އެންމެ މޮޅަށް ސިޓީ ލިޔާ މީހާ ހޮވުމަށް ޕީޖީން މުބާރާތެއް ބާއްވަނީ

big_1f7Uzp1YsixqyR4-1.jpg

ދިވެހި ބަހުން އެންމެ މޮޅަށް ސިޓީ ލިޔާ މީހާ ހޮވުމަށްޓަކައި، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

ޕީޖީ އޮފީހުން ބުނީ މިފަދަ މުބާރާތެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކިީ ދިވެހި ބަހުން ސާފުކޮށް މޮޅަށް ސިޓީ އިބާރާތްކޮށް ލިޔެ ހެދުމަށް ހިތްވަރުދީ، ސިޓީ ލިޔުމުގެ ސަގާފަތެއް އުފެއްދުން ކަމަށެވެ. ވާދައިގެ ތައްޓަށް ދިވެހި ބަހުން ސިޓީ ލިޔުމުގެ މުބާރާތެއް ބާއްވަން އެ އޮފީހުން ނިންމައި ބައިވެރިވުމުގެ ފުރުސަތު މިވަނީ ހުޅުވާލާފައެވެ.

އެ އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ އިދާރާގެ ރިކްރިއޭޝަން ކްލަބުން އިންތިޒާމުކުރާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ ދިވެއްސަކަށް ވެސް އޮންނާނެ ކަމަށެވެ. އެގޮތުން އީފާސް މެދުވެރިކޮށް އެ އޮފީހުގެ އޮންލައިން ޕޯޓަލަށް ވަދެ، މުބާރާތަށް ހާއްސަ ޓެބަށް ފިތާލުމުން ރަޖިސްޓަރީވެވޭނެ ކަމަށެވެ.

އިއުލާނުގައި ބުނާގޮތުން މުބާރާތުގައި ރަޖިސްޓަރީވުމުގެ މުއްދަތު ހަމަވާއިރު ރަޖިސްޓަރީވެފައިވާ މީހުންނަށް، ލިޔަން ޖެހޭ މައުޟޫއާ އެކީ ސިޓީ ނޯޓެއް ފޮނުވާނެއެވެ. އެސިޓީ ނޯޓުގައި އޮތް ސިޓީ އަތުލިޔުމުން ގަނޑުކޮޅެއްގައި ލިޔެ، ފޮޓޯއެއް ނަގައި، ޕޯޓަލަށް އަޕްލޯޑުކުރުމުން މުބާރާތަށް ސިޓީ ހުށަހެޅުނީއެވެ.

މައުޟޫއު ތަކުގެ ތެރޭގައި “ޝަރީއަތް ނުނިމިގެން ހިތްހަމަނުޖެހުން ފާޅުކުރުން” އަދި “ހަފުތާއަކު ހަތަރު ދުވަހު މަސައްކަތްކުރާ ގޮތަށް އޮފީހުގެ ހިންގުން ބަދަލުކުރަން ވެރިޔާ އަށް އެދުން” ފަދަ ތަފާތު މައުޟޫތައް ހިމެނޭނެ ކަމަށް އިއުލާނުގައި ބުނެއެވެ. އެގޮތުން މި މުބާރާތުގައި 40 މައުޟޫއަށް ދިވެހި ބަހުން ސިޓީ ލިޔަން ޖެހޭނެއެވެ.

އެ މީހަކު ލިޔަން ޖެހޭ މައުޟޫއެއް ކަނޑައެޅިގެންދާނީ އޮޓޯ ޕްރޮސެސްއަކުންނެވެ.

މުބާރާތުގައި ވަކިވަކި ފަރުދުންގެ ގޮތުން ބައިވެރިވި ނަމަވެސް އެމީހަކު ތަމްސީލުކުރާ އޮފީހެއްގެ ނަމާ އެކު ރަޖިސްޓަރީވުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. ވަނަ ވަނަ އަށް އަންނަ އޮފީސްތައް ހޮވާނީ، އެ އޮފީހަކުން ބައިވެރިކުރި ސިޓީތަކުގެ ތެރެއިން އެންމެ މޮޅު ފަސް ސިޓީގެ މާކްސްއަށް ބަލައިގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top