މި ސަރުކާރުން ތުޅާދޫގައި ހިންގަން ފަށާފައިހުރި މަޝްރޫއުތައް ނިމުމުން އެރަށާ އެއްވަރު ކުރެވޭނެ އެހެން ރަށެއް އެއަތޮޅުގައި ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސޭން ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ތުޅާދޫގައި އެޅުމަށް ނިންމާފައިވާ 30 އެނދުގެ ހޮސްޕިޓަލުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހިސާން ވިދާޅުވީ ތަރައްގީގެ ތަސައްވަރު ފެންނަން އޮތީ ތުޅާދޫގެ ލޭންޑް ޔޫސް ޕްލޭނުން ކަމަށާއި ތުޅާދުއަށް އަންނަމުން ދާ ބަދަލުތަކާއި ފެންނަމުންދާ ތަރައްގީއަކީ އެއްވެސް ރައްޔިތަކަށް އޮޅުވާލެވޭނެ ކަމެއް ނޫން ކަމަށެވެ.
“އަޅުގަނޑުމެންނަށް ޔަގީން މި ރަށުގެ ތަރައްގީ އައިސް އަޅުގަނޑުމެން ބޭނުންވާ މަންޒިލާ ހަމައަށް ވާސިލްވެވޭއިރު މި ރަށާ ހަމަކުރެވޭނެ އެހެން އެއްވެސް ރަށެއް ބ. އަތޮޅުގައި ނޯންނާނެކަން،” އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރަށުގެ އެއް ސަރަހައްދުގައި ހޮސްޕިޓަލު އަޅަމުންދާއިރު އެހެން ސަރަހައްދެއްގައި މިސްކިތް އެޅުމުގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށެވެ. އަދި އިތުރު 50 ހައުސިން ޔުނިޓް އިމާރާތްކުރަން ތުޅާދުއިން ވަނީ ބިން ކަނޑައަޅާފައި ކަންވެސް ހިސާން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ހިސާން ވިދާޅުވީ، ރަށެއް ނުވަތަ މުޖުތަމައުއެއް ކުރިއަށް އަރާއިރު ތަފާތު އެކި ދަތި އުނދަގޫ ނިންމުންތައް ނިންމަން ޖެހޭނެ ކަމަށެވެ. މިފަދަ ވަގުތުތަކުގައި އިސްކުރަންވީ އަމިއްލަ ފައިދާ ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”އަޅުގަނޑުމެން އިސްކުރަން ޖެހޭނީ އަޅުގަނޑުމެންގެ މުޖުތަމައުގެ، އަޅުގަނޑުމެން ރައްޔިތުންގެ، އަޅުގަނޑުމެން ރަށުގެ އަދި ގައުމުގެ މަސްލަޙަތު. މުޖުތަމައުއެއް ކުރިއަށް ދާނީ ރައްޔިތުންގެ މެދުގައި އޮންނަ ކުރިއެރުމާއި އެއްބައިވަންތަކަން ވަރުގަދަކޮށްގެން. އިޖުތިމާއީ ގުޅުން ވަރުގަދަ ކޮށްގެން.“ ހިސާން ވިދާޅުވިއެވެ.
ތުޅާދޫގައި އިއްޔެ ހެނދުނު އޮތް ރަސްމިއްޔާތެއްގައި މި ހޮސްޕިޓަލްގެ ބިންގާ އަޅުއްވައި ދެއްވީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި، ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ހިސާން ހުސައިން އާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން ތުޅާދޫ ކައުންސިލްގެ ރައީސް އިބްރާހީމް އާދިލް އެވެ.
މިއީ ސަރުކާރުގެ ބަޖެޓުން 124 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 18 މަސްދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.