ހީވީ އަދިރި ކަމުގެ ތެރެއިން އަލިކަމެއް ފެނުނުހެން – ފުނަދޫ ޚާލިދު

1-1.jpg

އޭދަފުށި މައިނާގެ ޚާލިދު އާދަމް

1968 ވަނަ އަހަރެވެ. ބ.ފަސްދޭތެރެ ފުނަދޫ މައިނާގޭ ޚާލިދު އާދަމަށް މިއަދަކީވެސް އާދައިގެ ދުވަހެކެވެ. ވަގުތުގެ ރޫޓިންގއަކަށް ބަދަލެއް ނާދެއެވެ. ކޮންމެދުވަހަކުވެސް އެއް ޕްރޮގްރާމެކެވެ. ދައުރުވަމުންދަނީ އެއް ކަންތައް ތަކެކެވެ. ބަދަލުވުމެއްނެތް ގުދުރަތީ ނިޒާމާއެކު ދިރިއުޅުން ވެސް އޮތީ އެއް ތައްގަނޑަކަށް ފެތި ނުވަތަ އެއް ބައްޓަމަކަށް ފީޑް ކުރެވިފައެވެ. އެކަމަކު އުމުރުން 25 އަހަރުގައި އަލަތު ކައިވެނި ކުރިތާ ތިން ހަފްތާވެސް އަދި ނުވާއިރު ހަނީމޫންގެ ދުވަސްކޮޅު ކަމުން އެއީ އޭނާ އޮތް ހަމައެކަނި އުފަލެވެ.

ވިސްނާނެ ގިނަ ކަންތަކެއްނެތެވެ. ފުނަދޫއަކީ ބިން ބޮޑު އެހާމެ ބިން ރަނގަޅު ރަށަކަށް ވާތީ ފަތްކޭލާ ބަނބުކޭލާ ކަށިކެޔޮ، އާބާދީއަށް ފުދޭ ވަރަށް ލިބެއެވެ. ކުޑަކުޑަ އާމްދަނީއެއް ހޯދާލައިގެން ދިރިއުޅުން ހަމަޖެއްސުމުގެ ރީތި އާދަ، ކާބަފައިންގެ ފަރާތުން ވާރުތަ ކޮށްދީފައިވާތީ ބޮޑެތި އެދުން ތަކެއް ނޯވެއެވެ. ތިން އިރުކާލާނެ އެއްޗަކާ އުނުއޮރިޔާން ނިވާކޮށްލެވޭ ވަރު ވަނިކޮށް ދިރިއުޅުން އެއޮތީ ފުރިހަމަ ވެފައެވެ. މުދިންކަލޭގެ ގޭގެ ފެންޑާއަކީ ރަށު މަދަރުސާއެވެ. އަސާސީ ތައުލީމު ފެންވަރަށް އެތަނުން ކިޔެވުނީމާ އެހެރީ މީހަކަށް ވެފައެވެ.

ރަށުގައި ދިރިއުޅެނީ 23 ގެއާއެކު 23 ފިރިހެނުންނެވެ. އާބާދީގެ ޖުމްލައަކީ 93 އެވެ. ދެ މަސްދޯނި ހުރިނަމަވެސް އެދެ ދޯނި ވަނީ ޚާލިދުމެން ހޭލަތްގަތްއިރު ވިއްކާލާފައެވެ. ޚާލިދުގެ އަށް ރިޔަނު ދޯންޏާއެކު ރަށުގައި ހުރި 7 ވަދުދޯނިން ފުދޭ ވަރެއްގެ އާމްދަނީ އެއް އައީ ލިބެމުންނެވެ. ރައްޔިތުން އާއްމުކޮށް ކުރާ މަސައްކަތަކީ ދާ ބަނުމާ ސާންތި ވިއުމާ ފަންގި ވިނުމާ ކެޔޮޅުކަމު ދިއުމެވެ. މަސް ވެރިކަމުގެ ރަށެއް ނޫނެވެ.

ރަށްވެހިކަމުގެ އަލިކަމާދުރުގައި އެކަނިވެރިކަމުގެ އަނދިރީގައި އޮތް ފުނަދޫ ރައްޔިތުންނަށް ތަރައްގީގެ ކުލަވަރެއް ކިރިޔާވެސް ފެންނަނީ މާލެ ދާ މަދު ފަހަރެއްގައި މާލެއިންނެވެ. ގަބޫލު ކުރެވިފައި އޮންނަނީ ތަރައްގީއާއި ތަހުޒީބަކީ ހަމައެކަނި މާލޭ މީހުންގެ ހައްގެއް ކަމުގައެވެ. އެހެން މީހުންނަކީ ރަށްފުށު މީހުންކަމުގައި އަމިއްލަ އަށް ގަބޫލު ކޮށްގެން ދެވަނަ ދަރަޖައިގެ ދިވެހީންގެ ގޮތުގައެވެ. އެހެންވީމާ ތަރައްގީއަކީ ބީރައްޓެހި ބަހެކެވެ.

މިދިރިއުޅުން ދެކެ ފާޑެއްގެ ލޯތްބެއް ޖެހިފައިވާ ކަހަލަ އެވެ. އިތުރު ގޮތެއް ހޯދުމަށް މަސައްކަތް ނުކުރެވެނީ އެހެން ވީމައެވެ.

ޒުވާން ޚާލިދުއަށް މިއަދަކީ އަނެއްކާވެސް އާދުވަހެކެވެ. އެކަމަކު ތަފާތު ދުވަހެކެވެ. އޭނާގެ ވަދުދޯނީގައި ވަދު އަޅަން ނުވަތަ ފަރުކެޔޮޅުކަމަށް ވެސް ނުދާ ދުވަހެކެވެ.

“އަޅުގަނޑުމެންގެ ރަށުގާ (ފަސްދޭތެރެ ފުނަދޫ ) ތިއްބާ އަންގާލެއްވުމެއްވެސް ނެތި ސަރުކާރުގެ ރަސްމީ ބޯޓު “ސިލްވަރކްރެސްޓް ” ގައި ރައީސް ނާސިރު ވަޑައިގެންފި. ނާސިރުއާއެކު އަރިހުގައި އަލްމަރްހޫމް ކޮލިގޭ އުމަރުމަނިކުއާއި ހުޅަނގުގޭ އަލްމަރްހޫމް ފާރޫގު އިސްމާއީލް އާއި ބ.އަތޮޅު އަތޮޅުވެރިޔާ އަލްމަރްހޫމް ޔޫސުފްކަލޭފާނު ވަޑައިގެން ފުނަދޫގެ އަތިރިމަތިން ހިންގަވާފައި ގޮސް މީހުން އުޅޭ ސަރަހައްދަށް އެރުއްވުމަށް ފަހު ރައްޔިތުންނާވެސް ބައްދަލު ނުކުރައްވައި އެނބުރި ވަޑައިގަތީ. ދެން ވަޑައިގަތީ އުޑޫދޫ އަށް. ” ޚާލިދުގެ ހަނދާނުގެ ފަތްފުއްތައް ނިއުޅަން ފެށިއެވެ.

ބޮޑު ކަމެއް ވާން އުޅެނީކަން އެނގުނީ އެހާ ހިސާބުންނެވެ. ނޫންނަމަ ގައުމުގެ ރައީސާއި ސަރުކާރުގެ އިސް ވަފްދެއް ވަޑައިގެން ރަށުތެރެއަށް އެރުއްވުމުގެ ބޭނުމެއް ނޯންނާނެއެވެ. އެހެންވީމާ ދެން ވާނެ ގޮތެއްގެ އިންތިޒާރުގައި ތިބުން ނޫން އެހެން ގޮތެއް ނެތެވެ.

މަސްރަހު ބަދަލުވެގެން ދިޔަ ގޮތް ޚާލިދު ކިޔައިދެއްވިއެވެ.

އޭގެ ހަތަރު މަހެއްހާ ދުވަސް ފަހުން މުޅިރަށް ސިއްސުވާލި ބޮޑު ޚަބަރު ލިބިއްޖެއެވެ. 1968ވަނަ އަހަރު ގެޒެޓް ނަންބަރު 8 އިން ފާސްކުރި ގާނޫނާ އެއްގޮތަށް ހުކުރު ހަމަނުވާ ކުދިކުދި ރަށްރަށުން މީހުން ބަދަލު ކުރަނީއެވެ. ކަމުގެ މުހިއްމުކަން ނުވަތަ ދެން ވާނެ ގޮތެއް ވިސްނުމަށް ގެންނަން ބޭނުން ނުވިނަމަވެސް އެއަޑު ރަށު ތެރޭގައި ގަދަވެގެން ދިޔައެވެ. އެއްބަޔަކު އެކަމާ އުފާ ކުރަމުން ދިޔައިރު އަނެއް ބަޔަކު ތިބީ ކަރުނަ އަޅައެވެ. ވިހާ ބޮޑުވި ރަށާ އެރަށުގެ ވައިފެން ރަނގަޅު ސާފު ވެއްޓާ ރީތި ނަލަ ވައިލިބޭ “ގުލްޒާރުން” ވަކިވާން ޖެހޭތީއެވެ.

ޚާލިދުއަށް އެޚަބަރު ވީ އުފާވެރި ޚަބަރަކަށެވެ. އެއީ ރަށުގެ އާބާދީ މަދުކަމުން ހުކުރު ނުކުރެވޭތީވެ އާބާދީ ބޮޑު ރަށަކަށް ބަދަލު ވުމުން ފަރުޟު ހުކުރު ނަމާދު އަދާކުރެވޭ ކަމުގެ އުފަލެވެ. ތަރައްގީއާ ދުރުގައި އުޅެމުން އައި އެކަނިވެރި އުޅުން ނިމި އާ ޒަމާނަކަށް ހޭލެވޭނެކަން ގައިމުވާތީ އެވެ. އިރުއަރާފައި އޮއްސުމަކީ ނުވަތަ ދުނިޔެއިން ދުވަހެއް އުމުރުން ދުވަހެއް ވޭތުވެގެން ދިއުމަކުން އަދި ނުނިމެއެވެ. އެއުސޫލުން އިންސާނާވެސް ޖެހޭނީ މެޝިނެއްގެ ސޯބުތައް ފަދައިން އެނބުރެންކަމަށް ޚާލިދު ގަބޫލު ކުރެއެވެ.

އެދުވަސް އަތުވެއްޖެއެވެ. 1968ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 16 ވީ އާދީއްތަ ދުވަހުގެ މެންދުރުން އަނބުރާ 2:30 އަކީ ފުނަދޫ މީހުން އޭދަފުއްޓަށް ބަދަލު ކުރި ތާރީޚީ ދުވަހެވެ.

ބަދަލު ކުރުމުގެ ކަންތައް ދިޔައީ އެކަމުގައި ޝަކުވާއެއް ކުރެވޭނެ ޖާގައެއް ނެތްހާ އޮމާންކޮށެވެ.

“ކޮންމެ ގެއަކަށް ދެދޯނި އޭދަފުށިން ފޮނުވި. އެއީ ރަށުގައި ހުރި ރައްޔިތުންގެ އަމިއްލަ ތަކެތި ދެދޯންޏަށް އަރާނެކަމަށް އަންދާޒާ ކުރެއްވުމަށްފަހު ޔޫސުފް ކަލޭފާނު ނިންމެވި ގޮތް.”

އޭދަފުއްޓަށް ބަދަލު ކުރިއިރު އޭދަފުށީ ރައްޔިތުންގެ ފަރާތުން ލިބުނީ ހީނުކުރާވަރުގެ މެހްމާން ދާރީއެކެވެ. ހުރިހާ ކަމެއް ފުރިހަމަ އެވެ. ހަމަ ހަގީގަތުގައިވެސް އެދުވަހު އޭދަފުށިން ފެނިގެން ދިޔައީ އެކަކު އަނެކަކަށް އެހީތެރިވުމުގެ ލާމަސީލު މިސާލެކެވެ. ފުރިހަމަނުވަނީ މިވެނި ކަމެކޭ ބުނެވޭނެ ހަމަ އެއްވެސް ކަމެއް ނެތީއެވެ. ގެއަށް ވަދެ ވަގުތުން ދިރިއުޅުން ފަށަންވީއެވެ. ބަދިގެ އަޅާ ބަދިގޭގައި އުދުން ޖަހާފައި ވަގުތުން ކެއްކޭ ވެސް ގޮތަށެވެ.

އެކމަކު އެކަންވެސް ކުރަން ނުޖެހި އެއަށްވުރެވެސް ލުއިކޮށްލުމުގެ ގޮތުން އޭދަފުށީ ވަނީ ރައްޔިތުންގެ ދެ ދުވަސް ވަންދެން ކެއުމުގެ ހުރިހާ އިންތިޒާމެއްވެސް ނިކަން ފުރިހަމަ އަށް ގޭގެއިން ހަމަޖައްސާފައެވެ. ޚާލިދުގެ ކުޑަކުޑަ އާއިލާގައި ހިމެނޭ މަންމައާއި އަންހެނުން ސިއްތިއާ ހަވާލުވީ އެއްވެސް އަގަކާ ނުލާ އޭދަފުށީ ގުލިސްތާނުގެއާއި ހުސްނޫގެއާއި އަސަރީގެއިންނެވެ.

ކާބަފައިން އުފަންވެ ނިމިދިޔަ ފަސްގަނޑާ އެތާރީޚީ ހަނދާންތަކާ އަބަދުގެ އަބަދަށް ވަކިވާން ޖެހުމަކީ އެހަނދާންތަކުގެ ހޫނު ކަން އެތައް ދުވަހަކަށް ދެމިގެން ހިނގައިދާނެ ހިތާމައެކެވެ. އެގޮތުން އޭދަފުއްޓަށް ބަދަލުވުމަށް ފަހުވެސް ބައެއް މީހުން ތިބީ އެ ބަލީގައެވެ. ރަށު އެންމެންގެ ދުވަހު ފުރާގު ހަމަޖައްސަމުން އައި ގަސް ރުކުން ލިބޭ ބައިވަރު މޭވާ އާއި ތަރުކާރީ ފަދަ ތަކެތި ދޫކޮށްލާފައި އަންނަން ޖެހުނީތީ އެކަމުގެ ބޭކާރު ވިސްނުމުގައެވެ.

“މަރު ގައިމުވާ ފަދައިން ގައިމު ކަމެއް މިކަމަކީ. ސަރުކާރަކުން ނާހާނެ ބަޔަކު ރޯއަޑެއް. ” މިއީ ޚާލިދުގެ ޖަވާބެވެ.

ފުނަދޫމީހުން އޭދަފުއްޓަށް ބަދަލު ކުރިއިރު ކޮންމެ ގެއަކަށް ސަރުކާރުން 100ރުފިޔާ ދެއްވަން ހަމަޖައްސަވާފައި އޮތެވެ. ފައިސާގެ އަގު އިންތިހާއަށް ބޮޑު ދުވަސްވަރެއްގައި ދެއްވި ދީލަތި ހަދިޔާ އެކެވެ.  އޭގެ ތެރެއިން 5 ރުފިޔާ ކެނޑުއްވީ ބަދަލު ކުރި ގޭގެ ފަތުގައި ސްޓޭމްޕް ޖެހުމަށެވެ. މީގެ އިތުރުން ރަށުގައި ހުރި ކޮންމެ ރުކަކަށް ރުކެއްވެސް ދެއްވުމުން ، ފުނަދޫން މީހުން ބަދަލު ކުރީ އަދުލުވެރި ބަދަލެއް ވެސް ދިނުމަށް ފަހުގައި ނޫންކަމަކަށް ނުބުނެވޭނެއެވެ.

އޭދަފުށީގެ ވާކޮށައިގެން އާބާދުކޮށްފައިވާ ސަރަހައްދުގައި ތިން ރަށުގެ މީހުން (މާއްޑޫ، އުނޑޫދޫ، ފުނަދޫ ) ދިރިއުޅެން ފެށުމުން ރަށްވެރިކަމުގެ އާ ޒަމާނަކަށް އިރު އެރި ކަހަލަ އެވެ. ސިއްހީ ޚިދުމަތާ ތައުލީމު ފަދަ ޒަރޫރީ ބޭނުންތައް ފުއްދަން ކުރިން އުފުލަން ޖެހުނު ބުރަ އެތައް ގުނައެއް ލުއިވެގެން ދިޔައެވެ. އާ ރައްޓެހިންތަކަކާއެކު އާ ކަންތައްތަކެއް ތައާރަފް ވެގެން ގޮސް ކުރާނެ މަސައްކަތެއް ނެތި ދެއަތް އުރާލައިގެން ތިބި މީހުންވެސް މަސައްކަތުގައި އަވަދިނެތި އުޅެން ފެށިއެވެ. އެހެންވިޔަސް އުފަން ބިމާއި ރަށުގެ ހަނދާންތައް އާކުރާ ބަޔަކުވެސް ނެތެއް ނޫނެވެ. އެހަނދާންތައް ރަނގަޅަށް ނުފިލާ އުޅެނިކޮށް މީހުން ބަދަލު ކުރުމުގެ ގާނޫނު އުވި ބަދަލު ކުރި ރަށްރަށުގެ މީހުންނަށް އަލުން އެނބުރި ރަށަށް ދިއުމުގެ ފުރުސަތު ލިބިގެން ދިއުމާއެކު އެނބުރި ރަށަށް ދިއުމުގެ ބަހުސް ފެށުނެވެ. އޭދަފުއްޓަށް ބަދަލުކުރި ތިން ރަށުގެ މީހުންގެ މެދުގައިވެސް މި ބަހުސް ހޫނު ކަމާއެކު ކުރިއަށް ދިޔައެވެ.

ބ.ހިތާދޫއަށް ބަދަލު ކުރި ކިހާދޫ މީހުން އަލުން އެނބުރި ކިހާދޫއަށްގޮސް އެރަށުގައި އާބާދު ވިއެވެ.

ފުނަދޫން ބަދަލު ކުރި މީހުންގެ ތެރޭގައި އެނބުރި ރަށަށް ދިއުމަށް ބޭނުންވީ 13 މީހުން ނުވަތަ 13 އާއިލާއެވެ. އެއީ އެކަމަށް އެދެވޭނެ އެންމެ މަދު އަދަދުވެސް މެއެވެ. މީގެ ތެރޭގައި ޚާލިދުވެސް ހިމެނިގެންނެވެ.

“ރަށަށް ގޮސް ގޯތި ނަގާ ތަން ސާފުކޮށްހެދިން. އެހެންނަމަވެސް އެންމެ 13 މީހުންކަމަށް ވާތީ އެރަށުގައި އެންމެ ކުޑަމިނުން ދަތުރު ފަތުރު ކުރެވޭނެ ގޮތެއްވެސް ނެތި އެފަދަ އުފެއްދުމެއް އުފެއްދޭނެ ތަނަވަސް ކަމެއް ނެތުމުން ވިސްނުން ބަދަލު ކުރަން ޖެހުނީ. މި ނޫން އެހެން އިންސާނީ ވަސީލަތްތައްވެސް ގާއިމު ކުރެވޭނެ ގޮތެއްނެތް. މާލެ ދާން ޖެހުމުން ކައިރީގައި އޮތް ކުޑަރިކިލަށް ނުވަތަ ކެންދޫއަށް ދިއުން އެއީ އެކަން ހިނގަން ޖެހޭނެ ގޮތެއް ނޫން. ” ރަށުގައި އަލުން އާބާދު ނުވި ގޮތް ޚާލިދު ކިޔައިދެއްވިއެވެ.

50އަހަރު ފަހުން މިއަދު ޚާލިދު

ބ.ފުނަދޫ އާއި އުޑޫދޫ އާއި މާއްޑޫ ރައްޔިތުން އޭދަފުއްޓަށް ބަދަލުކުރިތާ 50 އަހަރުވުމުގެ އިހުތިފާލުތައް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ތައްޔާރީތައް މިހާރު ކުރެވެމުން ދަނީއެވެ. ކާމިޔާބު ރައްވެހި ފަންސާހުގެ ނަމުގައި މި މުނާސަބާ ފާހަގަ ކުރުމުގެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު އޭދަފުއްޓަށް ބަދަލުވެ ދުވަސްކޮޅެއްގެ ފަހުން މި ދިރިއުޅުމާމެދު ޝައްކުއުފެދި އެނބުރި ރަށަށް ދިޔަ ޚާލިދުގެ ދިރިއުޅުން ހުރީ ކިހިނެއް ހެއްޔެވެ؟

ކައިވެނި ކުރިތާ 17 ވަނަ ދުވަހު އޭނާ އޭދަފުއްޓަށް ހިޖުރަކުރިއިރު ގެންދިޔަ ހަމައެކަނި މުދަލަކީ އަށް ރިޔަނުގެ ވަދުދޯންޏެކެވެ. އެކަމަކު 50 އަހަރުފަހުން މިއަދު އޭނާގެ ދިިރިއުޅުމުގައި މަދުވާ އެއްޗެއް ނެތެވެ.ހުރިހާ ކަމެއް ހުރީ ފުރިހަމަވެ ނިމިފައެވެ. އުމުރުން 75 އަހަރުގައި ﷲގެ ހެޔޮ ރަހްމަތުން ފުރިހަމަ ސިއްހަތުގެ ނިއުމަތް ދެއްވަވާފައިވެއެވެ. ހެޔޮލަފާ ސާލިހް އަންހެނެއް ޚިޔާރު ކޮށްގެން ކައިވެނި ކުރި ސިއްތިއާއެކު 11 ދަރިން ލިބި އޭގެ ތެރެއިން ދުނިޔޭގައި ތިބި 9 ދަރިންނާއެކު މިއަދު ޚާލިދުގެ ދުނިޔެ ކިތަންމެހާވެސް އުފާވެރިއެވެ.

“ޚާލިދުއަކީ ޒިންމާދާރު އަދި ދަރިންދެކެ ލޯބިވާ ބައްޕައެއް. ހަމައެހާ ރަނގަޅު ފިރިއެއް. އެއްވެސް ކުއްޖަކަށް ތަފާތު ކުރުމެއް ނުގެންގުޅޭނެ. 11 ދަރިން ލިބި ދެކުދިން ނިޔާވެ ދެންތިބި ނުވަ ދަރިންނާމެދު އެންމެ  ތުއްތު އިރުން ފެށިގެން މިއަދާ ހަމައަށްވެސް ކަންތައް ކުރަމުން ގެންދަނީ ވަރަށް އިންސާފުވެރިކަމާއެކު. ” ޚާލިދު އާމެދު އަންހެނުން ސިއްތީގެ ހިތުގައި އޮތް ލޯބި ފާޅުކޮށްލީ މިގޮތަށެވެ.

އެއީ ތެދެކެވެ. ސިއްތީގެ ބުރަމަސައްކަތާ އޭނާގެ މިނެއްނެތް އޯގާތެރިކަމާ އަގުނުކުރެވޭނެ އެހީތެރިކަމާއެކު ޚާލިދުގެ ދެމަފިރިން ވަނީ މުޖްތަމައަށް ފައިދާ ހުރި އިލްމީ ގޮތުންނާއި އަޚްލާގީ ގޮތުން ބެލިޔަސް ގާބިލް ދަރިންތަކެއް އުފައްދާފައެވެ.

އޭދަފުށީގެ އެންމެ މަޝްހޫރު ކިއުޓް ފިހާރަތައް އުފައްދައި އެވިޔަފާރި ފުޅާކޮށް އެންމެ ބޮޑު ލޯންޗް ސާވިސްއާއި އެންމެ ބޮޑު އިލެކްޓްރޯނިކް ފިހާރަ ހިންގަމުން ގެންދަނީ އޭނާގެ ދަރިންނެވެ. އަލަތު ކައިވެންޏާ އެކު ޒަވާޖީ ހަޔާތުގެ ގޮށްޖަހާލި ސިއްތިއާއެކު ދިރިއުޅުމުގެ ރަންޔޫބީލްވެސް ފާހަގަކުރަމުން ދާއިރު ދެމަފިރިންގެ ދިރިއުޅުން އަދިވެސް ޒުވާނެވެ. ދެމަފިރިންގެ ދުންޔަވީ ހަޔާތަށް އަދިވެސް އަސްރު ވާހެން ހީއެއް ނުވެއެވެ. އުމުރާ އެކު ހަށިގަނޑަށް އަންނަ ބަދަލު ތަކުން ކޮންމެ ވާހަކައެއް ކިޔައިދިނަސް ދެމިހުންވެސް ގަބޫލު ކުރަނީ ހިތް އަދިވެސް ޒުވާން ކަމުގައެވެ. ނިމިދިއުންވެސް އޮތީ އެގޮތުގައެވެ.  މިހުރިހާ ކަމެއްގެ އަސްލަކީކުޑަ އާބާދީއަކުން ބޮޑު އާބާދީއަކަށް ބަދަލުވުމުގެ ނަތީޖާއެވެ. އެކަން ޚާލިދު އެންމެ ފަހުންވެސް ސިފަ ކޮށްދީފައިވަނީ މިގޮތަށެވެ. ހީވީ އަނދިރިކަމުގެ ތެރއިން އަލި ކަމެއް ފެނުނު ހެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top