ހަރާމް ފައިސާއާއި މުދަލުން ލިބޭނެ މޮޅެއް ނެތް ، އެއީ ވަގުތީ ހިތްހަމަޖެހުމެއް: މެންކް

b_hjDVeGOIDOEj0AR3tPeFMHasF.jpeg

މްފްތީ މެންކް ހުކުރު ހުތުބާ ދެއްވަނީ ---ވަން ފޮޓޯ :އައުޒަމް

ދުނިޔެމަތީގައި ހޯދާ ހަރާމް ފައިސާއާއި މުދަލުން ލިބޭނެ މޮޅެއް ނެތް ކަމަށާއި އެއީ ވަގުތީ ހިތްހަމަޖެހުމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހާމަކޮށްފިއެވެ.

މާލޭގެ އިސްލާމީ މަރުކަޒުގައި މިއަދު ކުރެވުނު ހުކުރު ނަމާދުގެ ހުކުރު ޚުތުބާގައި، ޒިމްބާބްވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކް ވިދާޅުވީ ހަރާމެއްް ހަލާލެއް ނުބަލައި މުދާ ހޯދުމާއި ފައިސާވެރި ވުމަކީ ދުނިޔެ އާއި އާޚިރަތުގެ ބާއްޖަވެރިކަން ގެއްލިގެންދާނެ ކަމެއް ކަމަށެވެ. އެމީހަކު ކުރާ އަޅުކަމަކަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އިތުރަށް ވިދާޅުވީ އާޚިރަތެއް އޮތްކަން ހަނދުމަށްކޮށް، ހަލާލު ގޮތުގައި މަސައްކަތްކުރުމަށެވެ. އަދި މުދާ ހޯދި ގޮތާބެހޭ ގޮތުން ގިޔާމަތް ދުވަހުން މާތްﷲ ސުވާލުކުރައްވާނެ ކަމަށާއި، އެދުވަސް އަންނާނެކަން ހަނދުމަކޮށް، މާތްﷲ އަންގަވާފައިވާ ގޮތަށް މިއަދު ދުނިޔެމަތީގައި އަމަލުތައް ބެހެއްޓުން މުހިންމުކަމަށް މެންކް ވިދާޅުވި އެވެ.

“ހަނދުމަފުޅު ބަހައްޓަވާތި މިއަދު ހަރާމް ގޮތުގައި އެއްޗެއް ހޯއްދަވައިގެން ލިބޭނެ މޮޅެއް ނޯންނާނެ. އެއީ ވަގުތީ އުފަލެއް. އެހެންވެ އިސްލާމްދީންވެސް އަބަދުވެސް ކޮރަޕްޝަނާ ހަރާމް ގޮތުގައި ހޯދާ ތަކެއްޗާ ދެކޮޅަށް ވާހަކަ ދައްކަނީ،” ޚުތުބާގައި އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިއަދު ދުނިޔެ މަތީގައި ހަރާމް ގޮތުގައި ހޯދާ ފައިސާއާއި މުދަލުން އާޚިރަތުގައި ފައިދާއެއް ނުކުރާނެ ކަމަށާއި އަދި މާތްﷲ އެފަދަ މީހުންގެ މުދާލާއި ފައިސާ ވަގުތު ޖެހުމުން ގެންދަވާނެ ކަމަށެވެ.

“އަޅުގަނޑުމެން ފައިސާ ހޯދަން ޖެހޭނީ ވެސް އަދި އެ ފައިސާ ހޭދަކުރަންޖެހެނީ ވެސް ހުއްދަ ކަންތައްތަކުގަ އާއި ހުއްދަ ގޮތުގަ. ދުންފަތުގެ އިސްތިއުމާލް ކުރުމުގައި ދުވާލެއްގެ މައްޗަށް އެތައް ރުފިޔާއެއް އިސްރާފު ކުރާ މީހުން ވިސްނާ ފިކުރު ކުރަން ޖެހޭ. އޭގެ ސަބަބުން ހަށިގަނޑަށް އެ ދެވެނީ ކިހާ ބޮޑު ގެއްލުމެއް. އެފަދަ ތަކެތި އެތެރެކޮށް ވިއްކާ މީހުންނަށް ކުރެވެނީ ކިހާ ވަރެއްގެ ކަމެއްކަން އިހުސާސް ކުރެވޭތޯ،” ހުތުބާގައި ސުވާލު ކޮށްފައިވެއެވެ.

އަދި ދުނިޔެ އާއި އާހިރަތުގެ ބާއްޖަވެރިކަން ހޯދުމަށްޓަކައި ކަންދެއްކުމަކާ ނުލައި އިހުލާސްްތެރި ކަމާއެކު ﷲގެ މަގުގައިި ހޭދަ ކުރުމާއި މުޖުތަމައަށް ފައިދާ ކުރަނިވި ކަންތައްތަކުގައި މާލީ ގޮތުން ބައިވެރި ވުމާއި، ފަގީރުންގެ ބޭނުންތައް ފުއްދައި ދިނުން ފަދަ ކަންކަމަކީ ކުރަންޖެހޭ ކަންތައްތައް ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ.

މެންކް ވިދާޅުވީ، މާތް ﷲ ދެއްވާ މުދާ ހެޔޮ ގޮތުގައި ބޭނުން ހިފައި، ޝުކުރުވެރިވާން ޖެހޭ ކަމަށެވެ. އެ މުދާ ހިފައިގެން އާހިރަތަށް ނުދެވޭނެ ކަމަށާއި ދުނިޔޭގައި އުޅޭއިރު އެމުދަލުންނަށް ފަގީރުންނަށްވެސް ހޭދަކުރުމަށް މާތްﷲ އަންގަވާފައިވާ ކަމަށް މުފްތީ މެންކް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top