ދީޕިކާއަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ އަގުބޮޑު އެކްޓްރެސްއެވެ. އެންމެ ގިނަ އާމްދަނީ ލިބޭ އެކްޓްރެސް ވެސް މެއެވެ. ފިލްމް ރާމްލީލާ އާއި ޗެންނާއީ އެކްސްޕްރެސް އާއި ބާޖީ ރާއޯ މަސްތާނީ ގައި އޭނާ ދެއްކި ފިލްމީ ޖާދޫގައި ޖެހުމަށްފަހު ސަންޖޭ ލީލާގެ ވިސްނުން ހުރީ އަދިވެސް ދީޕިކާ ދޫކޮށްލާ ގޮތަކަށް ނޫނެވެ. އޭނާގެ އަންނަންއޮތް ފިލްމް، ޕަދްމަވަތީ ގެ ބަތަލާއެއްގެ ރޯލުންވެސް ފެނިގެންދާނީ ދީޕިކާއެވެ. މި ފިލްމް ކުޅެދިނުމަށް ދީޕިކާ މިހާރުވަނީ ސޮއިކޮށްފައެވެ.
ބޮލީވުޑްގައި ދީޕިކާ ހޭދަކުރި މަދު ދުވަސްކޮޅުގައި ހޯދި ބޮޑު ކުރިއެރުންތަކާއެކު އޭނާ އާ ދިމާލަށް ކަޅި އަޅަމުން ގެންދާ ވިޔަފާރީގެ އެހެން ދާއިރާތަކުގެ މީހުންވެސް އަންނަނީ ގިނަވަމުންނެވެ. އަގު ބޮޑު ފުރުސަތު ތައްވެސް ހުށަހަޅަމުންނެވެ. މި “މަސްތާނީ ” އަކީ މިހާރުވެސް ވޮޖް، އާއި ސްވިސްގެ މަޝްހޫރު އަތުކުރިގަޑިއެއްކަމަށްވާ ޓިސޮޓް، އަދި އެގްޒިސް ބޭންކްފަދަ މަޝްހޫރުު އެތައް ބްރޭންޑެއްގެ ބްރޭންޑް އެމްބެސެޑަރެވެ. އެންމެ ފަހުން މި ސިލްސިލާއަށް އިތުރުވީ ޓާޓާ ގްރޫޕާއި ސިންގަޕޯރ އެއަރލައިން ގުޅިގެން އުފައްދާފައިވާ އެއަރލައިން، “ވިސްތާރާ” ގެ އެމްބެސެޑަރ ކަމެވެ. މި މަގާމަށް އައުމުން އޭނާ ހިމެނިގެން މިދިޔައީ އިންޑިއާގައި ހުރި އެންމެ ބޮޑު އާމްދަނީ އެއް ލިބޭ ބްރޭންޑް އެމްބެސެޑަރގެ ގޮތުގައެވެ.
ދީޕިކާއަކީ އޭނާ ކުރާ ކޮންމެކަމެއްވެސް ވަރަށް ފަރުވާތެރިކަމާ ޝައުގުވެރިކަމާއެކު ކުރާ މީހަކަށް ވާތީ އިޝްތިހާރެއްކުޅެން އެއްބަސްވަނީވެސް ވަރަށް ބޮޑަށް ވިސްނުމަށްފަހުއެވެ. އޭނާގެ އިޝްތިހާރުތައް ، ފާރުގާ ލާ ކުލައިން ފެށިގެން އަވިއައިނާ ހަމައަށް ، ޖަވާހިރުން ފެށިގެން އެއަރލައިންއާ ހަމައަށް ދަތުރު ކުރީ އެހެންވީމާ ކަމަށް ބޮލީވުޑްގެ ރިޕޯޓްތައް ބުނެއެވެ. ވިސްތާރާގެ ބްރޭންޑް އެމްބެސެޑަރަކަށް އޭނާ އައްޔަން ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ދީޕިކާ ބުނީ މި ކުންފުނީގައި މަސައްކަތްކުރުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ފަޚްރަކާއި ހިތްހަމަޖެހުމެއްކަމަށާ މި ކުންފުނީގެ ފްލައިޓްތަކުގައި ދަތުރު ކުރާ ފަސިންޖަރުންނަށްދޭނެ ޚިދުމަތްތަކަކީ ޚިދުމަތް ހޯދާ ފަސިންޖަރުންގެ ހިތްހަމަ ޖެހޭނެ ޚިދުމަތްތަކަކަށް ވާނެކަމަށެވެ.
ވިސްޓަރާގެ ސީއީއޯ ބުނީ ދީޕިކާ އާއެކު ކުރިއަށް ގެންދިޔަ ޕްރޮމޯޝަނަލް ކެމްޕެއިންތައް ވަރަށް ކާމިޔާބު ކަމަށާއި، ކުންފުނީގެ ޚިދުމަތް ހޯދާ ޕެސެންޖަރުންނަށާއި ކަސްޓަމަރުންނަށް އެމީހުން ހިތްހަމަ ޖެހޭ ފެންވަރުގެ ޚިދުމަތެއް ދޭނެކަމަށެވެ.
ވިސްތާރާ އެއަރލައިން އިން މިހާރުވަނީ އެ ކުންފުނީގެ މަލްޓިމީޑިއާ ކެމްޕެއިން ފަށާފައެވެ..