާގެ އަމާޒުހުރީ އަބަދުވެސް އާކަންކަން ތައާރަފްކޮށް އާއެއްޗެތިތަކެއް އުފެއްދުމަށެވެ. ހަމައެއާއެކު މީހުންލައްވާ މަސައްކަތް ކުރުވުމުގެ ބަދަލުގައި މެޝިނުން މަސަައްކަތް ކުރުވުމަކީ ވަގުތު ތަކެއް ސަލާމަތްކުރެވި  ކޮލިޓީއަށް ވެސް ލިބޭ ކުރިއެރުމެއްކަމަށް ދެކޭ ކަމަށާއި އޭނާގެ ކުންްފުންޏާމެދު އިތުބާރު ބޮޑުވެފައިވަނީވެސް ކޮލީޓީގެ ސަބަބުން ކަމަށް ވެދާނެކަމަށް އަފްލަހު ބުންޏެވެ.

“މަސައްކަތް އަވަހަށް ނިންމުމުގެ ބަދަލުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ކޮލިޓީއަށް. ކަސްޓަމަރ ހިތް ހަމަޖެހޭ ފެންވަރުގައި ކޮންމެ އެއްޗެއް ވެސް ތައްތާރުކޮށްދިނުމަކީ އަޅުގަނޑުމެންގެ މޮޓޯ. މިތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް އަންގާފައި އޮންނާނީ ކޮންމެ އުފެއްދުމެއް ވެސް ވާނެްޖެހޭނީ ކަސްޓަމަރ ނިކަން އުފަލުން ބަލައިގަންނަ އަދި އެއުފެއްދުމުގެ ގެރެންޓީ ޕީރިއަޑްވެސް އަގާ އެއްވަރުގެ އެއްޗަކަށް ހެދުމަށް.” އަފްލަހު ބުނަނީ މިހެންނެވެ.

އަފްލަހް އެލްމެނިއަމްގެ މަސައްކަތުގައި މުވައްޒަފަކާއެކު ހަރަކާތްތެރިވަނީ. ދިވެހި މުވައްޒަފުން ބޭނުންވާ ކަމަށް އަފަލަހް ބުނޭ / ފޮޓޯ އީވީ

އަފްލަހުގެ ވާހަކަ ކުރިއަށް ގެންދަމުން ކުންފުނި ހިންގުމުގައި އާއިލާގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަމަށްވެސް އަލި އަޅުވާލިއެވެ.

“ބައްޕައަކީ މި ތަނުގެ ބިންގާ. އަދިއާއިލާގެވެސް އެންމެ އަގު ބޮޑު އެސެޓް. ބައްޕަގެ ލަފާއާއި އިރުޝާދުއާ ނުލާ ކުންފުނި މިހާ ހިސާބަށް ދަތުރުކުރާނެކަމަށް ގަބޫލެއް ނުކުރެވޭ. އެހެންވީމާ އަހަރެން ފިޔަވަޅު އަޅަމުން އައީ ބައްޕަގެ ފިޔަވަޅު މަތީގައި ފިޔަވަޅު އަޅައިގެން ބައްޕަ ކޮޕީކޮށްގެން. ގަބޫލު ކުރެވެނީ އަހަރެމެންގެ ކޮންމެ ކާމިޔާބެއްގެ ފަހަތުގައި އޮތީ ބައްޕަގެ މިންނެތް އެހީތެރިކަން ކަމުގައި. ”

އަފްލަހުގެ ޝުކުރު ދެން ރައްދުކުރީ އޭނާގެ ދެ ކޮއްކޮ ކަމުގައިވާ އިސްމާއީލް ހަސީބުއާއި އަހުމަދު އާޒިމް އަށެވެ.

“ހަގީގަތުގައި މިތަނުގެ ހިންގުމުގެ އިސް މީހަކީ އަހަރެން ކަމަށް ވިޔަސް ހަސީބުއާއި އާޒިމްގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭ. އިދާރީ ކަންތަކާއި އަދި އެނޫން ކަންކަމުގައިވެސް ދެބެން ގެ ފަރާތުން ލިބޭ އެހީތެރިކަމަކީ އެކަމަށް މުޅި އާއިލާވެސް ޝުކުރުވެރިވާކަމެއް. ” އަފްލަހު ބުންޏެވެ.

އާއިލާގެ މެންބަރުން އެއްގަލަކަށް އަރައިގެން އެކުވެރިކަމާއެކުކުރާ ކޮންމެ ކަމެއްގެ ނަތީޖާވެސް ރަނގަޅުވާނޭ ކަމަށް ބުނަމުން އޭނާ މިސާލު ނެގީ އޭދަފުށީގައި އާއިލީ ވިޔަފާރި ކުރާ މީހުންގެ ކުރިއެރުމަށެވެ.

އަފްލަހު އުފަންވީ އޭދަފުށީގެ އާދައިގެ އާއިލާއަކަށެވެ. މިއާދައިގެ ގޮތް ކަނޑުވާލަން ބައްޕަ ވީ ގުރުބާނަކީ މި ކަހަލަ ރިޕޯޓެއްގައި ފާހަގަ ކުރަން ޖެހޭ ކަމެކެވެ. މަސްވެރި އާއިލާއަކަށް ނިސްބަތްވިޔަސް އެކަން ދޫކޮށްލައި ގޯތިތެރޭގައި ކުޑަކުޑަ ވަޑާންގެއަކުން ދިރިއުޅުމަށް ބޮޑު އިންގިލާބެއް ގެނުވި ސަމޫމް ވުޑްވޯކްސް އުފެދި އޭގެ ކުރިތައް ފަޅައިގެން ކިތަންމެވަރަކަށް ފުޅާވިޔަސް މި ވިޔަފާރީގެ ހަގީގީ ވެރިއަކީ ބައްޕަ މޫސާ މުހައްމަދު އެވެ. މިއަދު އޭނާ ވަޑާންގެއިން ނުކުމެ ދަރިންނަށް އެކަމުގައި ލަފާ ދޭ މުސްތަޝާރެއްގެ ގޮތުގައި ހުއްޓަސް މިއީ އޭނާ ގެ މުލައްދަނޑީގެ ބާރާއި ވަރުބަލިވުމެއް ނެތް މަސައްކަތުން އުފައްދައި ކޮޅަށް ޖަހާފައިވާ ތަނެކެވެ.

އޭނާ ހުރީ ދަރިންގެ މިމަސައްކަތާ މެދު ހިތްހަމަޖެހިފައެވެ. ހަމައެކަނި ކުންފުނި ކުރިއަށްދާ މިސްރާބު ބެލުމުގައި  ހުރިހާ ބާރެއް އަފްލަހުއަށް ދީގެންނެވެ. އަފްލަހުއާ މެދު ފަޚްރުވެރިވަމުން އޭނާ ބުނީ އަފްލަހުއަކީ ކުންފުނި ހިންގޭނެ ފަދަ މީހަކަށް ވެއްޖެކަން ސާބިތު ކޮށްދީފައިވާ ކަމަށެވެ. އެކަން ޔަގީންވަނީ ދުވަހުން ދުވަހަށް ކުންފުންޏަށް އަންނަ ތަރައްގީ މިނެކިރާލުމުންނެވެ.  އިތުރަށް ބުނި ގޮތުގައި އަފްލަހުއަކީ އެންމެ ކުޑައިރުވެސް ވަރަށް ބަސް އަހާ ،ކިޔެވުމަށްވެސް ތޫނު ކުއްޖެއްކަމުގައެވެ.

“އެކަމަކު އޭނާ ޚިޔާރު ކުރީ ޓައީ އަޅައިގެން އޮފީހެއްގެ ފިނި ކޮޓަރީގައި އިނުމުގެ ބަދަލުގައި މިނިވަންކަމާއެކު އަމިއްލަ މަސައްކަތުގައި ކުރިއަށްދިއުން. އެއީ އޭނާގެ އަމިއްލަ ކަމެއް. އަހަރެން އެދޭ ގޮތް ނޫނަސް އޭނާ ބޭނުންވީ ގޮތަކީ އެއީ. އެކަމަކު ވަކި ފަންނަކުން ކުރިއަށް ދިއުމަށް ބާރެއް ނާޅަން. ”

އަފްލަހުއަށް ތައުރީފު ކުރަމުން މޫސާ އިތުރަށް ބުނީ އަފްލަހުގާތު ކަމެއް ކުރާނޭގޮތް ނުވަތަ އެއްޗެއް ހަދާނޭ ގޮތް ކިޔައިދޭން ޖެހޭނީ އެއްފަހަރު ކަމަށާއި އޭނާ އެކަން އެއްފަހަރުން ހިތަށްނަގައިގަނެ އެއަށް އަމަލީ ސިފަ  ގެންނައިރު އެކަމަށް ދެން ކިޔާނޭ އިތުރު އެއްޗެއް ނޯންނާނެކަމުގައެވެ. އަދި  ކޮންމެ ކަމެއް ކުރިޔަސް ފަރުވާތެރިކަމާ މަސަައްކަތުގެ ފެންވަރަށް ވަރަށް ބަލާނެ ކަމުގައި މޫސާ ބުންޏެވެ.

ސަމޫމު އޮފީހުގެ މަސައްކަތުގައި އަފްލަހު ހަރަކާތްތެރިވާއިރު އޭނާގެ ދަރިފުޅު ގާތުގައި / ފޮޓޯ އީވީ

ބަފައެއްގެ ހިތުގައި އޮތް ދަރިވަންތަ ކަމުގެ ކުލުނާއި އެދަރިފުޅާމެދު ފަޚުރުވެރިވާ މިންވަރު މޫސަ އޭނާގެ ދޮށީ ދަރިފުޅު އަފްލަހުގެ ދިރިއުޅުމުގެ ޗާޓުގައި ކުލަޖައްސައިދިނީ މިގޮތަށެވެ.

“ގިނަކުދިންނަށް ހީވެފައި މިއޮންނަނީ ކޮންމެ ކުއްޖަކީވެސް ޓައީއަޅައިގެން އޮފީހަކަށް ދާން ޖެހޭނެ ކުއްޖެއްކަމަށް. އެކަމަކު މި ވިސްނުން ބަދަލު ކުރަންވެއްޖެހެން ހީވަނީ. ކިޔަވައިގެން ކޮންމެހެން އޮފީހަކަށް ނުދިޔަ ނަމަވެސް މުޖުތަމައުގެ ކޮންމެވެސް އެހެން ހުސް ހިސާބެއްގައި ރަށަށް ޚިދުމަތް ކުރުމުން އެލިބެނީ މާބޮޑު އުފަލެއް. އަމިއްލަ މިނިވަންކަމާ އެކު އާމްދަނީވެސް މާގިނައިން ލިބޭނެ މަގެއްއެއީ. ކޮންމެ ފަންނަކުން ކުރިއަށް ދިޔަ ނަމަވެސް އެކުއްޖަކީ އެފަންނުގައި މޮޅު ކުއްޖަކަށް ވާނީ. ހަމައެއާއެކު މުޖްތަމައުގެ ގަދަރާ އިހްތިރާމްވެސް ލިބޭނެ ކުއްޖަކަށް ވާނީ. ” އަފްލަހުގެ ވާހަކަ ނިންމާލީ ޒުވާނުންނަށް ކުރި މިއިލްތިމާސާ އެކުގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top