ގައުމީ ދިދަ 24 ގަޑިއިރު ނަގާފައި ބަހައްޓަން ނިންމަވައިފި

sifainge-aharee-dhuvas-chief-of-defense-force-dhidha-negun-33-1024x684-1.jpg

ސަރުކާރު އޮފީސްތަކުގައި ދިވެހި ގައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބަހައްޓަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމެވީ މިއަދުން ފެށިގެން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. ދިވެހި ގައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބެހެއްޓުމާ ބެހޭގޮތުން، ޑޮކްޓަރ މުއިއްޒު ރައީސްކަމުގެ ހުވާކުރެއްވި ރަސްމިއްޔާތުގައި ރޭ ގައުމާ މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަގުރީރުގައިވެސް ވިދާޅުވިއެވެ.

”އެ ދިދަ އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، ދިވެހި ގައުމު ހަގީގީ ދިވެހި ގައުމަކަށް ވަނީ، ދިވެހި މުޖުތަމައު ދިވެހީންގެ ހަގީގީ ސިފަތަކުން ގުޅި ލާމެހި އެކުވެރިވެގެންކަން. އެހީތެރިވެގެންކަން. ރަނގަޅު ކަންކަން ދިރުވުމުގައްޔާއި، ނުރަނގަޅު ކަންކަން އިޞްލާޙުކުރުމުގައި، އެކަކުއަނެކަކަށް އެއްބާރުލުން ދީގެންކަން“

އެމަނިކުފާނު ވިދާޅުވި ގޮތުގައި ފަހުރުވެރި ދިވެހި ދިދައަކީ ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ކޮންމެ ތަނެއްގައި ތިރިކުރުމެއްނެތި ރެޔާއިދުވާލު 24 ގަޑިއިރު ޝަރަފާއި އިއްޒަތާއެކު ވިހުރި ވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާނެވެ.

“އޭ ދިވެހީންގެ ފަހުރުވެރި ގައުމީ ދިވެހި ދިދަޔާ! ތިބާދެކެ އަޅުގަނޑު އިންތިހާއަށް ލޯބިވަން! ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް އިހްސާސް ކުރަން! ތިޔަ ދައްކައިދެނީ ގައުމު ދިފާއުކުރި މަތިވެރި ޝަހީދުންގެ ލޭފޮދު. ގައުމު ބިނާކުރި އެންމެހައި އަޖުދާދުންގެ ފެހި ރޯޝަން އުއްމީދާއި ދިރުން! ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ކީރިތި މޫރިތިކަން! އެހެންވީމާ، އޭ ލޮބުވެތި ޝަރަފުވެރި ދިވެހި ދިދަޔާ! މިއަދު މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ،” ރޭގެ ޚިތާބުގައި ރައީސް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top