ދައުލަތުގެ މަގާމަކުން މުސްކުޅި ކުރުމަށްފަހު އެނބުރި ދައުލަތުގެ މަޤާމަކަށް އަތުވެއްޖެނަމަ ޕެންޝަން ފައިސާ އުނިކުރާގޮތަށް ސިވިލް ސާރވިސް ގަވާއިދު އިސްލާހު ކޮށްފިއެވެ.
އިސްލާހުގައި ވަނީ ދައުލަތުގެ ވަޒީފާއިން މުސްކުޅިކޮށްފައިވާ މުވައްޒަފަކު، އަލުން ދައުލަތުގެ މަގާމަކަށް އިންތިހާބުވެއްޖެ ނަމަ، ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް ހަމަޖެހިއްޖެ ނަމަ، އެ ވަޒީފާގައި ދެމި ހުންނަ މުއްދަތުގައި އެ ފަރާތަކަށް ޕެންޝަން އިނާޔަތެއް ނުލިބޭނެ ކަމަށެވެ.
މީގެ އިތުރުން މުސްކުޅިކޮށްފައިވާ މުވައްޒަފަކު އެހެން ވަޒީފާއެއް އަދާކުރާ ނަމަ، މުސްކުޅި ކުރުމަށް ފަހު އަލުން އަދާ ކުރަން ފެށި ދައުލަތުގެ އިންތިޚާބީ މަގާމު ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާ އަދާކުރަން ފަށާފައިވާކަން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް އަންގަންވާނެ ކަމަށެވެ. އަދި އެގޮތުގެ މަތީން އަންގަން ޖެހޭ އެންގުން، ނާންގައި އޮތުމުގެ ސަބަބުން އެ ފަދަ ވަޒީފާއެއްގައި ހުރި މުއްދަތުގައި އެ ފަރާތަކަށް މުސްކުޅިކުރުމުގެ އިނާޔަތް ދޫކުރެވިއްޖެ ނަމަ، އެ ފައިސާ އަނބުރާ ދައްކަންވާނެ ކަމަށެވެ.
ސިވިލް ސާވިސް ގަވާއިދަށް ގެނެވުނު އިސްލާހަށް އަމަލުކުރުމަށް މިއަދު ވަނީ ފަށައިފައެވެ.






