އިންޓަރ ރިސޯޓް ބ. އަތޮޅު ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން ކިހާ މޯލްޑިވްސް ބަލިކޮށް ދަ ސްމޯލް އައިލެންޑް މޯލްޑިވްސް (އަމިއްލަފުށި) ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.
3-1 ން އަމިއްލަފުށި ކިހާބަލިކޮށް ގްރޫޕްގެއެއްވަނައަށް އެރިނަމަވެސް ޑުސިޓްތާނީވެސް ވަނީ އަމިއްލަފުއްޓާ އެއްވަރަކަށް ޕޮއިންޓް ހޯދައިގެން އެއްވަނާގައެވެ. ފައިދާ ގޯލް ތަފާތުންވެސް ދެޓީމް އެއްވަރުވެފައިވާތީ، މިގްރޫޕްގެ އެއްވަނަ ޓީމެއް ކަނޑައަޅަންޖެހިފައިވަނީ ގުރުއަތުލައިގެންކަމަށް މުބާރާތުގެ އިންތިޒާމް ކޮމެޓީން ބުނެއެވެ.
މިއަދުގެ މެޗްގައި އެންމެ ފުރަތަމަ ލަނޑުޖަހައި ކުރިހޯދީވެސް އަމިއްލަފުއްޓާ، ފިނޮޅު ރިސޯޓް ގުޅިގެން ނެރުނު ދަ ސްމޯލް އައިލެންޑް މޯލްޑިވްސް އެވެ. ފުރަތަމަ ހާފްގެ 7 ވަނަ މިނެޓްގައި އަމިއްލަފުށީގެ މިލަނޑު އެޓީމްގެ ޖާޒީ ނަމްބަރ 69 މުހައްމަދު ޒަމީރު ކާމިޔާބު ކުރިނަމަވެސް 2 މިނެޓްފަހުން ކިހާ މޯލްޑިވްސް ލަނޑެއްޖަހާ މެޗް ހަމަހަމަކުރިއެވެ. އެލަނޑު ކާމިޔާބުކުރީ ކިހާގެ ޖާޒީނަމްބަރ 23 އުނައިސް ޒުބައިރުއެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން މެޗްގެ ސޯޅަވަނަ މިނެޓްގައި އަމިއްލަފުށިވަނީ އަނެއްކާވެސް ލީޑް ނަގާފައެވެ. އަހްމަދު ސާޖިދު 16 ވަނަމިނެޓްގައި ޖެހި މިލަނޑާއެކު އަމިއްލަފުށި ދެވަނަހާފަށް ނުކުތީ ޑިފެންސް އިތުރަށް ވަރުގަދަކޮށްގެންނެވެ. މިމެޗުން މޮޅުވެގެން ނޫނީ ސެމީގެ ފުރުސަތު ލިބެންނެތް ކިހާ މޯލްޑިވްސް ދެވަނަ ހާފްގައި ކުޅުނީ އެޓޭކިންގް ގޭމެކެވެ. ނަމަވެސް އެޓީމްގެ އުއްމީދުތައް ފުނޑުފުނޑުވެގެންދިޔައީ ކައުންޓާއެޓޭކެއްގައި އަމިއްލަފުށީގެ ފޯވާޑް ޒަމީރު 66ވަނަ މިނެޓްގައި އިތުރުލަނޑެއް ޖެހުމާގުޅިގެންނެވެ.
ގްރޫޕްގެ އެއްވަނަ ކަށަވަރުކުރުމަށް އަމިއްލަފުށި މެޗްގެ ފަހުވަގުތުކޮޅު އިތުރު ލަނޑެއް ކާމިޔާބުކުރަން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެޓީމްގެ ހަމަލަތަކުގެ ހުރަހަކަށްވީ ގޯލްގެ ހުރަސްދަނޑިއާއި، ކިހާގެ ގޯލްކީޕަރެވެ.
ގްރޫޕްބީގެ އެއްވަނަ ޓީމްގެ ގޮތުގައި އަމިއްލަފުއްޓާ، ޑުސިޓް ގުރުއަތުލުމަށް ގޮސްފައިވާއިރު، ގްރޫޕްއޭގެ އެއްވަނަ 9 ޕޮއިންޓާއެކު ސޮނެވާފުށީން ވަނީ ޔަގީންކޮށްފައެވެ. ގްރޫޕް އޭގެ ސެމީގެ ފަހުޖާގަ ކަށަވަރުވާނީ މާދަމާ އެގްރޫޕްގެ ފަހުމެޗްގައި މިލައިދޫއާ، ފޯސީޒަން ބައްދަލުކުރާ މެޗު ނިމުމުންނެވެ. މިމެޗުން ކޮންމެ ޓީމެއް މޮޅު ވިޔަސް އެ ޓީމަކަށް ސެމީގެ ފުރުސތު ލިބޭނެއެވެ..ޑްރޯވެއްޖެނަމަ ސެމީއަށް ދާނީ އަނަންތަރާއެވެ.