”ދީނީ ހަރުކަށި”ފިކުރަކީ ކޮބައިކަމާއި އެކަމުގެ ސަބަބާއި އަދި އެކަމުގެ ހައްލުގެ މައްޗަށް ބަލައިލުން – 2

viber_image_2019-12-19_14-55-25.jpg

(12 ޖެނުއަރީއާއި ގުޅޭ ) އައްނަޙުލު ސޫރަތުގެ މިއާޔަތުގައި މުޅި ކީރިތި ގުރްއާނުގެ ފަތްފުށްތަކުގައި ހުށަހަޅާ ލެވިފައިވާ ހުކުމްތައް ޚުލާސާކޮށް ބަޔާންކޮށްދެވިފައި ވެއެވެ. މުއުމިނާގެ ފަރުދީ ހަޔާތާއި އޭނާގެ މުޖުތަމައީ ހަޔާތް އޮންނަން ޖެހޭނޭ ގޮތުގެ ތައުލީމާތުތައް މި އާޔަތުގައި ނަންގަނެވިފައިވެއެވެ. ކުރިން ވެސް ބަޔާންކުރެވިދިޔަ ފަދައިން، މިއާޔަތުން ވެސް އެނގެނީ ވަކި ފަރުދެއްގެ ހައިސިއްޔަތުން މުއުމިނާ މަސައްކަތްކުރަން ޖެހެނީ ހެޔޮލަފާ ރަނގަޅު މީހަކަށް ވުމަށެވެ. އޭނާގެ އަމިއްލަ، ޝަޚްޞީ، ހަޔާތް ވޭތުކޮށްލަންވާނީ، ނުބައި ނުރަނގަޅު ކަންތައްތަކުން ދުރުހެލިވުމަށް މަސައްކަތްކުރުމުގައި ދެމިހުރެއެވެ. މީގެ އިތުރުން، ގާތް ތިމާގެ މީހުންނަށާއި، އަދި އެނޫން މީހުންނަށް ވެސް، އެހީތެރިވެ، މިފަދައިން ހެޔޮ އަމަލު ކުރުން މަތީ ދެމިހުރެ ވެސް މެއެވެ. އަދި، އޭނާގެ މުޖުތަމައީ ހަޔާތް ރޭވި ބިނާވެފައި އޮންނަން ޖެހޭނީ ހަމަހަމަ ކަމާއި އަދުލު އިންސާފުވެރިކަމުގެ މައްޗަށް ކަމަށް ވެސް އައްނަޙުލު ސޫރަތުގެ މިއާތުން އެނގެއެވެ. އާދެ، ކީރިތި ޤުރްއާނުގައި ބަޔާންކުރެވިފައިވާ ޝަރީއަތުގެ ހުކުމްތަކާ ގުޅޭ ތައުލީމާތުތަކުގެ ލަނޑުދަނޑި ގުޅެނީ މި ދެ ކަމާއެވެ. މުއުމިނާއަކީ ހެޔޮ ލަފާ އިންސާނަކަށް ހެދުމާއި އަދި އޭނާގެ މުޖުތަމައަކީ، އެ މުޖަތަމައުގެ ޖަމާއީ ހަޔާތް، ހަމަހަމަކަމާއި އިންސާފުވެރިކަމުގެ މައްޗަށް ބިނާވެފައި އޮންނަ މުޖުތަމައަކަށް ހެދުމާއެވެ.

ކުރިން ނަންގަނެވި ދިޔަ އަލްޢަންކަބޫތު ސޫރަތުގެ 45 ވަނައާޔަތް ފަދައިން، މި އާޔަތަކީ ވެސް މުސްލިމުން އުޅޭ ކޮންމެ ތަނެއްގައިމެ، އެންމެ އިހުއްސުރެން ވެސް، ކޮންމެ ހުކުރު ދުވަހަކު ހުކުރު ނަމާދުގެ ފަހު ޚުތުބާގައި ކިޔައި އިއްވޭ އާޔަތެކެވެ. ކީރިތި ޤުރްއާނުގައި ބަޔާންކުރެވިފައިވާ ޝަރީއަތުގެ ހުކުމްތައް މި ދެ އާޔަތުގައި ޚުލާސާކުރެވިފައި ވާތީއެވެ. މި ދެ އާޔަތަކީ، އަޅުގަނޑު ހިތުން، އަޅުގަނޑުމެންގެ ތެރެއިން، ހުކުރަށް ގޮސް ހުކުރު ޚުތުބާ އަޑުއަހާ ކޮންމެ މީހަކަށް ވެސް އަޑުއިވި ދަސްވެފައި އޮންނާނޭ ދެ އާޔަތެވެ.

އަދުލު އިންސާފަކީ އިސްލާމީ މުޖުތަމައީ އަސާސީ އަގެއްކަން ފާހަގަކޮށް، ކީރިތި ގުރުއާނުގެ އެންމެ ފަހުން ބާވާލެއްވުނު އަލްމާއިދާ ސޫރަތުގައި ވެސް އެކަން ބަޔާންކޮށްދީ އިތުރަށް ހަނދާންކޮށްދެވިފައިވެއެވެ. يا أيها الذين آمنوا كونوا قوامين لله شهداء بالقسط ولا يجرمنكم شنآن قوم على ألا تعدلوا، اعدلوا هو أقرب للتقوى. އޭ އީމާންވެއްޖެ މީސްތަކުންނޭވެ! މާތްކަލާނގެއަށްޓަކައި (ހެޔޮގޮތުގައި، އިޚުލާސްތެރިކަންމަތީ) ތިޔަބައިމީހުން ގާއިމުވެ، ދެމިތިބޭށެވެ! އަދުލުވެރިކަމަށް ހެކިދޭ ބައެއްގެ ގޮތުގައެވެ. އަދި، ބަޔަކާ މެދު އޮތް ރުޅިވެރިކަމެއް، (އެމީހުންނާ މެދު) އަދުލުވެރިނުވުމަށް ބާރުއަޅައި، އެފަރާތައް ލަންބުވާ ކަމެއްކަމުގައި، ފަހަރެއްގައިވެސް، ވިޔަ ނުދޭށެވެ! (އަދި ކިޔެއް ހެއްޔެވެ؟ އެންމެންގެ މައްޗަށް ވެސް) ކަލޭމެން އަދުލުވެރިވާށެވެ! އެހެނީ އަދުލުވެރިވުމަކީ ތަގުވާވެރިވުމާ އެންމެ ގާތް ކަމެވެ. (މާނައަކީ ތަގުވާވެރިވުން އެދޭނަމަ އަދުލުވެރިވާށެވެ!) [އަލްމާއިދާ ސޫރަތުގެ އަށްވަނަ އާޔަތް]

އާދެ، މަތީގައި ނަންގަނެވުނު އާޔަތްތަކުން ކީރިތި ގުރުއާން ބިނާކުރަން ބޭންވާ މުޖުތަމައުގެ މައިގަނޑު ދެ ސިފައަކީ ހަމަހަމަކަމާއި އަދުލުވެރިކަންކަން އެނގެއެވެ. ވަކިވަކި މުސްލިމު ފަރުދުން ‘އިސްލާމީ’ވަނީ ހެޔޮލަފާ މީހުންނަށް ވެވިގެންކަމަށް ވާއިރު، އެމީހުން އެކުލެވޭ މުޖުތަމައު ‘އިސްލާމީ’ވަނީ އެ މުޖުތަމައުގެ ފަރުދުންގެ މެދުގައި ހަމަހަމަކަމާއި އަދުލުވެރިކަން ގާއިމުވެގެންނެވެ.

މިކަންކަން ހާސިލު ކުރުމަށްޓަކައި، އާދެ، މުޖުތަމައުގެ ކަންކަން ހަމަހަމަކަމާއި އަދުލުވެރިކަން މަތީ ހިންގުމަށްޓަކައި، ކީރިތި ގުރުއާނުގައި މުޖުތަމައީ ހުކުމްތަކެއް ބަޔާންކުރެވިފައިވެއެވެ. މުޖުތަމައީ ހުކުމްތަކުގެ ސިޔާގަކީ މިއީއެވެ. ހަމަހަމަކަމާއި އަދުލުވެރިކަން ގާއިމުކުރުމެވެ. މިބައިގައި ހިމެނޭ ހުކުމްތަކުގެ ތެރޭގައި ކީރިތި ގުރުއާން، އެއީ ކުށްކަމަށް ދެކޭ ކުށްތަކަށް އަރައިގަތުމުން، ކަނޑައެޅިފައިވާ އުގޫބާތްތަކާއި، ވިޔަފާރީގެ މުއާމަލާތާ ބެހޭ ހުކުމްތަކާއި، ކައިވެންޏާ ވަރިއާއި ބެހޭ ހުކުމްތަކާއި ތަރިކަމުދާ ބެހުމާ ބެހޭ ހުކުމްތައް ހިމެނެއެވެ. މިކަމާ ގުޅޭ ބައެއް އިތުރު ވާހަކަތައް ފަހުން ގެނެވޭނެއެވެ. ދީނީ ހަރުކަށި ފެތުރެން ދިމާވާ ސަބަބުތަކާއި އަދި އެކަމުގެ ހައްލު ބަޔާންކުރެވޭއިރުއެވެ. މިވަގުތު އިތުރު ދެތިން ކަމެއް ފާހަގަކޮށްލައި މިބައި ނިންމާލަން ގަސްދުކުރަމެވެ.

ފުރަތަމަ ކަމަކީ ކީރިތި ގުރުއާނުގައި ނަންގަނެވިފައިވާ މުޖުތަމައީ ހުކުމްތައް އިބާރާތްކުރެވިފައިވާ ގޮތާ މެދު އެއްޗެއް ބުނުމެވެ. ކީރިތި ގުރުއާނުގެ މުޖުތަމައީ ބައެއް ހުކުމްތަކުގެ އަސްލު ގުޅެނީ ކީރިތި ގުރުއާން ބާވާލެއްވުނު ދުވަސްވަރު އަރަބި މުޖުތަމައުގައި ކަންތައްތައް ކުރެވެމުން ދިޔަ ގޮތާއެވެ. މިސާލަކަށް ބައެއް އުގޫބާތްތަކުގެ ސޫރައަށް، ސިފައަށް، ބައްލަވާލައްވާށެވެ. މެރުން، އަތްފައި ކެނޑުން، ތެޅުން، އަރުވާލުން ފަދަ އުގޫބާތްތަކެވެ. މި ފަދަ އުގޫބާތްތަކަކީ އެ ދުވަސްވަރު އަރަބި މުޖުތަމައު ބަލައިގެންފައިވާ ކަންކަމެވެ. އަދި، އެހެންވެ، މުޖުތަމައުގައި ހިންގާލަން ފަސޭހަވި ކަންކަމެވެ.

ކީރިތި ގުރުއާނަކީ އަޚުލާގީ ވަސީގާއެއް (ޑޮކިޔުމެންޓެއް) ކަމުގައި ވުމުން، މިފަދަ މުޖުތަމައީ ހުކުމްތައް ބަޔާންކުރެވިފައި އޮތީ ގާނޫނީ ސިފައެއްގައި މިކަންކަން ހިންގާލުމަށް ވުރެ ބޮޑަށް، ކުށްކުރާ މީހާގެ އިސްލާހަށް ބާރުއެޅިގެންނެވެ. ދެތިން މިސާލު ލިޔެލާނަމެވެ. މީހަކު މަރައިފި މީހާގެ އުގޫބަތަކީ މެރުމެވެ. ނަމަވެސް، އޭނާއަށް ވެސް މާފުކުރެވޭނޭ މަގު ހުޅުވިފައިވެއެވެ. (ބަގަރާ ސޫރަތުގެ 179ވަނަ އާޔަތް.) މަގު ފޭރޭ މީހުންގެ އުގޫބާތަކީ ކޮބައިކަން ބަޔާންކޮށްދެމުން، ތިން ހަތަރު ޚިޔާރެއް ކީރިތި ގުރުއާނުގައި ދެވިފައިވެއެވެ. ގަތުލުކުރުމާއި ސަލީބަށްއެރުވުމާއި އަތްފައި ކެނޑުމާއި އަރުވާލުމެވެ. (މާއިދާ ސޫރަތުގެ 33ވަނަ އާޔަތް.) ނަމަވެސް، ކުށްވެރިޔާ ތައުބާވެ، އިސްލާހުވެއްޖެ ނަމަ، އޭނާއަށް މާފުކުރެވެން އޮވެއެވެ. (މާއިދާ ސޫރަތުގެ 34ވަނަ އާޔަތް.) ވައްކަމުގެ އުގޫބާތެއްގެ ގޮތުގައި އަތްކެނޑުން ކަނޑައެޅިފައި އޮވެއެވެ. (މާއިދާ ސޫރަތުގެ 38 ވަނަ އާޔަތް.) ނަމަވެސް، ވައްކަންކުރި މީހާ ތައުބާވެ، އިސްލާހުވެއްޖެ ނަމަ، އޭނާއަށް މާފުކުރެވެން އޮވެއެވެ. (އަލްމާއިދާ ސޫރަތުގެ 39ވަނަ އާޔަތް).

އަދި ބައެއް ފަހަރު، މުޖުތަމައީ ބައެއް މައްސަލަތަކާ ބެހޭ ހުކުމްތައް ދެގޮތަކަށް ބަޔާންކުރެވިފައި ވެއެވެ. މިސާލެއްގެ ގޮތުން ތަރިކަ މުދާ ބެހުމުގެ ހުކުމްތައް ބަޔާންކުރެވިފައިވާ އާޔަތްތަކާ މެދު ވިސްނާލަބައްލަވާށެވެ. މިގޮތުން، ބާވާލެއްވުނު ފުރަތަމަ އާޔަތަކީ އަލްބަޤަރާ ސޫރަތުގެ 180ވަނަ އާޔަތެވެ. މި އާޔަތުގައި ބަޔާންކުރެވިފައިވާ ގޮތުން، ތަރިކަ މުދާ ބެހުމުގެ ޒިންމާ ނަގަންޖެހެނީ މުދަލުގެ ވެރިފަރާތެވެ. މަރުވުމުގެ ކުރިން ލިޔެވޭ ވަސިއްޔަތެއް މެދުވެރިކޮށް، މައިބަފައިންނަށާއި އެންމެ ގާތް ތިމާގެ މީހުން، އެބަހީ އަނބިފިރިންނާއި ދަރިންގެ މެދުގައި، ހަމަހަމަ ގޮތެއްގައި ތަރިކަމުދާ ބަހާލެވެން ޖެހެއެވެ. ނަމަވެސް، އައްނިސާ ސޫރަތުގެ 11 ވަނަ އާޔަތާއި 12 ވަނަ އާޔަތާއި އަދި 176 ވަނަ އާޔަތުގައި ތަރިކަމުދަލުގެ ބެހެނިވެރިންނާއި އެމީހުންނަށް ލިބެންވާ މިންވަރު ސާފު ސީދާކޮށް ކަނޑައެޅިފައި އޮވެއެވެ. މިހެން އޮތް އިރުވެސް، ވަސިއްޔަތް މެދުވެރިކޮށް ތަރިކަ މުދާ ބެހެމަށް މި އާޔަތްތަކުގައި ވެސް އިސްކަންދެވިފައި ވެއެވެ.

އަދި މުޖުތަމައީ ބައެއް ހުކުމްތައް ވަކި ގޮތަކަށް އައިސްފައި އޮތް އިރު، އެ ގޮތަކީ ކީރިތި ރަސޫލާ ބޭނުންފުޅުވެ ވަޑައިގަންނަވާ ގޮތް ނޫންކަމާއި އަދި އެގޮތަށް ކަންތައް ނުކުރައްވާކަންވެސް ފާހަގަކުރައްވައެވެ. މިސާލެއްގެ ގޮތުން ދެމަފިރިން ދެމެދުގައި ޖެހޭ ވަކި ކަހަލަ ހަމަ ނުޖެހުންތައް ހައްލުކުރުމުގައި އަތް އިސްކުރުން އޮންނަ، ނިސާ ސޫރަތުގެ 34 ވަނަ އާޔަތް ބައްލަވާލައްވާށެވެ. މިއާޔަތް ބާވާލެއްވުނު ސަބަބަށް ބަލާލުމުން، އެދުވަސްވަރުގެ ގިނަ ބަޔަކު މިކަން މިގޮތަށް އޮތުމަށް ތާއީދުކުރިކަން ދޭހަވެއެވެ. ނަމަވެސް، ކީރިތި ރަސޫލާ ވިދާޅުވީ ތިމަންކަލޭގެފާނީ އެގޮތަށް އަތް އިސްކުރައްވައި ކަންތައް ކުރައްވާ ބޭކަލެއް ނޫންކަމެވެ.

މީގެ އިތުރުން ބައެއް މުޖުތަމައީ ހުކުމްތައް ބަޔާންކުރެވިފައިވަނީ އާންމު އުސޫލެއްގެ ގޮތުންނެވެ. މިސާލެއްގެ ގޮތުން މުޖުތަމައުގެ ޖަމާއީ ކަންކަން ނިންމަން ޖެހޭނީ މަޝްވަރާގެ މަތިންކަމުގައި އައްޝޫރާ ސޫރަތުގެ 38 ވަނަ އާޔަތުގައި ބަޔާންކުރެވިފައި ވެއެވެ. މި އާޔަތުންނާއި އަދި ފުރަތަމަ ހަތަރު ޚަލީފާއިންގެ އަމަލުންވެސް، ވިރާސީ ވެރިކަމަކީ އިސްލާމީ ގޮތް ނޫންކަން އެނގެނއެވެ. ނަމަވެސް، ކީރިތި ގުރުއާނުން، ނޫނީ ސަލާމާ ސަލަވާތް ލެއްވި އިތުރު އެކަލޭގެފާނުންގެ ސުންނަތުން ވެސް، އެކަމާ ބެހޭ އިތުރު ތަފްސީލެއް ލިބޭކަށެއް ނެތެވެ. މުސްލިމުންނަށް އެންމެ ފައިދާހުރި ގޮތެއްގައި ނިންމުމަށް، އެކަން ވަނީ ދޫކޮށްލެވިފައެވެ.

ޝައްކެތްނެތް ގޮތުގައި، ފިގުހު އިލްމުގައި، ފަރުދީ ހުކުމްތައް ފަދައިން، މިފަދަ މުޖުތަމައީ ހުކުމްތައް ވެސް ވަނީ ވަކި ހަމަތަކެއްގެ މަތިން މާނަކުރެވި، އެ ހުކުމްތައް މުޖުތަމައުގައި ހިންގާލެވޭނޭ ގޮތް ބަޔާންކުރެވިފައެވެ. މި މާނަކުރުމަކީ، މި މައްސަލަތައް ބަހުސްކުރައްވާ މިޒަމާނުގެ ބައެއް އިލްމުވެރިން ދެކެލައްވާގޮތުގައި، އެންމެ ފަހުގެ މާނަކުރުމެއް ނޫނެވެ. ޚާއްސަކޮށް ސިޔާގަށާއި އަދި މުޖުތަމައީ ހުކުމްތައް ކީރިތި ގުރުއާނުގައި އިބާރަތްކުރެވިފައިވާ ގޮތަށާއި މިފަދަ ހުކުމްތަކާއި މެދު ސަލާމާތް ސަލަވާތްލެއްވި އިތުރު ރަސޫލާއާއި ފުރަތަމަ ހަތަރު ޚަލީފާއިން ކަންތައްކުރެއްވި ގޮތުގެ މައްޗަށް ރިއާޔަތްކޮށް، ކީރިތި ގުރުއާނުގެ މުޖުތަމައީ ހުކުމްތައް މާނަކުރައްވާ މިއަދުގެ ބައެއް މުސްލިމު އިލްމުވެރިން ދެކިލައްވާ ގޮތުގައި، މި ފަދަ ހުކުމްތަކުގައި ބާރު އެޅިފައިވަނީ، ހުކުމްތައް އައިސްފައިވާ ސޫރައަށް ވުރެ ބޮޑަށް، އެ ހުކުމްތަކުން ހާސިލުކުރަން ބޭނުންވާ މަގުސަދުގެ މައްޗަށެވެ. މިކަމަކީ ވެސް، ދީނީ ހަރުކަށި ފިކުރާ ގުޅުން ހުރި ކަމަށް ވުމުން، މިކަމުގެ އިތުރު ތަފްސީލު ފަހުން ގެނެވޭނެއެވެ.

މުޖުތަމައީ ހުކުމްތަކާ ބެހޭ ގޮތުން ފާހަގަކޮށްލަން ޖެހޭ އަނެއް ނުކުތާއަކީ މި ހުކުމްތައް ދީނާއި ގުޅޭ ގޮތެވެ. މުޖުތަމައީ ހުކުމްތައް ދީނާ ގުޅެނީ އެ ހުކުމްތަކުގެ ސޫރަ މެދުވެރިކޮށެއް ނޫނެވެ. މިސާލަކަށް ވައްކަންކުރުމުން އޮންނަ އަދަބުކަމުގައިވާ އަތްކެނޑުން އެއީ ދީނީ ކަމެއް ނޫނެވެ. އެކަން، ދީނާ ގުޅެނީ އެކަމަށް ކަނޑައެޅިފައި އޮންނަ އުގޫބާތުން ގަސްދުކުރެވޭ ލަނޑުދަނޑިކަމުގައިވާ ‘އަދުލުވެރިކަން’ ހާސިލުކުރެވުމުންނެވެ. ހިޖުރައިން އަށާރަވަނަ އަހަރު، މާތްރަސްކަލާނގެ ރުއްސުންލެއްވި އުމަރުގެފާނުގެ ޚަލީފާކަމުގެ ދުވަސްވަރުގައި، އަތްކެނޑުން ވަގުތީ ގޮތުން ހުއްޓާލެވުނެވެ. މުޖުތަމައުގައި ބަނޑުހައި ހޫނުކަމުގެ އާންމު ތަދެއް ފެތުރި، ސަރުކާރުން މީސްތަކުންނަށް ފޯރުކޮށްދޭންޖެހޭ ޒަރޫރީ ބައެއް ބޭނުންތައް ފޯރުކޮށް ދިނުމަށް ނުކުޅެދުމުންނެވެ. އަދި އެފަދަ، ހާލަތެއްގައި އަތްކެނޑުމަކީ އަދުލުވެރިކަމާ ޚިލާފުކަމެއް ކަމުގައި އުމަރުގެފާނު ދެކެވަޑައިގަތުމުންނެވެ. މީގެ އިތުރުން، އިމާމު ޝާފިއީގެ ކިތާބުލްއުއްމުގައި، މާތްރަސްކަލާނގެ ރުއްސުންލެއްވި އަލީގެފާނު، އަތްކެނޑުމާ ދެކޮޅު ހެއްދެވިކަން ބަޔާންކުރައްވާފައިވެއެވެ. އަތްކެނޑުމަކީ މީހުން އާމްދަނީ ހޯދަން މަސައްކަތްކުރަން ހުރަސް އަޅާނޭ ކަމަކާއި އަދި އެކަމުގެ ސަބަބުން ހިނާ ތާހިރުވާން ވެސް ދަތިވާނޭ ކަމަށް ވިދާޅުވަމުންނެވެ. އަތްކެނޑުމަކީ ދީނީ ކަމަކަށްވާ ނަމަ، ވަގުތީ ގޮތުން ނަމަވެސް، އެއްވެސް މީހަކަށް އެކަން ހުއްޓުމުގެ އިޚްތިޔާރެއް ނޯންނާނޭކަމާއި އަދި އެކަމާ ފަހަރެއްގައި ވެސް އިންކާރުކުރުމުގެ އުޒުރެއް އެކަކަށް ވެސް ނުދެއްކޭނޭކަން ބައެއް އިލްމުވެރިން ފާހަގަކުރައްވައެވެ.

މުޖުތަމައީ ހުކުމްތަކާ ބެހޭގޮތުން އެންމެ ފަހުން ފާހަގަކޮށްލަން ބޭނުންވަނީ މި ހުކުމްތައް ހިންގާލުމުގެ ބާރާއި އިޚުތިޔާރު ލިބިގެންވަނީ ހާކިމާއަށް ކަމެވެ. ނުވަތަ ހާކިމާ އެކަން ހަވާލުކުރައްވާފައިވާ ފަރާތަކަށް ކަމެވެ. އެކަމަކީ އަމިއްލަ ފަރުދުންގެ އަތްމަތީ އޮތް ކަމެއް ނޫންކަމެވެ. މުއުމިނާ ދީންވެރިވެ، ރޫހާނީ ގޮތުން ކުރިއަށްދާން ބޭނުން ނަމަ، އަޅުކަމުގެ އަމަލުތަކުގައި އަވަދިނެތި އުޅެ، ވީވަރަކުން އެހެން މީހުންނަށް އިހުސާންތެރިވެ، ހެޔޮއަމަލުތައްކޮށް ހެޔޮލަފާ މީހަކަށްވާންވީއެވެ. ދީންވެރިވެ، ރޫހާނީ ގޮތުން ކުރިއެރުމަށްޓަކައި، މުޖުތަމައީ ހުކުމްތައް މުޖުތަމައުގައި ހިންގާލަން، އޭނާ އަމިއްލައަށް އުޅޭކަށް އޭނާއަކަށް ނުޖެހެއެވެ. އެކަން ދޫކުރަން ޖެހެނީ މުޖުތަމައު ހިންގުމާ ހަވާލުވެ ތިބި ބަޔެއްގެ އަތް މައްޗަށެވެ. ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައިވާ ފަދައިންނެވެ. يا أيها الذين آمنوا أطيعوا الله وأطيعوا الرسول وأولي الأمر منكم، (އައްނިސާ ސޫރަތުގެ 59 ވަނަ އާޔަތް) “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! މާތްކަލާނގެއަށް ބޯލަނބައި ކިޔަމަންތެރިވާށެވެ! އަދި، ރަސޫލާއަށާއި ކަލޭމެންގެ ތެރެއިން އަމުރުވެރި ފަރާތްތަކަށް ވެސް ބޯލަނބައި ކިޔަމަންތެރިވާށެވެ!” މީގެ މާނައަކީ ވަކިވަކި ފަރުދުންނަށް މުޖުތަމައީ ހުކުމްތަކާ ބެހޭ ގޮތުން އެއްޗެއް ނުބުނެވޭނޭ ވާހަކައެއް ނޫނެވެ. މުޖުތަމައުގައި ކަނޑައެޅި ހަމަޖެހިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ މަތިން އެވާހަކަތައް ދެއްކުމުގެ މިނިވަންކަން ވަކިވަކި ފަރުދުންނަށް ވެސް ލިބިގެން ވެއެވެ.

މިބައި ނިންމާލުމުގެ ގޮތުން، މިބައިގައި ބަޔާންކުރެވިދިޔަ ވާހަކަތަކުގެ ކުރު ޚުލާސާއެއް ލިޔެލާނަމެވެ. ޝަރީއަތުގެ ހުކުމްތައް ދެބަޔަކަށް ބެހިގެން ވެއެވެ. އިންސާނާގެ ފަރުދީ ހަޔާތާ ގުޅޭ ބަޔަކާއި އަދި އޭނާގެ މުޖުތަމައީ ކަންތައްތައް ހިންގުމާ ބެހޭ ބަޔެކެވެ. މީގެ ތެރެއިން ފުރަތަމަ ބައިގައި ހިމެނެނީ އަޅުކަންކަމާއި ހަލާލު-ހަރާން ކަންތަކެވެ. މިބައިގެ މަގުސަދަކީ ފަރުދީ އިސްލާހެވެ. އެކަން ކުރުމުގެ ޒިންމާ ނަގަން ޖެހެނީ ކޮންމެ މުއުމިނު ފަރުދެކެވެ. މިއީ ޝަރީއަތުގެ ޚާލިސް ‘ދީނީ’ބައި ކަމުގައި ބެލެވެއެވެ. ތަނާއި ޒަމާނާ ގުޅުވައި މި ބަޔަކަށް ބަދަލެއް ނުގެނެވޭނެއެވެ. ޝަރީއަތުގެ ހުކުމްތަކުގެ ދެވަނަ ބައި ގުޅެނީ މުޖުތަމައު ހިންގުމާއެވެ. މި ބައިގައި ހިމެނޭ ހުކުމްތަކުގެ މަގުސަދަކީ މުޖުތަމައުގެ އަފުރާދުންގެ މެދުގައި ހަމަހަމަކަމާއި އަދުލުވެރިކަން ގާއިމުކުރުމެވެ. މި ބައިގައި ހިމެނޭ ހުކުމްތައް އިބާރަތްކުރެވިފައިވަނީ އެ ހުކުމްތަކުގެ މަގުސަދުތަކުގެ މައްޗަށް ބާރު އެޅިގެންނެވެ. މިކަންކަން ހިންގާލުމުގެ ބާރާއި އިޚުތިޔާރު ލިބިގެންވަނީ ހާކިމާއަށެވެ. ނުވަތަ ހާކިމާ އައްޔަނުކުރާ ފަރާތަކަށެވެ. މިކަންކަން ހިންގުމުގެ ބާރު، އަމިއްލަ ފަރުދުންނަށް ލިބިގެން ނުވެއެވެ.

އިރާދަކުރެއްވިއްޔާ، ދެން އޮތް ބައިގައި ތިން ކަމެއްގެ މައްޗަށް ބަލާލެވޭނެއެވެ. ދީނީ ފިކުރު ހަރުކަށިވާ ގޮތާއި އެކަމުގެ ސަބަބުތަކާއި އަދި އެކަމުގެ ހައްލުގެ މައްޗަށެވެ. (ނިމުނީ )

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top