އޭދަފުށީގައި އަމިއްލަ ދެފަރާތަކުން ތައްޔާރުކުރާ ކުޑަކުދިންގެ ދެޕާކްގެ މަސައްކަތް ނިންމުމަށްފަހު އަންނަ ޑިސެމްބަރު މަހު އެތަންތަން ރަށު ކައުންސިލާ ހަވާލުކުރުމަށް ކައުންސިލުގެ ފަރާތުން އެފަރާތްތަކަށް އަންގައިފިއެވެ.
އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވީ މިއަހަރު ކުރީކޮޅު އަމިއްލަ ދެފަރާތަކުން ރަށުގެ އުތުރު ފަރާތުގައާއި ދެކުނު ފަރާތުގައި ކުޑަކުދިންގެ ޕާކެއް ހެދުމަށް ކައުންސިލުން ހުއްދަދީފައިވާނި މިއަހަރު ނިމުމުގެ ކުރިން އެތަންތަން ނިންމައި ކައުންސިލާ ހަވާލު ކުރާ ގޮތަށް ކަމުގައެވެ. ނަމަވެސް އަހަރުގެ މިހާ ހިސާބަށް އައިއިރުވެސް އެ ދެ ޕާކްގެ މަސައްކަތް ނުނިމުމަކީ ކައުންސިލުން ކަންބޮޑުވާކަމެއް ކަމަށާއި އެކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ކަމަށް ތޮލާލް ވިދާޅުވިއެވެ.
އޭދަފުށީގެ އުތުރު ފަރާތު ބަނދަރު ސަރަހައްދުގައި ކުޑަކުދިންގެ ޕާކެއް ހެދުމަށް ބިން ހަވާލުކޮށްފައިވާ އޭދަފުށީ ޒުވާނުންގެ ކްލަބްގެ ފަރާތުން ވާހަކަ ދެއްކެވި އެކްލަބްގެ ސީއީއޯ މުހައްމަދު ޒާހިދު (ބައްޓޭ) ވިދާޅުވީ ރަށު ކައުންސިލުން އެގޮތަށް އެންގި ނަމަވެސް އެއީ އެކަން ހިނގާނެ ގޮތެއް ނޫންކަމުގައެވެ.
“ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް މިހާރުވެސް ޕާކްތައް ހަދަމުން އެގެންދަނީ. އަހަރު ދެއަހަރުވެގެން ދާއިރު ވެސް އެތަންތަން ހަދައި ނިންމާ ނުލެވިގެން އެއުޅެނީ. އެއީ އަދި މިއަށް ވުރެ ކުދި ޕާކް ތައް.” ބައްޓޭ ވިދާޅުވިއެވެ.
“ޕާކް ހެދުމަށް ހަވާލު ކުރީ، ކުރީގެ ކައުންސިލުން. އެކައުންސިލުން ޕާކް ހެދުމަށް ބިން ހަވާލު ކުރިއިރު ޕާކް ހިންގުންވެސް ހަވާލުކުރީ އަޅުގަނޑުމެންނާ. ދެމިލިޔަނެއްހާ ރުފިޔާ ޚަރަދުކޮށްގެން ކުރާ މި ކަހަލަ އިޖްތިމާއީ ބޮޑު މަސައްކަތެއް ނިންމައި ކައުންސިލާ ހަވާލުކުރާކަށް ނޯންނާނެ އެއްބަސްވުމެއް. މިނޫންގޮތަކަށް ކަން ހިނގާ ނަމަ މައްސަލަ ހިފައިގެން ކޯޓަށް ދާންވެސް އަޅުގަނޑު މިހުރީ ތައްޔާރަށް.” ވަރަށް ހިތް ހަމަނުޖެހި ހުރެ ބައްޓޭ ވިދާޅުވިއެވެ.
ބައްޓޭ ވިދާޅުވީ ކައުންސިލުން ކަމަކަށް އަމުރު ކުރާއިރު ވަގުތާ ހާލަތަށް ވެސް ބަލަން ޖެހޭނެ ކަމަށާ ކޮންމެ ކަމެއްގައިވެސް އެންމެންނަށް ހަމަހަމަ އުސޫލުތަކެއް ގެންގުޅުމީ އިންސާފުވެރި ގޮތްކަމަށް ކައުންސިލުން ދެކެން ވާނެ ކަމުގައެވެ.
“މި ޕާކްތައް ކައުންސިލަށް ނަގާނަމަ ބ.އަތޮޅު ތައުލީމީ މަރުކަޒަށް ދީފައި އޮތް ޕާކް ނުވަތަ ޕްލޭ އޭރިޔާ އެއީ ކޮން އުސޫލަކުން ދީފައިވާ ތަނެއްތޯ؟ އެބިން ނުނަގަންވީ ކީއްވެތޯ؟” ބައްޓޭ ސުވާލު އުފެއްދެވިއެވެ.
ނަމަވެސް ކައުންސިލްގެ ރައީސް ތޮލާލް ވިދާޅުވީ ޕާކް ހެދުމަށް ބިންދޫކޮށްފައިވާ ފަރާތްތަކަށް ބިންދިނީ އެތަންތަން ދާއިމީ ގޮތެއްގައި ހިންގުމަށް ނޫންކަމަށާ، ކައުންސިލްގެ ލިޔެކިއުންތަކުން އެކަން ފެންނަން އެބަހުރިކަމަށެވެ. އަދި ސްކޫލްގެ ޕްލޭ އޭރިޔާއާ، ޕާކްތައް އަޅާ ނުކިއުމަށްވެސް ތޮލާލް އެދިވަޑައިގަތެވެ.
“މިއީ ކައުންސިލްގެ ކުރީ ދައުރުގައި ހަވާލުކޮށްފައިވާ ބިންތަކެއް. ލިޔެކިއުންތަކުން އެގެން އެބައޮތް ޕާކްތައް ނިންމާ ކައުންސިލާ ހަވާލުކުރަންޖެހޭނެކަމަށް. އަނެއްކާ ސްކޫލް ޕްލޭ އޭރިޔާއާ، ޕާކްތަކަކީ ވަކިކަމެއް ދެއްތޯ. ސްކޫލް ޕްލޭ އޭރިޔާއަކީ ސްކޫލްގެ ބޭނުމަށް ވަގުތީ ގޮތުން ދޫކޮށްފައިވާ ބިމެއް. ޕާކްތަކަކީ އާންމުކޮށް ހުޅުވާލެވޭ ބިންތަކެއް” ތޮލާލް ތަފްސީލް ކޮށްދެއްވިއެވެ.
ޒުވާނުން ކްލަބްގެ ޕާކްގެ އިތުރުން އޭދަފުށީގެ ދެކުނު ފަރާތުގައި ހަދަމުން އަންނަ ޕާކްގެ މަސައްކަތް މެދުކެނޑިފައި އޮތުމަށް ފަހު އަލުން މަސައްކަތް ކުރަން ފަށައިގެން ޑިސެމްބަރ މަހުގެ ނިޔަަލަށް ނިންމާލުމަށް މިހާރުވަނީ އަމާޒު ހިފާފައެވެ.
ނަންހާމަ ނުކުރުން އެދި އެ ޕާކްގެ މަސައްކަތް ކުރަމުން އަންނަ ޓީމުން ބުނީ މަސައްކަތް މިކުރަނީ މިކަން ކުރާ ހިތުން އުޅޭ ބަޔަކު ލައްވާ ކަމަށް ވާއިރު އެމީހުންގެ އަމިއްލަ ދިރިއުޅުމަށް މަސަައްކަތް ކުރަމުން ޕާކްގެ މަސައްކަތް ވެސް ކުރިއަށް ގެންދާތީ ލަސްވީކަމުގައެވެ.
“އެކަމަކު މިހާރު މިހިރީ ހަމަސީދާ ނިންމަން ހިފާފައި. ރޭގަނޑުވެސް މަސައްކަތް ކުރަމުން މިގެންދަނީ.”
ޕާކާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަމުން އޭނާ ވިދާޅުވީ މިއީ ކުޑަކުދިންގެ ޕާކަކަށް ވިޔަސް މިތަނުގައި ހުންނާނީ ހަމައެކަނި އެކުދިންނާ ގުޅޭ ޓޯއީސް އާއި ކުޅޭ މެޝިންތަކެއް ނޫން ކަމާ ބޮޑެތި މީހުން ކަސްރަތުކުރާ ކޯނަރަކާ ކަސްރަތު ކުރާ މެޝިންފަދަ އެއްޗެތިވެސް ހުންނާނެ ކަމުގައެވެ.
ކައުންސިލުން ބުނީ ދީފައިވާ މުއްދަތަށް ޕާކުތަކުގެ މަސައްކަތް ނުނިމި ހުއްޓަސް އެތަންތަން ކައުންސިލް އިދާރާގެ ބެލުމުގެ ދަށަށް ގެނެވޭނެ ކަމުގައެވެ.