އޭދަފުށީގެ ފުޓްބޯޅައަށް ”އިންޒާރުގެ ރަނގަބީލެއް”!

DSCN1748.jpg

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބ.އަތޮޅުން ބައިވެރިވި ފެހެންދޫ އަތުން ބަލިވެ އޭދަފުށި ޒޯން ބުރަށް ނުދެވި ކަޓައިގެން ދިޔައީ ކަންޒު ކަހަނބާއި މުސަޅުގެ މިސާލެއްކަމަށް ހީކޮށްފާނެއެވެ. ނަމަވެސް ހަގީގަތަކީ އެއީއެއް ނޫނެވެ. ކުޑަކުޑަ ފެހެންދޫ ހިފަހައްޓާނުލެވިގެން މިނިވަން ޗެމްޕިއަންޝިޕަށް ދަތުރުކުރަން އޮތް މަގު ބަންދުވެ ބަލިވެގެން ދިޔައީއެވެ. ފަހު މެޗުން މޮޅުވި ނަމަވެސް ކުރީދުވަހުގެ މެޗް 3-1ން ފެހެންދޫ މޮޅު ވެފައިވާތީ ޒޯނަށް ދިއުމުގެ ފުރުސަތު އޭދަފުއްޓަށް ގެއްލުނީއެވެ.

ގައުމީ ޓީމަށާ މާލޭގެ ފަސްޓްޑިވިޜަންގެ ކްލަބްތަކަށް ފުޓްބޯޅަ ކުޅުންތެރިން ތައްޔާރު ކުރާ ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ބެލެވެމުން އަންނަ އޭދަފުއްޓަށް ފާއިތުވި ދެއަހަރުވެސް ރަނގަޅު ނަތީޖާ އެއް ނެރެވިފައެއް ނުވެއެވެ. ބ.އަތޮޅު ފުޓްބޯޅަ ތަރައްގީ ކުރުމުގެ މަގްސަދުގައި ބާއްވަމުން އަންނަ އެއްވެސް މުބާރާތަކުން ތައްޓާ ހަމައަށް ނުދެވި ކަޓައިގެން ދާންޖެހޭ ސަބަބެއް އެނގެން އެބަޖެހެއެވެ. އާކުޅުންތެރިންތަކެއް މަދު މަދުން ފެނުނަސް ގަލޮޅު ދަނޑުގައި ކުޅެލެވޭވަރުގެ އުފެއްދުންތެރިކަމެއް އެކުދިންނަށް ދައްކައިލެވުނު ނަމަ މިއަދު އެކުޅުންތެރިންވެސް ތިބީހީ ސެންޓޭ އާ ހަމްޕް އަދި ސައްޓުމެންގެ ފަހަތުން ގޮސް މާލޭގެ ކޮންމެވެސް ކްލަބެއް ގައެވެ.

އޭދަފުށީގެ ލެއާ ތާރީޚާ ގުޅިފައިވާ ހަމައެކަނި ކުޅިވަރަކީ ފުޓްބޯޅަ ކަމަށް ވާއިރު އޭދަފުށީގެ ފުޓްބޯޅަ ކުރިއަށް ނުދެވި ހުއްޓިފައި އޮތް ހަގީގީ މައްސަލަ ހޯދައި އެކަމަށް އަވަސް ހައްލެއް ހޯދައި ފުޓްބޯލައިގެ ރަނގަޅު ޖީލެއް އުފައްދަން އެބަޖެހެއެވެ. އެހެން ނޫނީ ވަގުތު ފާއިތުވެދާނެއެވެ.

80ގެ ފަހު އަހަރު ތަކާއި 90ގެ އަހަރު ތަކުގެ ކުރީކޮޅު އޭދަފުށީ ޒުވާނުންގެ ޖަމިއްޔާ އަށާއި ވިކްޓަރީ ސްޕޯޓްސް ކްލަބްގައި ކުޅެފައިވާ ދިވެހި ފުޓްބޯޅައިގެ ތަރި އޭދަފުށީ ދިގަލި އިބްރާހީމް ފައުޒީ، އޭނާގެ ތަޖްރިބާގެ އަލީގައި ވާހަކަ ދައްކަމުން ވިދާޅުވީ އޭދަފުށީގެ ފުޓްބޯޅަ ދާންޖެހޭ ސްޕީޑްގައި ކުރިއަށް ނުދާ  މައިގަނޑު ސަބަބަކީ ރަނގަޅަށް ތައްޔާރު ނުވެ މުބާރާތަށް ނުކުތުން ކަމުގައެވެ. މުބާރާތް ފެށެން ކުޑަތަން ވީމާ ދެން ދެތިން ދުވަހު ނުވަތަ ހަފްތާއެއްހާދުވަހު ކުޅެލިޔަސް އެއީ ނަތީޖާ ނެރެވޭނެ މުއްދަތެއް ކަމަށް ފައުޒީ ގަބޫލެއް ނުކުރައްވައެވެ. ހައްލަކީ ކޮބާ ހެއްޔެވެ؟

“ކައުންސިލުން އިސް ނަގަންވީ. އެއީ ކުރިއަށްދެވޭނެ ހަމައެކަނި ގޮތަކީ. ވަރަށް މޮޅު ކުޅުން ތެރިން ކައިރި ރިސޯޓުތަކުގައިވެސް އެބަތިބި. އެރިސޯޓުތަކާ ވާހަކަ ދައްކައިގެން އެކުދިންވެސް ވަކި އިންތިޒާމެއްގެ ދަށުން ރަށަށް ގެނެސްގެން ޕްރެކްޓިސްގައި ބައިވެރި ކުރުވައިގެން ޓީމްގެ ހަރަކާތް ތެރިކަން އިތުރު ކުރަންވީ. މިކަން ކައުންސިލަށް ކުރެވޭނެ.” ތަޖްރިބާަ ޑިފެންޑަރު ޚިޔާލު ދެއްވިއެވެ.

އޭދަފުށީ ފުޓްބޯޅައިގެ ލެޖެންޑް ފައުޒީ / ފައިލް ފޮޓޯ

އޭނާ އިތުރަށް ވިދާޅުވީ މުބާރާތް ފެށެން ތައްޔާރުވުމުން އަވަސް އަރުވާލައިގެން ތެޅިގަނެގެން މިހާރު މިކަން ކުރާ އުސޫލުން ކޮށްގެން ދުވަހަކުވެސް އޭދަފުއްޓަށް ކުރިއެރުމެއް ނުލިބޭނެއެވެ. އޭގެ ބަދަލުގައި ގަވާއިދުން ޕްރެކްޓިސް ކޮށްގެން މުބާރާތްތަކަށް ދުރާލައި ތައްޔާރު ވާނަމަ ހުރިހާ ކަމެއްވެސް ހުންނާނީ ބަރާބަރަށް ކަމުގައެވެ.

ފައުޒީގެ މިވާހަކަ އަށް ބާރު ލިބޭ ގޮތަށް މިނިވަން 50 ޗެމްޕިއަންޝިޕް އޭދަފުއްޓަށް ކާމިޔާބު ކޮށްދިން ކޯޗު އަދި އޭދަފުށީ ފުޓްބޯޅަ ޓީމާ ވޭތުވެދިޔަ ތިން އަހަރު ވެސް ކޯޗެއްގެ ގޮތުން ފެނިފައިވާ އޭދަފުށީ ޒުވާނުންގެ ކްލަބްގެ ހިންގުންތެރިޔާ ،މުހައްމަދު ޒާހިދު (ބައްޓޭ ) ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އޭނާ ވެސް ވިދާޅުވަނީ އޭދަފުށީ ޓީމް ބަލިވާން ޖެހެނީ ދުރާލާ ތައްޔާރުނުވެ މުބާރާތް ކުޅެން ނުކުތުމުން ކަމުގައެވެ. ” ވަރަށް މޮޅު އިންޑިވިޖުއަލް ކުޅުންތެރިން ތަކެއް އެބަތިބި. އެހެންނަމަވެސް ޓީމެއްގެ ގޮތުގައި ޕްރެކްޓިސް ކުރުން މާބޮޑަށްވެސް މަދު. އެހެންވީމާ ރައްޔިތުން ބޭނުންވާ ނަތީޖާއާ ހަމައަށް ނުދެވެނީ.” ބައްޓޭގެ ޚިޔާލު ފާޅުކުރިއެވެ.

“އޭދަފުށި ވީމާ މޮޅުވާން ޖެހޭ. އޭދަފުށީވީމާ ބަލިވެގެން ނުވާނެ. މިއީ މިހާރު ކަންތައްތައް ހިނގާނެ ގޮތެއް ނޫން. ފުޓްބޯޅަ އެބަކުޅޭ ހުރިހާ ރަށެއްގައިވެސް އެކަމަށް ބޮޑެތި ޚަދަދުތަކެއް ވެސް ކޮށްގެން. އެއީ  ޒުވާނުންގެ އުފަލަކަށް އެކަނި ކުރާ ކަމެއް ނޫން. އެ އެންމެންގެވެސް އަމާޒު ހުންނަނީ ޚާއްސަކޮށް ފުޓުބޯޅައިގެ ނަން ހިނގާ އޭދަފުށި ބަލިކޮށް މުބާރާތްތައް ކާމިޔާބު ކުރުމަށް. އެކަމަކު އަހަރެމެންގެ ކަންތައް ހުރީ އެހެންތޯ. ” ބައްޓޭ ސުވާލު އުފެއްދެވިއެވެ.

“އަހަރެމެންގެ ކަންކަން ހުންނަނީ ކުރިންވެސް ބުނިހެން މުބާރާތް ލައިގަތީމަ އެކި ތަނުން އެކި މީހުން ހޮވައިގެން ޓީމް ހަމަކުރުން.” އެކަން އެގޮތަށް ހިނގާނެކަމަށް ބައްޓޭ އެއްބަހެއް ނުވެއެވެ.

އޭދަފުށީ ޓީމްގެ ކޯޗު ބައްޓޭ / ފައިލް ފޮޓޯ

ބައްޓޭ ވިދާޅުވީ މުޅި ޓީމަށް ފޯކަސް ކުރާއިރު މިހާރުގެ އެންމެ ބޮޑު މައްސަލައަކީ ރަނގަޅު ކީޕަރެއް ނެތުން ކަމުގައެވެ. އެކަން މިދިޔަ އަހަރުވެސް ރަށު ކައުންސިލްގެ ސަމާލުކަމަށް ގެނެސް ދީފައިވާނެ ކަމަށް އޭނާ ބުނެއެވެ. މީގެ އިތުރުން ޓީމް ވަރުގަދަ ކުރުމަށާ ތަޖްރިބާ ހޯދުމުގެ ގޮތުން ބޭރު ދެ ކުޅުންތެރިއަކު ގެނައުމާ ބެހޭ ގޮތުންވެސް ކައުންސިލާ ވާހަކަ ދެކެވުނު ކަމަށާ އެކަމަކު އެވެސް ވީ ހުސްވާހަކަތަކެއް ކަމުގައެވެ.

“ކުރިން ޓީމް މޮޅު ކޮށްދިނުމުގައި އެންމެ މުހިއްމު ބައެއް އަދާ ކުރި މަޖީދުއާ ސައްޓު ނެތި ޓީމް އެކުލަވާލާފައި އޮތްއިރު އެމަގާމްތަކަށް އެފެންވަރުގެ ކުޅުންތެރިން ތައްޔާރު ކުރުމަށް ވެސް ވަގުތު ބޭނުންވާނެ. އެކަމަކު އެކުގައި ޕްރެކްޓިސް ނުކުރެވޭނަމަ ޓީމް ވަރުގަދަ ވާނީ އަނެއްކާވެސް ވަރަށް ގިނަ ދުވަހުންނޭ ބުނެވޭނީ. ” އޭދަފުށީ ޓީމްގެ ކާމިޔާބީ ތަކުގެ ހިއްސާވެސް އޮތް ބައްޓޭ ވިދާޅުވިއެވެ.

މި ވަގުތު އޭދަފުށީގެ ފުޓްބޯޅަ ހަތަރު އަނގޮޅި ކަންމަތީގައި ދާނެ ދިމާލެއް ނޭގި އޮތްނަމަވެސް ކައިރި މުސްތަގްބަލެއްގައި އޭދަފުށީގެ ފުޓްބޯޅައަށް ރަނގަޅު އިންގިލާބީ ބަދަލެއް އަންނާނެކަމަށް ބައްޓޭ އުއްމީދު ކުރެއެވެ.

“އޭދަފުށީގައި އިންޓަރނޭޝަނަލް ފުޓްބޯޅަ ދަނޑެއް އެޅުމަށް އެ ތައްޔާރުވަނީ. އިރާދަކުރެއްވިއްޔާ އަންނަ އޮގަސްޓް ހިސާބުގައި އެމަސައްކަތް ފެށޭނެ. އެދަނޑު ނިމުމާއެކު އޭދަފުށީގެ ފުޓްބޯޅައިގެ ގިޔަރުވެސް މައްޗަށްޖެހޭނެ. އެކަމުގެ ޔަގީންކަމާ އުފާވެރިކަން އެބައޮތް.”

އެހެން ނަމަވެސް އޭދަފުށީ ވެޓެރަންސް ޓީމުގެ މެނޭޖަރ އަހްމަދު ނާސިރުގެ ވާހަކަ ތަފާތެވެ. އޭދަފުށީގެ  ފުޓުބޯޅައިގެ ފެންވަރު، ދަށް ވަމުންދާ ވާހަކައަށް އޭނާ އިންކާރު ކުރައްވައެވެ.

“އޭދަފުށީގެ ފުޓުބޯޅައިގެ ފެންވަރު ދަށަކަށް ނުދޭ. ހެއްކަކީ ގައުމީ ފެންވަރުގެ ކުޅުންތެރިން މިހާރުވެސް އެބަ އުފެދެމުން ދޭ.” އެގޮތުން ހަތަރު ކުއްޖެއްގެ ނަން ފާހަގަކޮށް މާލޭގެ ކްލަބްތަކާ ވަރަށް ފަހުން ގުޅުނު ކަމަށް އޭނާ ވިދާޅުވެއެވެ.

އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ޓީމްގެ މެނޭޖަރ އަހްމަދު ނާސިރު / ފައިލް ފޮޓޯ

ނާސިރު ވިދާޅުވީ ޓީމު ބަލިވުމުގެ ބައިވަރު ސަބަބު އެބަހުރި ކަމަށާއި އެގޮތުން ، ޓީމްގެ ތެރޭގައި ހުންނަން ޖެހޭ އެއްބައެއް ވަންތަކަން ނެތުމާއި ފަރިތަކުރުމެއް ނެތި މުބާރާތަށް ނުކުތުން އޭނާ ފާހަގަކުރީ ހިތާމައާއެކުގައެވެ. ހަމަ އެހެންމެ ރަނގަޅު މެނޭޖްމަންޓެއް ނެތުމަކީވެސް ޓީމް ބަލިވުމާއި ގުޅުން ހުރިކަމެއްކަން ގަބޫލު ކުރަން ޖެހޭކަމަށް ނާސިރު ވިދާޅުވިއެވެ.

އޭނާ އެ އިޝާރާތް ކުރަނީ ރަށު ކައުންސިލަށެވެ. ރަށު ކައުންސިލުން އޭދަފުށީގެ ފުޓްބޯޅަ ޓީމް ހަރަކާތްތެރި ކުރުވައި ރަނގަޅު ފޯމެއްގައި ގެންގުޅެވެން ޖެހޭނެއެވެ. އެއީ ކައުންސިލުން ކުރަންޖެހޭ ކަމެކެވެ. އެކަމަކު އެ ކަން ކުރުމުގައި ކައުންސިލްގެ ތަޖްރިބާއެއް ނެތްކަން އޭނާ ފާހަގަ ކުރެއްވިއެވެ

“މުޅި އަތޮޅަށް ހުޅުވާލައިގެން މި އަހަރު ދޮންފަނު ޒުވާނުންގެ ޖަމިއްޔާގެ ފަރާތުން ބޭއްވި އަތޮޅު މުބާރާތަށް ތައްޔާރުވާން ވެގެން ކޮމިޓީއެއް އެކުލަވާލެވުނު. 15 މީހުންގެ މައްޗަށް އެކުލެވުނު މި ކޮމެޓީވެސް މަސައްކަތް ކުރީ އެމުބާރާތް ނިމެންދެން. ދެން އެހިސާބުން ހުއްޓުނީ.”

އޭނާގެ ވާހަކައިން ދޭހަވީ ކަމެއް ކުރާނެ ގޮތާ ވިސްނުން ކައުންސިލުގައި ނެތުމުން ދިމާވި ކަމެއް ކަމުގައެވެ.

އޭދަފުށީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން މުހައްމަދުފާސިރު (ފާއްޓޭ) ޓީމާމެދު ހުރި ކަންބޮޑުވުމާ ޓީމް ބަލިވެގެން ދަނޑުން ފައިބަން ޖެހުނު ދުވަހުގެ އިހްސާސްތައް ކިޔައިދެއްވިއެވެ. ފެހެންދޫ މެޗުން ބަލިވުމުން އޭނާއަށް ކުރި އަސަރާއި ހިތުގައިއެޅުނު ކޫރުންތައް އަދިވެސް ހުރީ އެންމެ ތާޒާކަން މަތީގައެވެ. އެކަން އެނގުނީ އެވާހަކަ އަދިވެސް ނިންމާލަން އޭނާ ބޭނުންނުވާތީއެވެ.

“އެއްގޮތަކަށްވެސް ފީލްއެއް ނުވެ އަމިއްލަ ރަށުގަ ކުޅެވުނުހެން. ވަރަށް ދެރަވޭ ޖާޒީގެ ފުރަގަހުގައި އޭދަފުށީ ޖަހައިގެން ކުޅޭއިރު ސަޕޯޓަރެއްގެ އެއްވެސް އަޑެއްނީވޭތީ. ފެހެންދޫ ޓީމް މޮޅުވުން ހައްގު. ތައްޔާރުވާންޖެހޭ ވަރަށް ތައްޔާރުވެފަ އޮތީ. ހުރިހާ ގޮތަކުންވެސް ވަރަށް އެހެން ކަހަލަ އިހުސާސެއް ކުރެވުނު އަމިއްލަ ރަށުގަ 3-1ގެ ނަތީޖާ އަކުން ބަލިވީމަ.”

އޭދަފުށީ ޓީމްގެ ކުރީގެ ކެޕްޓަން މަޖިއްޓޭއާއި، މިހާރުގެ ކެޕްޓަން ފާއްޓޭ / ފޮޓޯ ފޭސްބުކް

ފާއްޓޭ ދެކޭ ގޮތުގައި އޭދަފުށީގެ ފުޓްބޯޅަ ޓީމަށް ކުރިމަތިވެފައިހުރި ގޮންޖެހުންތަކުގެ ވާހަކަ ދައްކާ އިރު ފުރަތަމަވެސް އެއްބަސްވާން ޖެހެނީ ޓީމަށް ހެޔޮ އެދޭ ފަރާތްތައް މާބޮޑަށް މަދުކަމަށެވެ. މިސާލެއްގެ ގޮތުން ފާހަގަ ކުރެއްވީ ރައްޔިތުންގެ ބައްދަލުވުންތައް ވެސް ގިނައިން ނިމެނީ ފުޓްބޯޅަ ޓީމަށް ކުރި ހަރަދުގެ ވާހަކައިން ކަމަށާ އެއީ ކުނީގެ ބައްދަލު ވުމަކަށް ވިޔަސް އެކަން އޮންނަނީ އެގޮތަށް ކަމުގައެވެ.

“2013 ވަނަ އަހަރު ހަނދާންވޭ ފެހެންދޫ އަތުން 6-0 ން މޮޅުވި މެޗެއް. މިހާރު ތިންވަނަ ފަހަރަށް ފެހެންދޫ އަތުން ބަލިމިވީ. އެވެސް ވަރަށް މުހިއްމު މެޗްތަކުން. މިހާރު ބ.އަތޮޅުގަ އޭދަފުށި މިއުޅެނީ ތިންވަނަ މަގާމުގަ އޭ ބުނަންވެސް ރަނގަޅު. އެހެންރަށްތަކުން ވަރަށް ބޮޑަށް ފުޓްބޯޅަ ކުރިއަށް ޖެހިލައިފި. މިހާރު އޭދަފުއްޓަކީ އެހެން ރަށްތަކަށް ޗެލެންޖެއް ނޫން. ބިރުގަންނަންޖެހޭ ވަރުގެ ރަށެއްވެސް ނޫން.”

ނިންމާލަމުން ފާއްޓޭ ވިދާޅުވީ އޭދަފުށީ ޓީމް ބަލިވުމުގެ ޒިންމާ އޭދަފުށީ ކައުންސިލުން ފުރިހަމައަށް ނަގަން ޖެހޭ ކަމަށެވެ.

އޭދަފުށީގެ ފުޓްބޯޅައިގެ ވަރަށް ބޮޑު ބައިވެރިއެއް ކަމުގައިވާ އޭދަފުށީ ބައްޕައަކަށް އުފަން ސަލްސާ އާމިރު ވެސް ވަނީ އޭދަފުށީގެ ފުޓްބޯޅައިގެ މިހާރުގެ ހާލަތާ ބެހޭ ގޮތުން ކަންބޮޑުވެ ވާހަކަ ދައްކަވާފައެވެ.

”އޭދަފުށީގައި ކިތަންމެ ވަރަކަށް ފުޓްބޯޅައިގެ ހުނަރު ހުރިނަމަވެސް އެ ހުނަރު އިތުރަށް ތަރައްގީ ކުރަން މަސައްކަތް ނުކުރާނަމަ ފަހުން އަދާކުރަންޖެހޭ އަގު މާ ބޮޑުވާނެ. މިހާރު ފެންނަމުން މިދަނީ އެކަމުގެ ހެކި ތައް . އޭގެ ތަފްސީލު އޭދަފުށީގެ ފުޓްބޯޅައާއި ދޭތެރޭގައި ފިކުރު ކުރާ ކޮންމެ މީހަކަށް މިހާރުވެސް އެނގޭނެ.”

އާމިރު ވިދާޅުވީ މީގެ އެއް މިސާލަކީ އިންޓަރސްކޫލް ފުޓްބޯޅަ މުބާރާތުގައި އޭދަފުށީގެ ޓީމެއް ބައިވެރިކޮށްފައިވަނީ 2012ވަނަ އަހަރު ކަމަށާ އެއަހަރު އޭނާ ފާހަގަކުރަނީ މިހާރު ނިއު ރޭޑިއަންޓްގެ މަޝްހޫރު ފޯވަޑް ހަމްޒާ (ހަމްޕު) ކުޅުނު އަހަރުގެ ގޮތުގައެވެ.

އާމިރުވިދާޅުވީ ޒުވާން ޖީލެއް ބިނާ ކުރުމަށް އޭދަފުށީގައި މިހާރު ކުރެވެމުންދާ އެއްވެސް ކަމެއް ފެންނަން ނެތުމަކީ އޭދަފުށި ދެކެ ލޯބިވާ މީހެއްގެ ގޮތުންހިތާމަ ކުރާ ކަމެއް ކަމުގައެވެ. ހަމައެއާއެކު އެކަށީގެނވާ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ނެތުމާއި ފުޓުބޯޅަ ތަރައްގީ ކުރަން ހަރުދަނާ ދުރު ވިސްނޭ ގާބިލް މެނޭޖްމަންޓެއް ނެތުމަކީވެސް ފުޓުބޯޅަ އަށް ހުރި ހުރަސް ތަކެއްކަމަށް އޭނާ ގަބޫލު ކުރައްވައެވެ.

“ޓްރޭނިންގ ދޭނެ ސަރޓިފައިޑް ކޯޗުން އުފެއްދިފައެއްވެސް ނެތް. ފުޓްބޯޅައަށް ޚަރަދު ކުރަން ފައިސާ ހޯދޭނެ ގޮތްތަކެއްވެސް ހޯދިފައި ނެތް. ކޮންމެ އަހަރަކު މުބާރާތުގައި ބައިވެރިވާން އިއުލާނުކުރީމާ ސްޕޮންސަރ ހޯދަން އުޅެގެން އެކަމެއް ނުވާނެ. ” އޭދަފުށީގައި ހުންނަ ސަލްސާ ރޯޔަލް ވެސް ހިންގަމުން އަންނަ އާމިރު ވިދާޅުވިއެވެ.

މިކަމަށް އޮތް ހައްލެއްކަމަށް އާމިރު ވިދާޅުވީ ފުޓްބޯޅައަށް ލޯބިކުރާ ބިނާ ކުރަނިވި ވިސްނުންހުރި ހުރިހާ އުމުރު ފުރައެއްގެ ބަޔަކު އެއްތަންވެ މަޝްވަރާކޮށް ފުޓްބޯޅަ ތަރައްގީ ކުރާނޭ ގޮތުގެ ޕްލޭނެއް އެކުލަވާލައި ވަގުތު ފާއިތު ނުވަނީސް އަމަލީ މަސައްކަތް ފެށުން ކަމުގައެވެ.

އޭދަފުށީގެ ފުޓުބޯޅަ ކުރިއެރުވުމަށް ޒުވާނުން ހެސްކިޔާފައި ބޭނުންވާއިރު މިކަމުގައި ކޮންމެ މީހަކުވެސް އިނގިލި ދިއްކުރަނީ ރަށު ކައުންސިލަށެވެ. ކައުންސިލުގެ ވިސްނުން ހުންނަން ޖެހޭނީ ރައްޔިތުންނާ ގުޅުން ހުރި ކޮންމެ ކަމަކީ އޭގެ ރޫހު ތަފާތު އެކަމަކު މުހިއްމު އަދި ޒިންމާ ބޮޑު ކަމެއްގެ ގޮތުގައެވެ. ޖަމިއްޔާ އެއް ނުވަތަ ސްކޫލެއް ހިންގާ ސިސްޓަމަށް ކައުންސިލް މަސައްކަތެއް ނުކުރާނެ ކަމުގައެވެ. ވަކި ބަޔަކާ މަޝްވަރާ ކުރުމުގެ ބަދަލުގައި އެކަމަކާ ގުޅުން ހުރި މީހުންގެ ބަސް އަހަން އެބަޖެހެއެވެ. މި ގޮތުން ބަލާއިރު ޒުވާނުންގެ އެންމެ ޝަރަފްވެރި ކުޅިވަރު ކަމުގައިވާ ފުޓްބޯޅަ ، މިހާރު އޮތް ހާލަތުން އަރައިގަތުމަށް އެންމެ އަވަހަށް ކުރަން ޖެހޭ ކަމަކީ އާމިރު ވިދާޅުވިހެން ހުރިހާ އުމުރު ފުރައެއް ބައިވެރިވެވޭ ކަހަލަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިގެން އެއިން ނުކުންނަ ރަނގަޅު ނަތީޖާ އާއެކު ކުރިއަށް ދިއުމެއް ނޫން ހެއްޔެވެ. މިހާރު މި އިވުނީ ފުޓްބޯޅައިގެ އިންޒާރުގެ ރަނގަބީލުގެ އަޑެވެ. އޭގެ މާނައަކީ ސަމާލުވާށެވެ!. މީ ލައްކަ ވާހަކައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top