އެމްޑީޕީއަށް އެންމެ ރަނގަޅު ވާނީ ރައްޔިތުންނަށް ބިރުދައްކަން އަނެއްކާވެސް އާ މައުޟޫއެއް ހޯދުން ކަމަށް ވިދާޅުވެ، ޕީއެންސީގެ ނައިބު ރައީސް، އަދި ސަރުކާރުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
މުންދުގެ ރައްދު މި އައީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ތެރެއިން، މިއަދަށް ހަމަވާ 50 މިލިއަން ޑޮލަރު، (ލޯނުގެ އެންމެ ފަހު ޕޭމެންޓް) ދައްކާނެ ފައިސާ ނެތް ކަމަށާއި އެ ފައިސާ ނުދެއްކިއްޖެ ނަމަ ރާއްޖޭގެ ކްރެޑިޓް ރޭޓަށް އަސަރުކޮށް، ޒަރޫރީ އެހެން ބައެއް ކަންކަމަށް ވެސް ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ކުރީގެ ރައީސް، އަދި އެމްޑީޕީގެ ޗެއާޕާސަން މުހަައްމދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވެފައިވަނިކޮށް، މި ސަރުކާރުން ވަނީ މި 50 މިލިއަން ޑޮލަރުގެ ޕޭމެންޓް ދައްކައި 150 މިލިއަން ޑޮލަރުގެ ލޯނު އެއްކޮށް ޚަލާސް ކޮށްފައެވެ. މި ލޯނުގެ ހުރިހާ ފައިސާއެއް ދައްކާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައެވެ.
މުންދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި، ރައީސް ނަޝީދަށާއި ޑީފޯލްޓް ވޭތޯ ދުއާކުރަމުންދިޔަ އެންމެނަށް ކުޑަ މެސެޖެއް އެބަ އޮތް ކަމަށް ވިދާޅުވެ ވިދާޅުވީ، ތިޔަ ބޭފުޅުން ރައްޔިތުންގެ ބޮލުގައި އެޅުވި މި ދަރަނިވެސް ދައްކައިފިން ކަމަށެވެ.
“އިތުރު ދަރަންޏެއް ނުނަގައި ދައްކައިފިން. ތެޔޮ ގަންނަން ފައިސާ އެބަހުރި. އަސާސީ ކާބޯތަކެތިވެސް ގެނެވޭނެ. އެހެން ނޫނަސް، ވެރިކަމުން ފޭބިއިރު ބާކީ އެންމެ 2 މިލިއަން ބެހެއްޓި ބަޔަކު ޔޫޒަބަލް ރިޒާވްގެ ވާހަކަ ދެއްކުން މުނާސަބެއް ނޫން. ރައްޔިތުންނަށް ބިރުދައްކަން އާ މައުޟޫއެއް ހޯއްދެވުން ދެން ބުއްދިވެރިވާނީ. ވެދުމާއި ސަލާމް.” މުންދު ވިދާޅުވި އެވެ.
މުންދު މި ފަދައިން ޕޯސްޓެއް ކުރައްވާފައިވާ އިރު، މި ލޯނު ދެއްކުމާ ގުޅިގެން ރައްޔިތުންނަށް ބޭނުންވާ އަސާސީ އަދި ޒަރޫރީ އެއްވެސް ހިދުމަތެއް ދިނުމަށް، ރާއްޖެއިން ބޭރުން ގެންނާން ޖެހޭ ތަކެތި ގެނައުމަށް ވެސް ދައްޗެއް ނެތް ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައިވެސް ބުނެފައިވެއެވެ.




