މެޑަމް ފާތުން އޭދަފުއްޓަށް ވަޑައިގެންފި

ev-head.jpg

16 އޮގަސްޓް2018 ، މެޑަމް ފާތުން އޭދަފުއްޓަށް ވަޑައިގަތުން -އީވީ ފޮޓޯ

ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތުން މިއަދު ހަވީރު އޭދަފުއްޓަށް ވަޑައިގެންފިއެވެ.

މެޑަމް ފާތުން ގެ މި ދަތުރުފުޅަކީ ރައްޔިތުންގެ ހާލަތު ބެެއްލެވުމުގެ ގޮތުން އެކަމަނާގެ އިސްނެންގެވުމާއެކު ހިންގާ އެންމެ ގާތުން ކެމްޕޭނުގެ ދަށުން ބ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

އޭދަފުއްޓަށް ވަޑައިގަތުމުން އެކަމަނާއަށް މަރުހަބާ ދެންނެވުމަށާއި އިސްތިގުބާލު އަދާ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުއާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުގެ އިތުރުން އޭދަފުށީ ކައުންސިލުގެ ޕީޕީއެމް މެންބަރުންނާއި އޭދަފުށީގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.

އޭދަފުއްޓަށް ފައިބާ ވަޑައިގަތުމާއެކު އެކަމަނާގެ ޝަރަފުގައި އޭދަފުށި ރައްޔިތުންގެ ފަރާތުން އޭދަފުށީގެ ޒުވާން އަންހެން ކުދިން ކޮޅެއް ވަނީ މަރުހަބާގެ ލަވައެއް އެކުދިންގެ ފަރި ހަރަކާތްތަކާ އެކު ހުށަހަޅައިދީފައެވެ.

ބަނދަރު މައްޗަށް ހާޒިރުވެ ތިބި ގިނަ އަދަދެއްގެ ރައްޔިތުންނާ ސަަލާން ކުރެއްވުމަށް ފަހު އެކަމަނާ ވަޑައިގަންނަވާ ކޮންމެ ރަށެއްގައިވެސް ކަންކުރައްވާ ގޮތުގެ މަތިން ފުރަތަމަ ބައްދަލު ކުރެއްވީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއެވެ. އެއަށްފަހު އޭދަފުށީ ރައްޔިތުންނާ ބައްދަލު ކުރެއްވިއެވެ.  އޭދަފުށި މަލްޓި ޕާޕަސް ބިލްޑިންގ ގެ ޖަލްސާ ކުރާ މާލާމުގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ޒުވާނުންނާއި އަންހެން ބޭފުޅުންގެ އިތުރުން އިސް ރައްވެހިންގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރި ވެފައެވެ. މި ބައްދަލު ކުރެއްވުމުގައި ވާހަކަ ދައްކަވަމުން މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ ފަސްޓް ލޭޑީގެ އެންމެ ބޮޑު އަމާޒަކީ ހާއްސަ އެހީ އަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ މުހުތާދުތައް އޮޅުން ފިލުއްވައި، އެފަރާތް ތަކަށް ވެދެއްވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދެއްވުން ކަމަށާ ރައީސް ޔާމީންގެ ފަސް އަހަރު ދުވަހުގެ ތެރޭގައި، އިޖުތިމާއީ ރޮނގުން، އެއްވެސް އަންހެން ބޭފުޅަކު ނުކުރައްވާ މަސައްކަތް ފަސްޓް ލޭޑީ ފާތުން ކުރައްވާފައިވާ ކަމަށް ވިދާޅުވެ އެކަމަނާގެ މަސައްކަތްތަކަށް ތާރީފު ކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި އޭދަފުށީގެ ޒުވާނުންނާއި އިސް ރައްވެހިންގެ ފަރާތުން އޭދަފުއްޓަށް މި ވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންތައްތަކުގެ ވާހަކަ ހުށަހެޅިއެވެ. އޭގެ ތެރޭގައި ހިމެނެނީ މިހާރު ރަނގަޅު ފެންވަރަކަށް ހަދަމުން ގެންދާ މަގުތަކަށް ދެ މަގު އިތުރު ކޮށްދިނުމާއި ފުޓްސަލް ދަނޑު ބޮޑުކޮށް ޓާފު އަޅައިދިނުމާއި މޫދަށް އެރި އުޅޭނެ ސަރަހައްދެއް ތަރައްގީކޮށްދިނުމެވެ.

މި ދަތުރުފުޅުގައި އޭދަފުއްޓަށް ވަޑައިގަތުމުގެ ކުރިން މިއަދުވަނީ ހިތާދޫ އަށާއި މާޅޮހަށް ވެސް ވަޑައިގެންފައެވެ.

ފަސްޓް ލޭޑީ ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި، އެކަމަނާ ވަނީ ބ.އަތޮޅުގެ 10 ރަށަކަށް ވަޑައިގެންފަ އެވެ. މި ދަތުރުފުޅު މާދަމާ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ގޮއިފުޅަ ފެހެންދޫ އަށެވެ. 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top