އެސްޓީއޯ ހިންނަވަރު ޗެމްޕިއަންޝިޕް: ތަފާތު ބޮޑުކޮށް އޭދަފުށިން ހިންނަވަރު ބަލިކޮށްފި

301056990_129066546520477_281335087937413203_n.jpg

އެސްޓީއޯ ހިންނަވަރު ޗެމްޕިއަންޝިޕްގައި އިއްޔެ ކްލަބް އޭދަފުށި، ހިންނަވަރު ސްޕޯޓްސް ކްލަބާ ވާދަކޮށް 5-1 އިން މޮޅުވެއްޖެ އެވެ.

ޅ. ހިންނަވަރު ދަނޑުގައި ދެޓީމް ބައްދަލު ކުރި މި މެޗުގައި ކްލަބް އޭދަފުށީގެ އިޝާން އިބްރާހީމް (ސައްޓު) ވަނީ ހެޓްރިކް ހަދައިފަ އެވެ. އިތުރު ދެ ލަނޑު ޖެހީ ދިވެހި ފުޓުބޯޅައިގެ މިއަހަރުގެ ތަރި، އަދި އެންމެ މޮޅު ކުޅުންތެރިޔާ، ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

ކްލަބް އޭދަފުށީ ޓީމުގައި ހިމެނެނީ މުޅިންވެސް އޭދަފުށީގެ ކުޅުންތެރިންނެވެ.

މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން އޭދަފުށި ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި މެޗުގެ 75 ވަނަ މިނެޓުގައި ސައްޓު ވަނީ ހަމްޕު ތަނަވަސްކޮށްދިން ފުރުސަތެއްގައި ކީޕަރު ކައިރިން ކަޓުވާލާފައި ގޮސް އޭދަފުއްޓަށް ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.

އޭގެ ތިން މިނިޓު ފަހުން ހަމްޕުވަނީ އިތުރު ލަނޑެއްޖަހައި ނަތީޖާ ތިނަކަށް ބަދަލު ކޮށްލާފަ އެވެ. އޭދަފުށީގެ ހަތަރު ވަނަ ލަނޑު ޖަހައިދީފައިވަނީ ވެސް މެޗުގެ 87 ވަނަ މިނިޓުގައި ހަމްޕު އެވެ. ފަސްވަނަ ލަނޑުޖަހައި ސައްޓު ހެޓްރިކް ފުރިހަމަކުރީ އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގައި ޖެހި ލަނޑުންނެވެ. ހެޓްރިކްގެ އިތުރުން ސައްޓު ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފަ އެވެ. މި މެޗުގައި ހިންނަވަރުން ކާމިޔާބު ކުރި ހަމައެކަނި ލަނޑު ޖެހީ އިތުރު ވަގުތުގެ ފަހު މިނެޓުގައެވެ.

މި މުބާރާތުގައި ވާދަކުރަނީ ފަސް ޓީމަކުންނެވެ. ލީގު ބުރެއް ކުޅުމަށް ފަހު ގަދަ ހަތަރު ޓީމު ވާދަކުރާނީ ސެމީ ފައިނަލުގަ އެވެ. ފުރަތަމަ ސެމީގައި އެއް ވަނަ ޓީމާ ދެ ވަނަ ޓީމު ވާދަކޮށްގެން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ދެ ވަނަ ސެމީގައި ވާދަކުރާނީ ލީގު ބުރުގެ ތިން ވަނަ ޓީމާ ހަތަރު ވަނަ ޓީމެވެ. މި ދެޓީމުގެ ތެރެއިން މޮޅުވާ ޓީމެއް ޖެހޭނީ ފުރަތަމަ ސެމީގައި ބަލިވި ޓީމާ ދެކޮޅަށް ތިން ވަނަ ސެމީ ފައިނަލް މެޗުގައި ކުޅޭށެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ ތިން ވަނަ ސެމީ ފައިނަލުން މޮޅުވާ ޓީމަކަށެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ.

އޭދަފުށި ކުޅޭ ދެވަނަ މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ހަވީރުއެވެ. މި މެޗުގައި އޭދަފުށި ވާދަކުރާނީ ވެލިދޫއާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top