ގިނަމީހުންނަށް އެނގޭނީ އެއީ ރީތިބެ ރަހްމާނޭ ބުނީމައެވެ. ބ.އަތޮޅަށް ތަފާތު ދާއިރާތަކުގައި ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކަށް ބ. އަތޮޅު ކައުންސިލްގެ ފަރާތުން އަލަށް ތައާރަފްކުރި ” ރަންނާ އެވޯޑް” ، އުމުރުން 80 ގެ އަހަރުތައް ގުނަމުންދާ އަބްދުއްރަހްމާނަށް ލިބިގެން ދިޔައިރު އެއީ އެފަދަ އެވޯޑަކަށް އެންމެ އެކަށީގެންވާ ފަރާތެއްކަމާމެދު ދެބަސްވާނޭ މީހަކު އުޅޭނޭހެން ހިއެއް ނުވެއެވެ. އޭނާއަށް އެވޯޑް ލިބެނީ ކީއްވެގެންކަން ހާމަކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓު އަޑުއަހަމުން ދިޔައިރު ހައިރާން ކުރަނިވި އެތައްކަމަކާ އޭނާގެ އަގުބޮޑު ހަޔާތުން އިބްރަތަކަށް ފުދޭވަރުގެ ފިލާވަޅުތަކެއްވެސް ލިބިގެން ދިޔައެވެ. ގައުމަށް ނުވަތަ ޖަމާއަތަކަށް ޚިދުމަތްކުރުމަކީ ވަކި ގިންތިއަކަށް ނުވަތަ ވަކި ފަންތި އަކަށް ޚާއްސަވެފައިވާ ކަމެއް ނޫންކަން އެއީ އެންމެ ބޮޑަށް އެނގިގެން ދިޔަ ކަންތަކެވެ. ފަސްދޮޅަހަށް ވުރެ ގިނަ އަހަރު ރައްޔިތުންގެ ޚިދުމަތުގައި ހޭދަކުރެއްވި އަބްދުއްރަހުމާންގެ ޚިދުމަތުގެ ދިގު ތާރީޚަކީ މިއަދުގެ ދަރިން އެއިން އެތައް ދަރުސުތަކެއް ލިބިގަނެވޭނެ ކަމެއްވެސްމެއެވެ.
އަޅުގަނޑުމެން ކުޑައިރު މަގުމަތީގައި ބޯޅަކުޅެން ނުވަތަ މަގުމަތީގައި ސަކަރާތްގަތުމުގައި އެންމެ ހަރަކާތް ތެރިކަމާއެކު އުޅުނު ދުވަސްވަރު އެއީ އެންމެ ބިރުގަންނަ ނަމެވެ. “އެއޮއް އަންނަނީ ރަހްމާނޭ” ބުނެފިނަމަ އެ އިވުނީ ނުރައްކާތެރިކަމުގެ ރަނގަބީލުގެ އަޑެވެ. ހަމަ ވަގުތުން ދުވެ ފިލަމެވެ. ސްކޫލުން މަނާކޮށްފައި އޮންނަ “ގަވާއިދާ ޚިލާފު” ކޮންމެ ކަމެއް ކުރާއިރުވެސް “އެއޮއް އަންނަނީ ރަހްމާނޭ” ބުނާ އަޑު އިވިދާނެ ކަމަށް ހުރިހާ ކުދިންވެސް ތިބެނީ ތައްޔާރީ ހާލަތުގައެވެ. ބައެއްފަހަރު އެއްކުއްޖަކު އަނެއް ކުއްޖަކަށް ބިރުދެއްކުމުގެ ގޮތުންވެސް މި “ރަނގަބީލު” ޖަހައެވެ.
އެހެން އުޅެނިކޮށް ބަސްޓްވެއްޖެނަމަ މި ދެންނެވީ ގަވާއިދާ ޚިލާފަށް މަގުމަތީގައާއި ފަޅު ގޯތިގޯތީގައި ފުޓްބޯޅަަކުޅެން ނުވަތަ ކަނޑައެޅިފައި އޮންނަ ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހު މޫދަށް އެރި އުޅުން ކަހަލަ “ގަވާއިދާ ޚިލާފު” ކަމެއް ކުރަނިކޮށް އޭނާއަށް ފެނިއްޖެނަމަ އެ ދެން ދުވަސް ދިޔައީއެވެ. އަތުގައި ހިފައިގެން ގެންދާނީ ސީދާ އޮފީހަށެވެ. ދިފާއުގައި އެއްޗެކޭ ބުނެލާކަށް ނުކެރެއެވެ. ހިތްވަރުގަދަ ބައެއް ކުދިން އެއްފަހަރުކަމަށް ދޫކޮށްލާށޭވެސް ބުނެއެވެ. އެހެންނަމަވެސް އޭނާ ހުންނާނީ އޭނާގެ ގޮތުގައެވެ. ރަށުއޮފީހަށް ގެންގޮސް ވަގުތުން ދައުވާގެ ޚުލާސާ ބަޔާން ހުށަހަޅާނެއެވެ. ދިފާއުވުމުގެ ފުރުސަތެއް ނޯވެއެވެ. ދެން ކަނޑައަޅާނީ ނިޔާއެވެ.
އަބްދުއްރަހްމާނު ދެކެ ބިރުގަންނަނީ މިހެންވީމައެވެ.
އެއްދުވަހެއްގެ ހާދިސާ އެކެވެ.
“އޭހައްވާ ! މިބަނބުކެޔޮގަސްތަކުގެ ގޮފިތަކާހުރެ މިހާރު މަގުން ހިނގާ މީހުންނަށް އުދަނގޫވާނެ. އެހެންވީމާ ތިން ދުވަހުގެ ތެރޭގައި ވާނެ އެހެން ހުރި، ހުރިހާ ގޮފިތަކެއް ކަނޑަން.” މަންމަ ގާތު ރަހުމާނު ބުނާ އަޑު އެހީމެވެ. އޭނާގެ މިއެންގުން އެއީ ރަސްމީ އެންގުމެއްތޯ ނުވަތަ ނޫންތޯ ބަލާކަށް އެކަކުވެސް ބޭނުމެއް ނުވާނެއެވެ. އެއަމުރަށްް އަމަލުކުރުން ނޫން ގޮތެއް ނޯންނާނެއެވެ. އެހެންނަމަވެސް މަންމައަކީ އަދި މީހަކު ބުނާހައި އެއްޗަކަށް އެހާ ފަސޭހައިން އާއެކޭ ބުނާ މީހަކަށް ނުވާތީ އެދުވަހުވެސް މަންމަ އާއެކޭ ބުނުމުގެ ބަދަލުގައި ބުނީ މިހެންނެވެ. ” އާނ.! ރަހުމާނު ބުނީމާ ތިޔަކަން ޖެހޭނީ ކުރަންތާ!. އެކަމަކު ރަހުމާނު ބުންޏަސް ތިކަން ކޮށްދޭނެ މީހަކު މިގޭގައި މިހާރަކު ނެތް. އެހެންވީމާ ތިން ދުވަހުގެ ތެރޭގައި ނުކުރެވި ހިނގައިދާނެ. އެކަމަކު އެހެނޭ ކިޔާފައި ރަށު އޮފީހަށް އަހަރެން ނުގެންދާތި. ވީހާ އަވަހަކަށް އެކަން ކުރާނަން.”
“ތިޔައީ މަށާ ބެހޭ ކަމެއްނޫން. އަންގަން ޖެހޭ އެއްޗެއް މި އެންގީ .” އެ އަމުރާއެކު އޭނާގެ ނަލަ ހިނގުމުގައި އަވަސް ފިޔަވަޅުތަކެއް އަޅަމުން އެދިޔައީއެވެ.
އެދުވަހު އޭނާ ނުކުމެ އެއުޅެނީ ރަށުތެރޭގައި ހުރި މިކަހަލަ ކަންކަން ބެލުމަށެވެ.
މަންމަ އުޅުނީ އެހެން ހުރިހާކަމެއް ހުއްޓާލާފައި ގަސް ކޮށުމަށް މީހަކު ހޯދާށެވެ.
މި ދެންނެވީ އޭނާގެ ހިންގުންތެރިކަމުގެ އެއްދުވަހުގެ ވާހަކައެވެ. އެއީ ރަށު އޮފީހުގެ މަސައްކަތުމީހާ ކަމަށް ވިޔަސް ރަށުގެ ރައްޔިތުން ދެކެނީ އެއީ ރަށުގެ ހުރިހާ ކަމެއްގައިވެސް ބެހެވޭނެ އަދި އަމުރުވެސް ކުރެވޭނެ މީހެއްގެ ގޮތުގައެވެ. އެއީ ރަހްމާނުގެ ޝަޚްސިއްޔަތުގެ ވަރުގަދަކަމޭ ނޫނީ ބުނާނީ ކީކޭ ހެއްޔެވެ؟
ރަށު އޮފީގައި އޭނާ އެމަގާމު އަދާކުރަމުން ދިޔައިރު ރަށުތެރެ ބެލެހެއްޓުމުގެ ހުރިހާ ކަމެއްގައިހެން ހަރަކާތްތެރިވެ އުޅޭނީ އޭނާއާއި އަދި ބައެއް ފަހަރު މަރްހޫމް އަލީ މުހައްމަދު (ސިއްތި ކުޑައަލީ) އެވެ. ކުރިން ދެންނެވިހެން މަގުތަކުގައި ހިނގާ މީހުންނަށް އުދަނގޫވާނެހެން ހެދިފައިވާ ގަސްތައް ވަކި މިނަކަށް ކޮށަން އެންގުމާއި ރަށުތެރޭގެ ސާފުތާހިރުކަން ބެލެހެއްޓުމާއި، ބަޔަކު ޒުވާބުކުރާނަމަ އެކަން ހުއްޓުވަކީވެސް އެމީހުންގެ ޒިންމާއެކެވެ. މި ގޮތަށް ބަޔަކު ކިތަންމެ ގަދައަށް ރުޅިއައިސްގެން ޒުވާބު ކުރަމުން ދިޔައަސް ރަހުމާނު ފެންނަ އިރަށް ނުވަތަ ރަހްމާނު އައިސް އެމީހުންނާ އަރާ ހަމަވާއިރަށް އޮފީހަށް ގެންގޮސްފާނެކަމުގެ ބިރަށް ގިނަ ފަހަރު ހުއްޓާލައެވެ.
އަޅުގަނޑުމެން އޭރު ރަހުމާނު ދެކެނީ އެއީ މޮޅު ފަންނީ މީހެއްގެ ވެސް ގޮތުގައެވެ. އެއްކަމަކީ ބިގަރު ދިއްލުމުގެ ފަންނުގައި އޭނާ ކުރިއަރާފައިވާ ވަރެވެ. އޭރު ރަށުގައި ބިގަރު ދިއްލައިއުޅޭނީ ޚާއްސަ މުނާސަބަތުތަކުގައެވެ. ގޭގޭގައި ޚިތާނުކޮށްގެން އުޅުން ނުވަތަ ބޮޑު މާލޫދު ކިއުން ފަދަ ކަންކަމުގައެވެ. ބިގަރުތައް ހުންނާނީ ރަށު އޮފީހާ ޖެހިގެން ހުންނަ ގުދަނުގެ ފެންޑާގައެވެ. އެފަދަ ދުވަސްދުވަހު އިރުއޮއްސޭ އިރަށް ރަހުމާނު ފެންޑާއަށް ދާނެއެވެ. އަޅުގަނޑުމެން ތިބޭނީ ރަހްމާނުގެ ކުޅަދާނަކަން ބަލަން ތަންކޮޅެއް ދުރުގައެވެ. އޭނާ އައިސް ބިގަރު ދިއްލަން ހަދާ ގޮތްގޮތަށް ހާދަމޮޅޭ ހާދަހާ މޮޅޭ ކިޔާލަ ކިޔާލައެވެ. އަޅުގަނޑުމެން އެމަންޒަރު ބަލަން ތިބޭތީވެސް ތޯއްޗެކެވެ. ވަރަށް ގިނަ ގޮތަގޮތަށް އޭގެ މެންޓެލި އަނބުރާ ބައެއް ފަހަރު އޭގައި ރޯކޮށްލާ އަދި ބައެއްފަހަރު ފާޑެއްގެ އަޑެއްވެސް އެއިން އިއްވައެވެ.
އަނެއްކަމަކީ ރޯދަމަހު އިރުއޮއްސުނުކަން މުޅި ރަށަށް އެންގުމުގެ ގޮތުން ސަންގު ގޮއްވުމެވެ. އެއީވެސް ޝައުގުވެރިކަމާއެކު ގިނަ ބަޔަކު ބޮޑުމަގުމައްޗަށް އެއްވެ ބަލަމުން ގެންްދާ ކަމެކެވެ. އެންމެ ބޮޑު ބޭނުމަކީ އެއޮއް ކުޑަކުޑަ ސަންގުން ރަހުމާނު ނެރެމުން ގެންދާ ވަރުގަދަ އަޑުންނެވެ. އޭރު ގަބޫލު ކުރެވުނު ގޮތުގައި އެއީ އާދައިގެ މީހަކަށް ވާނޭ ކަމެއް ނޫނެވެ. އެކަން އެނގެނީ ބައެއްދުވަސްދުވަހު އެސަންގުގައި އަތްލުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބުމުން އެގޮތަށް ގޮއްވޭތޯ އުޅުމުން އެކަން ނުވީމައެވެ. އެހެންވީމާވެސް ރަހުމާނު އޮންނަނީ އެފަންނުގައިވެސް މޮޅު މީހަކަށް ވެފައިތާއެވެ.
ކޮންމެއަަކަސް މިކަހަލަ ބައިވަރު މަޖާކަންތައް ތަކާއި ހަނދާންތަކެއް ރަހްމާނާ ވަނީ ގުޅިފައެވެ.
އެހެން ސަފްހާއެކެވެ.
ވަޒީފާގެ މުސާރައަކީ ކާށި ކިބައަކާ ހިކިމަސްގަނޑެކޭ ބުނެފިނަމަ މި ޖީލުގެ ދަރިންނަށްވާނީ ޖޯކަކަށެވެ. ނަމަވެސް އަބްދުއްރަހްމާނު އަދާކުރެއްވި ފުރަތަމަ ވަޒީފާއަށް އޭނާއަށް ލިބިފައިވަނީ އެ މުސާރައެވެ. ވަޒީފާއަކީ ރައްޔިތުންގެ ކާޑުގެއަށް ގެންނަ މަސް އަވީލުމެވެ. އެވަޒީފާގައި ތިން އަހަރެއްހާ ދުވަސް ހޭދަކުރެއްވުމަށްފަހު މުސާރައިގެ ކުރިއެރުމާއެކު މަހަކު 5 ރ.އަށް މުސާރަ ބަދަލުވިއެވެ. އޭރަށް ބަލާއިރު އެއީ ބޮޑު މުސާރައަކަށް ނުވިޔަސް އާދައިގެ މުސާރައެކެވެ.
އަބްދުއްރަހުމާންއަކީ ވަޒީފާއަށް ތެދުވެރި އަދި މަސައްކަތުގައި ވަކި ގަޑިއެއް ކަނޑައެޅުމެއްނެތި ދުވާލާއި ރޭގަނޑުވެސް އެކަމަށް ހުސްވެގެން ހުންނަ މީހަކަށް ވާތީ އެކަން ވެރިންވެސް ބަލައިގަތުމުގެ ނަތީޖާއަކީ އަނެއްކާވެސް ކުރިއެރުން ލިބުމެވެ.
އޭނާ އަދާކުރެއްވި ވަޒީފާތަކާއި އެވަޒީފާގައި އަދާކުރަންޖެހުނު މަސްއޫލިއްޔަތު ތަކުގެ ތެރޭގައި، ރައްޔިތުންގެ ކާޑުގެ (ރޯޝަނީ ސްޓޯރު ) ބެލެހެއްޓުމާއި ފެންފޯއް ދަނޑަށް (ބ. އަތޮޅު ހޮސްޕިޓަލް ހުރި ސަރަހައްދު ) ފެންދީ ބެލެހެއްޓުމާއި ގަބުރުސްތާނު ވިނަނޮޅާ ސާފުކުރުމާއި ދާރުއްތަލަބާ (އޭދަފުއްޓަށް ތައުލީމު ހޯދަން އަންނަ ކުދިން ތިބޭ ދަނާލު )ގައި އެކުދިން ބެލެހެއްޓުމާއި މަދްރަސަތުލް ބަހިއްޔާގެ މަސައްކަތު މީހެއްގެ ވަޒީފާއާއި އަތިރިމަތި ސާފުކޮށް ބެލެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން މުދިމަކު ނެތްނަމަ ބަންގި ގޮވުމާއި ހުކުރަށް ގޮވުމާއި މަސްވެރިން ބާނައިގެން ގެންނަ މަސް ގުނުމަކީވެސް ރަހްމާނުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ރަށު ކޯޓާއި އަތޮޅުކޯޓުގެ ދުވަސްވަރު ކޯޓުގެ ހުކުމާ އެއްގޮތަށް ދުއްރައިން ތެޅުމަކީވެސް އެ ހުނަރު ރަހުމާނަށް ލިބިފައިވާތީ ރަހްމާނު ކުރަމުން އައި ކަމެކެވެ.
އެންމެ ފާހަގަކުރެވުނު އަނެއް ކަމަކީ ކުއްލި ހާލަތްތަކުގައާއި އަވަސް ޚަބަރެއްގެ ގޮތުގައި ރައްޔިތުންނަށް އަންގަންޖެހޭ އެންގުން އިއްުލާނުކުރާނީ ރަހުމާނެވެ. އޭނާގެ ވަރުގަދަ އަޑުން މުޅި ރަށުގައި ގޮވަމުންދާއިރު އެއްވެސް މީހަކަށް އެ އަޑު ތިމަންނައަކަށް ނުއިވެއެކޭ ނުބުނެވޭނެއެވެ.
ރަހުމާނަށް ސާބަސް ދޭން ޖެހެނީ ރަހުމާނުގެ ވަޒީފާއަކީ ޖުމްލަ ގޮތެއްގައި ބަލާނަމަ މުޅި އޭދަފުށީ ބެލެހެއްޓުން ކަމަށް ވާއިރު ހަވާލު ކުރެވިފައިވާ ކަމެއް ނުކުރެވިގެން ދުވަހަކުވެސް ވެރިއެއްގެ ފަރާތުން ހިތްހަމަނުޖެހުމެއް ނުވަތަ އިންޒާރެއް ލިިބިފައި ނުވުމެވެ. ލިބޭ މުސާރައާ އަޅާ ނުކިޔައި މަސައްކަތްކުރުމުގެ ރޫހުގައި ޝައުގުވެރިކަމާއެކު ކޮންމެ ކަމެއްވެސް ކޮށްފައިވާތީއެވެ.
ރަހްމާނު އޭދަފުށްްޓަށް ކޮށްދެއްވާފައިވާ ގިނަގުނަ ޚިދުމަތާއި އޭދަފުށީގެ ތަރައްގީގައި އޭނާގެ ހިއްސާގެ ބައިކުޅަބައެއް އޮންނާނެ ކަމަށް ބަލައި އެކަން ފާހަގަކޮށް 1994ވަނަ އަހަރު އޭދަފުށީ ޒުވާނުންގެ ޖަމިއްޔާ އިންވެސް ވަނީ ހަނދާނީ ފިލައެއް ދީފައެވެ.

1994ވަނަ އަހަރު އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއިން އަބްދުއްރަހްމާނަށް ހަނދާނީ ލިއުން ހަވާލުކޮށްދެއްވަނީ
ރަހުމާނުގެ ޚިދުމަތްތެރި ދިގު ތާރީޚްގައި ޝުކުރު އަދާކުރަން ބޭނުންވަނީ އެންމެ ފަރާތަކަށެވެ. އެއީ މަރުހޫމް ޔޫސުފްކަލޭފާނެވެ. އެއީ ރަހްމާނު ރަހްމާނަކަށް ހެދި ފަރާތްކަމުގައި ބުނަމުން ޔޫސުފްކަލޭފާނަކީ ވަރަށް ގިނަ ގޮތްގޮތުން އޭނާގެ ދިރިއުޅުމުގައި ގިނަ އެހީތެރިކަމެއް ވެދެއްވި ފަރާތެއްކަން އޭނާ ޝުކުރުވެރިކަމާއެކު ފާހަގަ ކުރެއްވިއެވެ.
ދިރިއުޅުމުގެ ބަހާރު މޫސުން ފަސްދީ ޚިޒާންގެ ހޫނުކަމާހިކި ކަން ހަމަ ކޮންމެ މީހެއްގެހަޔާތުުގައިވެސް ބައްދަލުކުރާ ދުންޔަވީ އުސޫލުން މިއަދު ރަހުމާނުވެސް ވަނީނީ އެދުވަސްތައް ތަޖްރިބާކުރުމުގެ ފަހު މަރުހަލާގައެވެ. މި މޫސުމާއެކު އޭނާއަށް ލިބިފައި އޮތް އެންމެބޮޑު ހިތްހަމަޖެހުމަކީ ދުނިޔޭގައި އޭނާކުރި އެންމެ ބޮޑު އިންވެސްޓުން ރަނގަޅު ނަތީޖާ ފެންނަމުން ދިއުމެވެ. އެހެނީ އޭނާވަނީ އަލަތުކައިވެންޏާއެކު އާމިނަތު ހަސަންއަށް ލިބުނު 10 ކުދިންނަށް ރަނގަޅު ތަރުބިއްޔަތަކާއި ތައުލީމު ދިނުމުގެ ހިތްހަމަޖެހުން ހޯއްދަވާފައެވެ. ހުރިހާ ދަރިންނަކީވެސް ތަފާތު ދާއިރާތަކުގައި ގައުމަށް ޚިދުމަތްކުރަމުން ގެންދާ ދަރިންނަށް ވުމަކީ މައިންބަފައިންނަށް ލިބޭނެ އެންމެ ބޮޑު އުފަލާ ހިތްހަމަޖެހުން ކަމަށްވާނަމަ ރަހްމާނުމެންގެ ދެމަފިރިންނަކީ ދެދުނިޔޭގެ ދިރިއުޅުންވެސް ކާމިޔާބު ކުރައްވާފައިވާ ދެމަފިރިންނެވެ.
ރީތިބެ ރަހުމާނު (ޢަބްދުއްރަޙްމާން ޙަސަން )ގެ ހަނދާންތައް އޭދަފުށީގެ ހިތަކުން ނުފިލާނެއެވެ. އޭނާގެ ޚިދުމަތުގެ ވަސް އޭދަފުށީގެ ޖައްވަކުން ފިލައިގެން ނުދާނެއެވެ. އެހަނދާންތަކާއި އެ ޚިދުމަތުގެ ވަސް އޭދަފުށީގެ މުޅި ހަށިގަނޑާގުޅިފައިވާތީއެވެ.