މަސްވެރިއަކަށް މިހާރު މަހަކު އެވްރެޖް 22،000 ރުފިޔާ ލިބޭނެ: މިނިސްޓަރު

zahaa.jpg

ރައީސް ޞާލިހް އަދި މިނިސްޓަރު ޒަހާ

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މަސްކިރުވާ ފަރާތްތަކަށް މިހާރު މަސް ގަންނަ އަގަށް ބަލާއިރު، މަހެއްގެ މައްޗަށް އެވްރެޖުކޮށް 22،000 ރުފިޔާ ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ “ފަލަ ސުރުހީ” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން މަސްވެރިކަމާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހުތަކާއި މަސް ވިއްކޭނެ އެންމެ ދަށް އަގު ނުވަތަ “ފްލޯ ޕްރައިސް” ކަނޑައެޅިގެން ދިއުމާއެކު މި ސަރުކާރުން ކަޅުބިލަމަސް ގަނެވޭނެ އެންމެ ދަށް އަގު،8 ރުފިޔާއިން 13 ރުފިޔާއަށް މަތިކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ކަޅުބިލަމަސް ގަނެވޭނެ އެންމެ ދަށް އަގު އަލުން މުރާޖާކޮށް ބަދަލުތަކެއް ގެންނަން ޖެހުނީ މަސް ގަންނަ ކުންފުނިތަކާއި މަސްވެރިންނަށް ވެސް ގެއްލުންނުވެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން މިހާރުގެ “ޕްލޯ ޕްރައިސް” އަށް ބަލާއިރު މަހެއްގެ މައްޗަށް މަސްވެރިއަކަށް އެވްރެޖުކޮށް 22،000 ރުފިޔާ ލިބޭނެ ކަމަށް ވިދާޅުވިއެވެ.

“ކުރީގެ އޮތް ގޮތުން ފްލޯ ޕްރައިސްއަކީ އަށް ރުފިޔާ ކަމަށް ބަލައިފިއްޔާ ގާތްގަނޑަކަށް މަސްވެރިއަކަށް މަހެއްގެ މައްޗަށް ޖެހޭނީ 11،500 ރުފިޔާ. މިހާރު އަޅުގަނޑުމެން ފްލޯ ޕްރައިސްގެ ކަލްކިއުލޭޝަންތައް ހެދީމާ މަސްވެރިއަކަށް 22،000 ރުފިޔާ ޖެހޭނެ. އެހެންކަމުން މިއީ އަޅުގަނޑު ދަންނަވާނީ މަސްވެރިކަމުގެ ފަހި މޫސުމެއްގައި ފަހި އަދަދެކޭ،” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ކަޅުބިލަމަސް ގަނެވޭނެ އެންމެ ދަށް އަގަކީ 13 ރުފިޔާ ކަމަށްވީ ނަމަވެސް، މަސް ކުންފުނިތަކުން އެއަށް ވުރެ ބޮޑުކޮށް މަސް ގަންނަ ކަމަށާއި އެހެންކަމުން އެއީ މަސްވެރިންނަށް ލިބޭނެ ކުރިއެރުމެއް ކަމަށެވެ. އަދި މަސް ގަންނަ އެހެން ކުންފުނިތަކާ އަޅާބަލާއިރު މިފްކޯއިން މަސް ގަންނަ އަގު ރަނގަޅު ކަމަށް ވިދާޅުވި އެވެ.

“މިސާލަކަށް އިއްޔެ މަސް ގަތް އަގަށް ބަލާއިރު، މިފްކޯއިން ބައްލަވައިގަންނަމުން އެދަނީ 16 ރުފިޔާއަށް އަށް. ނަމަވެސް އެންސިސް އާއި ހޮރައިޒަނުން ބައްލަވައިގަންނަމުން އެދަނީ 14 ރުފިޔާއަށް އަަށް. އެހެންކަމުން ދަންނަވާނީ މިފްކޯގެ އަގު ރަނގަޅޭ. އަދި އެއާއެކު މަސްވެރިންނަށް ލުއިތަކެއް ދިނުމަށްޓަކައި ތެލަށާއި އައިސްގެ އަގުތަކަށް ވެސް މިފްކޯއިން ވަނީ ބަދަލުތަކެއް ގެންނަވާފައި،” މިނިސްޓަރު ޒަހާ ވިދާޅުވި އެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ ކަންތައްތައް ފާހަގަކުރައްވައި މިނިސްޓަރު ޒަހާ ވިދާޅުވީ، މަސް ރައްކާކުރާނެ ސްޓޯރޭޖް ފެސިލިޓީ އިތުރުކުރުމުގެ މަސައްކަތައް ކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގައި މަހުގެ ވެލިއު އެޑް ކުރެވޭނެ އިތުރު އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

އެގޮތުން ކޭނަރީގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި ކުރިއަށް އޮތް 18 މަސް ދުވަހަކީ މަސްވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް ގިނަ ކަންތައްތަކެއް ކުރެވިގެންދާނެ 18 މަސް ދުވަސް ކަމަށް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top