ސިއްހީ ބައެއް މައްސަލަތައް ދިމާވެގެން އަތޮޅު ތެރޭގެ ފިހާރަތައްވެސް މާލޭގެ ފިހާރަތަކެކޭ އެއްގޮތަށް ޗެކްކުރަން ނިންމާފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގްއޮތޯރިޓީ (އެމްއެފްޑީއޭ ) އިން ބުނެފިއެވެ.
އެއޮތޯރިޓީގެ ސައިންޓިފިކް އޮފިސަރ ސާޖިދާ މުހައްމަދުސަން އޮންލައިން އަށް އިއްޔެ ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ އެކަން ކުރުމަށް އަތޮޅުތެރޭގެ ހުރިހާ ރަށަކުން މީހުންހަމަޖައްސާފައިވާ ކަމަށާއި ފިހާރަތައް ބަލައި ފާސްކުރަން ކޮންމެ ރަށަކުން ފޯކަލްޕޮއިންޓެއް ހޯދާފައިވާއިރު އަންނަ ހަފްތާއިން ފެށިގެން އެމީހުންނަށް އެކަމުގެ ތަމްރީނުދޭން ފަށާނެކަމަށެވެ.
ސާޖިދާ ވިދާޅުވީ މާލޭގެ ހަތަރު އަވަށުގެ 90 ޕަސެންޓް ފިހާރަތައް ބަލައި ފާސްކޮށް ނިންމާފައިވާ ކަމަށާ ހުޅުމާލެ އާއި ވިލިމާލޭގެ ފިހާރަތައްވެސް ވަރަށް އަވަހަށް ބަލަން ފަށާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންގެ ދަށުން ތަންތަން ބަލައި ފާސްކުރަނީ ކުޑަކޮށް ކަމަށާއި ފިޔަވަޅު އެޅުމުގެ ބަދަލުގައި އެކަންކަން އިސްލާހުކުރުމަށް އަންގަމުން އަންނަ ކަމަށެވެ. ކުރިއަށް އޮތްތަނުގައި އެއަށް ވުރެ ބޮޑު އޮޕަރޭޝަންއެއް ފަށައި ކަންކަން އިސްލާހު ނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކާބޯތަކެތި ވިއްކާ ހުރިހާ ވިޔަފާރިއެއް ބަލައި ފާސްކުރުމަށް އެމްއެފްޑީއޭ އިން ކުރިއަށްގެންދާ އޮޕަރޭޝަން ގައި ރައްކާތެރި ނޫން ގޮތްގޮތަށް ތަކެތި ވިއްކާ މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށް އެއޮތޯރިޓީީން ބުނެއެވެ.