އުމުރުން 2 އަހަރު ނުފުރޭ ކުއްޖެއްގެ ފުއްޕާމެއިން ކެޝޫނަޓް ކޮޅެއް ނަގައިފި އެވެ.
އެ ކުއްޖާގެ ފުއްޕާމެއިން ކެޝޫ ނަޓްގެ ބައިތައް ނެގުމަށް މަސައްކަތްކުރާ ވީޑިއޯ އެއް އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
https://twitter.com/i/status/1304505033686306816
ޑރ.އަލީ ވިދާޅުވީ، އެ ކުއްޖާގެ ފުއްޕާމޭގެ ދެ ފަޅީގައި ހުރި އެ ކެޝޫ ނަޓްގެ އެތިކޮޅުތައް އެއްކޮށް ނަގާފައިވާ ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ހޮސްޕިޓަލަށް ދާ އިރު، ކުރިން ދިމާވެފައިވާ ކަންކަން ކިޔައިދިނުން މުހިންމު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދެ އަހަރު ނުވާ ކުޑަކުއްޖެއްގެ ފުއްޕާމެއިން ކެޝޫ ނަޓް ކޮޅެއް ނަގާފައި ވާއިރު، އަނގަޔަށް އެއްޗެހި ލައިގެން އުޅެނިކޮށް ކޮށިއަރައިގެން ނޭވާލާ ހޮޅިއަށާ ފުއްޕާމެއަށް އަދި ކާހޮޅިއަށްގޮސް ތަކެތި ތާށިވުން އަނެއްކާވެސް ގިނަވެފައިވާ ކަން ފާހަގަ ކުރައްވާ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެފަދަ ހާދިސާތައް ގިނަވުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކަކީ އަނގަޔަށް ކާއެއްޗެހި އަޅައިގެން ދުވުމާއި ބުރުގާ ޕިން އަނަގަޔަށް ލައިގެން ޕިން ޖެހުމާއި ކުޅޭ އެއްޗެހި އަނގަޔަށް ލައިގެން ދުވުން ފަދަ ކަންކަން ކުރުން ކަމަށް ޑރ.ފައިސަލް ވިދާޅުވެއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އައީޖީއެމްއެޗް ގައި ވަނީ ހަ އަހަރުގެ ތުއްތު ކުއްޖެއްގެ ފުއްޕާމެެއިން އޮޕަރޭޝަނެއް ކޮށްގެން ލެގޯ ކޮޅެއް ނަގާ ފައެވެ. ނޮވެމްބަރު މަހު އައިޖީއެމްއެޗުން ވަނީ 17 އަހަރުގެ އަންހެން ކުއްޖެއްގެ ފުއްޕާމެއިން ބުރުގާގައި ޖަހާ ޕިނެއްވެސް ނަގާފައެވެ. މީގެ އިތުރުން މި އަހަރު ޖަނަވަރީ މަހު ވަނީ 15 އަހަރުގެ އަންހެން ކުއްޖެއްގެ ނޭވާހޮޅިން ބުރުގާގައި ޖަހާ ޕިނެއްވެސް ނަގާފައެވެ.
އައިޖީއެމްއެޗުން ވަނީ ބުރުގާގަޖަހާ ދަތިފަދަ ތޫނު އެއްޗެތި އަނގަތެރެއަށް ނުލުމަށްް އިލްތިމާސްކޮށްފައެވެ.





